
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގައި ދިރިއުޅޭ އަފްޣާނިސްތާނާއި ކެމަރޫންގެ އެތަކެއް ހާސް ރައްޔިތުންނަށް ޤާނޫނީ ގޮތުން ފޯރުކޮށްދެމުން ދިޔަ ރައްކާތެރިކަން މެދުކަނޑައިލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރައްވައިފިއެވެ. މި ކަން ހާމަކުރަމުން އެމެރިކާގެ ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ބުނީ، އެ ޤައުމުގައި ދިރިއުޅޭ އަފްޣާނިސްތާނާއި ކެމަރޫންގެ އެތަކެއް ހާސް ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ‘ޓެމްޕޮރަރީ ޕްރޮޓެކްޓެޑް ސްޓޭޓަސް’ (ޓީޕީއެސް) ނުވަތަ އިންސާނިއްޔަތު ކަމަށް ޓަކައި ވަގުތީ ގޮތުން ފޯރުކޮށްދީފައިވާ ‘ރައްކާތެރިކަމުގެ ދަރަޖަ’ މެދުކަނޑައިލުމަށް ޓްރަމްޕް ނިންމަވާފައިވާ ކަމުގައެވެ.
އެމެރިކާގެ ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު މި ކަން ކަށަވަރު ކޮށްދެއްވާފައިވާއިރު، މީގެ ސަބަބުން ޤާނޫނީ ރައްކާތެރިކަމާ އެކު އެމެރިކާގައި ދިރިއުޅެމުންދާ އަފްޣާނިސްތާނުގެ 14,600 ރައްޔިތުންނަށް އަސަރު ކުރާނެއެވެ. އަދި، ޓީޕީއެސްގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކެމަރޫންގެ 7,900އަށްވުރެ ގިނަ މީހުންގެ ރައްކާތެރިކަން ގެއްލިގެން ދާނެއެވެ. ޓީޕީއެސަކީ، އެކި ސަބަބުތަކަށް ޓަކައި އެމެރިކާއަށް ދަތުރު ކޮށްފައިވާ ބޭރު ޤައުމުތަކުގެ ރައްޔިތުންގެ ތެރެއިން، އެކިއެކި ސަބަބުތަކާ ގުޅިގެން އެނބުރި ވަޒަނަށް ދިޔުމަށް އުޒުރުވެރިވާ މީހުންނަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އުސޫލެކެވެ. އެ ސަބަބުތަކުގެ ތެރޭގައި އެ ޤައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ދާޚިލީ ހަނގުރާމަ އަދި ޤުދުރަތީ ކާރިސާތައް ހިމެނެއެވެ. މިއީ، ޖަނަވަރީ 20ވަނަ ދުވަހު ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމަށް ފަހު ޓްރަމްޕް ޓީޕީއެސް އުސޫލުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދެމުންދާ ޤައުމުތަކުގެ ލިސްޓު މުރާޖާ ކުރައްވާފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ.
އަފްޣާނިސްތާނާއި ކެމަރޫންގެ ދާޚިލީ މަސްރަޙަށް ބަދަލެއް ނާދޭ
މި ކަމާ ގުޅޭ ގޮތުން ނެެރުއްވި ބަޔާނެެއްގައި އެމެރިކާގެ ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ކްރިސްޓީ ނޮއެމް ވިދާޅުވީ، އަފްޣާނިސްތާނާއި ކެމަރޫނަކީ މި ވަގުތު ޓީޕީއެސްގެ އުސޫލުގެ ޝަރުޠުތައް ފުރިހަމަވާ ޤައުމުތަކެއް ކަމުގައި ޓްރަމްޕް ޤަބޫލު ނުކުރައްވާ ކަމުގައެވެ. ނަމަވެެސް، މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، 2017ވަނަ އަހަރަށް ފަހު ކެމަރޫންގައި ހިނގަމުންދާ އަހުލީހަނގުރާމައަށް ނިމުމެއް އައިސްފައި ނުވާ ކަމުގައެވެ. އަދި، ސަރުކާރުގެ ފައުޖުތަކާއި ހަތިޔާރު އެޅި ޖަމާޢަތްތަކާ ދެމެދު މެދުކެނޑުމެއް ނެތި ޙަމަލާ ބަދަލު ކުރަމުންދާ ކަމުގައެވެ. އަފްޣާނިސްތާނަށް ބަލައިލާއިރު، 2021ވަނަ އަހަރަށް ފަހު އެ ޤައުމުގެ ވެރިކަން އޮތީ ނިރުބަވެރި ޖަމާޢަތް، ޠާލިބާނުންގެ އަތްދަށުގައެވެ. ބަޣާވާތެއް ހިންގައި އެ ޖަމާޢަތުން އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލާފައި ވަނީ 2021ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. ޠާލިބާނުން ދަނީ އެ ޤައުމުގެ ރައްޔިތުންގެ، ޚާއްޞަކޮށް އަންހެނުންނާއި އަންހެން ކުދިންގެ އިންސާނީ ޙައްޤުތަކަށް އަރައިގަންނަމުންނެވެ. އަދި، ކުރީގެ ސަރުކާރުތަކުގައި އިސް މަޤާމުތައް ފުރާފައިވާ މީހުން ހައްޔަރު ކުރަމުންނެވެ.
