
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އދގެ އެޓޮމިކް ހަކަތައާބެހޭ ބައިނަލްްއަޤްވާމީ އިދާރާ، އައިއޭއީއޭއާ އޮންނަ ގުޅުން ކަނޑައިލުމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި، ޤާނޫނީގޮތުން ދިނުމަށް ލާޒިމުވާ އެއްބާރުލުން އެ އިދާރާއަށް ދިނުމަށް ވިލާތުގެ މައި ބާރުތަކުން އީރާނަށް ގޮވާލައިފިއެވެ. އީރާނުގެ ރޫޙީ ވެރިޔާ، އާޔަތުالله ޢަލީ ޚާމަނާއީއާ ގުޅުންހުރި ނޫހަކުން ވަނީ އައިއޭއީއޭގެ އިސްވެރިޔާ، ރަފައެލް ގްރޮސީީގެ މައްޗަށް ޝަރީޢަތް ހިންގާ މަރާލަން ޖެހޭ ކަމަށް ބުނެ ލިޔުމެއް ޝާއިއުކޮށްފައެވެ. އެ ނޫހުގައި ގްރޮސީ ސިފަކޮށްފައި ވަނީ ޔަހޫދީންގެ އޭޖެންޓެއްގެ ގޮތުގައެވެ. އެ ގޮތުން ގްރޮސީއަކީ ޔަހޫދީންގެ ޖާސޫސީ އިދާރާ، މޮސާޑާ ގުޅުންހުރި ބޭފުޅެއް ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.
އީރާނުގެ ނޫހުން މިފަދަ މޭރުމަކުން ޚަބަރެއް ލިޔެފައި ވަނިކޮށް އެ ފަދަ އިންޒާރުތައް ކުށްވެރިކޮށް އިނގިރޭސިވިލާތާއި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތުގެ ދާޚިލީ ވުޒާރާތަކުން ވަނީ ބަޔާނެއް ނެރެފައެވެ. ބަޔާނުގައި ގްރޮސީއާ ދެކޮޅަށް ދީފައިވާ އިންޒާރުތަކުގެ ތަފްޞީލް ބަޔާންކޮށްފައި ނުވި ނަމަވެސް ތިން ޤައުމުން ވެސް އައިއޭއީއޭއާއި އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް ގްރޮސީއަށް އެ އިދާރާގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ފުރިހަމައަށް ތާއީދުކުރާ ކަމަށް ބުނެފައިވެއެވެ. އެ ބަޔާނުގައި އިތުރަށް ބުނީ އައިއޭއީއޭއަށް އެއްބާރުލުން ދިނުން ހުއްޓާލުމަށް އެއްވެސް ފިޔަވަޅެއް އެޅުމުން ދުރުހެލިވުމަށާއި ޤާނުނީގޮތުން ލާޒިމުވާ ފަދައިން އައިއޭއީއޭއަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ގޮވާލައި ކަމަށެވެ. އަދި އައިއޭއީއޭގެ އެންމެހާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އީރާނުގެ ކިބައިން ގޮވާލާފައިވެއެވެ.
އީރާނުގެ ނޫހުގައި ކޮށްފައިވާ ތުހުމަތުތަކާ ގުޅޭގޮތުން ގްރޮސީ މިހާތަނަށް އެެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ގްރޮސީ ވަނީ އޭނާގެ އެންމެ އިސް ވާޖިބަކީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ފާސް ކުރުމަށް އައިއޭއީއޭގެ އިންސްޕެކްޓަރުންނަށް ވީ އެންމެ އަވަހަކަށް އެ މަރުކަޒުތަކަށް އަނބުރާ ދެވޭނެކަން ޔަޤީންކުރެއްވުން ކަމަށް ވިދާޅުވެފައެވެ. އީރާނުގެ ނޫހުގައި ޝާއިއުކޮށްފައިވާ ވާހަކަތަކަށް އެ ޤައުމުގެ ސަރުކާރުން މިހާތަނަށް ފާޅުގައި ތާއީދުކޮށްފައެއް ނުވެއެވެ. އދއަށް ކަނޑައަޅާފައި ހުންނަވާ އީރާނުގެ ސަފީރު، އާމިރު ސައީދު އިރާވާނީ ވަނީ ގްރޮސީއަށް ނުރައްކަލެއް ނެތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން ޙަމަލާ ދިނުމަށް ފަހު އީރާނުން ގްރޮސީއާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުކިޔައި، އައިއޭއީއޭއަށް އެއްބާރުލުން ދިނުން ހުއްޓައިލާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. ޔަހޫދީން އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއަށް އަމާޒުކޮށް ޙަމަލާދޭނެ ބަހަނާއެއް ހޯދައިދިނީ އައިއޭއީއޭއިން ކަމަށް އީރާނުން ޤަބޫލު ކުރެއެވެ. އެއީ ޔަހޫދީން އީރާނަށް ޙަމަލާދޭން ފެށީ އީރާނުން ސޮއި ކޮށްފައިވާ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ މުޢާހަދާ, އެންޕީޓީގައި ލާޒިމުކޮށްފައިވާ ކަަންކަމާ ޚިލާފަށް އީރާނުން އަމަލުކޮށްފައިވާ ކަމަށް އައިއޭއީއޭގެ ބޯޑުން ފާސްކުރުމުގެ އެއް ދުވަސް ފަހުން ކަމަށް ވާތީއެވެ.
ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮންއާ މިދިޔަ ހަފްތާގައި ފޯނު މެދުވެރިކޮށް ވާހަކަދައްކަވަމުން އީރާނުގެ ރައީސް މަސްޢޫދު ޕަޒަޝްކިއަން ވަނީ އައިއޭއީއޭއިން ގެންގުޅޭ ތަފާތުކުރުމުގެ ސަބަބުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސަލާމަތަށް މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ. އީރާނުން ކިތަންވެ ރަނގަޅަށް އެއްބާރުލުން ދިން ނަމަވެސް އައިއޭއީއޭގެ ޑިރެކްޓަރު އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާމެދު އަމަލު ކުރަނީ އިންސާފުވެރިކޮށް ނޫން ކަމަށް އީރާނުގެ ސަރުކާރާއި ޤާނޫނުހަދާ މަޖިލީހާއި ރައްޔިތުން ޤަބޫލުކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޖީ ވެސް ވަނީ ގްރޮސީ އީރާނަށް އައުމަށް އެ ޤައުމުން ނޭދޭ ކަމަށް ވިދާޅުވެފައެވެ. އެއީ ޔަހޫދީން އީރާނަށް ޙަމަލާ ދިނުމުގައި އޭނާ އަމަލުކުރައްވާފައިވާ ގޮތާއި އަދާ ކުރެއްވި ދައުރުގެ ސަބަބުން ކަމަށް ޢަރާޤްޖީ ވިދާޅުވިއެވެ.
އީރާނުން ވަނީ އެ ޤައުމުގެ ޞުލްޙަވެރި ނިއުކްލިޔަރ މަޝްރޫޢުއަށް ޙަމަލާދީފައިިވާތާ މާ ގިނަ ދުވަހެއް ނުވަނީސް އައިއޭއީއޭގެ އިންސްޕެކްޓަރުންގެ ރައްކާތެރިކަން އެ ޤައުމުން ކަށަވަރުކޮށްދޭނެ ކަމަށް ދެކިގެން ނުވާނެ ކަމަށް ވެސް ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
