
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާގެ ފައިސާ ނޫޓު އަލުން ފަރުމާ ކޮށް، އެކުވެރި ޢަރަބި އިމާރާތާއި ޖަރުމަނުވިލާތުގައި ފައިސާ ޗާޕު ކުރުަމަށް ނިންމާފައިވާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ. މީގެ ކުރިން ރަޝިޔާއިން ފައިސާ ޗާޕު ކުރަމުން ދިޔަ ސޫރިޔާއިން ޖަރުމަނުވިލާތާއި ޔޫއޭއީ މެދުވެރިކޮށް އެ މަސައްކަތް ކުރުަމަށް ނިންމާފައި މި ވަނީ ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ހޯދުމަށް ޢަރަބި ޤައުމުތަކާއި ހުޅަނގުގެ ޤައުމުތަކާއެކު ސޫރިޔާގެ އައު ސަރުކާރުން ގުޅުންބަދަހިކުރަމުންދާ ދަނޑިވަޅެއްގައެވެ. ސޫރިޔާއާއި ޔޫއޭއީއާ ދެމެދު އޮންނަ ގުޅުން ބަދަހިވަމުންދާ ކަމުގެ އެއް ހެއްކަކީ ސޫރިޔާގެ ޠަރްޠޫސް ބަނދަރު ތަރައްޤީ ކުރުމަށް އެ ޤައުމުން ޔޫއޭއީގެ ކުންފުންޏަކާއެކު 800 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއި ކުރުމެވެ. އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މަހުގެ 15ވަނަ ދުވަހުއެވެ. މިއީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެއި މަހުގެ 13ވަނަ ދުވަހު ކުއްލި ގޮތަކަަށް އިޢުލާނު ކުރެއްވި ފަހުން ސޮއި ކުރި މި ފަދަ ފުރަތަމަ އެެއްބަސްވުމެވެ.
މި އަހަރުގެ ކުރީކޮޅުން ފެށިގެން ޖަރުމަނުވިލާތާއި ޔޫއޭއީ މެދުވެރިކޮށް ފައިސާ ޗާޕު ކުރުމާ މެދު ސޫރިޔާއިން ދިޔައީ ވިސްނަމުންނެވެ. އެ ޤައުމުން ދިޔަީ އެ ކަން ޙާޞިލް ކުރެވިދާނެ މަގުތަށް ހޯދަމުންނެވެ. އެ މަސައްކަތްތަކަށް އިތުރު ބާރެއް ލިބުނީ ސޫރިޔާއާ ދެކޮޅަށް ވިލާތުގެ އިއްތިޙާދުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ލުއި ދިނުމުންނެވެ. ފައިސާގެ ޑިޒައިނަށް ގެންނަ ބަދަލާއެކު ސޫރިޔާގެ ފައިސާ ނޫޓެއްގައި ކުރަހާފައިވާ އެ ޤައުމުގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ މޫނު ނޫޫޓުތަކުން ނަގާނެއެވެ. ސޫރިޔާގެ އައު ވެރިން މަސައްކަތް ކުރަމުން ދަނީ 13 އަހަރަށް ދެމިގެންދިޔަ އެ ޤައުމުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ފުނޑުފުނޑުވެފައިވާ އެ ޤައުމުގެ އިޤްތިޞާދު ވީ އެންމެ އަވަހަކަށް ކޮޅަށް ޖެހުމަށެވެ. އިޤްތިޞާދީ ކުރިއެރުންތައް ހޯދުމަށް ކުރަމުން ދިޔަ މަސައްކަތަށް ކުރިމަތިވެފައިވާ އިތުރު ހުރަހަކަށް ވެގެން ގޮސްފައި ވަނީ ފަހަކަށް އައިސް އެ ޤައުމަށް ކުރިމަތިވެފައިވާ ފައިސާ ނޫޓޫގެ ދަތިކަމެވެ.
ވިލާތުގެ އިއްތިޙާދުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މީގެ އަހަރުތަކެއް ކުރިން ސޫރިޔާގެ ފައިސާ ޗާޕު ކުރުމަށް ވިލާތުގެ ކުންފުންޏަކާއެކު ވެފަައިވާ އެއްބަސްވުން ނިމުމަކަށް އައެވެ. އެއާއެކު ކުރީގެ ރައީސްގެ އެންމެ ބޮޑު އެއް މަދަދުގާރު ކަމުގައިވާ ރަޝިޔާގައި ފައިސާ ކުރަމުންދާތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވަނީ ފާއިތުވެފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައި ނަމަވެސް ސޫރިޔާގެ އައު ސަރުކާރުން ދަނީ ރަޝިޔާއާއެކު ވެސް ގުޅުންތައް ދަމަހައްޓަމުންނެެވެ. ފާއިތުވި މަސްތަކުގައި ރަޝިޔާއިން ވަނީ ސޫރިޔާއަށް ގިނަ ޢަދަދެއްގެ ފައިސާ ނޫޓު ޝިޕްމަންޓުތައް ފޮނުވާފައެވެ. އޭގެ އިތުރުން ރަޝިޔާއިން ވަނީ ތެލާއި ގޮދަން ވެސް ސޫރިޔާއަށް ފޮނުވާފައެވެ. ސޫރިޔާގެ އައްސޭރީގައި އޮންނަ ދެ ސަރަޙައްދެއްގައި ޤާއިމު ކޮށްފައިވާ ރަޝިޔާގެ ދެ އަސްކަރީ މަރުކަޒު ދަމަހައްޓަން އެ ޤައުމުން އެދެއެވެ.
އޭގެ ސަބަބުން ވިލާތުގެ ޤައުމުތަކުން ވަނީ ކަންބޮޑުވެފައެވެ. ވިލާތުގެ ޤައުމުތަކުން ބޭނުން ވަނީ ރަޝިޔާއާއި ޔުކްރެއިނާ ދެމެދު ހަނގުރާމައެއް ކުރަމުންދާއިރު، ރަޝިޔާގެ ނުފޫޒު ކުޑަ ކުރުމަށެވެ. އެހެންކަމުން ފެބްރުވަރީ މަހުގެ ތެރޭގައި ވިލާތުން ލުއި ދީފައި ވަނީ ސޫރިޔާގެ މާލީ ދާއިރާއާ ގުޅޭ ފިޔަވަޅުތަކަށެވެ. އެއާއެކު ވިލާތުގެ ޤައުމުތައް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަށް މިހާރު ވަނީ މަގުފަހިވެފައެވެ. ފައިސާ ނޫޓު ޗާޕު ކުރުމާ ގުޅޭގޮތުން ސޫރިޔާއިން މިހާރު ދަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ ޢުމަލާތުއާއެކު އެންމެ ފަހުގެ މަޝްވަރާތައް ކުރަމުންނެވެ. ސޫރިޔާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާއި މާލީ ވަޒީރު މި މަހުގެ ކުރީކޮޅު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅެއްގައި ވަނީ ޢުމުލާތާއެކު ބައްދަލުވުންތައް ބާއްވާފައެވެ. ޖަރުމަނުވިލާތުގެ ސަރުކާރާ ގުޅުން އޮންނަ ބުޚްދޮކްހާއި އަދި އަމިއްލަ ކުންފުންޏެއް ކަމަށްވާ ގީސިކާ ދެވްރިއަންޓް ވެސް ވަނީ ސޫރިޔާގެ ނޫޓު ޗާޕު ކުރުމަށް ޝައުޤުވެރިކަން ފާޅު ކޮށްފައި ކަމަށް މަސްދަރުތަކުން ބުނެއެވެ. ނަމަވެސް ފައިސާ ޗާޕު ކުރުމުގެ މަސައްކަތް ޙާވާލު ކުރާނީ ކޮން ކުންފުންޏަކާ ކަމެއް ސާފުވެފައެއް ނުވެއެވެ.
ސޫރިޔާގެ ޕައުންޑު ނޫޓު މިއަދު މަދުވެފައިވާއިރު އޭގެ ސަބަބާ ގުޅޭގޮތުން ސޫރިޔާގެ އޮފިޝަލުންނާއި ބެންކަރުން އެކި ތަފާތު ގޮތްގޮތަށް ވާހަކަ ދައްކައެވެ. އޮފިޝަލުން ބުނީ އާންމު ރައްޔިތުންނާއި ޤައުމަށް ގެއްލުންދޭން މަސައްކަތް ކުރާ މީހުން ވެސް ފައިސާގެ ނޫޓު ބައް ކުރަމުންދާ ކަމަށެވެ. ބޭންކުތަކުން ބުނަނީ ފައިސާގެ ނޫޓު ދައުރު ކުރުމަށް ހުރަސް އަޅަނީ ސޫރިޔާގެ ސަރުކާރުން ކަމަށެވެ. އެ ގޮތަށް ޢަމަލު ކުރުމުގެ އެއް ބޭނުކަމީ ފައިސާ ގަނެ ވިއްކާ އަގު ވަކި މިނެއްގައި ހިފެހެއްޓުން ކަމަށް ބެލެވެއެވެ. ބޭންކުތަކަށް ފައިސާ ޖަމާ ކޮށްފައިވާ އާންމުންނާއި ވިޔަފާރިތަކުން ފައިސާ ނެގުމަށް ބެންކަށް ދިޔުމުން އެ ފައިސާ އެ މީހުންނަށް ދޫ ނުކޮށް ބެންކުތަކުން އެ މީހުން އަނބުރާ ފޮނުވައިލައެެވެ. އެއާއެކު އަގުހެޔޮކޮށް އެތެރެކުރާ މުދަލުގެ ސަބަބުން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ވާދަވެރިކަން އިތުރުވެފައި ވަަނިކޮށް، އިޤްތިޞާދީ ގޮންޖެހުންތައް ވެސް ވަނީ އިތުރުވެފައެވެ.
ކަޅުބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު ހުރީ 10،000 ޕައުންޑުގައެވެ. އަސަދުގެ ވެރިކަން ވެއްޓުމުގެ ކުރިން އެ ޢަދަދު ހުރީ 15،000 ޕައުންޑުގައެވެ. 2011ވަނަ އަހަރު ސުރިޔާގެ އަހުލީ ހަނގުރާމަ ފެށުމުގެ ކުރިން އެއް އެމެރިކާ ޑޮލަރުގެ އަގު ހުރީ 50 ޕައުންޑުގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
