
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތާ ދެކޮޅު ހަތިޔާރު އެޅި ޖަމާޢަތްތަކަށް ޒަޔަނިސްޓު އިސްރާއީލުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެންމެ ފަހުން އެއްބަސްވެއްޖެއެވެ. އޭނާ މި ކަމަށް އެއްބަސްވެފައި މި ވަނީ، ޣައްޒާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ޔަހޫދީން އެހީތެރިކަން ފޯރުކޮށްދީ، ހަތިޔާރު ފޯރުކޮށްދެމުންދާ ކަމުގެ ތުހުމަތުތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ނަތަންޔާހޫ ބުނީ، ޙަމާސާ ދެކޮޅަށް ތެދުވެ ހަނގުރާމަ ކުރުމަށް ޣައްޒާގައި ހަރަކާތްތެރިވާ ބައެއް ހަތިޔާރު އެޅި ޖަމާޢަތްތައް އިސްރާއީލުން ހިތްވަރުދީ، އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައެވެ. ނަތަންޔާހޫގެ ސަރުކާރުން އެ ފަދަ ޖަރީމާތައް ހިންގަމުންދާ ކަމުގެ ތުހުމަތު ފުރަތަމަ ކޮށްފައި ވަނީ ޒަޔަނިސްޓު އިސްރާއީލުގެ ދިފާޢީ ވަޒީރު ކަމުގެ މަޤާމު ކުރިން ފުރާފައިވާ އަވީގްދޯ ލީބަރމަނެވެ.
ޣައްޒާގައި ނިކަމެތިކޮށް ހާލުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ބުނީ، ނަތަންޔާހޫގެ ސަރުކާރުން ވާގިވެރިވާ ހަތިޔާރު އެޅި ގުރޫޕުތަކުން، އެހީގެ ތަކެތި ރައްކާކޮށްފައިވާ ގުދަންތަކަށް ޙަމަލާ ދެމުންދާ ކަމުގައެވެ. އަދި، އެ ތަންތަން ލޫޓުވައި، ކާބޯތަކެތި ވަގަށް ގެންދަމުންދާ ކަމުގައެވެ. ނަމަވެސް، ނަތަންޔާހޫގެ ސަރުކާރުން ތުހުމަތު ކުރަމުންދާ ކަމުގައި ކާބޯތަކެތި ލޫޓުވައި، ވަގަށް ގެންދަނީ ޙަމާސް ޖަމާޢަތުންނެވެ. ޙަމާސުން އެ ތުހުމަތުތައް ދޮގު ކުރަމުންދާއިރު، އެ ކަމުގެ ޙަޤީޤަތް މިއަދު މި ވަނީ ފަޅާއަރާފައެވެ. އަދި، އެ ކަމުގެ ފަހަތުގައި އޮތީ ޔަހޫދީ ސަރުކާރު ކަން ހާމަވެފައެވެ.
ނަތަންޔާހޫ އެހީވާ ގުރޫޕުތަކުން ލާއިންސާނީ ޖަރީމާތައް ހިންގާ
އެސޯސިއޭޓެޑް ޕްރެސް ނޫސް އޭޖެންސީއަށް މަޢުލޫމާތު ދިން ޒަޔަނިސްޓު އިސްރާއީލުގެ މަޞްދަރަކުން ބުނީ، ނަތަންޔާހޫގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުންދާ ހަތިޔާރު އެޅި ގުރޫޕުތަކުގެ ތެރޭގައި ޕޮޕިޔުލަރ ފޯސަސް ނުވަތަ އަބޫ ޝަބާބް ކިޔާ ގުރޫޕެއް ހިމެނޭ ކަމުގައެވެ. އެއީ، ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙުގައި ހަރަކާތްތެރިވާ ގުރޫޕެކެވެ. އެ ގުރޫޕުގައި 100އެއްހާ މެންބަރުން ހިމެނޭ ކަމުގައި ޒަޔަނިސްޓު އިސްރާއީލުގެ މީޑިޔާތަކުން ރިޕޯޓު ކުރެއެވެ. ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.1 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފާ) ގުޅިގެން މަސައްކަތް ކުރަމުންދާ ކަމުގައި އަބޫ ޝަބާބް ގުރޫޕުން ދާދި ފަހުން ބުނެފައިވެއެވެ. ޖީއެޗްއެފަކީ، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަމާ އެކު އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. އަބޫ ޝަބާބް ގުރޫޕުން ބުނީ، ޖީއެޗްއެފްގެ އެހީ ބަހާ މަރުކަޒުތަކުގެ ސަލާމަތީ އިންތިޒާމުތައް ބެލެހެއްޓުމަށް އެ ގުރޫޕުން ޔަހޫދީންނާއި އެމެރިކާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އަބޫ ޝަބާބް ގުރޫޕު ފަދަ ގުރޫޕުތައް ނަތަންޔާހޫގެ ބާރުގެ ދަށަށް ގެންގޮސްފައި ވަނީ ޒަޔަނިސްޓު ސަރުކާރާއި ކެބިނެޓުގެ ރުހުމާ ނުލާ ކަމުގައެވެ. އަދި، އެ ކަމާ ގުޅިގެން އިސްރާއީލުގެ ޢާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އޮތް ކަމުގައެވެ. ނަތަންޔާހޫ އެހީތެރިކަން ފޯރުކޮށްދެމުންދާ އަބޫ ޝަބާބް ފަދަ ހަތިޔާރު އެޅި ޖަމާޢަތްތަކުން ކާބޯތަކެތި ވަގަށް ގެންގޮސް، ކުށްތަކަށް އަރައިގަންނަމުންދާ ކަމުގައި ޔަހޫދީ ޢާންމުން ޤަބޫލު ކުރާ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
ކާބޯތަކެތި ބެހުމުގެ ނަމުގައި ޖީއެޗްއެފުން ހިންގަނީ ލާއިންސާނީ ޖަރީމާތަކެއް
ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި ޖީއެޗްއެފުން ދަނީ ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ. އެ ޖަރީމާތައް ހިންގުމުގެ އަޑީގައި ތިބީ ޔަހޫދީ ސިފައިން ކަމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލު ކުރެއެވެ. ޖީއެޗްއެފުން ދަނީ، ކާބޯތަކެތި ބަހަމުންދާ ކަމަށް ބުނެ، ޢަައްޒާގައި ނިކަމެތިކޮށް ހައިހޫނުގައި ޖައްސާފައިވާ މީހުން އެކި ސަރަޙައްދުތަކަށް ޖަމާކުރަމުންނެވެ. އަދި، ޔަހޫދީ ފައުޖުން ދަނީ ޖީއެޗްއެފްގެ މަރުކަޒުތައް ކައިރިއަށް ޖަމާވާ މީހުންނަށް ޙަމަލާދީ، ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކުރަމުންނެވެ. ހުސްވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޖީއެޗްއެފްގެ މަރުކަޒުތައް ކައިރީގައި ޔަހޫދީ ފައުޖުން ހިންގާފައިވާ ޖަރީމާތަކުގައި 100އެއްހާ މީހުން ޝަހީދު ކޮށްލައި، އެތަކެއް ސަތޭކަ ބަޔަކު ޒަޚަމު ކޮށްލިއެވެ.
މި ފަދަ ޖަރީމާތަކާ ގުޅިގެން ޖީއެޗްއެފަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފާޑު ކިޔުންތައް އަމާޒުވުމާ އެކު، އެ ޖަމުޢިއްޔާއިން ވަނީ ޖޫން 4ވަނަ ދުވަހު އެހީ ބެހުމުގެ މަސައްކަތްތައް ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ. ނަމަވެސް، ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙްގައި އެހީ ބަހާ އިތުރު ދެ މަރުކަޒު ޤާއިމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އެ ޖަމުޢިއްޔާއިން ބުންޏެވެ. އަލުން ކާބޯތަކެތި ބަހަން ފަށާނެ ވަކި ތާރީޙެއް އެ ޖަމާޢަތުން ހާމަކޮށްފައެއް ނުވެއެވެ. މި ވަގުތު ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީ ފައުޖުން ހަމައެކަނި ދީފައި ވަނީ އެ ޖަމުޢިއްޔާއަށެވެ.
ޔަހޫދީ ފައުޖުން މިހާރު ވެސް ދަނީ ޣައްޒާގެ އެކި ކަންކޮޅުތަކަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 52އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ދާއިރާގެ އޮފިޝަލުން ހާމަކުރިއެވެ. އޭގެ ތެރެއިން 31 މީހެއްގެ ހަށިގަނޑު ޚާން ޔޫނިސްގެ އަލް-ނާޞިރު ހަސްފަތާލަށް ގެންގޮސްފައިވާއިރު، އުތުރުގައި އޮތް ޣައްޒާ ސިޓީގެ އަލް-ޝިފާ ހަސްފަތާލާއި އަލް-އަހްލީ ހަސްފަތާލަށް 21 މީހެއްގެ ހަށިގަނޑު ގެންގޮސްފައިވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ. އެންމެ ފަހުން ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ހަތަރު ނޫސްވެރިން ވެސް ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ޝަޓާރ ސްޓޮކް) އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ...
އީރާނުގެ އާ ރޫހާނީ ލީޑަރަކީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖްތަބާ
އިސްރާއީލާއި އެމެރިކާގެ ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަންކޮށްފި...
ފޯޅަވަހި މައްސަލައިގައި މިދިޔަ ސަރުކާރުން ސިއްރުން ސިޓީ ފޮނުވުމަކީ އެންމެ މަތީ ހިޔާނާތުގެ ކުށެއް!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ފޯޅަވަހި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ސަރުކާރަށް ސިއްރު ސިޓީއެއް ފޮނުއްވުމަކީ ގާނޫނުއަސާސީއާ ހިލާފު، ގައުމަށް...
ދެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ، ގާނޫނު އަސާސީގެ މުސައްނިފުންގެ ވިސްނުމެއް ނޫން: ނާޒިމް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރު ހިންގާ ޕީއެންސީންނާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް...
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުން ވަނީ ގައުމުގެ ހަމަޖެހުމަށް:ފަލާހް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ...
މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮަށްގެން، 164 އުމްރާވެރިން ރޭ ފުރައިފި
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އެކި ސަބަބުތަކާހުރެ އުމްރާއަށް ނުފުރި ތިބި 164 މީހަކު، ސަރުކާރުގެ އެހީތެރިކަމާއެކު ރޭ ފުރައިފި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ...
