
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ގޮވައިލައި ބަންގްލަދޭޝްގައި ބޮޑު މުޒާހަރާތަކެއް ފަށައިފިއެވެ. ވެރިރަށް ދާކާގައި ފަށާފައިވާ މުޒާހަރާތައް އިންތިޒާމު ކޮށްފައި ވަނީ އެ ޤައުމުގެ ދީނީ އެންމެ ބޮޑު ސިޔާސީ ޕާޓީ، ޖަމާޢަތު އިސްލާމީއެވެ. އެ ޕާޓީއަށް ތާޢީދު ކުރާ އެތަކެއް ސަތޭކަ ހާސް ބަޔަކު މުޒާހަރާގައި ބައިވެރިވަމުންދާއިރު، އިންތިޚާބީ ނިޒާމު މުރާޖާ ކުރުމަށް ވެސް އެ މީހުން ދަނީ ގޮވައިލަމުންނެވެ. ބަންގްލަދޭޝްގައި ދެން އެންމެ އަވަހަށް ޢާންމު އިންތިޚާބެއް ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ އަންނަ އަހަރަށެވެ. އެއީ، ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އިސްތިޢުފާ ދެއްވައި، ފިއްލަވައިގެން ޤައުމު ދޫކޮށް ވަޑައިގެންނެވި ފަހުން ބާއްވާ ފުރަތަމަ އިންތިޚާބެވެ. މި ވަގުތު ބަންގްލަދޭޝްގައި ވެރިކަން ކުރަނީ ވަގުތީ ސަރުކާރަކުންނެވެ. އެ ސަރުކާރުގެ އިސް މުޝީރަކީ، ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސެވެ.
އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވައިލައި ޖަމާޢަތު އިސްލާމީން ވަނީ ޔޫނުސްގެ ސަރުކާރަށް ހަތް ޝަރުޠެއް ހުށަހަޅާފައެވެ. އެ ޝަރުޠުތަކުގެ ތެރޭގައި އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރު ކޮށްދިނުމާއި، އިންތިޚާބު ބޭއްވުމަށް ސުލްޙަވެރި މާހައުލެއް ޤާއިމު ކޮށްދިނުމާއި، ހުސްވި އަހަރު ހިންގި ހަމަނުޖެހުންތަކުގައި މަރައިލާފައިވާ މީހުންނަށް އިންސާފު ހޯދައިދިނުން ހިމެނެއެވެ. އަދި، ހުސްވި އަހަރުގެ ހަމަނުޖެހުންތަކާ ގުޅިގެން އެކި ނިޒާމުތައް ހަރުދަނާ ކުރުމަށް އެކުލަވައިލާފައިވާ އިސްލާޙީ އެޖެންޑާ ފުރިހަމައަށް ތަންފީޒު ކުރުން ހިމެނެއެވެ. މީގެ އިތުރުން، އިންތިޚާބުތަކުގައި ހުރިހާ ސިޔާސީ ޕާޓީއަކާއި، ހުރިހާ ރައްޔިތުން ތަމްސީލު ކުރެވޭނެ ނިޒާމެއް ތަޢާރުފު ކުރުމަށް ވެސް އެ ޕާޓީން ވަނީ ޔޫނުސްގެ ސަރުކާރަށް ގޮވައިލާފައެވެ.
“އަޅުގަނޑުމެން މި ތަނުގައި މި ތިބީ އައު ބަންގްލަދޭޝެއްގެ އުންމީދުގައި، އެއީ ސަރުކާރު ހިންގުމުގައި އިސްލާމް ދީނުގެ މަތިވެރި އަސާސްތަކާއި އުސޫލުތައް އިސްކުރާނެ ޤައުމެއް، ހެޔޮލަފާ ތެދުވެރިން ވެރިކަން ކުރާނެ ޤައުމެއް، އަދި ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވެފައިވާ ޤައުމެއް،” މުޒާހަރާގެ އެއް ބައިވެރިއެއް ކަމުގައިވާ 40 އަހަރުގެ އިޤްބާލް ޙުސައިން ބުންޏެވެ. “އެ ކަންކަން ހާސިލު ކުރުމަށް ފުރާނަ ނަގައިލުމަށް ވެސް އަޅުގަނޑުމެން ތައްޔާރު.” މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ގިނައީ އުމުރުން 20އާއި 30ގެ އަހަރުތަކުގެ މީހުން ކަމުގައެވެ. “ޖަމާޢަތު އިސްލާމީގެ ވެރިކަމެއްގައި އެއްވެސް ތަފާތު ކުރުމެއް ނޯންނާނެ. ހުރިހާ ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކުރެވިގެންދާނެ. ސަބަބަކީ، މިއީ ކީރިތި ޤުރުއާނުން ދައްކާފައިވާ މަގުގައި ސާބިތުކަމާ އެކު އޮންނާނެ ޕާޓީއެއް،” މުޒާހަރާގެ އެހެން ބައިވެރިއެއް ކަމުގައިވާ 20 އަހަރުގެ މުޙީދުލް މުރްސަލީން ޞާޔިމް ބުންޏެވެ.
ޖަމާޢަތު އިސްލާމީގެ އިސް އޮފިޝަލެއް ކަމުގައިވާ ޝަފީޤު އަލް-ރަޙްމާން ވިދާޅުވީ، ހުސްވި އަހަރު ޝައިޚް ޙަސީނާގެ ސަރުކާރާ ދެކޮޅަށް އެތަކެއް ސަތޭކަ ހާސް ދަރިވަރުން ނިކުމެ މުޒާހަރާ ކޮށްފައި ވަނީ އަނިޔާވެރިކަމާއި ޚުދުމުޚްތާރު ކަމާ ދެކޮޅަށް ކަމުގައެވެ. އަދި، މިއަދު އެ ޕާޓީން މުޒާހަރާއަށް ނިކުތީ ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ކަމުގައެވެ. “ބަންގްލަދޭޝްގެ ކުރިމަގު އޮންނާއީ ކޮން ގޮތަކަށްތޯ؟ އެއްވެސް ހަމަނުޖެހުމެއް ނޯންނާނެ. އަޅުގަނޑުމެން އެ ކަން ހާސިލު ކުރުމަށް ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވާނަން،” އޭނާ ވިދާޅުވިއެވެ. ޖަމާޢަތު އިސްލާމީއަކީ، ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގައި ޕާކިސްތާނަށް ތާޢީދު ކޮށްފައިވާ ޕާޓީއެކެވެ. އަދި، 1971ވަނަ އަހަރު ބަންގްލަދޭޝަށް މިނިވަން ކަން ލިބުމާ އެކު އެ ޖަމާޢަތުގެ ހަރަކާތްތަކަށް ވަނީ ހުރަސް އަޅާފައެވެ. ނަމަވެސް، ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ތެދުވެ، 1991ވަނަ އަހަރުގެ ޢާންމު އިންތިޚާބުގައި އެ ޕާޓީން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 18 ގޮނޑި ކާމިޔާބު ކޮށްފައެވެ. އަދި، 2001ވަނަ އަހަރު އެކުލަވައިލި ސަރުކާރުގެ އިއްތިޙާދުގައި އެ ޕާޓީން ވަނީ ބައިވެރިވެފައެވެ.
2009ވަނަ އަހަރު ޝައިޚް ޙަސީނާގެ ސަރުކާރުން ވަނީ ޖަމާޢަތު އިސްލާމީއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އޭގެ ތެރޭގައި، އެ ޕާޓީގެ އިސްވެރިންނަށް މަރުގެ އަދަބު ދިނުމާއި، ޖަލަށްލުން ހިމެނެއެވެ. އެ މީހުންގެ މައްޗަށް އުފުލާފައި ވަނީ އިންސާނިއްޔަތުކަމާ ޚިލާފު ޖަރީމާތައް ހިންގުމުގެ ކުށުގެ ދަޢުވާއެވެ. ނަމަވެސް، ހުސްވި އަހަރު ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ވަނީ ސިޔާސީ ޕާޓީއެއްގެ ދަރަޖަ ޖަމާޢަތު އިސްލާމީއަށް ރުޖޫއަ ކޮށްދީފައެވެ. މިއާ އެކު، އަންނަ އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޢާންމު އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު އެ ޕާޓީއަށް ވަނީ ލިބިގެން ގޮސްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
