Read Time:7 Minute, 15 Second

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)

 

 

މިސަރުކާރުން ސިޔާސަތުތައް ތަންފީޒުކުރަނީ އެއްވެސް ބަޔަކަށް އަޅުދާސްތުވާން ނުޖެހޭގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހޮޅުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައިވަނީ އެމަނިކުފާނު ރިޔާސަތާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތްގޮތުގެ މައްޗަށް ބައްލަވާލައްވާފައެވެ. އަދި ޤައުމުގެ އިޤްތިޞާދު ވެއްޓިފައިވާ ހާލަތުން އަރައިގަތުމަށްޓަކައި، އިތުރު ދަރަނި ނުނަގައި، ފައިސާ ޗާޕުނުކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް އަމާޒުކޮށްފައިވާ ދެމެހެއްޓެނިވި ސިޔާސަތެއް ތަންފީޒުކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިސިޔާސަތުތައް ތަންފީޒުކުރަމުން ދަނީ އެއްވެސް އެހެން ގައުމެއްގެ ބާރުވެރިކަމާއެކު ނޫންކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

 

“އެއްވެސް ބަޔަކަށް އަޅުގަނޑުމެން އަޅުދާސްތުވާން ނުޖެހި، ދިވެހިރާއްޖޭގެ ފަޚުރުވެރިކަން މިނިވަން މުސްތަޤިއްލު ގައުމެއްގެ ގޮތުގައި ދަމަހައްޓައި، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން އަބަދުމެ ޔަޤީންކަމާއެކު އިހްސާސްވާ، ފަހުރުވެރި ދިވެހި ގައުމެއްގެ ގޮތުގައި ކުރިއަށްގެންގޮސް، އަޅުގަނޑުމެން ބޭނުންވާ ގޮތަށް ފަރުދީގޮތުންނާއި، މުޖުތަމައެއް ގޮތުގައި އަދި ގައުމެއް ގޮތުގައި މުއްސަނދިކަމާއި ތަރައްގީ ގެނެސްދިނުމުގެ ސިޔާސަތެއް އަޅުގަނޑުމެން މި ގެންގުޅެނީ.” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

 

ރައީސްގެ ވާހަކަފުޅުގައި، ޢުމްރާނީ ތަރައްޤީގެ އިތުރުން، ވިސްނުމާއި އުޅުންތަކާއި ގުޅުންތަކަށް އަންނަންޖެހޭ ތަރައްޤީ ގެނައުމަށް ދެއްވާ އިސްކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. ހަމަމިއާއެކު، މި ތަރައްޤީ ގެނައުމަށް، ސަރުކާރުން ފަޚުރުވެރިކަމާއެކު ކުރާ މަސައްކަތަށް ރައްޔިތުން ދެއްވާ އެއްބާރުލެއްވުން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

 

 

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)

 

 

ރައްޔިތުންގެ ސިއްޙަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން މިކަމަށް އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާ ކަމަށެވެ. އެހެންކަމުން، ސިއްހީ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވައިގެން، ރިޔާސީ އިންތިޚާބުގައި ވެފައިވާ ވަޢުދުތައް ތަންފީޒުކުރެއްވުމަށް މަސައްކަތްކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. “އަޅުގަނޑު ވައުދުވިން ބަލިތަކުން ދުރުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމަކަށް މީގެ ކުރިން ނުދޭ ސަމާލުކަން އަޅުގަނޑު ދޭން. އަދި މިކަމަށް ސަމާލުކަން ދޭނަން. އެއޮތީ ލިޔެވިފައި އަދި ޕްލޭންވެސް ކުރެވިފައި. އެހެންވެ އެ ސިޔާސަތުގެ ތެރޭގައި ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރީ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުން މުޅި މުޖުތަމައު ދުރުކުރުވުމަށް އެކި ކަހަލަ ފިޔަވަޅުތައް އެޅިން.” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

 

2040ގެ އަމާޒަށް ވާޞިލުވުމަށް ދިވެހި ޤައުމުގައި ހަމަޖެހުން އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ސިޔާސީ ބަދަލުހިފުމުގެ ރޫޙު މިއަދު ދިވެހި ޤައުމުން ނައްތާލެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި، މި ސަރުކާރުން ސިޔާސީ ވިސްނުމެއްގައި އެއްވެސް މީހަކާ ދޭތެރޭ ފިޔަވަޅެއް އަޅުއްވާފައި ނުވާނޭ ކަމަށާއި، ވިހަ ސިޔާސީ އޮއިވަރެއްގައި ޤައުމު ޖެއްސުމުގެ އާދަ، މި ސަރުކާރުން ނައްތާލާފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

 

އަދި ކޮންމެ ސިޔާސީ ވިސްނުމެއްގެ މީހެއް ކަމުގައިވިޔަސް، ކޮންމެ ދިވެހި ރައްޔިތަކީވެސް މުހިންމު ރައްޔިތެއްކަމަށާއި، އެ މީހެއްގެ ބަހާއި ޢަމަލާއި ވިސްނުން މުހިންމުކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %