
ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ޑިމޮކްރެޓްސް އިން ނިންމި ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ މަރުހަބާ ކިޔައިފި އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމުގައި މިރޭ ވަނީ ޑިމޮކްރެޓްސްގެ ނިންމުމާ ގުޅިގެން މެމްބަރުންގެ ހިޔާލު ހޯދައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ހުރިހާ މެމްބަރުންގެ ހިޔާލު ހުރީ ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުންނަށް މަރުހަބާ ކިޔާ ގޮތަށެވެ. ގައުމީ މަޖިލިހުގެ ނުރަސްމީ ބައްދަލުވުމަށް ފަހު، އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އެ ޕާޓީއަކީ ގައުމަށްޓަކައި ހަގީގީ މަސައްކަތްތަކެއް ކުރަން ބޭނުންވާ ކޮންމެ ބަޔަކަށް ވެސް ހުޅުވާލާފައިވާ ޕާޓީއެއް ކަމަށެވެ.
“ރައީސް ނަޝީދުއާއެކު އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންނާ އެކު މި ޕާޓީގެ މަސައްކަތްތައް ބާރަށް ކުރިއަށް ދާނެ އެވެ،” އެމްޑީޕީގެ ބަޔާނުގައި ވެ އެވެ. އެ ޕާޓީން ބުނީ، ސަރުކާރުގެ އަމަލުތައް ފާލުން ނެއްޓި އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީ ނުރައްކަލެއްގެ ތެރޭގައި އޮތް މި ދަނޑިވަޅަކީ އިސްލާހީ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ވަގުތެއް ކަމަށެވެ. އެހެންވެ، އެމްޑީޕީއާ ގުޅޭ ކޮންމެ މެމްބަރަކީ ވެސް ގައުމުގެ ހައްގުގައި ވަކާލާތުކުރަން ފަސްނުޖެހޭނެ މެމްބަރުން ކަމަށް އެ ޕާޓީން ބުންޏެވެެ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީން ބުނިގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވައި، ގާނޫނުއަސާސީން ޔަގީން ކޮށްދޭ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި އެ ޕާޓީ އަބަދުވެސް ދެމި އޮންނާނެ އެވެ.
ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީ އިން އިއްޔެ ބޭއްވި ނުރަސްމީ ބައްދަލުވުމުގައި ފާސްކުރި ގަރާރުގައި ވަނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް އަދި ރާއްޖޭގެ ކުރިމަގު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އިޔާދަ ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުން ކަމަށެވެ. އެހެންވެ، ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭތީ އެ މަގުސަދު ހާސިލް ކުރުމަށް އެމްޑީޕީއާ ގުޅެން އިގުރާރުވާ ކަމަށް ގަރާރުގައިވެ އެވެ. އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކާ ގުޅިގެން ޑިމޮކްރެޓްސް އުފެއްދީ ޖުލައި 12، 2023 ގަ އެވެ. ނަމަވެސް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އިސް ބޭފުޅުންތަކެއް ވަނީ މި އަހަރުގެ ކުރީކޮޅު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމެވުމުގެ ކުރިން ނަޝީދު ވަނީ މިދިޔަ ހޯމަ ދުވަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ބައްދަލު ކުރައްވައިފަ އެވެ. ފައްޔާޒު ވިދާޅުވެފައިވަނީ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރަން ހުރި މަސައްކަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ހިޔާލު ބަަދަލުކުރި ކަމަށެވެ. އަދި ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަން ރައީސް ނަޝީދު ނިންމެވިއިރު ޑިމޮކްރެޓްސް ޕާޓީ އަށް ޖުލައި 13، 2023 ވަނަ ދުވަހުގެ ރޭ ސޮއިކުރެއްވި ޖަލްސާގައި އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު ނަޝީދު ދެއްވި އެވެ. އެ ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ދެއްވި އިންޒާރުގައި ވިދާޅުވެފައިވަނީ ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވެއްޓިއްޖެ ކަމަށާއި އެ ޕާޓީ ރޫޅާލައްވާނެ ކަމަށެވެ. އެމްޑީޕީގެ ލީޑަޝިޕާއި މެމްބަރުން ދެކޭގޮތުގައި 2023 ގެ ރިޔާސީ އިންތިހާބު އެ ޕާޓީ އަށް ގެއްލުނީ ނަޝީދު ޑިމޮކްރެޓްސް ޕާޓީ އުފައްދަވައިގެން އެ ޕާޓީން ވެސް އެ އިންތިހާބަށް ނިކުތުމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
