Read Time:24 Minute, 57 Second

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)

 

 

ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީ ފައުޖުން މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ އީރާނަށް ކުއްލި ހަމަލާތަކެއް ދީފައި ވަނީ ޖޫން 13ވަނަ ދުވަހު އީރާން ގަޑިން ދަންވަރުގެ ވަގުތުގައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރަމުންދާ އިމާރާތްތަކާއި އަސްކަރީ މަރުކަޒުތަކަށެވެ. އަދި، އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނަށެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ އިސް ކޮމާންޑަރު ޙުސައިން ސަލާމީއާއި އަސްކަރިއްޔާގެ އިސް ޖެނެރަލް މުޙައްމަދު ބާޤިރީ ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން، އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމުގައި މަސައްކަތް ކުރައްވާ އިސް ހަ ސައިންޓިސްޓުން ހިމެނެއެވެ.

 

އައިއާރްޖީސީގެ އޭރޯ-ސްޕޭސް ފޯސްގެ އިސް ކޮމާންޑަރު އަމީރު ޢަލީ ޚާޖީޛާދާ ޝަހީދު ކޮށްލާފައިވާނެ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ. ނަމަވެސް، އީރާނުގެ ރަސްމީ އެއްވެސް އިދާރާއަކުން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ. ޔަހޫދީންގެ ޙަމަލާތަކުގައި އީރާންގެ ރޫހީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީގެ އިސް މުޝީރެއް ކަމުގައިވާ ޢަލީ ޝަމްޚާނީ ހިމެނިވަޑައިގަންނަވައެވެ.

 

 

މެންދަމުންއަލިވެ 1:30 (އީރާން ގަޑި)

 

ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން އީރާންގެ ވައިގެ ސަރަޙައްދަށް ވަދެ، ޙަމަލާ ދޭން ފަށާފައި ވަނީ އީރާން ގަޑިން މެންދަމުންއަލިވެ 1:30ހާއިރެވެ. އެ ޙަމަލާތަކުގައި 100އަށްވުރެ ގިނަ އަސްކަރީ މަތިންދާބޯޓު ބޭނުން ކޮށްފައިވާއިރު، އޭގެ ތެރޭގައި އެމެރިކާގައި އުފައްދާ އެފް-35 މަރުކާގެ އެންމެ ފަހުގެ ޒަމާނީ މަތިންދާބޯޓުތައް ހިމެނެއެވެ. އެއީ، ރާޑަރަށް ސިއްރިޔާތުގައި ދަތުރު ކުރުމުގެ ޤާބިލު ކަން ލިބިފައިވާ އުޅަނދެކެވެ.

 

ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން އީރާންގެ އަށް ސަރަޙައްދަކަށް ފަސް ފަހަރެއްގެ މަތިން ނުރައްކާތެރި ޙަމަލާތަކެއް ދިނެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރަމުންދާ މަރުކަޒުތަކާއި، އަސްކަރީ މަރުކަޒުތަކުގެ އިތުރުން އެ ޤައުމުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނަށެވެ. ޙަމަލާތައް އަމާޒު ކޮށްފައިވާ ރަށްތަކުގެ ވެރިރަށް ޠަހްރާނާއި، ދެކުނުގައި އޮތް ނަޠަންޛާއި އަޞްފިހާނާއި، ހުޅަނގުއުތުރ ތަބްރީޛާއި، ހުޅަނގުދެކުނު އަރާކީގެ އިތުރުން ހުޅަނގުގައި އޮތް ކަރްމަންޝާހް ހިމެނެއެވެ. އޭގެ ތެރެއިން ނަޠަންޛުގައި ހުރި މަރުކަޒަކީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް ހިންގާ މައި މަރުކަޒެކެވެ. މީގެ އިތުރުން، ޠަހްރާނަށް ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އައިއާރްޖީސީ މައި މަރުކަޒުތަކާއި އިސް ކޮމާންޑަރުންނާ ގުޅުން ހުރި އިމާރާތްތަކަށެވެ. އަދި، އަސްކަރީ މަރުކަޒުތަކަށެވެ.

 

 

2:00 (އީރާން ގަޑި)

 

ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ އިސް ވެރިންތަކަކާއި، ނިއުކްލިޔަރ ޕުރޮގުރާމުގައި މަސައްކަތް ކުރައްވާ ބައެއް ސައިންޓިސްޓުން ޝަހީދު ކޮށްލާފައިވާ ކަން އީރާނުގެ ދައުލަތުގެ މީޑިޔާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި އަސްކަރިއްޔާގެ ވެރިޔާ، މޭޖަރ ޖެނެރަލް މުޙައްމަދު މުޙައްމަދު ބާޤިރީއާއި، އައިއާރްޖީސީގެ އިސް ކޮމާންޑަރު ޖެނެރަލް ޙުސައިން ސަލާމީއާއި، އީރާނުގެ އަސްކަރިއްޔާގެ މައި މަރުކަޒުގެ ވެރިޔާ ޖެނެރަލް ޣުލާމް ޢަލީ ރަޝީދު ހިމެނިވަޑައިގަންނަވާ ކަމުގައި އީރާނުގެ ދައުލަތުގެ މީޑިޔާއިން ބުންޏެވެ.

 

މީގެ އިތުރުން އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގައި މަސައްކަތް ކުރައްވާ އިސް ސައިންޓިސްޓުންގެ ތެރެއިން ފަރީދޫން ޢައްބާސީއާއި، މުޙައްމަދު މަހްދީ ޠަހްރާންޖީއާއި، ޢަބްދުލްޙަމީދު މަނޫޝަހްރާއި، އަޙްމަދު ރިޟާ ޛުލްފާޣަރީއާއި، އަމީރު ޙުސައިން ފަޤީހީއާއި ޚަލީލް މަޠްލަބީޛާދާ ހިމެނިވަޑައިގަންނަވެއެވެ. އެ ބޭފުޅުން ޝަހީދު ކޮށްލާފައި ވަނީ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރާ މަރުކަޒުތަކަށް ދިން ޙަމަލާތަކުގައެވެ.

 

 

2:30 (އީރާން ގަޑި)

 

ޔަހޫދީންގެ ޙަމަލާތަކާ ގުޅިގެން އީރާނުން ފިޔަވަޅުތައް އަޅަން ފަށާފައި ވަނީ މެންދަމުންއަލިވެ 2:30ވީ ފަހުންނެވެ. އެންމެ ފުރަތަމަ އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޠަހްރާންގެ މައި އަސްކަރީ ވައިގެ ބަނދަރު ބަންދު ކުރުމާއި، ވައިގެ ދިފާޢީ ނިޒާމު އެކްޓިވޭޓް ކުރުން، ނުވަތަ އޮޕަރޭޝަނަށް ގެނައުން ހިމެނެއެވެ.

 

އީރާނަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގެ ބަދަލު ހިފާނެ ކަމުގައި ވިދާޅުވެ، ޚާމަނާޢީ ޔަހޫދީންނަށް ވަރުގަދަ އިންޒާރެއް ދެއްވާފައި ވަނީ ވެސް އޭގެ ފަހުންނެވެ. “މި ޖަރީމާއާ އެކު ޒަޔަނިސްޓު ދައުލަތުން އެ ވަނީ ހިތި އަދި އަނިޔާވެރި ނިޔާއެއް އަމިއްލައަށް ކަނޑައަޅާފައި، އެ ކަން އެ މީހުންނަށް [ޔަހޫދީންނަށް] ރައްދު ކޮށްދޭ ނަން،” ޚާމަނާޢީ ވިދާޅުވިއެވެ. ޔަހޫދީންނަށް ރައްދު ޙަމަލާ ދިނުމުގެ ގޮތުން އީރާނުން ވަނީ މަދު އަދަދެއްގެ ޑްރޯންތަކެއް ވެސް ޒަޔަނިސްޓު އިސްރާއީލުގެ އަމާޒަށް އުދުއްސައިލާފައެވެ. އެއީ، އީރާންގެ ރައްދު ޙަމަލާގެ ފެށުމެވެ.

 

 

3:30 (އީރާން ގަޑި)

 

އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައިވާނެ ކަން ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިޢުލާނު ކުރިއެވެ. އެއީ، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ސަބަބުން ޒަޔަނިސްޓު އިސްރާއީލަށް އޮތް ނުރައްކަލުން ސަލާމަތްވުމަށް ކުރީބައިގައި އަޅާފައިވާ ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް އީރާނުން ކުރަމުންދާ މަސައްކަތްތަކުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމުގައި ވެސް އޭނާ ބުންޏެވެ. އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ޙަމަލާތައް މެދުކަނޑައިނުލައި ކުރިއަށް ގެންދާނެ ކަމުގައި ވެސް ނަތަންޔާހޫ ބުންޏެވެ. އޭނާ މިމޭރުމުން ބުނުމާ އެކު، ޒަޔަނިސްޓު އިސްރާއީލުގެ ޖާސޫސީ އިދާރާއިން ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ މަޢުލޫމާތުތަކެއް ހާމަކޮށްފައެވެ. އަދި، 2023 އޮކްޓޫބަރުގެ ފަހުން%60އަށް ޔުރޭނިޔަމް ފައްކާ ކުރުމުގެ ޤާބިލު ކަން އީރާނުން ހޯދާފައިވާ ކަމުގައި ތުހުމަތު ކުރިއެވެ.

 

 

3:30ން 4:30އަށް (އީރާން ގަޑި)

 

އީރާންގެ އެކި ސަރަޙައްދުތަކުން ބާރުގަދަ ގޮވުންތަކެއްގެ ޚަބަރުތައް ރިޕޯޓު ކުރިއެވެ. އޭގެ ތެރޭގައި ވެރިރަށް ޠަހްރާން ހިމެނެއެވެ. އަދި ނަޠަންޛާއި ޚަވަންދާބްގައި ހުރި ނިއުކްލިޔަރ މަރުކަޒުތަކުގައި ރޯވެ، އަނދަމުންދާ ކަމުގެ ޚަބަރުތައް ފެތުރުނެވެ. އީރާނުން އެ މަރުކަޒުތަކަށް ދީފައިވާ ޙަމަލާތަކުގައި ޢާންމުންގެ ބައެއް މީހުން ޒަޚަމުވި ކަމުގެ ރިޕޯޓުތައް ވެސް ލިބުނެވެ.

 

 

4:30 (އީރާން ގަޑި)

 

ޔަހޫދީ ފައުޖުން އީރާނަށް ޙަމަލާ ދޭން އުޅޭ ކަމުގެ މަޢުލޫމާތު ކުރިން ލިބިފައިވާ ކަން އެމެރިކާގެ ޚާރިޖީ ވުޒާރާއިން އިޢުލާނު ކުރިއެވެ. އެމެރިކާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ، އީރާނަށް ޙަމަލާ ދިނުމަށް ޔަހޫދީ ފައުޖުން ތައްޔާރުވަމުންދާ ކަމުގެ މަޢުލޫމާތު ކުރިން ލިބިފައިވީ ނަމަވެސް، އެ ޙަމަލާތަކުގައި އެމެރިކާގެ އަސްކަރިއްޔާއިން އަމަލީ ގޮތެއްގައި ބައިވެރިވެފައި ނުވާނެ ކަމުގައެވެ.

 

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ، އެމެރިކާގެ އެންމެ އިސް އަމާޒަކީ، މެދުއިރުމަތީގެ ޤައުމުތަކުގައި ޤާއިމު ކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި އިސްތިޢުމާރީ ސިފައިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމުގައެވެ. “އީރާނަށް ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ޤާބިލުކަން ނުދޭނެ،” ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ހުރްމުޒް ކަނޑާއި އޮމާން ކަނޑުން ދަތުރު ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމުގައި ބުނެ، އިނގިރޭސިވިލާތުގެ ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަމާ ބެހޭ އިދާރާ (ޔޫކޭއެމްޓީއޯ)ން ވަނީ އިންޒާރެއް ނެރެފައެވެ.

 

 

ފަތިހު 5:30 (އީރާން ގަޑި)

 

ބަދަލު ހިފުމުގެ ގޮތުން ޒަޔަނިސްޓު އިސްރާއީލަށް ނުރައްކާތެރި ޙަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަން އީރާނުން ހާމަކުރިއެވެ. ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަމުން އީރާންގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ބުނީ، ބެލިސްޓިކް މިސައިލް ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން ޒަޔަނިސްޓު އިސްރާއީލަށް ރައްދު ޙަމަލާތައް ދިނުމަށް އީރާނުގެ އަސްކަރިއްޔާއިން ތައްޔާރުވަމުންދާ ކަމުގައެވެ.

 

އީރާނުން ވަނީ އެ ޤައުމުގެ އަސްކަރީ މަރުކަޒުތަކާއި ހުރިހާ ލަޝްކަރުތަކެއް ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަން ވެސް އިޢުލާނު ކޮށްފައެވެ. އަދި، ނަޠަންޛުގައި ހުރި ނިއުކްލިޔަރ މަރުކަޒުގައި ބޭނުން ކުރާ ބައެއް ސެންޓްރިފިޔުޖްގެ މަސައްކަތްތަކަށް ޔަހޫދީންގެ ޙަމަލާތަކާ ގުޅިގެން ބުރޫއަރާފައިވާ ކަން ވެސް އީރާނުން ހާމަކުރިއެވެ.

 

 

ހެނދުނު 6:30 (އީރާން ގަޑި)

 

އީރާން ގަޑިން ހެނދުނު 6:30ހާއިރު ޔަހޫދީ ފައުޖުން ވަނީ އީރާންގެ އެކި ސަރަޙައްދުތަކަށް އިތުރު ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ މިސައިލް އުދުއްސައިލުމަށް ބޭނުން ކުރާ މަރުކަޒުތަކާއި، ދަތުރުފަތުރާއި ހަތިޔާރު ރައްކާކޮށްފައި ހުރި ސަރަޙައްދުތަކަށް ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ. އަދި، ރައްދު ޙަމަލާ ދިނުމުގެ ގޮތުން އީރާނުން އަސްކަރީ ޑްރޯން ބޭނުން ކޮށްފާނެ ކަމަށް ބަލައި، އެ ކަން ވަރަށް ގާތުން ބަލަމުންދާ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ.

 

 

ހެނދުނު 6:30ން 9:30އަށް (އީރާން ގަޑި)

 

އީރާން ގަޑިން ހެނދުނު 6:30އާއި 9:30އާ ދެމެދު އެ ޤައުމުގެ ބާރުގަދަ ލަޝްކަރުން ވަނީ ޒަޔަނިސްޓު އިސްރާއީލަށް އަމާޒުކޮށް ޙަމަލާ ދޭން ފަށާފައެވެ. އެންމެ ފުރަތަމަ ޙަމަލާތަކުގައި 100އެއްހާ އަސްކަރީ ޑްރޯން ބޭނުން ކުރިއެވެ. ނަމަވެސް، އޭގެ ތެރެއިން ގިނަ ޑްރޯންތައް ޔަހޫދީ ފައުޖުން ވަނީ ދިފާޢުކޮށް ވައްޓައިލާފައެވެ. ބައެއް ޑްރޯންތައް ދިފާޢުކޮށް ވައްޓައިލާފައި ވަނީ ޢިރާޤުގެ ވައިގެ ސަރަޙައްދުންނެވެ. އެ ޙަމަލާތަކުގައި ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް ލިބިފައިވާ ގެއްލުމުގެ މަޢުލޫމާތު ސާފެއް ނޫނެވެ.

 

 

ހެނދުނު 7:30 (އީރާން ގަޑި)

 

އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އދގެ އެޓޮމިކް ހަކަތައާ ބެހޭ މައި އިދާރާ (އައިއޭއީއޭ)ން ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި އައިއޭއީއޭން ބުނީ، ޖޫން 12ވަނަ ދުވަހު އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ހިންގާ މަރުކަޒުތައް ބަލައިފާސްކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމުގައެވެ. ނަމަވެސް، އީރާނުން އެ ކަމަށް ހުރަސް އަޅާފައިވާ ކަމުގައި ވެސް އައިއޭއީއޭން ބުންޏެވެ.

 

އީރާނާއި ޒަޔަނިސްޓު އިސްރާއީލާ ދެމެދު ޙަމަލާ ބަދަލު ކުރަން ފެށުމާ އެކު، އީރާން ގަޑިން ހެނދުނު 7:30ހާއިރު އެމެރިކާއިން ވެސް ވަނީ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އޭގެ ތެރޭގައި، މެދުއިރުމަތީގެ ހާލަތާ ގުޅޭ ގޮތުން ވަގުތުން ފިޔަވަޅު އަޅާނެ ޓާސްކްފޯހެއް އެކުލަވައިލުން ހިމެނެއެވެ. އަދި، މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންނާއި، އެމްބަސީތަކުގައި ތިބި މުވަައްޒަފުންނާއި އެ މީހުންގެ ޢާއިލާގެ މެންބަރުން އެ ޤައުމުތަކުން ބާލާނެ ގޮތުގެ ރޭވުންތައް ރާވަން ފެށިއެވެ.

 

 

ހެނދުނު 8:30 (އީރާން ގަޑި)

 

އީރާނާއި ޒަޔަނިސްޓު އިސްރާއީލާ ދެމެދު ނުރައްކާތެރި ޙަމަލާތަކެއް ބަދަލު ކުރަން ފެށުމާ އެކު، މަދަނީ ވައިގެ ޚިދުމަތްދޭ އެއަރލައިންތަކުން ވަނީ އެ ސަރަޙައްދުން ދަތުރު ކުރުން މެދުކަނޑައިލާފައެވެ. އިސްރާއީލާއި އީރާންގެ ވައިގެ ސަރަޙައްދުގެ އިތުރުން ޢިރާޤާއި އުރުދުންގެ ވައިގެ ސަރަޙައްދު ބޭނުން ކުރުން ވެސް އެއަރލައިންތަކުން ވަނީ މެދުކަނޑާއިލާފައެވެ. އަދި، ގިނަ އަދަދެއްގެ އެއަރލައިންތަކުން ވަނީ ޒަޔަނިސްޓު އިސްރާއީލުގެ ވެރިރަށް ތެލް އަވީވަށް ކުރުމަށް ހަމަޖެހިފައި އޮތް ދަތުރުތައް މެދުކަނޑައިލާފައެވެ.

 

 

ހެނދުނު 9:00 (އީރާން ގަޑި)

 

އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރަމުންދާ މަރުކަޒުތަކުގެ ހާލަތު ވަޒަންކޮށް، އައިއޭއީއޭން ވަނީ ރިޕޯޓެއް ޢާންމު ކޮށްފައެވެ. އައިއޭއީއޭން ބުނީ، ޔަހޫދީ ފައުޖުގެ ޙަމަަލާތަކާ ގުޅިގެން އީރާންގެ އެއްވެސް ނިއުކްލިޔަރ މަރުކަޒަކުން ނުރައްކާތެރި ރޭޑިޔޭޝަން ލީކުވެފައި ނުވާ ކަމުގައެވެ. އަދި، ޔަހޫދީންގެ ޙަމަލާތަކުގައި އީރާންގެ ބޫޝަހްރް ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓަށް ގެއްލުން ލިބިފައި ނުވާ ކަމުގައި ވެސް އައިއޭއީއޭން ބުންޏެވެ.

 

 

ހެނދުނު 6:00ން 7:00އަށް (އީރާން ގަޑި)

 

ޒަޔަނިސްޓު އިސްރާއީލަށް ޙަމަލާ ދިނުމަށް އީރާނުން ބޭނުން ކުރި އަސްކަރީ ޑްރޯންތަކެއް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަން އުރުދުންގެ އަސްކަރިއްޔާއިން ހާމަކުރިއެވެ. އުރުދުންގެ އަސްކަރިއްޔާއިން ބުނީ، އެ ޑްރޯންތައް ވައްޓައިލާފައި ވަނީ ހުއްދަ ހޯދުމަކާ ނުލައި އެ ޤައުމުގެ ވައިގެ ސަރަޙައްދަށް އެތެރެވުމާ ގުޅިގެން ކަމުގައެވެ. އެ ވަގުތު ޔަހޫދީ ފައުޖުން ވެސް ވަނީ އީރާނަށް އިތުރު ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ރާޑަރު ނިޒާމުތަކާއި، މިސައިލް ލޯންޗު ކުރުމަށް ނުވަތަ އުދުއްސައިލުމަށް ކުރުމަށް ބޭނުން ކުރާ މަރުކަޒުތަކަށް ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ.

 

 

ހެނދުނު 7:30 (އީރާން ގަޑި)

 

އީރާނުން ޒަޔަނިސްޓުންނަށް އަނެއްކާ ވެސް ވަރުގަދަ އިންޒާރެއް ދިނެވެ. އީރާނުގެ އަސްކަރިއްޔާއިން ބުނީ، ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންނަށް އަމާޒުކޮށްދޭ ޙަމަލާތަކުގައި އެއްވެސް “ހައްދެއް” ނުގެންގުޅޭނެ ކަމުގައެވެ. އަދި، ބޭނުން ނުކުރާނެ އެއްވެސް ވަސީލަތެއް، އަދި ހަތިޔާރެއް ނޯންނާނެ ކަމުގައެވެ. “ބައިތުލްމަޤްދިސަށް އަތްގަދަ ކޮށްފައިވާ އިސްތިޢުމާރީ ނިރުބަވެރި ދައުލަތުން އެ ވަނީ ހުރިހާ ރަތް ރޮނގުތަކެއް ހުރަސް ކޮށްފައި، އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ދޭ ޙަމަލާތަކުގައި އެއްވެސް ހައްދެއް ނޯންނާނެ،” އީރާންގެ އަސްކަރިއްޔާގެ ޖެނރަލް ސްޓާފުން ނެރުނު ބަޔާނެއްގައި ޒަޔަނިސްޓުންނަށް އިންޒާރު ދެމުން ބުންޏެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
57 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
43 %
Surprise
Surprise
0 %