
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސަރުކާރުން ދޫކުރާ 3 ކޮޓަރީގެ ފްލެޓްތަކުގެ ކުލި 10000 ރުފިޔާއަށްވުރެ ބޮޑު ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރަށް 2 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ މަޝްރޫޢުތައް އަވަސްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ސަރުކާރުގެ ސްކީމްތަކުގެ މުހިންމު ތަފްސީލްތަކެއް ޙިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން ވަޢުދުވިގޮތަށް، މީގެ ކުރިން ގޯއްޗާއި ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ މަޝްރޫޢުތަކުގައި ދޫކުރާ ބޯހިޔާވަހިކަން އެގޮތުގައި ދިނުމުގެ މަސައްކަތްތައް އުސޫލާ އެއްގޮތަށް ކުރިއަށްދާކަމަށެވެ.
ރައީސް ވިދާޅުވީ އެއިން އެއްވެސް ލިސްޓަކަށް ބަދަލުނުގެނެސް، ވީ ވަޢުދާ އެއްގޮތަށް އުސޫލާ އެއްގޮތަށް އެންމެ ޙައްގުވެރިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ހުޅުމާލެއާއި ގުޅިފަޅުން ދޭން ނިންމި ގޯތިތައް ހަވާލުކޮށްފަވާއިރު، ނުހިއްކާ އޮތް ގިރާވަރު ފަޅުން ދިން ގެތަށް ދިނުމަށް އެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތްވެސް މިއަހަރަށް ނިންމާ، އެތަނުން ދޭން ކަނޑައެޅި ގޯތިތައްވެސް ދޭނެކަމަށާއި އެތަންތަން އަތު ނުލާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ހިއްކަމުންދާ ގިރާވަރުފުގެ މަސައްކަތްވެސް އަވަސްކުރަމުންދާކަމަށާއި މިމަހުގެ 23 ވަނަ ދުވަހު އިތުރު ޑްރެޖަރުތައް މި މަސައްކަތައް ރާއްޖެ ގެންނާނެކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައީސް ވިދާޅުވީ ސަރުކާރުން އިޢުލާނުކުރި “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތަކީ މި ސަރުކާރުން ބޯހިޔާވަހިކަމުގެ ދާއިރާއިން ކުރާ އެންމެ ބޮޑު މަސައްކަތްކަމަށެވެ. މިއީ މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރަށްވެހިންގެ ދުވަސްވީ ކެކުޅުންތަކަށް ދާއިމީ ޙައްލު ގެންނާނެ މަސައްކަތަކަށް ވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން ވަނީ 15000 ގޯއްޗާއި 7500 ފްލެޓް ދޭން ނިންމާ އުސޫލު އިޢުލާނުކޮށްފައެވެ. އަދި އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޖެނުއަރީ މަހު ފުރަތަމަ ހަފްތާގައި ހުޅުވާލާނެއެވެ. ރައީސް ވިދާޅުވީ މިއީ ފުރަތަމަ ބުރުގެ މަސައްކަތްކަމަށާއި ހަމައެކަނި ރަސްމާލެއިން އެކަނިވެސް 25000 ގޯތި ދޭނެކަމަށެވެ. އެއީ 1250 އަކަފޫޓުގެ ގޯތިތަކެވެ. ރައީސް ވިދާޅުވީ، ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ރަސްމާލެ ތަރައްޤީކުރާނީ އިކޯ ސިޓީއެއްގެ ގޮތުގައިކަމަށާއި އެކަމަށް ބޭނުންވާ އެކަށީގެންވާ ބިންވެސް ޕްލޭންގައި ހިމެނޭކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމް މިހާ އަވަހަށް އިޢުލާނުކޮށް މަސައްކަތްތައް ފެށީ، މި މަޝްރޫޢުތައް ފުރިހަމަވާއިރު، އެތަންތަން ލިބޭ މީހުން ކަނޑައަޅާފައި ބޭތިއްބުމަށްކަމަށެވެ. “5-6 މަހުން ރަސްމާލެ ހިއްކާ ނިމޭނެ. ޖެނުއަރީ 4ގައި މި ހުޅުވާލަނީ ސްކީމްތަކަށް ފޯމު ހުށައަޅަން. ބިން ހިއްކާ ނިމެންވާއިރަށް މި ތަންތަނުން ގޯތި ލިބޭ މީހުން ކަނޑައެޅިފަ ތިބުމަށް ބޭނުންވަނީ. އަދި ފްލެޓް އަޅާ ނިމޭއިރު، ފްލެޓްވެސް ލިބޭ މީހުން ކަނޑައަޅާ ނިންމާފަ ބަހައްޓާނީ. ކަނޑަކުން ގޯއްޗެއް ނުދޭނަން، ހިކިފަސްތަނުން ގޯތި ދޭނީ.” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހިލޭ ބިން ދީގެން، ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި މެދުވެރިކޮށް ތަރައްޤީކުރާ 3000 ހައުސިން ޔުނިޓަކީވެސް އިޖުތިމާޢީ ބޯހިޔާވަހިކަމަށް ފުރުޞަތު ދިނުމަށް ހިންގާ މަޝްރޫޢުއެއްކަމަށެވެ. ބީއެމްއެލްއިން ފެށި މަސައްކަތެކޭ އެއްގޮތަށް، އެމްއެމްއޭގެ ގަވައިދާ އެއްގޮތަށް، އެހެން ބޭންކްތަކުންވެސް ބޯހިޔާވަހިކަމަށް ފުރުޞަތުތައް ހުޅުވާލަން ޖެހޭގޮތަށް އޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“މި ފްލެޓްތައް 10000 ރުފިޔައަށްވުރެ އަގު ބޮޑެއް ނުވާނެ. 3 ކޮޓަރީގެ ފްލެޓްތަކެއް މިއީ. އިތުރު 4500 ޔުނިޓަށް ބޭރުގެ އެހީ އެވަނީ ލިބިފައި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަސައްކަތް ގެންދަނީ އާއިލީ ކޮންސެޕްޓަކަށް.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއިން ކޮންމެ ސްކީމެއްގައިވެސް އެންމެ އިސްކަން ދޭނީ އެއްވެސް ގޮތަކަށް ބޯހިޔާވަހިކަމެއް ނެތް މީހުންނަށްކަމަށެވެ. އިތުރު ސްކީމްތަކުން ދޭނީ އެއަށްފަހުގައިކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މުޅި މައްސަލަ ޙައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. ކުރިއަށް އޮތް 3 އަހަރު މާލެއާއި އަތޮޅުތަކުގައި ޢަމަލީގޮތުން އެތައް މަޝްރޫޢުއެއް ފެށޭނެކަމަށާއި، ޝަރުތުތަކާ ޕޮއިންޓް ދިނުމުގެ އުސޫލުވެސް ކަނޑައަޅާފަވާނީ އެންމެ، ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް އިސްކަންދޭގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެއްވެސް ރައްޔިތަކު މާޔޫސް ނުވުމަށާއި، 18 އަހަރުފުރި އަމިއްލަ އެއްވެސް ބޯހިޔާވަހިކަމެއް ނެތް ކޮންމެ ރައްޔިތަކަށް، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ކޮންމެވެސް އެއް ސްކީމަކުން އެކަން ކަށަވަރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
