Read Time:29 Minute, 28 Second

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)

 

 

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މުޅި ދުނިޔެއަށް ސިހުން ގެނުވި އެއް ޚަބަރަކީ އެއާ އިންޑިޔާގެ މަތިންދާބޯޓެއް ވެއްޓުނު ޚަބަރެވެ. 242 މީހުން ގޮވައިގެން ގުޖުރާތުގެ އަޙްމަދުއާބާދުން ފުރައިގެން އިނގިރޭސިވިލާތުގެ ލަންޑަންގެ ގެެޓްވިކަށް ދަތުރު ކުރުމަށް ފުރި މަތިންދާބޯޓު ވެއްޓިފައި ވަނީ އެ މަތިންދާބޯޓު ވައިގެ ބަނދަރުން ފުރިތާ ހިނދު ކޮޅެއްގެ ތެރޭގައި، ގާތްގަނޑަކަށް މިނެޓެއްހާއިރު ތެރޭގައެވެ. މަތިންދާބޯޓުން ދަތުރު ކުރި އެންމެން އެ ހާދިޘާގައި މަރުވެފައިވާ ކަމަށް ޚަބަރުތައް ދައުރުވާން ފެށިއެވެ.

 

ނަމަވެސް މަތިންދާބޯޓު ވެއްޓުނު ސަރަޙައްދުން ދެން ވެސް ފެނުނީ ސިހުން ގެނުވި މަންޒަރެކެވެ. އެއީ މަތިންދާބޯޓު ވެއްޓުނު ސަރަޙައްދުން، އެ އުޅަނދުގައި ދަތުރުކުރި މީހަކު ދިރިހުރި ޙާލުގައި ހިނގާލާފައި އަންނަ މަންޒަރެވެ. އެހާ ހިސާބުން އުފެދުނު އެންމެ ބޮޑު ސުވާލަކީ މަތިންދާބޯޓުގައި ދަތުރު ކުރި އެތައް ބައެއްގެ ތެރެއިން، މި މީހާއަށް ސަލާމަތް ވެވުނީ ކިހިނެތްތޯއެވެ. އިންޑިޔާއަށް އުފަން، ނަމަވެސް މިހާރު އިނގިރޭސިވިލާތުގެ ރައްވެއްސެއް ކަމަށްވާ އުމުރުން 40 އަހަރުގެ ވިޝްވަޝް ކުމާރު ރަމޭޝް، އޭނާގެ އަންހެނުންނާއި ދަރިފުޅާއެކު ފާއިތުވި 20 އަހަރު ދިއިރުޅެމުން އަންނަނީ އިނގިރޭސިވިލާތުގައެވެ. އޭނާ އިންޑިޔާއަށް ދަތުރު ކުރީ އިންޑިޔާގައި ދިރިއުޅޭ އޭނާގެ ޢާއިލީ މެންބަރުންނާއި ގާތްތިމާގެ މީހުންނަށް ޒިޔާރަތް ކުރުމަށެވެ. އެ ދަތުރުގައި އޭނާގެ ބޭބެ، 45 އަހަރުގެ އަޖޭ ކުމާރު ރަމޭޝް ވެސް އޭނާއާއެކު ބައިވެރިވިއެވެ.

 

ހަސްފަތާލުގެ އެނދެއްގައި އޮވެ ހާދިޘާ މެދުވެރިވި ގޮތް ކިޔައިދެމުން ވިޝްވަޝް ބުނީ މަތިންދާބޯޓު ނައްޓާލިތާ 30އަކަށް ސިކުންތު ފަހުން ވަރަށް ބާރު އަޑެއް އިވުނު ކަމަށެވެ. މަތިންދާބޯޓު ވެއްޓުނީ އެއަށް ފަހުއެވެ. ހުރިހާ ކަމެއް ވެސް ހިނގައި ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ. ކަންދިމާކުރި ގޮތުން ލަންޑަނަށް ދިޔުމަށް ކުރި ދަތުރުގައި ވިޝްވަޝް އިން ސީޓަކީ 11އޭއެވެ. އެއީ މަތިންދާބޯޓުގައި ހުންނަ ކުއްލި ޙާލަތުގައި ބޭނުންކުރާ އެމަޖެންސީ ދޮރާ ޖެހިގެން ހުންނަ ސީޓެވެ. މަތިންދާބޯޓު ފުރިތާ ހިނދުކޮޅެއް ތެރޭ މައްސަލަތައް ދިމާވެ އެ އުޅަނދު ވެއްޓެން މެދުވެރިވި ގަޑީގައި ހަމަ ބުއްދިން މާ ބޮޑު ވިސްނުންތަކެއް ވިސްނާ ފިޔަވަޅެއް އަޅާނެ ވަގުތެއް ނުލިބޭނެ ކަން ޔަޤީނެވެ. ނަމަވެސް މަތިންދާބޯޓު ވެއްޓުމުގެ ކުރިން، އެ ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި ވިޝްވަޝް ވަނީ ވަރަށް ހުށިޔާރުކަމާއެކު މަތިންދާބޯޓުގެ ދޮރު ހުޅުވައި ބޭރަށް ފުއްމާލައިފައެވެ. އޭނާ ސަލާމަތްވި އެއް ސަބަބަކީ އޭނާ ފުއްމާލި ވަގުތަކީ މަތިންދާބޯޓު ވެއްޓެން ދިޔަ ވަގުތުކަމުގައިވުމުން، އެ އުޅަނދާއި ބިމަ ދެމެދު ހުރި ދުރުމިން ކުޑަވުމެވެ. އޭނާ ސަލާމަތްވީ މަތިންދާބޯޓުން ފުއްމާލުމުން ކަމަށް އަޙްމަދުއާބާުދުގެ އިސް ފުލުހެއް ކަމަށްވާ ވީދީ ޗައުދަރީ ވަނީ ޔަޤީން ކޮށްދެއްވައިފައެވެ.

 

ވިޝްވަޝް ބުނީ އޭނާ ތެދުވިއިރު ވަށައިގެން ހުރީ ހުސް ހަށިތަކާއި މަތިންދާބޯޓުގެ ބައިތައް ކަމަށެވެ. އެ ވަގުތު ވަރަށް ބޮޑަށް ބިރުވެރިކަން އިޙްސާސް ކުރެވުނު ކަމަށް އޭނާ ބުންޏެވެ. ވާނުވާ ރަނގަޅަށް ދޭހަވާން ފެށުމުން އޭނާ އަވަހަށް ތެދުވެ ދުއްވައިގަތީއެވެ. ވަކި ހިސާބަކުން ކޮންމެވެސް މީހަކު އޭނާ ހިފަހައްޓައި، އެމްބިޔުލަންސަކަށް އަރުވައިގެން ހަސްފަތާލަށް އޭނާ ގެންދިޔަ ކަމަށް ވިޝްވަޝް ބުންޏެވެ. މަތިންދާބޯޓު ވެއްޓުނު ހާދިޘާގައި ވިޝްވަޝް ފުއްމާލުމުން ވެއްޓި ޖެހުނު ގޮތުގެ ސަބަބުން އޭނާގެ މެއަށާއި ލޮލަށާއި ފައިތިލައަށް ގެއްލުންތަކެއް ލިބިފައިވެއެވެ. ވިޝްވަޝްއަށް ހަވާލާދީ އޭނާގެ ތިމާގެ މީހުން ބުނީ އޭނާއަށް މަތިންދާބޯޓުން ސަލާމަތް ވެވުނީ ކިހިނެތް ކަމެއް ހުދު އޭނާއަށް ވެސް ނޭނގޭ ކަމަށެވެ.

 

 

ވިޝްވަޝް ސަލާމަތްވުން: ފަހު ވަގުތު ސީޓު ބަދަލު ކުރުމުގެ ނަތީޖާ؟

 

 

އިންޑިޔާގެ ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މަތިންދާބޯޓުގެ މެނިފެސްޓުގައި ވިޝްވަޝްގެ ސީޓު ކަމަށް ޖަހާފައި އޮތީ 11ޖީއެވެ. ނަމަވެސް އޭނާގެ ބޯޑިންގ ޕާހުގައި ޖަހާފައި އޮތް ސީޓު ނަމްަބަރަކީ 11އޭއެވެ. ވިޝްވަޝް ސަލާމަތްވީ 11އޭގައި އިނދެވުމުން ކަމަށްވާއިރު، އޭނާގެ މެނިފެސްޓުގައި އޮތް ސީޓު ނޫން ސީޓެއްގައި އިނދެވުމަކީ އޭނާއަށް ލިބުނު ބޮޑު ރަޙުމަތެކެވެ. ނަމަވެސް އެ ގޮތަށް އޭނާގެ ސީޓު ބަދަލުވާން ދިމާވި ސަބަބެއް މިހާތަަނަށް ސާފުވެފައެއް ނުވެއެވެ.

 

 

 

 

ވިޝްވަޝްގެ ސީޓު ބަދަލު ކުރުމަށް އޭނާ އަމިއްލައަށް އެދުނީ ކަމެއް، ނުވަތަ ކޮންމެ ވެސް ޙާލަތެއް މެދުވެރިވެގެން ފަޅުވެރިން އޭނާގެ ސީޓު ބަދަލު ކުރީ ކަމެއް ނޭނގެއެވެ. ފަހަރުގައި މެނިފެސްޓުގައި ގޯސްކޮށް ސީޓު ނަންބަރު ޖެހިފައި އޮތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ޔަޤީންވާ އެއްކަމަކީ އެމަޖެންސީ އެކްސިޓާ ދުުރުގައި ހުރި ސީޓެއްގައި ވިޝްވަޝް އިން ނަމަ އޭނާ ހާދިޘާގައި ސަލާމަތް ވުމަކީ ވަރަށް ނާދިރު ކަމެއް ކަމެވެ. ލަންޑަންގެ ޔުނިވަސިޓީ އޮފް ގްރީންވިޗުގެ ޕްރޮފެސަރެއް ކަމަށްވާ އެޑް ގަލިއާ ވިދާޅުވީ އެނާ ކުރި ދިރާސާއިން، މަތިންދާބޯޓެއް ވެއްޓެން މެދުވެރިވާ ޙާލަތުގައި ސަލާމަތްވުމުގެ ފުރުޞަތު އެންމެ ބޮޑީ އެމަޖެންސީ ދޮރުތަކާ އެންމެ ކައިރީގައި ހުންނަ ފަސް ބަރީގައި ތިބޭ މީހުންނަށް ކަމަށް ފާހަގަވި ކަމަށެވެ.

 

 

މަތިންދާބޯޓުގައި ތިބީ ކޮން ބައެއް؟ މަތިންދާބޯޓު ދުއްވި ޕައިލެޓުންނަކީ ކޮން ފެންވަރެއްގެ ބައެއް؟

 

 

ނުވަ ގަޑިއިރުގެ ދިގު ދަތުރަކަށް އޭއައި171 މަތިންދާބޯޓު ފުރިއިރު އެ އުޅަނދުގައި ތިބީ 230 ފަސިންޖަުންނާއި 12 ފަޅުވެރިންނެވެ. ފަސިންޖަރުންގެ ތެރޭގައި ގިނައީ އިންޑިޔާގެ ރައްޔިތުންނެވެ. އެ ގޮތުން އިންޑިޔާއަށް ނިޞްބަތްބާ 169 ރައްޔިތުންނާއި އިނގިރޭސިވިލާތަށް ނިޞްބަތްވާ 52 ރައްޔިތުންނާއި ޕޯޗުގަލްއަށް ނިޞްބަތްވާ ހަތް މީހުންނާއި ކެނެޑާއަށް ނިޞްބަތްވާ އެކަކު އެ މަތިންދާބޯޓުގައި ދަތުރު ކުރިއެވެ.

 

އެއާ އިންޑިޔާގެ ފްލައިޓް އޭއައި171 އަޙްމަދުއާބާދުން ފުރައިގެން ލަންޑަނަށް ދިޔުމަށް ފެށި ދަތުރުގައި ކެޕްޓަންގެ މަޤާމުގައި ހުރީ ސުމީތު ސަބްހާރްވަލެވެ. އޭނާއަކީ ތަޖުރިބާކާރު ޕައިލެޓެކެވެ. އޭނާ މަތިންދާބޯޓު ދުއްވާފައިވާ ޖުމްލަ ވަގުތު 8،200 ގަޑިއިރަށްވުރެ އިތުރެވެ. ކޮމާޝަލް އެއާލައިން ޕައިލެޓެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރާތާ 22 އަހަރު ވަނީ ވެފައެވެ. ފަސްޓް އޮފިސަރެއްގެ ގޮތުގައި ޙަރަކާތްތެރިވަމުން ދިޔަ ކްލައިވް ކުންދަރަކީ ވެސް ތަޖުރިބާ ކާރު ޕައިލެޓެކެވެ. އޭނާ މަތިންދާބޯޓު ދުއްވާފައިވާ ޖުމްލަ ވަގުތު 1،100އަށް އަރައެވެ.

 

 

 

 

އަޙްމަދުއާބާދުގެ ވައިގެ ބަނދަރުން މަތިންދާބޯޓު ނައްޓާލީ އިންޑިޔާ ގަޑިން 13:39ގައެވެ. މަތިންދާބޯޓު ނައްޓާލިތާ ހިނދުކޮޅެއްގެ ތެރޭގައި ނުރައްކާތެރި ޙާލަތެއް މެދުވެރިވެފައިވާ ކަން އެނގުމަށް މޭޑޭ ކޯލެއް ކޮކްޕިޓުން ދީފައިވާ ކަމަށް އިންޑިޔާގެ ވައިގެ ދަތުރުފަތުރާބެހޭ އިދާރާއިން ބުނެފައިވެއެވެ. އޭގެ ފަހުން އެ މަތިންދާބޯޓާ ގުޅަން މަސައްކަތް ކުރުމުން ޖަވާބެއް ލިބިފައެއް ނުވެއެވެ. މަތިންދާބޯޓު ނައްޓާލިތާ މިނެޓެއްހާއިރު ތެރޭ އެ މަތިންދާބޯޓުން ސިގްނަލް ދިނުން ހުއްޓިފައިވާއިރު، މަތިންދާބޯޓުގެ ޕައިލެޓުން އެހީއަށް އެދި ގޮވަން ޖެހުނު ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

 

މަތިންދާބޯޓު ވެއްޓުމުގެ ކުރިން އެންމެ ފަހުން ފޮނުވާފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި ނައްޓާލުމާއެކު އެ އުޅަނދު އަރާފައި ވަނީ 625 ފޫޓު ނުވަތަ 109 މީޓަރުގެ އުސްމިނަށެވެ. އެއަށްފަހު މަތިންދާބޯޓު ވަނީ ތިރިވާން ފަށައެވެ. އެ އުޅަނދު ތިރިވަމުން ތިރިވަމުން ގޮސް އެންމެ ފަހުން އިމާރާތްތަކެއް ހުރި ސަރަޙައްދަކަށް އެ މަތިންދާބޯޓު ވެއްޓުނެވެ. މަތިންދާބޯޓު ވެއްޓިފައި ވަނީ އަޙްމަދުއާބާދު ވައިގެ ބަނދަރު ކައިރީގައި ހުންނަ މެޑިކަލް ކޮލެޖެއްގެ ދަރިވަރުން ތިބޭ ހޮސްޓެލްއަކަށެވެ. މަތިންދާބޯޓު ވެއްޓުމާއެކު އެ އުޅަނދު ވަނީ ގޮވާފައެވެ. އެ ހާދިޘާަގައި މަތިންދާބޯޓުގައި ތިބި މީހުންނާއި ހޮސްޓެލްގައި ތިބި މީހުންގެ އިތުރުން ބިމުގައި ތިބި މީހުން ހިމެނޭ ގޮތަށް މަރުވި މީހުންގެ ޢަދަދު ވަނީ 290އަށް އަރާފައެވެ.

 

 

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)

 

 

މަތިންދާބޯޓުގެ ޙާލަތު

 

އެއާ އިންޑިޔާގެ އޭއައި171އަކީ ބޮއިންގ 787-8 ޑްރީމްލައިނަރ މަރުކާގެ މަތިންދާބޯޓެކެވެ. މި މަރުކާގެ މަތިންދާބޯޓަކީ އެންމެ ރައްކާތެރި މަތިންދާބޯޓު ކަމުގައި ދެކެވެމުން އައި އެއް އުޅަނދެވެ. އޭއައި171އަކީ، މީގެ 14 އަހަރު ކުރިން، 2011ވަނަ އަހަރު މި މަތިންދާބޯޓު ބާޒާރަށް ނެރުނު ފަހުން ވެއްޓުނު މި މަރުކާގެ ފުރަތަމަ މަތިންދާބޯޓެވެ.

 

މީގެ ހަ ހަފްތާ ކުރިން ބޮއިންގ ކުންފުނިން ވަނީ މި މަރުކާގެ މަތިންދާބޯޓުގައި މިހާތަނަށް ޖުލްމަ އެއް ބިލިޔަން ފަސިންޖަރުން އުފުލާފައިވާ ކަމަށް އިޢުލާނު ކޮށް އެ ކަން ފާހަގަ ކޮށްފައެވެ. އެއީ ފަސް މިލިޔަނެއްހާ ފްލައިޓު މެދުވެރި ކޮށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1000އަށްވުރެ ގިނަ ޑްރީމްލައިނަރ މަތިންދާބޯޓު ދަނީ ބޭނުން ކުރަމުންނެވެ. ރައްކާތެރިކަމުގެ އެންމެ މަތީ ދަރަޖަ ހޯދާފައިވާ ބްރިިޓިޝް އެއަރވޭސްއާއި ވަރޖިން އެޓްލާންޓިކުން ވެސް މި މަރުކާގެ މަތިންދާބޯޓު ބޭނުން ކުރެއެވެ. ބޮއިންގުން ބުނާ ގޮތުގައި ޑްރީމްލައިނަރއަކީ އެ ކުންފުނިން އުފައްދާ މަތިންދާބޯޓުތަކުގެ ތެރެެއިން އެންމެ މަޤުބޫލު، އެންމެ ގިނައިން ވިކޭ އުފެއްދުމެވެ. މި މަތިންދާބޯޓަށް 89 ކަސްޓަމަރެއްގެ ފަރާތުން 2000އަށްވުރެ ގިނަ އޯޑަރު ލިބިފައިވާ ކަމަށް ބޮއިންގ ކުންފުނިން ބުނެއެވެ.

 

އެއާ އިންޑިޔާއިން މި މަތިންދާބޯތު ގަނެ ބޭނުން ކުރަން ފަށައިފައި ވަނީ 2014ވަނަ އަހަރުގެ ތެރޭގައެވެ. އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ސަންޖޭ ލަޒާރު ވިދާޅުވީ މި މަތިންދާބޯޓު ބޭނުންކޮށްފައި ވަނީ އެންމެ 11 އަހަރުކަމުން، މަތިންދާބޯޓަށް މާ ބޮޑެތި ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައި ހުރުމަކީ ދުރު ކަމެއް ކަމަށެވެ. ރަނގަޅަށް ބެލެހެއްޓިއްޖެ ނަމަ ކޮމާޝަލް މަތިންދާބޯޓުފަހަރު 25 އަހަރާއި 30 އަހަރުގެ މުއްދަތަށް މާ ބޮޑު މައްސަލައެއް ނެތި ބޭނުން ކުރެވޭނެއެވެ.

