
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ އުދުވާނީ ޙަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ 140 މީހުން ޝަހީދު ކޮށްލައިފިއެވެ. ޝަހީދުވި މީހުންގެ ތެރެއިން 40 މީހުން ޝަހީދުވީ ޔަހޫދީންގެ ބަޑީގެ ޙަމަލާތަކާއި ވައިގެ ޙަމަލާތަކުގައި ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި، ފާއިތުވި ތިން ހަފްތާގެ ތެރޭގައި ކޮންމެ ދުވަހަކުހެން އެހީ ބަހާ މަރުކަޒުތައް ކައިރީގައި ޣައްޒާގެ ރައްޔިތުން ކަތިލަމުންދާހެން ޝަހީދު ކޮށްލާފައިވާ މީހުން ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ޞިއްޙީ ޚިދުމަތްތެރިން ބުނީ މަޣާޒީ ރެފިއުޖީ ކޭމްޕާއި ޒައިތޫން އަވަށާއި ޣައްޒާ ސިޓީއަށް ދީފައިވާ ވައިގެ ޙަމަލާތަކުގައި 21 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އޭގެ އިތުރުން ޣައްޒާގެ ދެކުނުގެ ސަރަޙައްދެއް ކަމަށްވާ ޚާން ޔޫނިސްގައި ދީފައިވާ ވައިގެ ޙަމަލާއެއްގައި އިތުރު ފަސް މީހުން ޝަހީދު ވެފައިވެއެވެ. ހަމައެއާއެކު އދ މެދުވެރިކޮށް އެހީގެ ސާމާނު ގެންނަ ލޮރީތަކުގެ އިންތިޒާރުގައި މެދުތެރޭ ޣައްޒާގެ ޞަލާހުއްދީން މަގަށް އެއްވެފައި ތިބި މީހުން ގަޔަށް ބަޑި ޖަހައި 14 މީހުން ޝަހީދު ކޮށްލާފައިވެއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ޖޫން މަހުގެ 17ވަނަ ދުވަހު ބުނީ މިދިޔަ މެއި މަހުގެ ފަހުކޮޅު ޣައްޒާގައި އެހީގެ ސާމާނު ބަހަން ފެށިފަހުން ކާބޯތަކެތީގެ އެހީގެ ސާމާނު ހޯދުމަށް މަސައްކަތް ކުރި ޣައްޒާގެ 397 މީހުން މިހާތަނަށް ޝަހީދުވެފައިވާ ކަމަށާއި 3،000 މީހުންނަށް ޒަޚަމްވެފައިވާ ކަަމަށެވެ.
ޣައްޒާގެ ބައެއް ރައްޔިތުން ޤަބޫލުކުރާ ގޮތުގައި ޖޫން މަހުގެ 13ވަނަ ދުވަހުން ފެށިގެން ޔަހޫދީންނާއި އީރާނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ ޙާލަތާއި ތަކުލީފުތައް މަތިން ދުނިޔެ ހަނދާން ނެތުން އެކަށީގެންވެއެވެ. ޣައްޒާއާ ގުޅޭގޮތުން ވާހަކަ ދެކެވޭ މިންވަރު މަދުވަމުންދާ ކަމަށް އެ ސަހަރުގެ ބައެއް ރައްޔިތުން ވަނީ ފާހަގަ ކޮށްފައެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދުނުވެ ސަލާމަތްވާ މީހުން ޝަހީދު ވަނީ ބަނޑުހައިހޫނުކަމުގެ ސަބަބުން ކަމަށާއި، ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން ކާބޯތަކެތި ހޯދަން ދާ މީހުން ވެސް ޝަހީދު ކުރަމުންދާ ކަމަށް އެ މީހުން ދަނީ ބުނަމުންނެވެ.
