
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު މޮނިޓަރުކުރަމުން ދިޔަ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީ (އައިއޭއީއޭ)ގެ އިންސްޕެކްޓަރުން އެ ޤައުމުން ބާލާފައިވާ ކަން އެ އިދާރާއިން ހާމަކޮށްފިއެވެ. އީރާންގައި ތިބި އައިއޭއީއޭގެ މުވައްޒަފުން އަނބުރާ ގެންގޮސްފައި މި ވަނީ، ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހިންގާ މައި މަރުކަޒުތަކަށް ނިރުބަވެރި ޙަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. އިސްވެ އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ ޔަހޫދީންނެވެ. ޖޫން 13ވަނަ ދުވަހު ޔަހޫދީން އީރާނަށް ޙަމަލާ ދޭން ފެށީ އައިއޭއީއޭން ނެރުނު ރިޕޯޓަކާ ޙަވާލާދީއެވެ. އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެކުވެރި ދައުލަތްތައް (އދ)ގެ އެޓޮމިކް ހަކަތައާ ބެހޭ މައި އިދާރާ ކަމުގައިވާ އައިއޭއީއޭއާ އެކު ހަދާފައިވާ އެއްބަސްވުމާ އީރާނުން ޚިލާފުވެފައިވާ ކަމަށް އެ އިދާރާއިން ތުހުމަތު ކުރުމާ ގުޅިގެންނެވެ.
ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކުގެ އިތުރުން އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި، ނިއުކްލިޔަރ ސައިންޓިސްޓުން ދިރިއުޅޭ ސަރަޙައްދުތަކަށެވެ. އަދި، ޢާންމުން ދިރިއުޅޭ ރަށްތަކާއި އަސްކަރީ އަދި ދިފާޢީ އަމާޒުތަކަށެވެ. އެ ޙަމަލާތަކުގައި އެތަކެއް ސަތޭކަ ބަޔަކު ޝަހީދު ކޮށްލައި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެވެ. ރައްދުގައި އީރާނުން ވެސް ވަނީ ޒަޔަނިސްޓުންގެ ރަށްތަކަށް ވަރުގަދަ ޙަމަލާތަކެއްދީ، ގިނަ އަދަދެއްގެ ބަޔަކު މަރައިލައި، ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. ޔަހޫދީންނާ ބައިވެރިވުމުގެ ގޮތުން ޓްރަމްޕް ވެސް ވަނީ އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އަމުރު ކުރައްވާފައެވެ. ބީ-2 މަރުކާގެ އަސްކަރީ މަތިންދާބޯޓާއި ޖީބީޔޫ-57 މަރުކާގެ ފަނާކުރަނިވި ބޮންތައް ބޭނުން ކޮށްގެން އެމެރިކާއިން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ މައި ނިއުކްލިޔަރ މަރުކަޒުތަކަށެވެ.
އެ ޙަމަލާތަކުގައި ފޫރްދޫގެ އިތުރުން ނަޠާންޛާއި އަޞްފިހާންގައި ހުރި މަރުކަޒުތައް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. އެ ޙަމަލާތަކުގެ ރައްދުގައި އީރާނުން ވެސް ވަނީ ޤަަޠަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ޙަމަލާ ދީފައެވެ. 12 ދުވަހަށް ފަހު އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުން ދިޔަ ޙަމަލާތައް މެދުކަނޑައިލާފައި ވަނީ އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް ޙަމަލާ ދިނުމާ ގުޅިގެންނެވެ. ޖޫން 13ވަނަ ދުވަހު ޔަހޫދީންގެ ޢުދުވާން ފެށުމާ އެކު އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް މޮނިޓަރު ކުރުމުގެ މަސައްކަތްތައް މަޑުޖެހުނު ކަމުގައި އައިއޭއީއޭން ބުންޏެވެ. އެ އިދާރާގެ ވެރިޔާ ރަފަޔަލް ގްރޮއްސީ ވިދާޅުވީ، އެ މަސައްކަތްތައް އަލުން ފަށައިގަތުމަކީ އެ އިދާރާއިން މި ވަގުތު އެންމެ އިސްކަމެއް ދޭ ކަން ކަމުގައެވެ. ނަމަވެސް، އައިއޭއީއޭން މި ވަނީ އީރާންގައި ތިބި އެ އިދާރާގެ އިންސްޕެކްޓަރުން އެ ޤައުމުން ބާލާފައެވެ.
ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ޙަމަލާ ދޭން ފެށުމަށް ބާރުލިބުނީ، އަދި ޚާރިޖީ ގޮތުން ރައްކާތެރިކަން ލިބުނީ، އައިއޭއީއޭގެ ރިޕޯޓާ ގުޅިގެން ކަމަށް އީރާނުން ޤަބޫލު ކުރެއެވެ. އެ ކަމާ ނުރުހުންވެ، އީރާންގެ ޤާނޫނޫ ހަދާ މަޖިލީހުން ވަނީ އައިއޭއީއޭއާ ގުޅިގެން މަސައްކަތް ކުރުން ނިމުމަކަށް ގެނައުމަށް ފާސްކޮށްފައެވެ. ނަމަވެސް، އެ ކަން ރަސްމީ ގޮތުން އީރާންގެ ސަރުކާރުން އައިއޭއީއޭއަށް އަންގާފައެއް ނެތެވެ. އެ ކަން އެ އިދާރާއިން ވެސް ކަށަވަރު ކޮށްދެއެވެ. އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ، އައިއޭއީއާ ގުޅިގެން މަސައްކަތް ކުރުމަށާއި، ނިއުކްލިޔަރ ހަތިޔާރު އުފެއްދުން މަނާކުރާ މުޢާހަދާ (އެންޕީޓީ)އަށް އިޙްތިރާމު ކުރުމުގައި އެ ޤައުމުން ދެމިއޮންނާނެ ކަމުގައެވެ. ނަމަވެސް، ޔަހޫދީންނާއި އެމެރިކާގެ ނިރުބަވެރި ޙަމަލާތަކަށް މަގުދައްކައިދިން އައިއޭއީއޭން އީރާނާ އެކު އަލުން މަޝްވަރާތައް ފެށުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަން ސާފެއް ނޫނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
