
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތޮއްޖެހުމުގެ މައްސަލަ ހައްލުކޮށް އާ ޓާމިނަލް މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކެނޑިނޭޅި މަސައްކަތް ކުރެއްވި ކަމަށާއި ކޮންމެ ދުވަހަކުހެން ގުޅުއްވައި ދަތިވާ ކަންކަން އޮޅުންފިލުއްވައި ހައްލުކޮށްދެއްވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ވީއައިއޭގެ ސީޕްލޭން ޓާމިނަލްގައި ނޫސްވެރިންނާއެކު ރޭ އޮތް ހަފްލާއެއްގައި ޝަރީފް ވިދާޅުވީ މިހާރު ބޭނުން ކުރަމުން އަންނަ އިންޓަނޭޝަނަލް އެއާޕޯޓުގައި ދުވާލެއްގެ މައްޗަށް ހިދުމަތް ދެވޭނީ 2،000 ނޫނީ 3،000 ފަސެންޖަރުންނަށް ކަމަށެވެ. އެކަމަކު، މިދިޔަ އަހަރު އެއާޕޯޓުގެ އެންމެ ޕީކް ދުވަހުގައި 23،000 ފަސެންޖަރުން ރިސީވް ކުރަން ޖެހުނު ކަމަށް ޝަރީފް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް)
“އޭގެ މާނައަކީ 11،500 އިން، 11،500 އައުޓް. ދެން ވިސްނާލައްވާ މި ތަނުގައި ސްނޭކް ކިއުތައް ހަދައި ތޮއްޖެހި، ޓެކްސީތައް ނުލިބި އުޅެން ޖެހޭ ހާލު. މިހެންވުމުގެ ސަބަބުން މިކަން ހައްލު ކުރުމަށް އަޅުގަނޑަށް ކެނޑިނޭޅި، މިއީ ދޮގަކަށް ނުވާނެ ކަން ނޭނގެ، ދުވާލަކު އެއް ފަހަރޭ ދެންނެވިޔަސް، ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް ގުޅުއްވާފައި ޓާމިނަލްގެ ކަންކަން ބައްލަވާ،” ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒު ބައްލަވަނީ ޓާމިނަލްގެ މަޝްރޫއު އަވަސް ކުރެވޭނެ ގޮތްތަކާއި ހޯއްދަވަން ޖެހޭ ރިސޯސްތަކާ ގުޅޭ ގޮތުންނެވެ.
“54% އަޅުގަނޑުމެން މި ތަނާ ހަވާލުވި އިރު، ރެޑީވެފައި ހުރީ. ޓާމިނަލް ބިނާ ކުރަމުން އަންނަތާ ގާތްގަނޑަކަށް ނުވަ އަހަރާ ބައިވެފައި މިވަނީ. އެހެންވެ، ރައީސް އަޅުގަނޑު ކައިރީގައި ވިދާޅުވީ ގައުމުގެ އިގްތިސާދަށް އެންމެ ބޮޑު ކޮންޓްރިބިއުޓް ކުރަނީ ޓޫރިޒަމޭ. އެހެންވެ ޓޫރިޒަމް އިންޑަސްޓްރީއަށް އެހީވުމަށް އަދި ގައުމުގެ އިގްތިސާދު ކޮޅަށް ޖެހުމަށް ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްއަކީ މަސްޓެކޭ،” ޝަރީފް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“އަޅުގަނޑަކަށް އިތުރު އޮޕްޝަނެއް ނެތް މިކަން ނުކޮށް ވާކަށް. މިކަން ކުރިއަށް ގެންދެވޭނީ ކިހިނެއްތޯ އާއި ހުރި ދަތިތައް ދެންނެވީމަ ފައިނޭންސް ވިއްޔާ އެކަން ހަމަޖައްސަވައި ދެއްވާ، ރިސޯސް ވިއްޔާ އެކަން ހަމަޖައްސަވައި ދެއްވާ،” ޝަރީފް ވަނީ އާ ޓާމިނަލް ނިންމުމަށް ރައީސް ޑރ. މުއިއްޒު ދެއްވި އިރުޝާދާއި އެހީތެރިކަމަށް ހާއްސަ ޝުކުރެއް ދަންނަވައިފައެވެ.
ވީއައިއޭގެ އާ ޓާމިނަލް، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަސް ކަމުގައިވާ ޖުލައި 26 ވަނަ ދުވަހު ހުޅުުވަން ތައްޔާރުވަމުން އަންނައިރު، ރައީސް ޑރ. މުއިއްޒު ވެސް ބޭނުންފުޅުވަނީ އާ ޓާމިނަލް އެންމެ ފުރަތަމަ ބޭނުން ކުރާ ބަޔަކަށް ގައުމީ އެއާލައިން، މޯލްޑިވިއަން ހެދުމަށެވެ. ޝަރީފް ވިދާޅުވީ އޭގެ ދެ ހަފްތާވަރު ފަހުން އެހެން އެއާލައިންތައް ޓާމިނަލަށް ބަދަލުކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
އަހަރަކު 7.5 މިލިއަން މީހުންނަށް ހިދުމަތްދެވޭ އާ ޓާމިނަލްގައި 48 ޗެކިން ކައުންޓަރު ހުރެއެވެ. އަދި ފުރާ މީހުންނަށް ހާއްސަކޮށްގެން އިމިގްރޭޝަންގެ 20 ކައުންޓަރު، އަންނަ މީހުންނަށް ހާއްސަކޮށް 28 ކައުންޓަރު ހުރެއެވެ. އެއާޕޯޓުގައި ކަސްޓަމްގެ ހަ ބެލްޓު ގާއިމުކޮށްފައިވެއެވެ. އާ ޓާމިނަލްގެ އެންމެ ތިރި ހާއްސަކޮށްފައިވަނީ ފުރަން އެއާޕޯޓަށް ދާ މީހުންނަށް ހާއްސަ ޗެކިން ކައުންޓަރުތަކުން ޗެކިންވުމަށެވެ.
އާ ޓާމިނަލަށް ވަނުމަށް ފަހު ފުރަތަމަ ވެސް ދާން ޖެހޭނީ ކަނޑައެޅިފައިވާ އެއާލައިނެއްގެ ޗެކިން ކައުންޓަރަކަށެވެ. އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު އަމަލުކުރަމުންދާ ގޮތުން ޓާމިނަލަށް ވަންނައިރު، ފުރަތަމަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ޗެކިން ޕޮއިންޓުތަކެއް ގާއިމުކޮށްފައި ހުރެއެވެ. އެކަމަކު، އާ ޓާމިނަލްއާ އެކުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ޗެކިން ޕޮއިންޓުތަކާ ހަމައަށް ދާނީ ޗެކިންވުމަށް ފަހުގައެވެ. އެހެންވެ، އެއާޕޯޓުގައި ޗެކް ކުރާނީ އެންމެ ފަހަރެކެވެ.