ޣައްޒާއަށް ވައްދާ އެހީގެ ސާމާނު ބެހުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުރުމަށް ޙަވާލު ކޮށްފައި ވަނީ އެމެރިކާއާ ގުޅުންހުރި ޣައްޒާ ހިޔުމަނިޓޭރިއަން ފައުންޑޭޝަން، ޖީއެޗްއެފަށެވެ. ޖީއެޗްއެފުން އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ކުރަނީ އެމެރިކާގެ އަމިއްލަ ސަލާމަތީ ކުންފުންޏަކާ ގުޅިގެންނެވެ. ޣައްޒާގައި ޖީއެޗްއެފުން ޙަރަކާތްތެރިވާން ފަށާފައި ވަނީ މިދިޔަ މެއި މަހުގެ 26ވަނަ ދުވަހުއެވެ. ނަމަވެސް އދން ވަނީ އެ ޖަމްޢިއްޔާ މެދިވެރިކޮށް އެހީގެ ސާމާނު ބެހުމަށް ދެކޮޅު ހަދާފައެވެ. ޖީއެޗްއެފަކީ މިނިވަން އަދި ވަކި ފަރާތަކަށް ނުޖެހޭ ފައުންޑޭޝަނެއް ކަމަށް އދން ޤަބޫލެއް ނުކުރެއެވެ. އދން ވަނީ ޖީއެޗްްއެފުން އެހީގެ ސާމާނު ބަހާ ނިޒާމަކީ އެހީގެ ސާމާނު ހަނގުރާމައިގެ ހަތިޔާރަށް ހަދައި، ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ކުރުވާ ނިޒާމެއް ކަމަށް ތުހުމަތު ކޮށްފައެވެ. ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ, އުންރުވާގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒަރިނީ ވެސް ވަނީ ޣައްޒާގައި އެހީގެ ސާމާނު ބެހުމަށް މިހާރު ބޭނުންކުރާ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 55،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. ޔަހޫދީންގެ ޢުދުވާނީ ޙާމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ވަނީ ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވެފައެވެ. ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ތިން މަހެއްހާ ދުވަސްވަންދެން ޔަހޫދީން ހުރަސްއެޅުމަށް ފަހު މިހާރު އެ ސަހަރަށް އެތެރެ ކުރެވެނީ އެހީގެ ސާމާނުގެ ކުޑަ މިންވަރެކެވެ. ޣައްޒާގެ ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަޙައްމަލް ކުރަމުންނެވެ.
ދުނިޔޭގެ ކާބޯތަކެއްޗާބެހޭ އިދާރާ، ޑަބްލިޔުއެޗްޕީއިން ވަނީ ޣައްޒާގައި ބަހާ އެހީގެ ސާމާނު ބޮޑުތަނުން އިތުރު ކުރުމަށް ގޮވާލައިފައެވެ. ފާއިތުވި ހަތަރު ހަފްތާގެ ތެރޭގައި ޣައްޒާއަށް ވައްދާފައި ވަނީ 9،000 މެޓްރިކް ޓަނުގެ ސާމާނުކަމާއި އެއީ ޣައްޒާއަށް ހަޤީޤަތުގައި ބޭނުންވާ އެހީގެ މިންވަރުގެ ކުޑަ އިންސައްތައެއް ކަމަށް އެ އިދާރާއިން ދަނީ ބުަނަމުންނެވެ. ޑަބްލިޔުއެފްޕީން ނެރުނު ބަޔާނެއްގައި ބުނީ ބަނޑުހައިހޫނުކަމާއި ކާބޯތަކެއްޗަށް އިންތިހާއަށް ޖެހިފައިވުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ދަނީ އެހީގެ ސާމާނު ހިފައިގެން ދަތުރުކުރާ މަގުތަކަށް އެއްވަމުން ކަމަށެވެ. އެއީ އެ ސަރަޙައްދުން ކޮންމެވެސް އެއްޗެއް ހޯދޭނެ ކަމުގެ އުންމީދުގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ފުރާނަ ސަލާމަތް ކުރުމަށް ކާބޯތަކެތި ހޯދުމަށް މަސައްކަތް ކުރަމުންދާ ބަޔަކު ޝަހީދު ކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ޣައްޒާގެ ރައްޔިތުން ދަނީ ޔަހޫދީންނާއި އީރާނާ ދެމެދު ބަދަލުކުރަމުންދާ ޙަމަލާތަކާ ގުޅޭ މަޢުލޫމާތު ވަގުތުން ވަގުތަށް ހޯދަމުންނެވެ. އީރާނާކީ ޙަމާސްއަށް ތާއީދު ކުރާ ޤައުމެކެވެ. ޣައްޒާގެ ރައްޔިތެެއް ކަމަށްވާ ޝަޢުބާން އާބިދު ބުނީ އީރާނުގެ ރޮކެޓުތަކުގެ ސަބަބުން ޔަހޫދީންނަށް ކޮންމެވެސް ވަރެއްގެ ތަކުލީފެއް ޖެހޭ މަންޒަރު ފެނުމުން ޣައްޒާގެ ރައްޔިތުން އުފާކުރާ ކަމަށެވެ. ނަމަވެސް ޔަހޫދީން ޣައްޒާއަށް ޙަމަލާ ދެމުންދާ ކޮންމެ ދުވަހަކު މައުސޫމް އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާ ކަމަށް އޭނާ ފާހަގަ ކުރިއެެވެ. ޣައްޒާގެ ރައްޔިތުން މަތިން ދުނިޔެ ހަނދާން ނެތެމުންދާ ކަމަށާއި ޣައްޒާއަށް ދެމުންދާ އުދުވާނީ ޙަމަލާތައް ހުއްޓުވުމަށް ފުރިހަމަ ޙައްލެއް ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
