
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ތައިލެންޑުގެ ދުސްތޫރީ ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅުވައި އެ ޤައުމުގެ ބޮޑުވަޒީރު ޕޭޓޮންގްޓާން ޗިނަވާތު ސަސްޕެންޑުކޮށް، މަޤާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުން ދުރުކޮށްފިއެވެ. ޕޭޓޮންގްޓާނާ ދެކޮޅަށް ދުސްތޫރީ ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ، ޤާނޫނު ހަދާ މަޖިލީހުގެ 36 މެންބަރެއްގެ ސޮޔާ އެކުގައެވެ. ޕޭޓޮންގްޓާން ހީލަތްތެރިކަން އިސް ކުރެއްވުމުގެ ސަބަބުން އޭނާގެ ނަޒާހަތްތެރިކަން ގެއްލިފައިވާ ކަމަށާއި، އަޚްލާޤީ މިންގަނޑުތަކާ ޚިލާފަށް އަމަލު ކުރައްވާފައިވާ ކަމުގައި އެ މެންބަރުން ހުށަހަޅާފައިވާ މައްސަލައިގައި ތުހުމަތު ކޮށްފައިވެއެވެ. އަދި، ބޮޑުވަޒީރު ކަމުގެ މަޤާމުން އޭނާ ދުރު ކުރުމަށް ވަނީ ހުށަހަޅާފައެވެ.
ޕޭޓޮންގްޓާނާ ދެކޮޅަށް ތައިލެންޑުގެ ދުސްތޫރީ ކޯޓަށް މައްސަލައެއް ހުށަހަޅާފައި މި ވަނީ، އޭނާއާއި ކެމްބޯޑިޔާގެ ކުރީގެ ބޮޑުވަޒީރު ހުން ސެނާ ދެމެދު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކެއްގެ ރެކޯޑިން ލީކު ކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. އަދި، ޕޭޓޮންގްޓާންގެ ސަރުކާރަށް އެކި ގޮތްގޮތުން ބޮޑެތި ފިއްތުންތަކާއި ގޮންޖެހުންތައް ކުރިމަތިވަމުންދާ ވަގުތެއްގައެވެ. ހުން ސެނާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި އޭނާ މަސައްކަތް ކުރައްވާފައި ވަނީ، ދެބަސްވުންތަކެއް އުފެދިފައިވާ ސަރަޙައްދީ ރޮނގުގެ މައްސަލައަށް ހައްލެއް ހޯދުމަށެވެ. ސަރަޙައްދީ ރޮނގުގެ މައްސަލައިގައި ދެ ޤައުމުން ދަނީ ސަރަޙައްދީ ރޮނގު ކައިރިއަށް ސިފައިންނާއި ހަތިޔާރު ޖަމާ ކުރަމުންނެވެ.
ހުން ސެނާއި ޕޭޓޮންގްޓާންގެ ފޯނު ކޯލުގެ ރެކޯޑިން ލީކު ކޮށްލާފައި ވަނީ ޖޫން 15ވަނަ ދުވަހުއެވެ. އެއާ އެކު، ތައިލެންޑުގެ ސިޔާސީ މަސްރަޙު ހޫނުވެގެން ދިޔައެވެ. އަދި، ޕޭޓޮންގްޓާންގެ ވެރިކަން ކުރާ އިއްތިޙާދުގައި ހިމެނޭ މައި ޕާޓީއެއް، އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުން އިއްތިޙާދުން ވަކިވިއެވެ. އެ ޕާޓީން ބުނީ، ޕޭޓޮންގްޓާންގެ އަމަލުތަކާ ގުޅިގެން ތައިލެންޑުގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫއަރާފައިވާ ކަމުގައެވެ. ނަމަވެސް، ސަރުކާރު ދެމެހެއްޓޭ މިންްވަރަށް ޤާނޫނު ހަދާ މަޖިލީހުގައި އިއްތިޙާދުގެ މެންބަރުން ތިބިކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެ ފޯން ކޯލާ ގުޅިގެން ޕޭޓޮންގްޓާންގެ ސަރުކާރާ ދެކޮޅަށް ތައިލެންޑުގެ އެކި ކަންކޮޅުތަކުގައި މި ވަގުތު ދަނީ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާތަކުގެ އަޑީގައި އޮތީ، ޗިނަވާތު ޢާއިލާއާ ދެކޮޅު ޕާޓީތަކާއި މުއައްސަސާތަކެވެ. އޭގެ ތެރޭގައި ތައިލެންޑުގެ އަސްކަރިއްޔާ ހިމެނޭ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ޗިނަވާތުގެ ޢާއިލާއާއި ތައިލެންޑުގެ އަސްކަރިއްޔާއާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަން އެތަކެއް ދަހަރަކަށް ވަނީ ދެނިގެން ގޮސްފައެވެ. އަދި، މީގެ 10 މަސް ކުރިން ތައިލެންޑުގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވި ޕޭޓޮންގްޓާންގެ ސަރުކާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ޗިނަވާތުގެ ޢާއިލާއާއި ތައިލެންޑުގެ އަސްކަރިއްޔާ ދެމެދު އޮތް ކޯޅުންގަނޑާ ގުޅިގެން އެ ޤައުމުގައި ދެ ފަހަރެއްގެ މަތިން ބަޣާވާތް ހިންގައި، ސަރުކާރު ވައްޓައިލާފައިވެއެވެ. އަދި، ދުސްތޫރީ ކޯޓު މެދުވެރިކޮށް ވެސް ޗިނަވާތުގެ ޢާއިލާއާ ގުޅުން އޮތް ސަރުކާރުތައް ވެރިކަމުން ދުރުކޮށްފައިވެއެވެ. ހުން ސެނާ އެކު ފޯނުން ގުޅުއްވައި ދެއްކެވި ފޯނު ކޯލުގެ ރެކޯޑިން ލީކުވުމާ އެކު ޕޭޓޮންގްޓާން ވަނީ އެ ކަމަށް މަޢާފަށް އެދިވަޑައިގަންނަވާފައެވެ. އަދި، އޭނާއާ ދެކޮޅަށް ދުސްތޫރީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބަލައިގަންނަ ކަމަށާއި، ބޮޑުވަޒީރު ކަމުގެ މަޤާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުން އޭނާ ދުރު ކުރުމަށް ނިންމާފައިވާ ނިންމުން ޤަބޫލު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
ހުން ސެނާ ވާހަކަފުޅު ދައްކަވަމުން ޕޭޓޮންގްޓާން ވަނީ އޭނާގެ އަމިއްލަ ޤައުމުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނަށް ފާޑުވިދާޅުވެފައެވެ. މިއީ، ތައިލެންޑުގެ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު ކޮށްގެން ވާނެ ފަދަ އަމަލެއް ނޫން ކަމުގައި ޕޭޓޮންގްޓާނާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވާ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ބުންޏެވެ. ނަމަވެސް، ޕޭޓޮންގްޓާން ވަނީ އެ ފޯން ކޯލް ދިފާޢު ކުރައްވާފައެވެ. “ލީކު ކޮށްލާފައިވާ ކޯލްގައި އަޅުގަނޑުގެ ޙަޤީޤީ މަޤްޞަދަކީ، %100 ޙަޤީޤަތަކީ، [ތައިލެންޑުގެ] ސިޔާދަތީ މިިނިވަން ކަން ދިފާޢުކޮށް ހިމާޔަތް ކުރުން، އަދި ސިފައިންގެ ފުރާނަ ސަލާމަތް ކުރުން،” އޭނާ ވިދާޅުވިއެވެ.
އުމުރުން 37 އަހަރުގެ ޕޭޓޮންގްޓާނަކީ ތައިލެންޑުގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވި އެންމެ ހަގު ބޭފުޅާއެވެ. އަދި، ކުރީގެ ބޮޑުވަޒީރު ތަކްސިން ޗިނަވާތުގެ ދަރިކަނބަލުންނެވެ. ޕޭޓޮންގްޓާނަކީ، ތައިލެންޑުގެ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާ ޗިނަވާތު ޢާއިލާގެ ހަތަރުވަނަ ބޭފުޅާއެވެ. އެކި މައްސަލަތަކާ ގުޅިގެން ޕޭޓޮންގްޓާންގެ ސަރުކާރަށް އޮތް ތާޢީދު ވަނީ ގެއްލިފައެވެ. އެންމެ ފަހުން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ފެންނަ ގޮތުގައި، އޭނާގެ އެޕްރޫވަލް ރޭޓިންގ، ނުވަތަ އޭނާއަށް ތާޢީދު ކުރާ މީހުންގެ ނިސްބަތަކީ އެންމެ %9.2އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
