
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފާއިތުވި ހަފްތާތަކުގައި ފަލަސްޠީނުގެ ޣައްޒާއާ ގުޅޭގޮތުން އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ އިންތިހާ ދަރަޖައަށް ބަނޑަށް ޖެހިފައިވާ ޣައްޒާގެ ރައްޔިތުން ކާބޯތަކެތި ހޯދުމަށް އެހީ ބަހާ މަޒުކަޒުތައް ހުންނަ ސަރަޙައްދަށް ދިޔުމުން ޙަމަލާ ދީ ޝަހީދު ކޮށްލާ ވާހަކައެވެ. ބައިނަލްއަޤްވާމީ އިދާރާތަކުން ދަނީ ކާބޯތަކެއްޗަކީ ހަތިޔާރަކަށް ހަދައި، ޔަހޫދީން ޣައްޒާގެ ރައްޔިތުން ކަތިލަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޔަހޫދީންގެ ނުލަފާ އަމަލުތަކަށް މުޅި ދުނިޔެ ދެކޮޅު ހެދި ނަމަވެސް ޔަހޫދީން އަދިވެސް ދަނީ އެއްވެސް ޖެހިލުމެއްނެތި ފާޅުގައި ޣައްޒާގެ ރައްޔިތުން ޝަހީދު ކުރަމުންނެވެ.
ތިން މަހެއްހާ ދުވަސްވަންދެން ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެއްވެސް ވަރަކަށް ވެއްދިޔަނުދީ ބަންދު ކޮށްފައި ބޭއްވުމަށް ފަހު މަދު ޢަދަދެއްގެ އެހީގެ ސާމާނު ޣައްޒާއަށް އެތެރެކުރުމުގެ ފުުރުޞަތު ޔަހޫދީން ދީފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. ނަމަވެސް އެ ޙާލަތުގައި ވެސް ޔަހޫދީން ބޭނުންވީ އެހީ ބެހުމުގެ ހުރިހާ މަރުހަލާއެއް ވެސް އެ މީހުންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިޔުމަށެވެ. އެ ގޮތުން ޔަހޫދީން ވަނީ ޔޫއެންފަދަ ޖަމާޢަތްތައް އެއް ފަރާތްކޮށް، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއާ ގުޅުންހުރި ޖަމާޢަތަކަށް އެހީ ބެހުމުގެ މަސައްކަތް ޙަވާލުކޮށްފައެވެ. ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން، ޖީއެޗްއެފުން އެ ސަހަރުގައި ޙަރަކާތްތެރިވާން ފަށާފައި ވަނީ މެއި މަހުގެ 26ވަނަ ދުވަހުއެވެ.
ޖީއެޗްއެފުން އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ކުރަނީ އެމެރިކާގެ އަމިއްލަ ސަލާމަތީ ކުންފުންޏަކާ ގުޅިގެންނެވެ. ނަމަވެސް އދން ވަނީ އެ ޖަމްޢިއްޔާ މެދިވެރިކޮށް އެހީގެ ސާމާނު ބެހުމަށް ދެކޮޅު ހަދާފައެވެ. ޖީއެޗްއެފަކީ މިނިވަން އަދި ވަކި ފަރާތަކަށް ނުޖެހޭ ފައުންޑޭޝަނެއް ކަމަށް އދން ޤަބޫލެއް ނުކުރެއެވެ. އދން ވަނީ ޖީއެޗްްއެފުން އެހީގެ ސާމާނު ބަހާ ނިޒާމަކީ އެހީގެ ސާމާނު ހަނގުރާމައިގެ ހަތިޔާރަށް ހަދައި، ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ކުރުވާ ނިޒާމެއް ކަމަށް ތުހުމަތު ކޮށްފައެވެ. ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ, އުންރުވާގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒަރިނީ ވެސް ވަނީ ޣައްޒާގައި އެހީގެ ސާމާނު ބެހުމަށް މިހާރު ބޭނުންކުރާ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޖީއެޗްއެފް މެދުވެރި ކޮށް ޣައްޒާގައި އެހީގެ ސާމާނު ބަހަން ފެށި ފަހުން، އެޙީގެ ސާމާނު ބަހާ މަރުކަޒުތައް ހުންނަ ސަރަޙައްދުތަކުން 410އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. ޔޫއެންއެޗްސީއާރުގެ ތަރުޖަމާނު، ތަމީމް އަލް-ޚީތާން ވިދާޅުވީ ޝަހީދުވި މީހުންގެ ޢަދަދު ޙިއްޞާކޮށްފައި ވަނީ ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުގެ އިތުރުން ސަރުކާރާ ގުޅުމެއް ނެތް އަމިއްލަ ޖަމުޢިއްޔާތަކުން ކަމަށެވެ. ޔޫއެންއެޗްސީއާރުން މިހާރު ދަނީ މި ޢަދަދުތައް ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހީގެ ސާމާނު ބަހާ މަރުކަޒުތަކުގައި ކަންަތައްތައް ހިނގާ ގޮތް ކިޔައިދިން އަލްޖަޒީރާގެ ނޫސްވެރިއެއް ކަމަށްވާ ހާނީ މަޙްމޫދު ބުނީ ޖީއެޗްއެފްގެ މަރުކަޒުތައް ޤާއިމުކޮށްފައި ވަނީ ޔަހޫދީ ސިފައިން ތިބޭ ސަރަޙައްދުތަކާ ވަރަށް ކައިރީގައި ކަމަށެވެ. ޔަހޫދީންގެ ޓޭންކަރުތަކާއި ހަތިޔާރުއެޅި އުޅަނދާއި ސިފައިން އެ ސަރަޙައްދުތަކުގައި ގިނަ ކަމަށް އޭނާ ވަނީ ފާހަަގަ ކޮށްފައެވެ. އެހެންކަމުން ގިނަ ޢަދަދެއްގެ މީހުން އެ ސަރަޙައްދުތަކަށް އެއްވާ ވަގުތު އެ މީހުން ނުރައްކަލަށް ހުށަހެޅޭ ކަމަށް އޭނާ ބުނެއެވެ.
ޙާނީ ބުނީ އެހީގެ މަރުކަޒުތަކަށް ކާނެ އެއްޗެއް ހޯދަން ދާ މީހުންނަށް، އެ ތަނުގައި ހުރި އެއްޗެހީގެ ތެރެެއިން އަތުޖެހުނު އެއްޗެއް ނަގައި އެ ސަރަޙައްދު ދޫކޮށް ދިޔުމަށް ޔަހޫދީން ދެނީ 20 މިނެޓުގެ ކުޑަ ވަގުތުކޮޅެއް ކަމަށެެވެ. އެ ވަގުތު ހަމަވުމުން، އެ ތަނުގައި ތިބި މީހުންނަށް އަމާޒުކޮށް ގިނަ ފަަހަރު ބަޑިޖަހާ ކަމަށް ޙާނީ ވަނީ ބުނެފައެވެ. އެހީގެ ސެންޓަރުތަކުގައި ގިނަ ޢަދަދެއްގެ މީހުން ޝަހީދު ވަނީ އެހެންވެ ކަމަށް އޭނާ ބުނެއެވެ. އެހީގެ މަރުކަޒުތައް ހުންނަ ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ މީހުން ޝަހީދުވަމުންދާތީ ޖީއެޗްއެފުން އެ ކަން ބެލުމަށް ގޮވާލައި ގޮވާލުންތަކުގެ އަޑު ދަނީ ދުވަހުން ދުވަހަށް ގަދަވަމުންނެވެ. ނަމަވެސް އެ ފަދަ އެއްވެސް ޒިންމާއެއް ނެގުމަށް ޖީއެޗްއެފުން ދެކޮޅު ހަދައެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ވަނީ ޣައްޒާއަށް ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ވެއްދުމަށް ހުރަސްއަޅާތީ އެ ސަހަރުގެ ޞިއްޙީ އަދި އިންސާނީ ޙާލަތު ގޯހުން ގޯހަށް ގޮސްފައިވާ ކަމަށް ފާހަގަކޮށްފައެވެ. ޣައްޒާގައި މިހާރު ޚިދުމަތްދެވޭ މަދު ހަސްފަތާލުތަކަށް އިތުރަށް ޚިދުމަތް ދެވޭނީ މަދު ދުވަސްކޮޅަކަށް ކަމަށް އެ ވުޒާރާއިން ބުނެއެވެ. އާންމުން ވެސް އަދި ވެސް ތިބީ ކާނެ އެއްޗެއް ނުލިބި ބަނޑަށް ކަމަށް އިދާރާތަކުން ފާހަގަ ކުރެއެވެ. އާންމުންނަށް އޮތް ހަމައެކަނި އިޚްތިޔާރަކީ ފުރާނަ ގެއްލިދާނެކަމުގެ ނުރައްކަލާ ކުރިމަތިލާ އެހީގެ މަރުކަޒުތަކުން ކާބޯތަކެތި ހޯދުން ނުވަތަ ބަނޑަށްޖެހި މަރުވުމެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީ އަސްކަރީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގައި 51 މީހުން ޝަހީދުކޮށްލައިފިއެވެ. އޭގެ ތެރެއިން 14 މީހުންނަކީ އެހީގެ މަރުކަޒުތަކުގައި ޝަހީދު ކޮށްލާފައިވާ މީހުން ކަމަށް ޣައްޒާގެ އިދާރާތަަކުން ބުނެއެވެ. ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ފެށި ޢުދުވާނުގައި މިހާތަނަށް 56،077 މީހުން ޝަހީދުވެ 131،848 މީހުންނަށް ވަނީ ޒަޚަމްވެފައެވެ.
ޣައްޒާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ޝަހީދުކޮށްލާފައި މި ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާގައި ފެށި ޢުދުވާން ނިމުމަކަށް ގެނައިމަށް ކުަރަމުންދާ މަސައްކަތުގައި ގިނަ ކުރިއެރުންތައް ލިބިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ. ނޭޓޯ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ނެދަލެންޑްސްގައި މިހާރު ހުންނެވި ޓްރަމްޕް ވިދާޅުވީ ޖޫން މަހުގެ 22ވަނަ ދުވަހު އެމެރިކާއިން އީރާނަށް ދިން ޙަމަލާއާ ގުޅިގެން ޣާއްޒާގެ މައްސަލައިގައި ކުރިއެރުން ލިބި، މެދުއިރުމަތީގެ ޙާލަތު ރަނގަޅުވެފައިވާ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. ޣައްޒާއާ ގުޅޭ ޞުލްޙައިގެ އެއްބަސްވުމަކާ ހަމައަށް ފޯރުމަށް ވަރަށް ގާތްވެފައިވާ ކަމަށް މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޓްރަމްޕްގެ ޚާއްޞަ މަންދޫބު، ސްޓީވް ވިޓްކޮފް ވިދާޅުވެފައިވާ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
