
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން އީރާނުގެ ވިޔަފާރިވެރިއަކާ ދެކޮޅަށް ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ. އެމެރިކާގެ މާލީ ވުޒާރާއިން ބުނީ، ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ ސައްޔިދު އަސަދުالله އިމާމުންޖުމުޢަތާ ދެކޮޅަށް ކަމުގައެވެ. އެއީ، އީރާނުގައި އުފައްދާ ގޭހާއި ސާފު ނުކުރާ ތެޔޮ ބޭރު ކުރުމުގެ ސިނާއަތުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ މީހެއް ކަމުގައި އެމެރިކާއިން ބުންޏެވެ. އޭނާގެ އިތުރުން، އޭނާ ކުންފުނިތަކާއި، ތެލާއި ގޭސް ބޭރު ކުރުމަށް ބޭނުން ކުރާ ވިޔަފާރީގެ ވިއުގައާ ދެކޮޅަށް ވެސް އެމެރިކާއިން ވަނީ ފިޔަވަޅު އަޅާފައެވެ.
އީރާނާއި، އެ ޤައުމުގެ ރައްޔިތުންނާއި ކުންފުނިތަކާ ދެކޮޅަށް އެމެރިކާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން މި ދަނީ، ދެ ޤައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ މަޝްވަރާތަކުގެ ބޭނުމަކީ، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުވުމެވެ. އެ ޕުރޮގުރާމު ހުއްޓުމަކަށް ގެނައުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައިގަނޑު އަމާޒެކެވެ. އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ މަޤުޞަދަކީ ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުން ކަމަށް އެމެރިކާއާއި ޔަހޫދީން ޤަބޫލު ކުރެއެވެ. އަދި، އީރާނުން ނިއުކްލިޔަަރ ހަތިޔާރެއް އުފެއްދުމަކީ ޔަހޫދީންނާއި ޒަޔަނިސްޓު އިސްރާއީލުގެ ދެމިއޮތުމާއި ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ޓްރަމްޕް ޤަބޫލު ކުރައްވައެވެ. ޓްރަމްޕަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގެ އެންމެ ބޮޑު ބައިވެރިއަކީ ވެސް އެމެރިކާއާއި ޓްރަމްޕެވެ.
އީރާނާއި އެމެރިކާއާ ދެމެދު ފަށާފައިވާ މަޝްވަރާތަކުގެ ދަށުން މިހާތަނަށް ދެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އޭޕްރިލް 12ވަނަ ދުވަހުގެ ބައްދަލުވުން ބާއްވާފައި ވަނީ އޮމާނުގައެވެ. އަދި، އޭރިލް 19ވަނަ ދުވަހު ދެވަނަ ބައްދަލުވުން ބާއްވާފައި ވަނީ އިޓަލީވިލާތުގެ ވެރިރަށް ރޯމްގައެވެ. ދެ ފަރާތުގެ ދެމެދުގައި ކުރަމުންދާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަނީ އޮމާނުންނެވެ. ބައްދަލުވުންތަކުގައި އީރާން ތަމްސީލު ކުރައްވަނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއެވެ. އަދި، އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފެވެ. އެއީ ބިނާކުރަނިވި އަދި ކާމިޔާބު މަޝްވަރާތަކެއް ކަމުގައި ދެ ޤައުމުން ވެސް ވަނީ ސިފަކޮށްފައެވެ. ނަމަވެސް، އެމެރިކާއިން ދަނީ އީރާނުގެ ރައްޔިތުންނާއި ކުންފުނިތަކާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އިތުރު ކުރަމުންނެވެ. އެމެރިކާގެ މާލީ ވުޒާރާއިން ބުނީ، އީރާނުގައި އުފައްދާ އެތަކެއް މިލިޔަން އެމެރިކާ ޑޮލަރެއްގެ އަގުހުރި ތެލާއި ގޭސް އެ ޤައުމުން ބޭރުކޮށް، ބޭރުގެ ބާޒާރުތަކަށް ފޯރުކޮށްދިނުމުގައި އިމާމުންޖުމުޢަތާއާއި އޭނާގެ ވިޔަފާރިތަކުން އިސް ދައުރެއް އަދާ ކުރާ ކަމުގައެވެ.
ތޭލާއި ގޭހުގެ ވިޔަފާރިއަކީ އީރާނަށް ބޭރު ފައިސާ ލިބޭ މައިގަނޑު ސިނާއަތެކެވެ. އެމެރިކާގެ މާލީ ވުޒާރާއިން ބުނީ، އެ ސިނާއަތުން ލިބޭ ފައިސާ އީރާނުން ޚަރަދު ކުރަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމު އިތުރަށް ފުޅާކޮށް ފައްކާ ކުރުމަށް ކަމުގައެވެ. އަދި، ޔަހޫދީންނާ ދެކޮޅަށް ތެދުވެ، ހަތިޔާރު އުފުލާފައިވާ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމުގައެވެ. އެ ޖަމާޢަތްތަކުގެ ތެރޭގައި ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސާއި އިސްލާމިކް ޖިހާދު، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އަދި ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީން ހިމެނޭ ކަމުގައި ވެސް އެމެރިކާއިން ޤަބޫލު ކުރެއެވެ. “އިމާމުންޖުމުޢަތާއާއި އޭނާގެ ވިޔަފާރިން ދަނީ އެލްޕީޖީގެ [ލިޔުއިފައިޑް ޕެޓްރޯލިޔަމް ގޭސް] އެތަކެއް ހާސް ޝިޕްމަންޓެއް އެކްސްޕޯޓު ކުރުމަށް މަސައްކަތް ކުރަމުން—އޭގެ ތެރޭގައި އެމެރިކާއިން ވެސް ހިމެނޭ—އެއީ އެމެރިކާގެ ފިޔަވަޅުތަކުން ބަރިއްޔަވުމަށް އަދި އީރާނަށް މާލީ މަންފާ ހޯދުމަށް،” އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވިއެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅުތައް ހަރުކަށި ކުރަމުން ދިޔަ ނަމަވެސް، ދެ ޤައުމުގެ ދެމެދުގައި ކުރަމުންދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ވަނީ ހޯދިފައެވެ. މި ގޮތުން، އެންމެ ފަހުން ބޭއްވި މަޝްވަރާތަކަށް ފަހު، އެއްބަސްވުމެއްގެ ދެލިކަރުދާސް ތައްޔާރު ކުރުމުގެ މަސައްކަތް ފެށުމަށް ދެ ޤައުމުން ވަނީ ނިންމާފައެވެ. މި ހަފުތާގެ ތެރޭގައި އެ މަސައްކަތް ފެށުމަށް ދެ ޤައުމުގެ މާހިރުންގެ ޓީމުތަކުން ބައްދަލު ކުރާނެ ކަމަށް ބެލެވެއެވެ. އަދި، އޭޕްރިލް 26ވަނަ ދުވަހު މަތީ ފަންތީގެ އިތުރު ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.
About Post Author
މާދަމާ ނިއުސް
މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު މިއަދު...
ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކާ ހެދި، ރައީސްގެ އެންގެވުމަކަށް ނޫން: ތަރުޖަމާނު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި އެއީ އަމިއްލަ ނިންމެވުމެއް ކަމަށް ސަރުކާރުން...
މަޢުލޫމާތު ހާމަކުރުމަކީ އިތުބާރު ދަމަހައްޓައި ހިންގުން ހަރުދަނާކުރުމަށް ލާޒިމު ކަމެއް: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައްޔިތުންގެ އިތުބާރު ދަމަހައްޓައި ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމަށް މަޢުލޫމާތު ހާމަކުރުމަކީ އަސާސީ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު...
ފިނޭންސް މިނިސްޓަރ ޒަމީރު އިސްތިއުފާ ދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މާލީ ވަޒީރު މޫސާ ޒަމީރު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ސަރުކާރުގެ ތަރުޖަމާނު މިކަން ކަށަވަރުކޮށްދެއްވި ނަމަވެސް، އިސްތިއުފާ...
ރާއްޖެއިން ދަނީ ނަތީޖާ ދައްކަމުން، ބީ.އެމް.އެލްގެ ދައުރު ބޮޑު: ފިޗު
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ރޭޓިންގް 'ސީސީސީ-' އަށް މަތިކޮށް، ބޭންކުގެ ކުރިމަގު...
“ބޭސް ލިބުން އުނދަގޫވަނީ، ސަޕްލައިޗެއިން ތަރައްޤީ ނުވުމުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއަރާފައިވާ މިންވަރަށް ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ނުވަތަ ސަޕްލައިޗެއިން ތަރައްޤީވެފައި ނެތުމަކީ ބޭސް ލިބުމަށް...
