Read Time:7 Minute, 19 Second

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)

 

 

ޔަހޫދީން އިސްވެ އީރާނަށް ދެމުންދާ ޙަމަލާތަކުގައި އެމެރިކާއިން ބައިވެރިވެއްޖެ ނަމަ، ޔަމަނުގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ޙޫޘީން، ރަތް ކަނޑުގައި ދަތުރުކުރާ އެމެރިކާގެ އާގުބޯޓު ފަހަރަށް އަމާޒުކޮށް އަނެއްކާ ވެސް ޙަމަލާ ދޭނެ ކަމުގެ އިންޒާރު އެ ޖަމާޢަތުން ދީފިއެވެ. ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޙޫޘީން ވަނީ ޣައްޒާގެ ރައްޔިތުންނާއެކު ވާ ކަމަށް ބުނެ ޔަހޫދީންނާ ގުޅުންހުރި އާގުބޯޓުފަހަރުަތަކަށް ޙަމަލާ ދޭން ފަށައިފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ބޯޓުފަހަރު ވެސް ހިމެނެއެވެ. އެ ގޮތުން 2023ވަނަ އަހަރުގެ ނޮވެމްބަރު މަހާއި މި އަހަރުގެ ޖަނަވަރީ މަހާ ދެމެދު ޙޫޘީން ވަނީ އާގުބޯޓުފަހަރު ދަތުރުކުރާ މައި މަގުތަކަށް ޢަމާޒު ކޮށް 100އަށް ވުރެ ގިނަ ޙަމަލާ ދީފައެވެ. އެ ޙަމަލާތަކުގައި ދެ އުޅަނދު ފައްތާލައި އިތުރު އުޅަނދެއް ވަނީ ޙޫޘީންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބުރޫ އަރައި ބޯޓުފަހަރު ދަތުރު ކުރާ މަގު ބަދަލު ކުރުމަށް މަޖުބޫރުވިއެވެ. އޭގެ ސަބަބުން ވިޔަފާރި ބޯޓުތައް ދަތުރު ކުރަން ޖެހޭ މަގު ދިގުވެ ދަތުރުތަކަށް ހިނގާ ޚަރަދު ވެސް އިތުރުވެގެން ދިޔައެވެ.

 

ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމް ކުރުމުން ޙޫޘީން ވަނީ ޔަހޫދީންނަށް އަމާޒު ކޮށް ދެމުންދިޔަ ޙަމަލާތައް ވެސް މަޑުޖައްސާލައިފައެވެ. ނަމަވެސް އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ނިމުމަކަށް އައުމާ އެކު، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނިކަމެތިކޮށް ޙާލުގައި ޖެއްސުމަށް ހައްދުފަހަނަ އެޅި ޔަހޫދީން ހިންގަމުންދާ ޖަރީމާގެ ދަށުން އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީ އެތެރެ ކުރުމަށް ހުރަސްއެޅުމުން ޙޫޘީން ވަނީ އަނެއްކާ ވެސް ޙަމަލާތައް ދޭން ފަށައިފައެވެ. އެއާއެކު، މާރިޗު މަހުގެ ތެރޭގައި އެމެރިކާއިން ވަނީ ޙޫޘީންނަށް އަމާޒު ކޮށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ. ދެ ފަރާތުން ބަދަލުކުރަމުން ދިޔަ ޙަމަލާތައް ނިމުމަކަށް އައީ ޢުމާން މެދުވެރިވެ މެއި މަހުގެ 6ވަަނަ ދުވަހު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކަށް ދެ ފަރާތުން އައުމުންނެވެ.

 

ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އީރާނަށް ޙަމަލާ ދޭން ފަށާފައިވާއިރު، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ދަނީ އީރާނަށް ޙަމަލާ ދިނުމުގައި ބައިވެރިވުމާމެދު ވިސްނަމުންނެވެ. އެކަމާ ގުޅޭގޮތުން ޔަމަނުގެ އަސްކަރީ ތަރުޖަމާނު، ޔަޙްޔާ ސަރީ ވިދާޅުވީ އެމެރިކާއިން އީރާނަށް ޙަމަލާ ދިނުމުގައި ބައިވެރިވާ ނަމަ ރަތް ކަނޑުގައި ދަތުރުކުރާ އެމެރިކާގެ ބޯޓުފަހަރަށް ޔަމަނުން އަނެއްކާ ވެސް ޙަމަލާ ދޭން ފަށާނެ ކަމަށެވެ. ޔަހޫދީން ބޭނުން ވަނީ މެދުއިރުމަތީގެ ސަރަޙައްދު އެ މީހުންގެ ފުރިހަމަ ބާރުގެ ދަށަަށް ގެންދަން ކަމަށެވެ. އަދި އެމެރިކާއިން އެ ކަމަށް ފާޅުގައި ހިތްވަރު ދެމުންދާ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ. ޔަހޫދީންނާއި އެމެރިކާއާ ގުޅިގެން އީރާނު ނައްތާލަން ބޭނުންވާ ސަބަބަކީ އެ މީހުންގެ ރޭވުންތަކަށް އޮތް މައި ހުރަހަކީ އީރާން ކަމަށް ވާތީ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ. އެހެންކަމުން އީރާނާ ދެކޮޅަށް ޙަމަލާ ދިނުމުގައި އެމެރިކާއިން ބައިވެރިވެއްޖެ ނަމަ އެއީ އަޅާނުލާ ތިބެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

 

ޙޫޘީން މި މޭރުމުން ވާހަކަ ދައްކާފައިވާއިރު އެމެރިކާގެ ހަ ބީ-2 ބޮންއަޅާ ޖެޓު ވަނީ މިސޫރިގައި ހުންނަ ވައިޓްމޭން ވައިގެ އަސްކަރީ މަރުކަޒުން ގުއާމްގައި ހުން އެމެރިކާގެ އަސްކަރީ މަރުކަޒަކަށް މިސްރާބު ޖަހާފައެވެ. އެ ޖެޓުތަކަށް ތެޔޮ އަޅާފައި ވަނީ ދަތުރުގެ މެދުތެރެއިން، ވައިގެ ތެރޭގައެވެ. އެހެންކަމުން އެ ޖެތުތަކުގައި ގިނަ ޢަދަދަކަށް ހަތިޔާރު ބަރުކޮށްފައި ހުރި ކަމަށް ބެލެވެއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %