
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
އީރާނާއި މުސްލިމުންނާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ ދުޝްމިނުކަން ހާމަވެގެން ގޮސްފައިވާ ކަމުގައި އީރާނުން ބުނެފިއެވެ. އެ ޤައުމުން މި ކަން ހާމަކޮށްފައި މި ވަނީ 12 ޤައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރެއްވުމަށް ޓްރަމްޕް ނިންމެވުމާ ގުޅިގެންނެވެ. އެ ޤައުމުތަކުގެ ތެރޭގައި މުސްލިމުންގެ އާބާދީ ބޮޑު ގިނަ ޤައުމުތަކެއް ހިމެނޭއިރު، އޭގެ ތެރޭގައި އީރާން ވެސް ހިމެނެއެވެ. “އީރާނުގެ ރައްޔިތުންގެ ރައްޔިތުކަމާއި ދީނާ ގުޅުވައި އެ މީހުންނަށް އެމެރިކާއަށް އެތެރެވުމަށް ހުރަސް އެޅުމަކީ އެ މީހުންގެ އިތުރުން މުސްލިމުންނާ މެދު އެމެރިކާގެ ސަރުކާރުގެ އިސްވެރިން ގެންގުޅޭ ދުޝްމިނުކަން ހާމަވެގެން ދިޔަ ނިންމުމެއް، އަދި އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ފިޔަވަޅެއް،” އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޓްރަމްޕްގެ އަމުރަށް އެމެރިކާއަށް އެތެރެވުން މަނާ ކޮށްފައި ވަނީ އަފްޣާނިސްތާން، މިޔަންމާ، ޗާޑު، ކޮންގޯ، އެކުއެޓޯރިޔަލް ގިނީ، އެރިޓްރިޔާ، ހެއިޓީ، އީރާން، ލީބިޔާ، ސޮމާލިޔާ، ސޫދާން އަދި ޔަމަނުގެ ރައްޔިތުންނަށެވެ. ޓްރަމްޕް ވިދާޅުވީ، އެއީ އެ ޤައުމުތަކުގެ ނިރުބަވެރިން އެމެރިކާއަށް އެތެރެވުން ހުއްޓުވުމަށް އަޅުއްވާފައިވާ ފިޔަވަޅެއް ކަމުގައެވެ. 2017ވަނަ އަހަރުން 2021ވަނަ އަހަރަށް ވެރިކަން ކުރި ޓްރަމްޕްގެ ސަރުކާރުން ވެސް ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުމަށް ހުރަސް އަޅާފައިވެއެވެ. އޭގެ ތެރޭގައި ވެސް ހިމެނެނީ މުސްލިމުންގެ އާބާދީ ބޮޑެތި ޤައުމުތަކެވެ.
ޓްރަމްޕަކީ ޒަޔަނިސްޓު އިސްރާއީލުގެ އެންމެ ބޮޑު މަދަދުގާރެވެ. އަދި، އިސްރާއީލުގެ ދެމިއޮތުމާއި، ޔަހޫދީންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އީރާން ކަމުގައި އޭނާ ޤަބޫލު ކުރައްވައެވެ. މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުއްވުމަށް ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެ ޕުރޮގުރާމު ކޮންޓުރޯލު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން އެމެރިކާއިން މި ވަގުތު ދަނީ އީރާނާ އެކު މުހިންމު މަޝްވަރާތަކެއް ކުރަމުންނެވެ. އެ މަޝްވަރާތަކުގެ މައިގަނޑު މަޤުޞަދަކީ، ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް އީރާނަށް ބޭނުންވާނެ ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތަށް ހުރަސް އެޅުމެވެ. ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލު ވަޑައިގެންނެވުމަށް ފަހު ޓްރަމްޕް ގެންދަވަނީ އީރާނާ ދެކޮޅަށް ދަތި ކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅުއްވައި، ކުރިން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރައްވަމުންނެވެ. މި ގޮތުން، ޖޫން 7ވަނަ ދުވަހު ވެސް އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައެވެ.
އެ ފިޔަވަޅުތައް އަޅާފައި ވަނީ އީރާނުގެ 30 ފަރާތަކާ ދެކޮޅަށެވެ. އޭގެ ތެރޭގައި ރައްޔިތުންނާއި ކުންފުނިތައް ވެސް ހިމެނެއެވެ. އެއީ، ބައިނަލްއަޤްވާމީ މާލީ ނިޒާމުގެ ތެރެއިން އީރާނުންގެ ސަރުކާރުން ފައިސާގެ މުއާމަލާތްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކެއް ކަމުގައި އެމެރިކާއިން ބުންޏެވެ. އެ ފަރާތްތައް ބޭނުންކޮށް އީރާނުގެ ސަރުކާރުން މަނީ ލޯންޑްރިންގގެ ކުށް ހިންގަމުންދާ ކަމުގައި ވެސް އެމެރިކާއިން ތުހުމަތު ކުރެއެވެ. “އެމެރިކާއިން އަޅާފައިވާ އައު ފިޔަވަޅުތަކަކީ ޣައިރުޤާނޫނީ އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ފިޔަވަޅުތަކެއް، އަދި އެއީ އީރާނުގެ ރައްޔިތުންނާ މެދު އެމެރިކާއިން ގެންގުޅޭ ދުޝްމިނުކަން ހާމަވެގެން ދިޔަ ހެއްކެއް،” އެމެރިކާގެ އައު ފިޔަވަޅުތައް ކުށްވެރި ކުރައްވައި ވާހަކަފުޅު ދައްކަވަމުން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވިއެވެ.
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއިން ކުރަމުންދާ މަޝްވަރާތައް ފޭލުވެއްޖެ ނަމަ، ނުވަތަ އެމެރިކާއިން ބޭނުންވާ ލަނޑުދަނޑިތައް ހާސިލު ނުކުރެވިއްޖެ ނަމަ އީރާނަށް ޙަމަލާ ދޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕް އޮތީ އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ، ޙަމަލާތައް އަމާޒު ކުރާނީ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ޤާއިމު ކޮށްފައިވާ މަރުކަޒުތަކަށް ކަމުގައެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ކުރަމުންދާ ތުހުމަތުތައް އެ ޤައުމުން ދޮގު ކުރެއެވެ.
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމު ކޮންޓުރޯލު ކުރުމަށް ހުޅަނގުގެ ބާރުތަކުން 2015ވަނަ އަހަރު ވެސް އީރާނާ އެކު އެއްބަސްވުމެއް އެކުލަވައިލިއެވެ. ނަމަވެސް، އެ އެއްބަސްވުމަށް އަމަލު ކުރުން ޓްރަމްޕް ހުއްޓައިލައްވާފައި ވަނީ އޭނާގެ ވެރިކަމުގެ ފުރަތަމަ ދައުރުގައެވެ. އެއީ، 2018ވަނަ އަހަރުއެވެ. އެއްބަސްވުން އުވައިލުމަށް ފަހު ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް ހަރުކަށި ކުރައްވާފައެވެ. އެ ކަމާ މެދު ހިތްހަމަ ނުޖެހި، އީރާނުން ވަނީ ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތްތައް ފުޅާ ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ސްރީލަންކާއިން ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި
ސްރީލަންކާއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެ ކަނބަލުންނަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ. ލަންކާއިން ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މަރުޙަބާ ދަންނަވާފައިވަނީ...
ތިމާވެށްޓާއި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ލަންކާއާއެކު މަޝްވަރާކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ޜައީސް އޮފީސް) ތިމާވެއްޓާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއާއި ލަންކާއާދެމެދު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ސްރީލަންކާގެ ރައީސް...
“މާލޭގެ މަގުތަކުގެ ޑިޒައިން މަސައްކަތް ކުރަން ޗައިނާގެ ޓީމެއް މިމަހު ރާއްޖެ އަންނާނެ”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ޗައިނާގެ ހިލޭ އެހީގައި ކުރިއަށްގެންދާ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ޑިޒައިން މަސައްކަތަށް މި މަހު ޗައިނާގެ ޓީމެއް...
“ޕީއެސްއެމް ނިއުސްއަކީ ޤައުމިއްޔަތަށް ހިތްވަރުދޭ ޗެނަލެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕީއެސްއެމް ނިއުސްގެ 9 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި، ދިވެހި ބަހާއި ޤައުމިއްޔަތާއި ސަޤާފީ ތަރިކަ ރައްކާތެރިކުރުމަށް އިސްކަންދޭ...
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ލަންކާއިން ހޫނު މަރުޙަބާއެއް!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސްރީލަންކާގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި...
މިދިޔަ މަހު ރާއްޖެއަށް 152,000އަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: ވިލާ ރިސޯޓްސް) ނިމިދިޔަ މަހު ރާއްޖެއަށް 152,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ޖުމްލަ 8 ލައްކައަށްވުރެ ގިނަ...
