
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓްގެ އެންމެ ބޮޑު ރަށް، ލޮސް އެންޖެލީސްގައި ކުރަމުންދާ މުޒާހަރާތައް ކޮންޓުރޯލުކޮށް، ސުލްޙައާއި ހަމަޖެހުން ޤާއިމު ކުރުމަށް ނޭޝަނަލް ގާޑުގެ ސިފައިން ނެރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރައްވައިފިއެވެ. ލޮސް އެންޖެލީސްގައި އެތަކެއް ސަތޭކަ ބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށާފައި ވަނީ، އިމިގްރޭޝަން އިދާރާ، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް (އައިސް)އިން ރޭޑު ޖަހައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރުމާ ގުޅިގެންނެވެ. އައިސްގެ އޮފިސަރުން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައި ވަނީ ނުޤަވާޢިދުން އެމެރިކާއަށް ހިޖުރަކޮށް، ސައްޙަ ލިޔެކިޔުންތައް ނެތި ދިރިއުޅެމުންދާ ކަމުގެ ތުހުމަތުގައެވެ. އެ އޮޕަރޭޝަންގެ ދަށުން އެންމެ ފަހުން ޖަހާފައިވާ ރޭޑުތަކުގައި 44 މީހުން ހައްޔަރު ކޮށްފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އެ މީހުން މިނިވަން ކުރުމަށް ގޮވައިލައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ، ހަމަނުޖެހުން ހިންގަން ފަށާފައި ވަނީ މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ބާރުގެ ބޭނުން ކުރަން ފެށުމާ ގުޅިގެންނެވެ.
އެ ހަމަނުޖެހުންތައް ކޮންޓްރޯލުކޮށް، މުޒާހަރާތައް ރޫޅައިލުމަށް ލޮސް އެންޖެލީސްގެ މަދަނީ އިދާރާތަކުން ނުކުޅެދިފައިވާ ކަމަށް ނިންމައި، ހަމަޖެހުމާއި ސުލްޙަ ޤާއިމު ކުރުމަށް ނޭޝަނަލް ގާޑުގެ ސިފައިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވާފައިވާ ކަން ހާމަކޮށްފައި ވަނީ ވައިޓް ހައުސުންނެވެ. ނޭޝަނަލް ގާޑަކީ ސްޓޭޓްތަކުގެ ބާރުގެ ދަށުގައި އޮންނަ ސިފައިންގެ ފައުޖެކެވެ. ނަމަވެސް، ކުއްލިހާލަތްތަކުގައި އެ ފައުޖަށް އަމުރު ކުރުމުގެ ބާރު މައި ސަރުކާރަށް ލިބިގެންވެއެވެ. ވައިޓް ހައުސުން ބުނީ، ލޮސް އެންޖެލީސްގައި ސުލްޙައާއި ހަމަޖެހުން ޤާއިމު ކުރުމަށް ނޭޝަނަލް ގާޑުގެ 2,000 ސިފައިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވާފައިވާ ކަމުގައެވެ. ނޭޝަނަލް ގާޑަށް ލޮސް އެންޖެލީސްގައި ހިންގަމުންދާ ހަމަނުޖެހުންތައް ކޮންޓުރޯލު ނުކުރެވިއްޖެ ނަމަ، އަސްކަރިއްޔާގެ ސިފައިން ފޮނުވާނެ ކަމަށް ވިދާޅުވެ، ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ވަނީ އިންޒާރު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ލޮސް އެންޖެލީސް ކައިރީގައި އޮތް ކޭމްޕް ޕެޑްލްޓަންގައި ތިބި ސިފައިން ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަމުގައެވެ.
ކެލިފޯނިޔާ ސްޓޭޓްގެ ގަވަރުނަރު ގެވިން ނިއުސަމް ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއް ކަމުގައިވާ ނިއުސަމް ވިދާޅުވީ، ލޮސް އެންޖެލީސަށް ނޭޝަނަލް ގާޑުގެ ސިފައިން ފޮނުވުމަށް ޓްރަމްޕް ނިންމަވާފައި ވަނީ މަސްރަޙު އިތުރަށް ހޫނުކޮށް، ގޯސް ކުރުމުގެ ނިޔަތުގައި ކަމުގައެވެ. އަދި، ނޭޝަނަލް ގާޑުގެ ސިފައިން މަގުތަކަށް ނެރުމަށް ނިންމާފައި ވަނީ މުޒާހަރާތައް ކޮންޓުރޯލު ކުރުމަށް ފުލުހުން ނުކުޅެދުމުގެ ސަބަބުން ނޫން ކަމަށާއި، އެއީ ޑްރާމާއެއް އުފެއްދުމުގެ ބޭނުމުގައި ނިންމާފައިވާ ނިންމުމެއް ކަމުގައެވެ. “އެ މީހުންނަށް އެ ފުރުޞަތު ދީގެން ނުވާނެ. އެއްވެސް ހާލެއްގައި ހަމަނުޖެހުން ނުހިންގާތި. ސުލްޙަވެރިކަމާ އެކު ޚިޔާލު ފާޅު ކުރޭ،” އޭނާ ގޮވައިލެއްވިއެވެ. ލޮސް އެންޖެލީސްގައި ކުރަމުންދާ މުޒާހަރާއާއި ހަމަނުޖެހުންތައް ދެވަނަ ދުވަހަކަށް ދެމިގެން ގޮސްފައިވާއިރު، ފުލުހުން ދަނީ މުޒާހަރާތައް ރޫޅައިލުމަށް ބާރުގެ ބޭނުން ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން ވެސް ދަނީ ފުލުހުންނާ ކުރިމަތިލައި، ގަލާއި ފުޅި ފަދަ ތަކެތި ބޭނުން ކޮށްގެން ޙަމަލާ ދެމުންނެވެ. ބައެއް ހާލަތްތަކުގައި މުޒާހަރާގެ ބައިވެރިން ފަޓާސް ފަދަ ތަކެތި ހަތިޔާރުގެ ގޮތުގައި ބޭނުން ކޮށްފައިވާއިރު، އެއްގަމު އުޅަނދުތަކުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދެމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ވައިޓް ހައުސުން ބުނީ، ލޮސް އެންޖެލީސްގައި ކުރަމުންދާ މުޒާހަރާގެ ބައިވެރިން އައިސް އަދި މައި ސަރުކާރުގެ އިދާރާތަކުގެ އޭޖެންޓުންނަށް ޙަމަލާ ދެމުންދާ ކަމުގައެވެ. “[އައިސްގެ އޮފިސަރުން ހިންގަމުންދާ] އޮޕަރޭޝްތަކަކީ ނުޤަވާޢިދުން އެމެރިކާއަށް ހިޖުރަ ކޮށްފައިވާ މީހުން ހުއްޓުވުމަށް ކޮންމެހެން ބޭނުންތެރި އޮޕަރޭޝަންތަކެއް. ކެލިފޯނިޔާގައި ތިބި އެއްވެސް ބޭނުމެއް ނުހިފޭ ޑިމޮކްރެޓިކް [ޕާޓީގެ] ވެރިން ވަނީ ޢާންމު ރައްޔިތުން ރައްކާތެރި ކޮށްދިނުމުގެ ޒިންމާ ދޫކޮށްލާފައި،” ވައިޓް ހައުސުން ނެރުނު ބަޔާނެއްގައި ބުންޏެވެ. އެމެރިކާއަށް ނުޤަވާޢިދުން ހިޖުރަކޮށް، ސައްޙަ ލިޔެކިޔުންތައް ނެތި ދިރިއުޅޭ މީހުންގެ ތެރެއިން ކޮންމެ ދުވަހަކު 3,000 މީހުން ހައްޔަރުކޮށް ޑީޕޯޓު ކޮށްލުމަށް ވައިޓް ހައުސުން ވަނީ އައިސްއަށް އަމުރު ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
