
(ފޮޓޯ ކްރެޑިޓްސް: ދަ ރޯޔަލް ފެމިލީ)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އިނގިރޭސިވިލާތައް ފުރާވަޑައިގެންނެވީ މި މަހުގެ 15ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތުގެ ލަންޑަނަށް ވަޑައިގެންނެވުމުން އެ ޤައުމުގެ ރަސްގެފާނުގެ ޚާއްސަ މަންދޫބާއި ދައުލަތުގެ ބައެއް އިސް ފަރާތްތަކުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. އެގޮތުން، އިނގިރޭސިވިލާތުގެ ރަސްގެފާނުގެ ޚާއްސަ މަންދޫބު ޑެޕިއުޓީ ލުޓެނެންޓް އޮފް ގްރޭޓަރ ލަންޑަން، މޭޖަރ ޖެރެމީ ފަރން ޓީ.ޑީ އާއި ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ފޮރިން، ކޮމަންވެލްތު އެންޑް ޑެވެލޮޕްމަންޓް އެފެއަރސްގެ ޚާއްސަ މަންދޫބު ގޯޑަން ވެދެރަލް ސީއެމްޖީއާއި އިނގިރޭސިވިލާތުން ރާއްޖެއާއި އަޔަރލެންޑަށް ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހަށް އެންމެ ފުރަތަމަ އިހްތިރާމުގެ ޒިޔާރަތެއް ކުރެއްވީ އިނގިރޭސިވިލާތުގެ ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސް، ރައިޓް އޮނަރަބަލް ސަރ ލިންޑްޒޭ ހޮޔިލް އެމް.ޕީއެވެ. މި ބައްދަލުކުރެއްވުން އޮތީ، ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސްގެ ރަސްމީ ގެކޮޅު ކަމުގައިވާ، ލަންޑަންގެ ވެސްޓްމިންސްޓަރ ޕެލަސްގައި ހުންނަ، ސްޕީކަރޒް ހައުސްގައެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިވެފައި އޮތްކަން ފާހަގަކުރައްވައި، ޚާއްޞަކޮށް ތިމާވެށި ޙިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުން ފަދަ ދާއިރާތަކުން، ދޭދޭ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން، ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމަކީ ޑިޕްލޮމެޓިކްގުޅުން އިތުރަށް ބަދަހިކޮށް، މުހިންމު ދާއިރާތަކުން ގުޅުން ޤާއިމުކުރުމަށް ދެޤައުމުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަން ކަށަވަރުކޮށްދޭ ބައްދަލުވުއްކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕް (އޭޕީޕީޖީ)ގެ ބައްދަލުކުރެއްވުމެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުކުރެއްވުމުގައި، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އޭޕީޕީޖީގެ ކޯ-ޗެއަރ، ޔާސްމީން ޤުރެއިޝީ އެމް.ޕީ، ބައްދަލުވުން ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކަށް އޮތް ޒިންމާގެ މައްޗަށާއި، އެފަދަ ޤައުމުތަކަށް ފޯރުކޮށްދޭންވާ މާލީ އަދި ފަންނީ އެހީތެރިކަމާއި، ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ މެދުގައި އޮތް ބަދަހި ގުޅުމަކީ އިޙްތިރާމާއި، އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށާއި، މިގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން އިސްކަންދެއްވާނޭކަމަށް ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ދާއިރާއާއި، ޑިމޮކްރަސީ ހަރުދަނާކުރުމާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމާއި، ދިފާޢީ ދާއިރާ ހަރުދަނާކުރުމާއި، މިދާއިރާތަކުން ކެޕޭސިޓީ އިތުރުކުރުމުގައި އިނގިރޭސިވިލާތުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް، ރައިޓް އޮނަރަބަލް ޑޭވިޑް ލެމީ އެމް.ޕީވެސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމާއި ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
އަދި މަސްވެރިކަމުގެ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ގޮތެއްގައި ހޭނުމުގެ މަސައްކަތްތަކުގައާއި، އިއާދަކުރަނިވި ހަކަތަ އިތުރުކުރުމުގައާއި، ތަޢުލީމާއި ސްކޮލަރޝިޕްގެ ފުރުޞަތުތައް އިތުރުކޮށްދިނުމުގައި، އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާވަނީ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނައާވެސް ބައްދަލުކުރައްވާފައެވެ. ވިންޑްސަރ ކާސްލްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ދަ ރޯޔަލް ފެމިލީ)
އިނިގިރޭސިވިލާތައް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގައި އެ ޤައުމުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން ކުރިއަށްގެންދިޔަ ބިޒްނަސް ފޯރަމުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އިނގިރޭސިވިލާތުގެ ކޯޕަރޭޓް ސެކްޓަރގެ މަންދޫބުން ބައިވެރިވެވަޑައިގެންފައިވާ މި ފޯރަމުން، ދެ ޤައުމުގެ ދެމެދު އޮންނަ އިޤްތިޞާދީ ގުޅުންތައް ހަރުދަނާކުރުމަށް ދޭ އަހުމިއްޔަތުކަން ފެނިގެންދިޔައެވެ.
މި ފޯރަމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިނގިރޭސިވިލާތުގެ ވިޔަފާރިތަކުން ދިވެހިރާއްޖޭގައި ވުނަކުރެވިދާނެ މައިގަނޑު ފަސް އިސްތިރާޖީ ދާއިރާއެއްގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، އުފެއްދުންތެރިކަމާއި ސަގާފަތާއި ފިކުރީ މުދަލުގެ މައްޗަށް އެކުލެވޭ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާ އާއި ޑިޖިޓަލް ޓްރާންސްފޯރމޭޝަނާއި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ އާއި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކުން އީޖާދީ ބޭނުން ހިފުމުގެ ދާއިރާ އަދި ފަތުރުވެރިކަމުގެ ބިނާރުގެ ދާއިރާ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގައި ވުނަކުރުމުގެ މާޙައުލު އިތުރަށް ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި، ފޮރިން އިންވެސްޓްމަންޓްގެ އާ ޤާނޫނެއް ތަންފީޒުކުރެއްވުމާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކުގެ ހަރަކާތްތައް އަލުން ހިންގަވަން ފެއްޓެވުން ހިމެނޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ފޯރަމްގައި އެ މަނިކުފާނު ވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ބްރޭންޑް “ފްރޮމް މޯލްޑިވްސް” އިފްތިތާޙްކޮށްދެއްވާފައެވެ.
މިއަހަރަކީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ޚާރިޖީ ގުޅުން ބަދަހިވެގެން ދިޔަތާ 60 އަހަރު ފުރޭ އަހަރެވެ. ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ތާރީޚީ ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި އިނގިރޭސިވިލާތަ ދެމެދު އޮތް ގުޅުން އިތުރު ހަރުފަތަކަށް އުފުލިގެންދާނެއެވެ. އަދި ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ފުރުޞަތުތަކަށް އިނގިރޭސި ވިލާތުގެ އިންވެސްޓަރުންގެ ޝަޢުގުވެރިކަން އިތުރުވެގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
