
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން އޭޕްރިލް 22ވަނަ ދުވަހުގެ ފަތިހުން ފެށިގެން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި 25 މީހުން ޝަހީދު ކޮށްލައިފިއެވެ. އޭގެ ތެރެއިން 11 މީހަކު ޝަހީދު ކޮށްލާފައި ވަނީ އެ ސަހަރުގެ ދެކުނުގައި އޮތް ޚާން ޔޫނިސަށް ދިން ނިރުބަވެރި ޙަމަލާތަކެއްގައެވެ. އެ މީހުން ޝަހީދުވީ ފިހިގެން ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާގެ މަޞްދަރުތަކުން ހާމަކުރިއެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 116,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,600އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.
ޣައްޒާގެ މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، މިއަދަކީ ވެސް ޣައްޒާގެ ރައްޔިތުންނަށް އިތުރު ހިތްދަތިކަމާއި އަނިޔާވެރިކަމާ ކުރިމަތިލާން ޖެހުނު ބިރުވެރި ދުވަހެއް ކަމުގައެވެ. ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޚާން ޔޫނިސަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެންމެ ފަހުން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޢާންމުންގެ ގެދޮރަށެވެ.
ގަސްދުގައި ޢާންމު ރައްޔިތުން ޝަހީދު ކުރުމަށް ހިންގާ ޖަރީމާ
ޚާން ޔޫނިސަށް ދިން ޙަމަލާތަކުގެ ތެރެއިން އެއް އިމާރާތަށް ބޮންއަޅައި ނުވަ މީހުން ޝަހީދު ކޮށްލިއެވެ. އެ އެންމެން ވެސް ޝަހީދުވީ ޔަހޫދީ ފައުޖުން ބޭނުން ކުރި ފަނާކުރަނިވި ހަތިޔާރުތަކުގެ ސަބަބުން އެ އިމާރާތުގައި ރޯވި އަލިފާންގަނޑުގައި ފިހިގެންނެވެ. އެ ހާދިސާގައި ފިހުނު އިތުރު ތިން މީހަކަށް ފަރުވާ ދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް ވަނީ ޝަހީދުވެފައެވެ. ޣައްޒާގެ އުތުރުގައި އޮތް ޣައްޒާ ސިޓީގައި ޢާންމުން ދިރިއުޅޭ ގެދޮރަށް ވެސް ޔަހޫދީ ފައުޖުން ވަނީ ރަޙުމު ކުޑަ ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. އޭގެ ތެރެއިން އެއް ޙަމަލާގައި އެއް ޢާއިލާއަކަށް ނިސްބަތްވާ ހަތް މެންބަރުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެއެވެ. ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް ވެސް ޔަހޫދީ ފައުޖުން ވަނީ ޙަމަލާދީ، ދެ މީހުން ޝަހީދު ކޮށްލާފައެވެ.
މީގެ އިތުރުން، ޣައްޒާގެ އުތުރުގައި އޮތް ޖަބާލިޔާ ރެފިއުޖީ ކޭމްޕުގައި ފޭލިގެތަކެއް ޖަހާފައިވާ ސަރަޙައްދަކަށް ދިން ޙަމަލާއެއްގައި ދެމަފިރިންނާއި ތިން ކުޑަކުދިން ޝަހީދު ކޮށްލިއެވެ. އެ ޙަމަލާގައި އިތުރު 10 މީހަކު ޒަޚަމު ކޮށްލާފައިވާ ކަމަށާއި، އެ މީހުންނަށް ފަރުވާ ދިނުމަށް އެ ސަރަޙައްދުގައި ހުރި ހަސްފަތާލެއްގައި މަސައްކަތް ކުރަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ނަމަވެސް، ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑުފުނޑު ކޮށްލާފައިވުމާ އެކު، އެ މީހުންނަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް އެ ހަސްފަތާލުތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ވަނީ ނުކުޅެދިފައެވެ.
ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ޚަބަރުތައް ދުނިޔެއަށް ހާމަކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ވަފާ އަދި ޤުދުސް ނޫސް ނެޓްވަރކުން ބުނީ، އެ ސަހަރުގެ މެދުތެރޭގައި އޮތް ދަޔިރް އަލް-ބަލަޙަށް ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކެއްގައި ޑޮކްޓަރެއް ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އެ ސަރަޙައްދަށް ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ ޑރ މާޖިދު ނަޞްރީ އިސްމާޢީލް ޝަހީދު ކޮށްލުމުގެ ނިޔަތުގައި ކަމަށް ބެލެވެއެވެ. އޭނާގެ މަރާ އެކު، ޔަހޫދީ ފައުޖުން ޝަހީދު ކޮށްލާފައިވާ ޞިއްޙީ ޚިދުމަތްތެރިންގެ އަދަދު 1,060އަށް އުފުލިފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.
ޤަތުލުޢާންމު ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢު ނުކުޅެދިފައި
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާން އިތުރަށް ފުޅާ ކުރަމުން މި ދަނީ، ފަލަސްޠީނުގެ މުސްލިމުންގެ މައްޗަށް ޒަޔަނިސްޓު އިސްރާއީލުން ހިންގަމުންދާ އިސްތިޢުމާރީ ވެރިކަމަށް ނިމުމެއް ގެނައުމަށް ގޮވައިލައި އދގެ ޢާންމު މަޖިލީހުން ޤަރާރެއް ފާސްކުރިތާ ހަ މަސް ފާއިތުވެފައިވާ ދަނޑިވަޅެއްގައެވެ. އިންސާނީ ޙައްޤުތަކަށް ވާކާލާތު ކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ތެރެއިން އޮކްސްފެމާއި، މެޑިކަލް އެއިޑް ފޯ ޕަލަސްޓީނިޔަންސް އަދި އެކްޝަންއެއިޑް ފަދަ 30 ޖަމުޢިއްޔާއަކުން ވަނީ ޔަހޫދީންގެ ޤަތުލުޢާންމު ކުށްވެރިކޮށް، އެ ޤަތުލުޢާންމު ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު ފޭލުވެފައިވާ ކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަމުންދާ ކަމުގައި ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައިސީޖޭ)ން މީގެ އަހަރެއްހާ ދުވަސް ކުރިން ކަނޑައަޅާފައިވާ ކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އަދި، ފަލަސްޠީނުގެ މުސްލިމުން ޔަހޫދީންގެ އަޅުވެތިކަމުން ސަލާމަތް ކުރުމަށް އދގެ ޢާންމު މަޖިލީހުން މީގެ ހަ މަސް ދުވަސް ކުރިން ގޮވައިލާފައިވާ ކަން ވެސް ފާހަގަ ކޮށްފައިވެއެވެ.
އެ އަމުރުތަކަށް ތަބާވުމުގެ ބަދަލުގައި ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރީގައި ހިންގަމުންދާ ނިރުބަވެރި ޖަރީމާތައް އެތަކެއް ގުނައަކަށް ޔަހޫދީ ފައުޖުން ފުޅާ ކޮށްފައިވާ ކަމުގައި އެ ޖަމުޢިއްޔާތަކުން ހާމަކުރިއެވެ. އަދި، އެ ކަން ހުއްޓުވައި، ޤާނޫނީ އަދި އަޚްލާޤީ ޒިންމާތަކަށް ބޯލެނބުމަށް ޔަހޫދީންގެ މައްޗަށް ބާރު އެޅުމަށް އެ ޖަމުޢިއްޔާތަކުން ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ.
އެ ޖަމުޢިއްޔާތަކުން ގޮވައިލާފައިވާ ކަންކަމުގެ ތެރޭގައި ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ އިސްތިޢުމާރީ ވެރިކަމަށް ނިމުމެއް ގެނައުމާއި، އެ ބިންތަކުން ޔަހޫދީ ސިފައިން ބޭލުމާއި، ޒަޔަނިސްޓު އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމަށް ނިމުމެއް ގެނައުމާއި، އިންސާފުގެ ކުރިމައްޗަށް ޔަހޫދީ ވެރިން ހާޒިރު ކުރުމުގެ އިތުރުން ޒަޔަނިސްޓު އިސްރާއީލާ އެކު ވިޔަފާރީގެ މުޢާމަލާތުތައް ހިންގުން ހުއްޓައިލުން ހިމެނެއެވެ. މީގެ އިތުރުން، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކޮށް، އެ ކަން ކުރިއެރުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެ ޖަމުޢިއްޔާތަކުން ވަނީ ގޮވައިލާފައެވެ.
About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
