
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާއާއި ލުބްނާނާ އެކު ޚާރިޖީ ގުޅުން ޤާއިމު ކުރަން ބޭނުންވާ ކަން ޔަހޫދީން ހާމަކޮށްފިއެވެ. އެ ދެ ޤައުމާ އެކު ގުޅުން ޤާއިމު ކުރަން ބޭނުންވާ ކަން ޔަހޫދީން ހާމަކޮށްފައި މި ވަނީ، އެ ދެ ޤައުމުގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް އަރައިގަނެ، ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. ސޫރިޔާގެ ބައެއް ސަރަޙައްދުތަކަށް އަރައި ޔަހޫދީ ފައުޖުން މިހާރު ވެސް ހަރަކާތްތެރިވަމުންދާއިރު، ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް ވެސް ޔަހޫދީން ވަނީ އަތްގަދަ ކޮށްފައެވެ. ސޫރިޔާއާއި ލުބްނާނާ އެކު ޚާރިޖީ ގުޅުން ޤާއިމު ކުރަން ބޭނުންވާ ކަން ހާމަކޮށް ވާހަކަ ދައްކަމުން ޒަޔަނިސްޓުންގެ ޚާރިޖީ ވަޒީރު ގިޑިޔަން ސާރް ބުނީ، ސޫރިޔާއާ އެކު ގުޅުން ޤާއިމު ކުރުމަށް ބޭނުންވި ނަމަވެސް، ޖޫލާންގެ އުސްބިންތައް އެ ޤައުމަށް ދޫކޮށްލުމަށް އެއްބަސްނުވާނެ ކަމުގައެވެ. ޖޫލާންގެ އުސް ބިންތަކަކީ ޔަހޫދީން ވެރިވެގަނެފައިވާ ސޫރިިޔާގެ ބިމެކެވެ.
ޔަހޫދީން މިހާރު ވެސް ދަނީ މެދުއިރުމަތީގައި އޮތް މުސްލިމް ޤައުމުތަކުގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24ވަނަ ދުވަހުއެވެ. އޭގެ އިތުރުން ހުސްވި އަހަރު ލުބްނާންގެ ޢާންމުން ޝަހީދު ކުރުމަށް ވެސް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއް ދިނެވެ. ސޫރިޔާގެ ވެރިރަށް ދިމިޝްޤާއި ބޮޑެތި ރަށްތަކަށް އަމާޒުކޮށް ވެސް ޔަހޫދީ ސިފައިން ދަނީ ވައިގެ ޙަމަލާތައް އަމާޒު ކުރަމުންނެވެ. ދާދި ފަހުން ޔަހޫދީ ފައުޖުން ވަނީ އީރާނާ ދެކޮޅަށް ވެސް ބޮޑު ހަނގުރާމައެއް ފަށާފައެެވެ. 12 ދުވަހަށް ދެމިގެން ދިޔަ ހަނގުރާމަ ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ވެރިރަށް ޠަހްރާންގެ އިތުރުން ޢާންމުން ދިރިއުޅޭ ބޮޑެތި ރަށްތަކަށެވެ. އަދި، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހިންގާ މައި މަރުކަޒުތަކަށެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިން ވެސް ވަނީ އެ މީހުންނާ ބައިވެރިވެ، ޖޫން 22ވަނަ ދުވަހު އީރާނަށް ބޮން އަޅާފައެވެ. ޔަހޫދީންނަށް ރައްދު ދިނުމުގެ ގޮތުން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް އީރާނުން ވެސް ވަރުގަދަ ޙަމަލާތަކެއް ދީފައިވާއިރު، ހަނގުރާމަ ހުއްޓައިލުމަށް ޔަހޫދީންނާއި އެމެރިކާއިން އެއްބަސްވީ، ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ޙަމަލާ ދިނުމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއިން ދީފައިވާ ޙަމަލާތަކުގައި ނަޠާންޛާއި ފޫރްދޫގެ އިތުރުން އަޞްފިހާންގައިވާ ނިއުކްލިޔަރ މަރުކަޒުތައް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައެވެ. އަދި، ޔަހޫދީންގެ ޚާރިޖީ ވަޒީރު ވެސް ބުނީ، 12 ދުވަހުގެ ހަނގުރާމައަށް ފަހު އީރާން ބަލިކަށި ކޮށްލާފައިވާނެ ކަމުގައެވެ. އަދި، މިއީ ޒަޔަނިސްޓު އިސްރާއީލާ އެކު ޚާރިޖީ ގުޅުން ޤާއިމު ކުރުމަށް މެދުއިރުމަތީގެ ޤައުމުތަކަށް އޮތް އެންމެ ރަނގަޅު ފުރުޞަތުގެ ގޮތުގައި އޭނާ ސިފަ ކުރިއެވެ. މެދުއިރުމަތީގެ ބައެއް ޤައުމުތަކުން މިހާރު ވެސް ދަނީ ޔަހޫދީންނާ ގުޅުން ބަދަހި ކުރަމުންނެވެ. އޭގެ ތެރޭގައި މެދުއިރުމަތީގެ ބޮޑެތި ޢަރަބި ޤައުމުތައް ވެސް ހިމެނެއެވެ. ޔަހޫދީންނާ އެކު 2020ވަނަ އަހަރު ސިޔާސީ ގުޅުން ޤާއިމު ކުރި ފުރަތަމަ ޢަރަބި ޤައުމުތަކުގެ ތެރޭގައި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)، ބަޙްރަޔިން އަދި މަޣްރިބު ހިމެނެވެ. އޭގެ ކުރިން އުރުދުނާއި މިޞްރުން ވެސް ވަނީ ޔަހޫދީންނާ އެކު ގުޅުން ޤާއިމު ކޮށްފައެވެ. އުރުދުނާއި ޒަޔަނިސްޓުންނާ ދެމެދު ގުޅުން ޤާއިމު ކޮށްފައި ވަނީ 1994ވަނަ އަހަރުއެވެ. އަދި، މިޞްރުން ޔަހޫދީންނާ ގުޅުން ބަދަހި ކުރަން ފަށާފައި ވަނީ 1979ވަނަ އަހަރުއެވެ.
ސޫރިޔާގެ ޖޫލާންގެ ބިިންތަކަކަކީ ޒަޔަނިސްޓު ދައުލަތުގެ ބަޔެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1981ވަނަ އަހަރުއެވެ. އަދި، ސޫރިޔާގެ އެ ބިމަށް ޔަހޫދީން ވެރިވެގަނެފައި ވަނީ 1967ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައިގައެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލު ކުރާ ގޮތުގައި އެއީ ސޫރިޔާގެ މިލްކެކެވެ. އަދި، މިހާރު ވެސް އެއީ ސޫރިޔާގެ ބިމެކެވެ. ނަމަވެސް، ވެރިކަމުގެ ފުރަތަމަ ދައުރުގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެއީ ޔަހޫދީންގެ ބިމެއްގެ ގޮތުގައި ބަލައިގަންނަވާފައެވެ.
އެ ބިން ސޫރިޔާއަށް ދޫކޮށްލަން އިންކާރު ކުރާ ކަމުގައި ޔަހޫދީންގެ ޚާރިޖީ ވަޒީރު ސާރް ބުނުމުން، ސޫރިޔާއިން ވަނީ އެ ކަމަށް ރައްދު ދީފައެވެ. ސޫރިޔާގައި މި ވަގުތު ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރުގެ އޮފިޝަލަކު ބުނީ، ޖޫލާންގެ އުސް ބިންތައް ޔަހޫދީންގެ އަތްދަށަށް ދޫކޮށްލުމަށް އެއްބަސްވެވެން ނެތް ކަމުގައެވެ. އަދި، އެއީ ސޫރިޔާގެ މައި ބިމެއްގެ ގޮތުގައި ޤަބޫލު ކުރާ ކަމުގައެވެ. އެޗްޓީއެސުން ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރު ވައްޓައިލައި، ވެރިކަން ފޭރިގަނެފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