އާ ޓާމިނަލްގެ ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ފުރާ މީހުންނަށެވެ. ފުރަތަމަ ފަންގިފިލާގައި ފުރާ މީހުން ބޭނުން ކުރުމަށް ގިނަ ގޭޓުތަކެއް ހުންނާނެއެވެ. އަދި އެ ސަރަހައްދުގައި ޑިއުޓީ ފްރީ ފިހާރަތަކާއި ފުޑް އެން ބެވަރޭޖް، ލައުންޖުތައް ހުންނާނެއެވެ. ޓާމިނަލްގެ ދެވަނަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ރާއްޖެ އަންނަ މީހުންނަށެވެ. އިމިގްރޭޝަން މަރުހަލާ ނިމުމާ އެކު، އެމީހުންނަށް ލަގެޖް ބެލްޓު ކައިރިއަށް ދެވޭނެ ގޮތް ވަނީ ހަދައިފައެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
ޝަރީފް ވިދާޅުވި ގޮތުގައި ޖުލައި 26 ގައި ޓާމިނަލް އެކީގައި ހުޅުވާއިރު، އެރައިވަލް، ޑިޕާޗާ ފަދަ ހުރިހާ ތަނެއް ހުޅުވާނެއެވެ. އާ ޓާމިނަލް ހުޅުވުމަށް ފަހު، ވެލާނާ އެއާޕޯޓަށް ޖައްސާ ފުރަތަމަ މަތިންދާ ބޯޓަކަށް ވެސް ވާނީ މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އާ ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާއެވެ. މި މަޝްރޫއު އެންމެ ފުރަތަމަ ބިން ލާދިން ގްރޫޕާ ހަވާލުކުރިއިރު ސްކޯޕްގައި ނުހިމެނޭ ގިނަ ކަންތައްތަކެއް ހިމެނެއެވެ. އެއް ކަމަކީ އާ ޓާމިނަލްއާ ގުޅޭ މަގުތައް ހެދުމެވެ. ދެވަނަ ކަމަކީ ޑިއުޓީ ފްރީ، ކެފޭ، ރެސްޓޯރަންޓު ފަދަ ކޮމާޝަލް ބައެއް ހަދަން ހަވާލުކޮށްފައި ނުވުމެވެ. އެމްއޭސީއެލް އިން ވަނީ އެކަންކަން ކުރަން ބަޔަކާ ހަވާލުކޮށްފައެވެ.
ޝަރީފް ވިދާޅުވީ އާ ޓާމިނަލް ހުޅުވާއިރު، ޑިއުޓީ ފްރީ ފިހާރަތަކާއި ލައުންޖުތައް ހުރި ނަމަވެސް، ކޮމާޝަލް އޭރިއާ އެއްކޮށް ނިންމާލައި އޮޕަރޭޝަނަށް ގެނެވޭ ވަރު ވާނީ އަންނަ ސެޕްޓެމްބަރު މަސްތެރޭގައި ކަމަށެވެ. އާ ޓާމިނަލްގެ މަސައްކަތް ނިންމަން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަނީ ހޯދައިފައެވެ. ސައުދީ ކުންފުނިން އެއާޕޯޓުގެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެންނެވެ. ޓާމިނަލްގެ މަޝްރޫއު ނިމޭއިރު، ނުވަ ބިލިއަނެއްހާ ރުފިޔާ އަރާނެ ކަމަށް ބެލެވެއެވެ.
About Post Author
މާދަމާ ނިއުސް
ރާއްޖެއާއި ލަންކާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރަން ގަސް އިންދުމުގެ ރަސްމިއްޔާތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލަންކާއަށް ކުރައްވާ...
ބަނގުރަލުގެ ހިދުމަތް ދޭން އުޅޭ ވާހަކަ މޯލްޑިވިއަން އިން ދޮގުކޮށްފި
މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބަނގުރާ ދޭން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް އެ އެއާލައިނުން ދޮގުކޮށްފިއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ...
އެޕްރީލް މަހު މިފްކޯއަށް ކިރުވި މަހަށް 78 މިލިޔަން ރުފިޔާ
މިދިޔަ އެޕްރީލް މަހު މިފްކޯއަށް 1068 ދޯންޏަކުން 4414 ޓަނުގެ މަސް ކިރުވައި، އެ މަހަށް 78 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ...
“އަމާޒަކީ އެއްބަސްވުންތައް ހަގީގަތަކަށްވެ، ރައްޔިތުންނަށް ފައިދާވުން”
& (ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް...
ރާއްޖެއާއި ލަންކާ ދެމެދު 7 ދާއިރާއަކުން ފަހުމުނާމާ ބަދަލުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ރަޢީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި 7...
އެންސްޕާގެ ސީއީއޯއަކަށް ޝިރުނާ
(ފޮޓޯ ކްރެޑިޓްސް: ސިއްޙީ ވުޒާރާ) ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު...
