
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސިޔާސީ ޚިޔާލުތަފާތުވުން ރައްޔިތުން ކުރިމައްޗަށް ގެނެސްގެންނުވާނެކަމަށާއި، ސިޔާސީ ޚިޔާލުތަފާތުވުމަށް ނުބަލައި ސަރުކާރުން ކުރިއަށްދާނީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފޮއްދޫ ހިމެނޭ ވެލިދޫ ދާއިރާގެ މެންބަރު، ފޮއްދޫގެ ތަރައްޤީއަށް ހުރަސްއަޅަމުންދާކަން ހާމަކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ނ. ފޮއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ހަމަހަމަގޮތެއްގައި ޚިދުމަތްކޮށް ރައްޔިތުން އެދޭކަންކަން ފުރިހަމަކޮށްދިނުމަށްކަމަށެވެ. ޚާއްޞަކޮށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް އެންމެ ފުރިހަމައަށް ފުއްދައިދިނުމަކީ އެންމެ އިސްކަންދެއްވާ ކަންތައްކަމަށާއި، އެގޮތުން ފޮއްދޫއަށް ބޭނުންވާނެ މުހިންމު މަޝްރޫޢުތަކެއް ފެށުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަމަށް ވިދާޅުވިއެވެ.
ފޮއްދޫއަށް މިވަގުތު އެންމެ މުހިންމީ ބަނދަރެއް ތަރައްޤީކުރުންކަމަށާއި، މި މަޝްރޫޢު ވަރަށް އަވަހަށް ނިންމާދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އިޤްތިޞާދީ އަދި ފަރުދީގޮތުން ރަށުގެ ކުރިއެރުމަށް އޮތް ހުރަސް ނެތިގެން ދާނެ މަޝްރޫޢެއްކަމަށާއި، އެ މަޝްރޫޢަށް ވަރަށްބޮޑު އިސްކަމެއްދެއްވައިގެން ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ސިއްޙީ ދާއިރާއަކީވެސް އިސްކަންދެއްވާ އެއް ދާއިރާކަމަށާއި، ގިނަ ރަށްރަށުގައި އެ ދާއިރާ އޮތީ ވަރަށް ހާލުގައިކަމަށް ރައީސް ވިދާޅުވިއެވެ. ކުދިކުދި ޓެސްޓުތައް ހެދޭނެ ފެންވަރުވެސް ބައެއް ރަށްރަށުގައި ނެތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޢުމްރާނީ ގޮތުން ޖާގަ އިތުރުކޮށް، މުވައްޒަފުން އިތުރުކުރުމާއި، ލެބޯރެޓަރީއާއި، އިތުރު ވަސީލަތްތައް ޤާއިމްކުރުން ކުރިއަށް ގެންދަވާކަމަށެވެ. އެގޮތުން ފޮއްދޫގައި އަޅާ ސިއްޙީ މަރުކަޒުގެ އައު ޢިމާރާތާއެކު އައު ޚިދުމަތްތަކެއް ފެށި އެހެން ރަށްރަށަށް ބަރޯސާވުން ކުޑަކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ހުރި ސިއްޙީ މަރުކަޒުގެ ޚިދުމަތް ރަނގަޅުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“ރަނގަޅު ފެންވަރުގެ ޑޮކްޓަރެއް ފޮނުވުމަށް މިނިސްޓަރަށް ދަންނަވައިފިން. އިމާރާތް ނިމެންދެންވެސް މަޑުނުކޮށް ލެބޯރެޓަރީއާއި ޚިދުމަތްތައް ރަނގަޅުކުރުމަށް މި ދެންނެވީ. އެކަން ކުރައްވާނެ މިނިސްޓަރު”. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި އަލަށް ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށް ފޮއްދޫގައި ފެށުނު މަޝްރޫޢުގެ ނަތީޖާއަކަށްވާނީ އަމާން މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިވެގެން ދިއުންކަމަށް ވިދާޅުވިއެވެ. އަދި ކުޅިވަރާއި ސިއްޙަތު ރަނގަޅުކުރުމަށް ބިނާކުރާ ފިޓްނަސް ސެންޓަރކީވެސް ހުރިހާ ރަށެއްގައި ޤާއިމްކުރާ މަރުކަޒުތަކެއްކަމަށާއި، ފޮއްދޫގެ މަރުކަޒާއެކު ޒުވާނުންނަށް ކުޅިވަރުގެ ގިނަ ވަސީލަތައް ޤާއިމްކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ސްކޫލްގެ އައު އިމާރާތް ނިމިފައިވާކަމަށާއި، ރައްޔިތުން ބޭނުންވާގޮތަށް ސްކޫލްގެ މަސައްކަތްތައްވެސް ކުރެވޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ފޮއްދޫ ކައިރީގައި އޮތް ކޮއްދިއްޕަރު ފަޅަކީ ހިމާޔާތްކޮށްފައިވާ ތަނަކަށްވާތީ، އެތަނުގެ މެނޭޖުމަންޓު ޕްލޭނެއް ހަދައި، ކައުންސިލަށް އާމްދަނީ ލިބޭނެގޮތަށް ހަމަޖައްސަވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވަނީ ވިހަފަރުފަޅުގައި އެއަރޕޯޓެއް އެޅުމަށް އިއުލާންކުރައްވާފައިވާ މަޝްރޫއާއެކު، އެސަރަހައްދަށް އިތުރު އިންވެސްޓްމަންޓުތައް އަންނާނެކަމަށްވެސް ވިދާޅުވެފައެވެ. ރައީސްގެ ވާހަކަފުޅުގައި ތަރައްޤީގެ މަޝްރޫޢުތައް ރާވާފައިވަނީ ރައްޔިތުންނަށް ފައިދާވާނެގޮތަށްކަމަށާއި، ފުރިހަމަ ޚިދުމަތްތަކެއް ލިބޭނެގޮތަށްކަމަށް ވިދާޅުވިއެވެ. މިއާއެކު ރައީސް ވަނީ ކައުންސިލުން ލިބޭ އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެެވެ. ދާއިރާގެ މެންބަރުގެ އެއްބާރުލުން ނުލިބޭކަން ފާހަގަކުރައްވާ ރައީސް ވަނީ މަޝްރޫޢުތަކަށް މެންބަރު ހުރަސް އަޅުއްވާކަމަށް ތުހުމަތުކުރައްވާފައެވެ. ފޮއްދޫ ހިމެނޭ ވެލިދޫ ދާއިރާގެ މެންބަރަކީ އެމްޑީއޭގެ މުޙައްމަދު އައްބާހެވެ. ރައީސް ވިދާޅުވީ ސިޔާސީ ޚިޔާލުތަފާތުވުން ރައްޔިތުން ކުރިމައްޗަށް ގެނެސްގެން ނުވާނެކަމަށާއި ރައްޔިތުންގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކަށްވެސް ސިޔާސީ ޚިޔާލު ތަފާތުވުމުގެ ތެރެއިން ހުރަސް އެޅިގެން ނުވާނެކަމަށެވެ. ރައީސް ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ ފަރާތުން އެއަށްވުރެ ފަަސޭހަކަމަށާއި، އެމަނިކުފާނު ކުރައްވާ މަސައްކަތްތަކަށް ހުރަސް ނޭޅި ނަމަވެސް ވެލިދޫ ދާއިރާގެ މެންބަރުގެ ފަރާތުން އެހުރަސްތައް ކުރިމަތިކުރުވާކަމަށް ރައީސް ވިދާޅުވިއެވެ.
” ދާއިރާގެ މެމްބަރުގެ އެހީތެރިކަން ނުލިބޭ ތަނުގަ ކަންކަމަށް ހުރަސްއެޅުމަށް މަސައްކަތްކުރަމުންދާކަން ހިތާމައާއެކު ފާހަގަކުރަން. އަޅުގަނޑު ޤަބޫލްކުރަނީ ރައްޔިތުން އިންތިޚާބުކޮށްފައި ހުންނަ މަންދޫބަކު ކަމަށްވާނަމަ ސިޔާސީ ޚިޔާލު ތަފާތުވުން އެއްވެސް ވަރަކަށް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކުރިމައްޗަށް ގެނެސްގެން ނުވާނެކަމަށް. އެއަށްވުރެ ޒިންމާދާރުކަމާއެކީ ޕްރޮފެޝަނަލްކޮށް ހުރިހާ އެންމެންވެސް މަސައްކަތް ކުރަން ޖެހޭކަމަށް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ސަރުކާރުން ދާނީ ކުރިއަށްކަމަށެވެ. އަދި އެމަނިކުފާނު ދެން ފޮއްދޫއަށް ވަޑައިގަތުމަށް ގަސްތުކުރައްވަނީ އަލަށް ފެށުނު މަޝްރޫޢުތައް ނިމި އޭގެ އުފަލުގައި ރައްޔިތުންނާއެކު ބައްދަލުވުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
