
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މޫދަށް ޖައްސާ މަތިންދާބޯޓު ނުވަތަ ސީޕްލޭން ޕްލެޓުފޯމެއް ނ. ވެލިދޫގައި ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބުގައި ވެލިދޫގެ ތަރައްޤީއަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުގައި ހިމެނޭ ކަންކަމާއި، އޭގައި ނުހިމެނޭ ކަންކަންވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން ރިޔާސީ ވަޢުދުގައި ހިމެނޭ ވަޢުދުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް މިހާރު ފެށިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޮޑިދޯނިފަހަރު އެހެލުމާއި ފައިބަރު މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު މިހާރު ފެށިފައިވާއިރު، އެކަން ބާރު ދުވެލީގައި ނުހުއްޓި ކުރިއަށް ގެންދަވާނެކަމަށެވެ.
ރާއްޖޭގެ 3 ސަރަހައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ޤާއިމްކުރުމަށްވެސް ވަޢުދުވެފައިވާކަމަށާއި، އޭގެތެރެއިން އެއް ސެންޓަރު ވެލިދޫގައި ޤާއިމްކުރުމާއި، ފުލުހުންގެ ފެންވަރު ރަނގަޅު މަރުކަޒެއް ޤާއިމްކުރުންވެސް ފެށިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިއީ އަމާން ވެއްޓެއް ކަށަވަރުވެގެންދާނެ މަޝްރޫޢުތަކެއްކަންވެސް ރައީސް ވިދާޅުވިއެވެ. ސިއްޙީ ދާއިރާ ތަރައްޤީކުރުމުގައި ހުރިހާ ރަށެއްވެސް އެރަށެއްގެ ފެންވަރުގައި، އިޤްތިޞާދީ ކުރިއެރުމަށްބަލައި ހަމަހަމަކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށާއި، އެގޮތުން ވެލިދޫގައިވެސް ހޮސްޕިޓަލެއް ތަރައްްީކުރުމަށް ނިންމެވީ އެ ސިޔާސަތުގެ ތެރެއިންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހޮސްޕިޓަލް ތަރައްޤީކުރުމުގެ ކުރިން މިހާރުގެ ސިއްޙީ މަރުކަޒަށްވެސް އިތުރު ޚިދުމަތްތައް ތަޢާރަފްކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިސްކަންދެއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސްގެ ވާހަކަފުޅުގައި ވެލިދޫގައި މިހާރު ފެށިފައިވާ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާ ވިދާޅުވީ، އެރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ތާރު އަޅައި ވަރަށް އަވަހަށް ނިންމައިދޭނެކަމަށެވެ. އަދި ރައްޔިތުން އެންމެ ބޮޑަށް މިހާރު ބޭނުންވާ ބަނދަރުގައި ހުރި މައްސަތަކަށްވެސް އިސްކަންދެއްވައިގެން ހައްލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. “އެންމެ ދަތިވާ އެއްކަމަކީ ބަނދަރުގެ މައްސަލަ. އަޅުގަނޑަށް އަޙްމަދު މޫސާ ދިން ޕެޓިޝަނަކީ ރަށުގެ 600 އެއްހާ މީހުން ސޮއިކޮށްފައިވާ ލިޔުމެއް. ރައްޔިތުންގެ ކަންބޮޑުވުން ހިއްސާކުރައްވާފައި. އެޕެޓިޝަން އަޅުގަނޑު ބަލާނަން. ކަމާބެހޭ ވުޒާރާއާއި ހަވާލުކުރާނަން. ފަންނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށްފަހު ރައްޔިތުން ހުށައެޅި ކަމަށްކަށްވާތީ ސީރިަސްކޮށް ބަލައި، އެ ބަނދަރުގެ އުފާވެރިކަމާއި ލުއިކަން ގެނެސްދިުމަށް ގެނަންޖެހޭ ބަދަލުތައް ގެނެސްދޭނަން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބަނދަރުގެ ހުރި މައްސަލަތައް ހައްލުކުރުން މިއަހަރުގެ ބަޖެޓުން ކުރިއަށް ގެންދިއުމަށް ދަތިވާނަމަ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި އެންމެ ލަސްވެގެން ޖެނުއަރީ މަހު އަމަލީ މަސައްކަތް ފަށްޓަވާދެއްވާނެކަމަށެވެ. މީގެ އިތުރުން ރަށްގިރުމުގެ މައްސަލަ ހައްލުކުރުމާއި، ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުންވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. ވެލިދޫގައި މިހާރު ރަނގަޅު ކުޅިވަރުގެ ވަސީލަތްތަކެއް ނެތްކަމަށާއި، އެހެންކަމުން މިއަހަރު ދެ މަޝްރޫޢު އަންނަ ސެޕްޓެމްބަރު މަހު ސޮއިކޮށް ނޮވެމްބަރު މަހު އަމަލީ މަސައްކަތް ފަށްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެއީ އެކި ކަހަލަ ކުޅިވަރު ކުޅޭނެ މަލްޓިޕާޕަސް ހޯލަކާއި ފުޓްސަލް ދަނޑެއް ތަރައްޤިކުރުމެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ތައުލީމީ ދާއިރާއަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ، ވެލިދޫގައި ހުރި ތަޢުލީމީ މަރުކަޒުގައި 8 ކްލާސްރޫމާއި، ލައިބްރަރީ އަދި އެހެނިހެން ވަސީލަތްތައްވެސް ޤާއިމްކުރުން ކުރިއަށް ގެންދިއުން އެބަހުރިކަމަށެވެ. އެ މަޝްރޫޢު ފެށުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި އެންމެ ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފަށްޓަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައިވެސް ބޯހިޔާވަހިކަމަށް 1 ބިލިޔަން ރުފިޔާ ހިމަނާނެކަމަށާއި، އޭގެތެރޭގައި ވެލިދޫގައި ހައުސިންގ މަޝްރޫޢެއް ހިންގުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ސީޕްލޭން ޕްލެޓު ފޯމެއް ވެލިދޫގައި ޤާއިމްކޮށް، ދާއިމީކޮށް ސީޕްލޭން އޮޕަރޭޓުކުރެވޭނެގޮތް ހަމަޖައްސަވާނެކަންވެސް އިއުލާންކުރައްވާފައެވެ. އަދި އަންނަ އަހަރު ސީ އެމްބިއުލާންސްގެ ޚިދުމަތްވެސް ވެލިދޫގައި ފެށޭނެކަމަށް ވިދާޅުވިއެވެ. މިއިން ކޮންމެ މަޝްރޫޢުވެސް ކުރިއަށްގެންދާނީ ނުހުއްޓޭނެހެންކަމަށް ރައީސް ވިދާޅުވިއެވެ. މައިގަނޑުގޮތެއްގައި ވެލިދޫގެ ތަރައްޤީއަށް ވަރަށް އިސްކަންދީގެ މަޝްރޫޢުތައް ރާވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