 

އޭއައި171އަކީ ނިޞްބަތުން އުމުރުން ޅަ މަތިންދާބޯޓެއް ނަމަވެސް އެ މަތިންދާބޯޓު ވެއްޓުނު ފަހުން، ހަމަ އެ ދުވަހު ނަގާފައިވާ އެ މަތިންދާބޯޓުގެ އެތެރޭގެ މަންޒަރުތަކެއް ކަމަށް ބުނާ ވީޑިޔޯއެއް ދަނީ މީސްމީޑިޔާގައި ދައުރުވަމުންނެވެ. އެ މަތިންދާބޯޓު އަޙްމަދުއާބާދުން ލަންޑަނަށް ފުރުމުގެ ކުރިން ދަތުރު ކޮށްފައިވަނީ އިންޑިޔާގެ ނިއު ދިއްލީން އަޙްމަދުއާބާދަށެވެ. އެ ދަތުރުގެ ފަސިންޖަރެއް މީސްމީީޑިޔާގައި ޙިއްޞާ ކުރި ވީޑިޔޯއެއްގައި ބުނީ އެ ބޯޓުގެ އެއާ ކޮންޑިޝަނަރު އެއްވެސް ގޮތަކަށް މަސައްކަތް ނުކުރާ ކަމަށާއި ފަސިންޖަރުން ބޭނުން ކުރުމަށް މަތިންދާބޯޓުގައި ހަރުކޮށްފައި ހުންނަ ސްކްރީންތަކުގެ އިތުރުން ފަޅުވެރިންނާ މުއާމަލާތު ކުރުމަށް ބޭނުން ކުރާ ރިމޯޓުތައް ވެސް އެއްވެސް ވަރަކަށް މަސައްކަތް ނުކުރާ ކަމަށެވެ.

 

މަތިންދާބޯޓު ވެއްޓެން މެދުވެރިވީ ކީއްވެ؟

 

ކުރިއަށްއޮތް ދުވަސްތަކުގައި މަތިންދާބޯޓު ވެއްޓުނު އަސްލު ސަބަބު ދެނެގަތުމަށް އެ މަތިންދާބޯޓުގެ ކަޅުފޮށި ބޭނުން ކޮށްގެން ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރާނެއެވެ. އަދި މަތިންދާބޯޓުގެ ބައިތައް ވެސް ތަހުލީލު ކުރާނެއެވެ. އަޙްމަދުއާބާދު ވަައިގެ ބަނދަރުން މަތިންދާބޯޓު ނައްޓާލައި މަންޒަރު ފެންނަ ވީޑިޔޯ އާންމުވެފައިވާއިރު، އެ ވީޑިޔޯގެ މައްޗަށް ބިނާކޮށް ތަޖުރިބާކާރުންނަށް ފާހަގަ ކުރެވޭ އަދި ލަފާ ކުރެވޭ ބައެއް ކަންތައްތައް ވަނީ އެކި މަންސަތަކުގައި ޙިއްޞާ ކޮށްފައެވެ. އެ ގޮތުން މައިގަނޑު ގޮތެއްގައި ފާހަގަ ކުރެވޭ އެއް ކަމަކީ މަތިންދާބޯޓު ނައްޓާލުމަށް ފަހު މައްޗަށް އެރުމުގަައި ދަތިތަކެއް ހުރި ކަމެވެ. ބެލެވޭ ގޮތުގައި އެއީ މަތިންދާބޯޓު އުފުލައިލުމަށް ބޭނުންވާ ވަރަށް އިންޖީނަށް ބާރު ދެވިފައި ނުވާތީއެވެ.

 

އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ފާހަގަ ކުރާ ގޮތުގައި މަތިންދާބޯޓު ނައްޓާލުމަށް ރަންވޭގެ ފުރިހަމަ ދިގުމިން ބޭނުން ކުރި ނަމަވެސް މަތިންދާބޯޓު އުފުލިފައި ވަނީ އެންމެ 625 ފޫޓަށެވެ. ނަމަވެސް އާންމު ގޮތެއްގައި މަތިންދާބޯޓު ނައްޓާލާތާ އެއް މިނެޓުގެ ތެރޭގައި އެ އުޅަނދު 2000 ފޫޓަށް ވުރެ މައްޗަށް އަރަން ޖެހޭނެއެވެ. އޭއައި171 ދުއްވާފައި ވަނީ މި އުސްމިން ޙާޞިލް ކުރުމަށް ބޭނުންވާ ބާރުމިނުގައި ނަމަވެސް، މި އުސްމިނަށް އެރިފައި ނުވުމުން ދޭހަ ކޮށްދެނީ އުސްމިން ޙާޞިލް ކުރުމަށް ކޮންމެ ވެސް މައްސަލައެއް މެދިވެރިވެ އެ ކަމަށް ހުރަސްއެޅިފައިވާ ކެމެވެ. މިއީ މީގެ ކުރިން ހިންގާފައިވާ ބައެއް މަތިންދާބޯޓު ވެއްޓުމުގެ ހާދިޘާތަކުގައި ވެސް މިހެން ކަން ދިމާވެފައިވެއެވެ.

 

އެ ގޮތަށް މެދުވެރިވެދާނެ ބައެއް ސަބަބުތަކުގެ ތެރޭގައި މަތިންދާބޯޓުގެ ފްލެޕު ރަނގަޅަށް ސެޓު ނުކުރެވުމުގެ އިތުރުން ލޭންޑިންގ ގިއަރއަށް ކުރިމަތިވާ މައްސަލަތައް ހިމެނެއެވެ. އޭގެ އިތުރުން އިންޖީނަށް އެ ވަރަށް ބާރު ނުދެވުން އަދި މަތިންދާބޯޓު މާ ބޮޑަށް ބަރާ ކޮށްފައި ވުމަކީ މި ގޮތަށް ކަންތައްތައް މެދުވެރިވެދާނެ ބައެއްް ސަބަބުތަކެވެ. މަތިންދާބޯޓު ނައްޓާލުމުގެ ކުރިން ނުވަތަ ނައްޓާލި ވަގުތު ޕައިލެޓަށް ގޯހެއް ހެދިފައިވުމަކީ ވެސް ވުން އެކަށީގެންވާ ކަމެކެވެ. އެ ގޮތުން ފްލެޕް ލައްޕަންޖެހޭ ވަގުތު ފްލެޕް ލެއްޕިފައި ނުވުން އަދި ލޭންޑިންގ ގިއަރ އުފުލަން ޖެހޭ ވަގުތު ލޭންޑިންގ ގިއަރ އުފުލިފައި ނުވުން ވެސް މިއީ ވެފައިވުން އެކަށީގެންވާ ގޮތްގޮތެވެ. ޕައިލެޓުންނަށް ގޯހެއް ނުހެދި ވެސް މިހެން ދިމާވެދާނެއެވެ. މަތިންދާބޯޓު ނައްޓާލިތާ އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މައްސަލައެއް ކުރިމަތިވުމުން ފްލެޕް ލައްޕައި ލޭންޑިންގ ގިޔަރ އުފުލުމަށް ޕައިލެޓުންނަށް ވަގުތު ލިބިފައި ނުވުން އެކަށީގެންވެއެވެ.

 

މަތިންދާބޯޓަށް ކުރިމަތިވި ކަމަށް ބެލެވޭ އަނެއް މައްސަލައަކީ މަތިންދާބޯޓުގެ އިންޖީނުތައް ފޭލުވުމެވެ. ތަޖުރިބާކާރު ޕައިލެޓެއް ވިދާޅުވި ގޮތުގައި މަތިންދާބޯޓު ވެއްޓެން މެދުވެރިވީ ދެ އިންޖީނު ފޭލުވެގެން ކަމަށް ވާނަމަ، އެ ކަން ޙައްލު ކުރުމަށް ފިޔަވަޅެއް އަޅާނެ ވަގުތެއް ވެސް ފުރުޞަތެއް ވެސް ޕައިލެޓުންނަކަށް ނުލިބޭނެއެވެ. ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ސެއުން ކޮމޮލަފޭ ވިދާޅުވި ގޮތުގައި މަތިންދާބޯޓު ނައްޓާލިތާ ހިނދުކޮޅެއް ތެރޭގައި ޕައިލެޓުން އެހީއަށް ގޮވުމުން ދޭހަ ކޮށްދެނީ އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި މައްސަލައެއް ދިމާވެފައިވާ ކަން ޕައިލެޓުންނަށް ފާހަގަވިކަން ކަމަށެވެ. އެހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވެސް ޕައިލެޓާއި ފަސްޓް އޮފިސަރާ ދެ މީހުންނަށް މައްސަލައެއް އުޅޭކަން އެނގި، ކަމެއް ގޯސްވެފައިވާ ކަން ކަމާބެހޭ އިދާރާއަށް ޙިއްޞާ ކުރެވުނު ކަަމަށް ވެސް އޭނާ ފާހަގަ ކޮށްފައިވެއެވެ. އެހެންކަމުން ދިމާވި މައްސަލަ ދިމާވީ ވަރަށް ހަލުވިކަމާއެކުގައި ކަމަށާއި ދަތުރުގެ އެންމެ ނާޒުކު ޙާލަތުގައި ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ. މަތިންދާބޯޓުގެ ދެ އިންޖީނު އެއްފަަހަރާ ފޭލުވުމަށް މެދުވެރިވެދާނެ ބައެއް ޙާލަތުތަކުގެ ތެރޭގައި ދޫނިތަކެއް ފަދަ އެއްޗެއް މަތިންދާބޯޓުގައި ޖެހުން ނުވަތަ އުޅަނދުގައި ބޭނުން ކުރަމުން ދިޔަ ތެޔޮ ތަޣައްޔަރުވެފައި ވުން ހިމެނެއެވެ. ނަމަވެސް މިއީ މަދުން ނޫނީ ނުވާ ކަންކަމެވެ.

 

ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި މަތިންދާބޯޓު ނައްޓާލާފައި ވަނީ އުޑުމަތި ސާފު، ރީތި ދުވަހެއްގައެވެ. އެހެންކަމުން، މޫސުން ގޯސްވުމުގެ ސަބަބުން މަތިންދާބޯޓަށް މަައްސަލައެއް ދިމާވީ ކަމަށް ވެސް ބެލެވޭކަށް ނެތެވެ. އެ ވަގުތު މޫސުން އޮތް ގޮތުން އެއްވެސް ވަރަަކަށް ޓާބިޔުލަންސްގެ ޙާލަތެއް ވެސް މެދުވެރިވި ކަމަކަށް ނުބެލެވެއެވެ. ނަމަވެސް ހޫނުގަދަ ކަމާއި ވައިގެ ޑެންސިޓީގެ ސަބަބަުން ކޮންމެ ވެސް ކަހަލަ މައްސަލައެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ. މަތިންދާބޯޓު ވެއްޓުމުގެ ހާދިޘާ ތަހުޤީޤު ކުރާނީ އިންޑިޔަން ޑައިރެކްޓޮރޭޓް އޮފް ޖެނެރަލް ސިވިލް އޭވިއޭޝަނުންނެެވެ. މި ފަދަ ހާދިޘާތައް ތަހުޤީޤު ކޮށް ވީ ގޮތް ދެނެގަތުމަށް އާންމު ގޮތެެއްގައި ދެ އަހަރެއްހާ ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ހޭދަވެއެވެ. މި ހާދިޘާ ތަހުޤީޤު. ކުރުމުގައި އެމެރިކާގެ ނެޝަނަލް ޓްރަންސްޕޯޓް ސޭފްޓީ ބޯޑުން އެހީތެރިވާނެއެވެ. ހާދިޘާގައި ގިނަ ޢަދަދެއްގެ އިނގިރޭސިވިލާތުގެ ރައްޔިތުން ހިމެނޭތީ އެ ޤައުމުން ވެސް ތަހުޤީޤަށް އެހީތެރުކަން ފޯރު ކޮށްދޭނެ ކަމަށް ބެލެވެއެވެ.

 

އެއާއިންޑިޔާއަކީ އިންޑިޔާގެ ޓާޓާ ގުރޫޕުގެ އެއާލައިނެކެވެ. ޓާޓާ ގުރޫޕުން ވަނީ މަތިންދާބޯޓު ވެއްޓުނު ހާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް 10،000،000 ރުޕީސް ނުވަތަ 117،000 އެމެރިކާ ޑޮލަރު ދޭނެ ކަމަށް އިޢުލާނު ކޮށްފައެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
33 %
Sad
Sad
67 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %