Read Time:4 Minute, 22 Second

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)

 

 

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖައްސައިދިނުމަކީ އެފަދަ ފަރާތްތަކަށް ނަފުސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮކަން ގެނެސްދޭނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، ސްޓެލްކޯއިން ވަޒީފާ ހަމަޖެހުނު ކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޖުތިމާޢީ މަދަދުވެރިކަމުގެ ޕްރޮގުރާމްގެ ތެރެއިން ފޯރުކޮށްދޭ ޚާއްސަ އެހީތެރިކަމެއް ކަމަށެވެ. އަދި އެފަދަ މީހުންނަށް ވަޒީފާދިނުމުން އެ މީހުންނަށް ލިބޭ ބައެއް ފައިދާތައް އެކަމަނާ ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އެއް ކަމަކަށް ފާހަގަކުރެއްވީ އެ މީހުން ނަފުސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮވުމެވެ.

 

އެކަމަނާ ވިދާޅުވީ އައު ރައްޓެހިން ލިބި، މާލީ ގޮތުން ފުދުންތެރިވެ، ގަޑިން ގަޑިއަށް ކަންކަން ނިންމަން ޖެހުމަކީ ނަފުސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮވުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށެވެ. އަދި ކުރިން ޢާއިލާއިން ކޮށްދިން އެތައް ކަމެއް މިހާރު އަމިއްލައަށް ކުރުމުގެ މަގުފަހިވާނެކަން ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ. “އެ މީހުންނަށް ވަޒީފާ ލިބުމުން ފައިދާ ކުރާނީކީ އެ މީހަކަށް އެކަންޏެއް ނޫން. ޤައުމަށްވެސް އަދި ޢާއިލާތަކަށްވެސް ފައިދާކުރޭ. އަދި އިޖުތިމާޢީ ގޮތުންނާއި ކުލުނާއި އިޙްސާންތެރިކަމުގެ ގޮތުން އުފާވެރިކަމުގެ ގޮތުން އަދި މާލީ ފުދުންތެރިކަމުގެ ގޮތުން ފައިދާކުރާނެ.” ފަސްޓް ލޭޑީ ވިދާޅުވިއެވެ. ސްޓެލްކޯއިން ވަނީ ޚާއްސަ އެހީއަށް ބޭނުންވާ 30 މީހަކަށް ވަޒީފާދީފައެވެ.

 

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމަކީ އެންމެންވެސް ޝާމިލުވާ އުފާވެރި މުޖުތަމަޢެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރައްވަން ފަށްޓަވާފައިވާ މުހިންމު ކަމެކެވެ. މިގޮތުން މި ދައުރުގައި މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 350 މީހަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %