
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީ ފައުޖުން އީރާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކާ އެކު މެދުއިރުމަތީގެ މަސްރަޙު މި ވަނީ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރާ މައި މަރުކަޒުތަކާއި، އަސްކަރިއްޔާގެ އިސްވެރިންނާއި އަސްކަރީ މަރުކަޒުތަކަށެވެ. ޔަހޫދީ ފައުޖުން ބުނީ، ޙަމަލާތަކުގެ އަމާޒަކީ ނިއުކްލިޔަރ ޕުރޮގުރާމު ދޫކޮށްލުމަށް އީރާނަށް މަޖުބޫރު ކުރުވުން ކަމުގައެވެ. ނަމަވެސް، މާހިރުން ބުނީ، ޔަހޫދީންގެ ޙަމަލާތަކާ އެކު ނިއުކްލިޔަރ ޕުރޮގުރާމު އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އީރާނަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމުގައެވެ.
ޔަހޫދީންގެ ޙަމަލާތަކުގައި އީރާންގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންތަކެއްގެ އިތުރުން ނިއުކްލިޔަރ ޕުރޮގުރާމުގެ އިސް ސައިންޓިސްޓުންތަކެއް ޝަހީދު ކޮށްލިއެވެ. ޝަހީދު ކޮށްލާފައިވާ ބޭފުޅުންގެ ތެރޭގައި އީރާންގެ އަސްކަރިއްޔާގެ ވެރިޔާ، މޭޖަރ ޖެނެރަލް މުޙައްމަދު ބާޤިރީއާއި، އިންޤިލާބީ އިސްލާމީ ލަޝްކަރު (އައިއާރްޖީސީ)ގެ އިސް ކޮމާންޑަރު، ޖެނެރަލް ޙުސައިން ސަލާމީއާއި، އީރާނުގެ އަސްކަރިއްޔާގެ މައި މަރުކަޒުގެ ވެރިޔާ ޖެނެރަލް ޣުލާމް ޢަލީ ރަޝީދު ހިމެނިވަޑައިގަންނަވައެވެ.
އިންޓަރނޭޝަނަލް ކްރައިސިސް ގުރޫޕު (އައިސީޖީ)ގައި އީރާންގެ މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ ޢަލީ ފާޔިޛް ވިދާޅުވީ، އެ ޤައުމުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކާ އެކު ނިއުކްލިޔަރ ޕުރޮގުރާމް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔުން ނޫން އިތުރު ކަމެއް ހާސިލުވެފައި ނުވާ ކަމުގައެވެ. “ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމުގައި އޮތް އެއް ކަންބޮޑުވުމަކީ، އެ ޙަމަލާތަކާ އެކު ނިއުކްލިޔަރ ޕުރޮގްރާމު ކުޑަކޮށް މަޑުޖެހިގެން ދިޔަ ނަމަވެސް، އައު ހިތްވަރަކާ އެކު އެ ޕުރޮގްރާމު ފުޅާކޮށް ކުރިއަރުވައި، ނިއުކްލިޔަރ ހަތިޔާރެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމުގެ ފުރުޞަތު ބޮޑުވުން،” އޭނާ ވިދާޅުވިއެވެ.
ޔަހޫދީންގެ ޙަމަލާތައް ދިނުމުގެ ކުރިން އީރާނުން ދިޔައީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގްރާމަށް ބާރާއި ނުފޫޒު ފޯރުވުމުގެ ފުރުޞަތު އެމެރިކާއަށް ދިނުމުގެ ގޮތުން އެ ޤައުމާ އެކު އެއްބަސްވުމެއް އެކުލަވައިލުމާ މެދު ސަރުކާރުގެ ތެރޭގައި މަޝްވަރާ ކުރަމުންނެވެ. ނަމަވެސް، ޔަހޫދީންގެ ޙަމަލާތަކާ އެކު އީރާނުން ދެން އަޅަން ޖެހޭ ފިޔަވަޅުތައް އެ ޤައުމުގެ ވެރިންނަށް ސާފުވެގެން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
“ކަން ކުރަންވީ ގޮތް އީރާނަށް ސާފުވެއްޖެ”
“[ހުޅަނގާ އެކު] މަޝްވަރާ ކުރުމުގައި އީރާނުން ބޭކާރު ގޮތުގައި ވަގުތު ހޭދަ ކުރަމުންދާ ކަމަށް ވަކާލާތު ކުރައްވަމުން ގެންދެވި ބޭފުޅުން ވިދާޅުވަމުން ގެންދެވި ކަންކަން [ޔަހޫދީންގެ ޙަމަލާތަކާ އެކު] މި ވަނީ ޙަޤީޤަތަކަށްވެފައި. އެ ބޭފުޅުން ވިދާޅުވަމުން ގޮސްފައި ވަނީ ބަލިކަށި ހާލަތުގައި، އަދި [ހުޅަނގުގެ ބާރުތައް] ރުއްސުމުގެ ނިޔަތުގައި މަޝްވަރާ ކުރުމަކީ އީރާނަށް ފައިދާނުރަނިވި ކަމެއް ނޫން ކަަމަށް،” އިންސްޓިޓިއުޓް ފޯ ވޯ އެންޑް ޕީސްގައި މެދުއިރުމައްޗާއި އިރުމަތީ އެފްރިކާ ބައްރުގެ މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ ރިޟާ އަކްބަރީ ވިދާޅުވިއެވެ.
އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުވައި، އެމެރިކާގެ ކޮންޓްރޯލުގެ ދަށަށް އެ ޕުރޮގުރާމު ގެންދިއުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމާޒެކެވެ. އެ ކަމާ ގުޅޭ ގޮތުން އެއްބަސްވުމެއް އެކުލަވައިލުމަށް ދެ ޤައުމުގެ ދެމެދުގައި ވަނީ މަޝްވަރާތަކެއް ފަށާފައެވެ. ނަމަވެސް، ޔަހޫދީންގެ ޙަމަލާތަކާ ގުޅިގެން އެ މަޝްވަރާތަކުގެ ކުރިމަގާ މެދު މި ވަނީ ސުވާލު އުފެދިފައެވެ. އަދި، ޖޫން 15ވަނަ ދުވަހަށް ތާވަލު ކޮށްފައި އޮތް މަޝްވަރާތަކުގެ ހަވަނަ ބައްދަލުވުމަށް މި ވަނީ ހިޔަނި އެޅިފައެވެ.
އީރާންގެ ނިއުކްލިޔަރ ޕުރޮގްރާމަށް ބާރާއި ނުފޫޒު ފޯރުވުމަށް 2015ވަނަ އަހަރު ވެސް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ވަނީ އެ ޤައުމާ އެކު ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ)ގެ ނަމުގައި އެއްބަސްވުމެއް އެކުލަވައިލާފައެވެ. ނަމަވެސް، 2018ވަނަ އަހަރު އެ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލައްވައި، އެއްބަސްވުން ބާޠިލު ކުރައްވާފައި ވަނީ ޓްރަމްޕްގެ ރައީސް ކަމުގެ ފުރަތަމަ ދައުރުގައި އޭނާއެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާގެ ވެރިކަމުގައި އެކުލަވައިލި ޖީސީޕީއޯއޭއަކީ އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހުން ވެސް ރުހުން ދީފައި އޮތް އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ހިންގަމުންދާ މަސައްކަތްތައް މޮނިޓަރުކޮށް، ނިއުކްލިޔަރ މަރުކަޒުތައް ބަލައިފާސް ކުރުމުގެ ފުރުޞަތު އދއަށް ދިނުމެވެ. އޭގެ ބަދަލުގައި އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ވަނީ އީރާނާ ދެކޮޅަށް އަޅަމުން ދިޔަ ދަތި ކުރުމުގެ ފިޔަވަޅުތަކަށް ލުއި ދީފައެވެ.
އެއިރު ވެސް ޔަހޫދީން ދިޔައީ ޖީސީޕީއޯއޭ އެއްބަސްވުމަށް އިންކާރު ކުރަމުންނެވެ. އަދި، އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ދެވަނަ ދައުރަކަށް ޓްރަމްޕް ޙަވާލުވެ ވަޑައިގެންނެވުމާ އެކު، އެމެރިކާއާއި ޔަހޫދީންގެ ސިޔާސަތު މި ވަނީ އެއްގޮތްވެފައެވެ. އެއީ، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓުމަކަށް ގެނައުމެވެ. ނިއުކްލިޔަރ ދެ ބާރުން ކަމުގައިވާ އެމެރިކާއާއި ޒަޔަނިސްޓު އިސްރާއީލުން ޤަބޫލު ކުރާ ގޮތުގައި އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމަކީ އިސްރާއީލުގެ ދެމިއޮތުމާއި ޔަހޫދީންގެ ޙިމާޔަތަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ.
ޓްރަމްޕާއި ޔަހޫދީން ބޭނުން ވަނީ އީރާން ނައްތައިލަން
ޖޫން 13ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް އަމާޒު ކުރަމުން އެ ދަނީ އެމެރިކާއާ ގުޅިގެން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އެ ޙަމަލާތައް ރޭވުމުގައި ޔަހޫދީން ޓްރަމްޕްގެ ސަރުކާރާ އެކު މަޝްވަރާ ކޮށްފައިވާ ކަން ސާފެވެ. އަދި، ޙަމަލާ ދޭން ފަށާފައި މި ވަނީ އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައި ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް، އެމެރިކާއިން ބުނީ، ޔަހޫދީންގެ ޙަމަލާތަކުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާނެ ކަމުގައެވެ.
ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން އެމެރިކާއާ އެކު އެއްބަސްވުމެއް އެކުލަވައިލުމަށް އީރާނަށް މަޖުބޫރު ކުރުވުމަށް އިތުރު ފުރުޞަތެއް ޓްރަމްޕަށް ލިބިގެން ގޮސްފައިވާ ކަމުގައި ވެސް މަސްރަޙު ދިރާސާ ބައެއް ފަރާތްތަކުން ޤަބޫލު ކުރެއެވެ. އެ ގޮތަށް ޤަބޫލު ކުރައްވާ އެއް ބޭފުޅަކީ ރޯޔަލް ޔުނައިޓެޑް ސަރވިސް އިންސްޓިޓިއުޓް (އާރްޔޫއެސްއައި)ގައި އީރާންގެ މަސްރަޙު ދިރާސާ ކުރައްވާ މައިކަލް ސްޓީވަންސެވެ. އޭނާ ވިދާޅުވީ، މި ދަނޑިވަޅުގެ ބޭނުންހިފައި، އެއްބަސްވުމެއް އެކުލަވައިލުމަށް އީރާނަށް މަޖުބޫރު ކުރުވުމަށް ޓްރަމްޕް މަސައްކަތް ކުރައްވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ.
ޖޫން 13ވަނަ ދުވަހު ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ އީރާނަށް އިތުރު ގޮތެއް ނެތް ކަމަށް ސިފަވާ މޭރުމަކުން ވިދާޅުވެފައެވެ. އަދި، ޔަހޫދީ ފައުޖުން އީރާނަށް އަމާޒުކޮށް ދެން ދޭ ޙަމަލާތައް އިތުރަށް ނުރައްކާތެރިވާނެ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް އެ މޭރުމުން ވިދާޅުވި ފަހުން ވެސް ޔަހޫދީ ފަައުޖުން ވަނީ އީރާނަށް އަމާޒުކޮށް އިތުރު ހަމަލާތަކެއް ދީފައެވެ.
“މި ކަމުގައި [އީރާނަށް] ފައިދާ ކުރަނިވި މަގެއް އޮތް ކަމަކަށް ނުފެނޭ. [އީރާންގެ ރޫހީ ވެރިޔާ އާޔަތުالله ޢަލީ] އަލް-ޚާމަނާޢީއަށް އޮތީ ދެ ގޮތެއް؛ އެއީ އެއްބަސްވުމެއް އެކުލަވައިލުމަށް އޮފިޝަލުންނަށް އެންގެވުން، ނުވަތަ ގޮތުގައި ހިފެހެއްޓެވުން، އެއިރުން އިތުރު މަރުކަޒުތަކަށް ޙަމަލާދީ އިތުރު [އިސްވެރިން] ޝަހީދު ކޮށްލާނެ. ދެ ގޮތުން ކުރެ އެއްގޮތް ޚިޔާރު ކުރި ނަމަވެސް، ނިއުކްލިޔަރ ބޮމެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް އެ ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައި، އަދި އެ ކަން ހާސިލު ކުރަން ދެން ވަރަށް ދަތިވާނެ،” ސްޓީވަންސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ޝަޓާރ ސްޓޮކް) އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ...
އީރާނުގެ އާ ރޫހާނީ ލީޑަރަކީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖްތަބާ
އިސްރާއީލާއި އެމެރިކާގެ ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަންކޮށްފި...
ފޯޅަވަހި މައްސަލައިގައި މިދިޔަ ސަރުކާރުން ސިއްރުން ސިޓީ ފޮނުވުމަކީ އެންމެ މަތީ ހިޔާނާތުގެ ކުށެއް!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ފޯޅަވަހި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ސަރުކާރަށް ސިއްރު ސިޓީއެއް ފޮނުއްވުމަކީ ގާނޫނުއަސާސީއާ ހިލާފު، ގައުމަށް...
ދެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ، ގާނޫނު އަސާސީގެ މުސައްނިފުންގެ ވިސްނުމެއް ނޫން: ނާޒިމް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރު ހިންގާ ޕީއެންސީންނާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް...
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުން ވަނީ ގައުމުގެ ހަމަޖެހުމަށް:ފަލާހް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ...
މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮަށްގެން، 164 އުމްރާވެރިން ރޭ ފުރައިފި
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އެކި ސަބަބުތަކާހުރެ އުމްރާއަށް ނުފުރި ތިބި 164 މީހަކު، ސަރުކާރުގެ އެހީތެރިކަމާއެކު ރޭ ފުރައިފި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ...