އެމެރިކާގައި ދިރިއުޅޭ އަފްޣާނިސްތާނާއި ކެމަރޫންގެ ރައްޔިތުންގެ ޓީޕީއެސް ދަރަޖަ ބާޠިލު ކުރުމަށް ޓްރަމްޕް ނިންމެވުމާ ގުޅިގެން ރެފިއުޖީންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. އޭގެ ތެރޭގައި ގްލޯބަލް ރެފިއުޖީ ހިމެނެއެވެ. އެ ޖަމުޢިއްޔާގެ ރައީސް ކްރިޝޫ އޮމާރާ ވިގްނަރާޖަ ވިދާޅުވީ، އެމެރިކާގައި ޓީޕީއެސް ދަރަޖައިގައި ދިރިއުޅެމުންދާ އަފްޣާނިސްތާނުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ރައްކާތެރިކަން މެދުކަނޑައިލުމަކީ އަޚުލާޤީ މިިންގަނޑުތަކާ ޚިލާފު “ޚިޔާނާތެއް” ކަމުގައެވެ. އަދި، އެނބުރި ވަޒަނަށް ދިޔުމަށް އެ މީހުންނަށް މަޖުބޫރު ކުރުވުމަކީ އެ މީހުންގެ ފުރާނައަށް ނުރައްކާވެދާނެ ނިންމުމެއް ކަމުގައެވެ.
“އަފްޣާނިސްތާން މިއަދު ތަހައްމުލު ކުރަމުން އެ ދަނީ ޠާލިބާނުންގެ ވެރިކަމެއް، އިޤުތިޞާދު ވަނީ ފުނޑުފުނޑުވެފައި، އެ ޤައުމަށް ވަނީ އިންސާނީ ކާރިސާއެއް ކުރިމަތިވެފައި. އެ ޙަޤީޤަތަށް އެއްވެސް ވަރެއްގެ ބަދަލެއް އައިސްފައެއް ނެތް،” ވިގްނަރާޖަ ވިދާޅުވިއެވެ.
2021ވަނަ އަހަރަށް ފަހު އަފްޣާނިސްތާނުގެ 82,000 މީހުން އެމެރިކާއަށް
އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އަތްގަދަ ކުރުމާ އެކު އެ ޤައުމުގެ 82,000އެއްހާ މީހުން އެމެރިކާއަށް ގެންގޮސްފައިވެއެވެ. އަދި، އެކި ވައްތަރުތަކުގެ ވިސާއާއި އުސޫލުތަކުގެ ދަށުން އެ މީހުންނަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ، އެމެރިކާގެ އިސްތިޢުމާރީ ސިފައިންނާއި ސަރުކާރަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ މީހުންނެވެ.
މޭ މަސް ނިމުމާ އެކު އެމެރިކާގައި ޓީޕީއެސްގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދީފައިވާ އަފްޣާނިސްތާނުގެ ރައްޔިތުންގެ ހާލަތަށް ބަދަލު އަންނާނެއެވެ. އަދި، ޖޫން މަހަށް ފަހު، އެމެރިކާގައި ދިރިއުޅޭ ކެމަރޫންގެ ރައްޔިތުންގެ ރައްކާތެރިކަމަށް ވެސް ނިމުމެއް އަންނާނެއެވެ. ކެމަރޫންގެ ދާޚިލީ މަސްރަޙަށް ބަދަލެއް އައިސްފައިނުވާއިރު، އެ ޤައުމުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ރައްކާތެރިކަން ކަނޑައިނުލުމަށް ގޮވައިލައި، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންތަކެއް ދާދި ފަހުން ޓްރަމްޕްގެ ސަރުކާރަށް ސިޓީއެއް ފޮނުވާފައިވެއެވެ.
ނުޤަވާޢިދުން އެމެރިކާއަށް ހިޖުރަ ކުރާ މީހުން ހުއްޓުވުމުގެ ނަމުގައި ޓްރަމްޕް ގެންދަވަނީ ބޮޑު ކެމްޕޭނެއް ހިންގަވަމުންނެވެ. އަދި، އެ ފަދަ މީހުން ހިފައި ހައްޔަރުކޮށް، އަނބުރާ ޤައުމަށް ފޮނުވައިލުމަށް މަސައްކަތް ކުރަމުންނެވެ. އެމެރިކާގައި ދިރިއުޅޭ ވެނެޒުއެލާގެ 300,000އެއްހާ މީހުންގެ ޓީޕީއެސް ހާލަތު ބާޠިލު ކުރެއްވުމަށް ޓްރަމްޕް ވަނީ ފެބުރުވަރީ މަހު ނިންމަވާފައެވެ. ނަމަވެސް، މާރިޗު މަހުގެ ތެރޭގައި އެމެރިކާގެ ޝަރުޢީ ކޯޓަކުން ވަނީ އެ ނިންމުން ބާޠިލު ކޮށްފައެވެ. ވެނެޒުއެލާގެ އިތުރުން ހެއިޓީއާއި ކިޔުބާ އަދި ނިކަރާގުއާއިން އެމެރިކާއަށް ހިޖުރަ ކޮށްފައިވާ 500,000އަށްވުރެ ގިނަ މީހުން އަނބުރާ ޤައުމަށް ފޮނުވައިލުމަށް ވެސް ޓްރަމްޕް ގެންދަ ވަނީ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް، ޝަރުޢީ ކޯޓަކުން ވަނީ އެ ކަމަށް ވެސް ހުރަސް އަޅާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
