
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ހުއްޓުމެއްނެތި ދެމުންދާ އުދުވާނީ ޙަމަލާތަކުގައި ރީހަބު އަޚްރާސްއާއި އޭނާގެ ޢާއިލާ އަދި ޝަހީދެއް ނުވެއެވެ. ޙަމަލާއެއްގައި އެ މީހުންގެ ފުރާނަ ގެއްލިފައި ނުވި ނަ މަވެސް ޣައްޒާއަށް ކާބޯތަކެއްްޗާއި އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސް އަޅާފައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު ބަނޑުހައިހޫނުކަމުގެ ސަބަބުން އަޚްރާސާއި އޭނާގެ ޢާއިލާގެ ފުރާނަ ގެއްލިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޙަމަލާތައް، 15 މަސް ދުވަހަށްފަހު މެދުކަނޑާލާފައި ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޤާއިމު ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޙަމަލާ ދިނުން މެދުކަނޑާލާފައި އޮތް ދެ މަސް ދުވަހެއް ހާ ދުވަހު ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވަނީ ވައްދަން ފަށައިފައެވެ. ނަމަވެސް މީގެ ހަ ހަފުތާ ކުރިން ޔަހޫދީން ވަނީ ޣައްޒާއަށް ސާމާނު އެތެރެކުރުމަށް އަނެއްކާ ވެސް ހުރަސް އަޅައިފައެވެ. އޭގެ ފަހުން، ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ވަނީ ޣައްޒާއަށް ވަރުގަދަ ޙަމަލާތައް އަލުން ދޭން ފަށައިފައެވެ.
ޣައްޒާއަކީ 2.3 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސިޓީއަކަށްވާއިރު ޣައްޒާއަށް ތަކެތި ވެއްދުން ހުއްޓިފައި އޮތުމުން ޢާންމުންގެ ޙާލަތު ވަނީ ގޯހުން ގޯހަށް ގޮސްފައެވެ. ޙަމަލާ ބަދަލުކުރުން މެދުކަނޑާލާފައި އޮތް ދުވަސްވަރު ޣައްޒާއަށް ވެއްދި ކާބޯތަކެތި ވެސް މިހާރު ވަނީ ހުސްވެފައެވެ. ޢާންމުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހުއްޓި ކުރިން ޚިދުމަތް ދެމުންދިޔަ ބޭކަރީތައް ލައްޕައި، މާރުކޭޓުތައް ވަނީ ހުސްވެ ފަޅުވެފައެވެ. އުމުރުން 64 އަހަރުގެ އަޚްރާސްގެ ޢާއިލާގައި 13 މެންބަރުން ތިބެއެވެ. ގެދޮރު ގެއްލިފައިވާ އެ ޢާއިލާ ދިރިއުޅެމުން ދަނީ ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ ކޭމްޕެއްގައި ޕުލާސްޓިކު ޝީޓުތަކަކުން ހަދާލާފައިވާ ފޭލިގެއެއްގައެވެ. މިއަދު އެ މީހުންގެ އަތުގައި ހުރި ހަމައެކަނި މުދަލަކީ އަލިފާން ރޯކޮށްލާނެ ކާޑުބޯޑުކޮޅަކާއި އޮށްދަޅެކެވެ.
“އަހަރެމެންގެ ޢާއިލާގައި 13 މީހުން އެބަތިބި. އަހަރެމެންނަށް އެންމެ އޮށްދަޅަކުން ކުރެވޭނީ ކޮންކަމެއް؟ އަހަރެމެން މިހާތަނަށް މި ހަނގުރާމައިގައި ޝަހީދު ނުވެ ސަލާމަތުން އެބަ ތިބީމު. އަހަރެމެން ނިދާފައި ތިބޭ ވަގުތާއި ހިލޭ ތިބޭ ވަގުތު ޔަހޫދީން ކެނޑިނޭޅި ދެމުންދާ ވައިގެ ޙަމަލާތަކުން ވެސް އަދި މިހާތަނަށް ވަނީ ސަލާމަތްވެފައި. ނަމަވެސް އަހަރެމެންނާއި އަހަރެމެންގެ ދަރިން މި ބަނޑުހައިހޫނުކަމުގެ ޙާލަތުން ސަލާމަތް ވެވޭނެހެނެއް ހިޔެއް ނުވޭ.” އަޚްރާސް ބުންޏެވެ. ޣައްޒާގެ މެދުތެރޭގައި އޮންނަ އައްނުޞީރާތުގައި ކުއްލި ޙާލަތުގައި ޢާންމުންނަށް ކާބޯތަކެތި ފޯރު ކޮށްދޭ ބަދިގެއެއްގެ ދޮށުގައި އެތައް ސަތޭކަ ބަޔަކު ދަނީ ކިޔު ޖެހެމުންނެވެ. އެ ބަދިގެއިން ބަހަމުންދާ ބަތުން ބަތްކޮޅެއް ލިބޭތޯއެވެ. އެ ކިޔުގެ އެންމެ ކުރީގައި ތޮށް ޖެހިގެން ބާލިދީތައް ހިފައިގެން ތިބެނީ ޢާއިލާއަށް ކާނޭއެއްޗެއް ގެންގޮސްދިނުމުގެ އުންމީދުގައި ތިބި މައުސޫމު ކުޑަ ކުދިންނެވެ.
މިފަދަ ބަދިގެތައް މެދުވެރިކޮށް ކާބޯތަކެތި ފޯރުކޮށްމުންދާ އެހީ ދޭ ޖަމުޢިއްޔާތަކުން ބުނަމުން ދަނީ އެ ގޮތަށް މާ ގިނަ ދުވަސްވަންދެން ކާބޯތަކެތި ފޯރު ނުކޮށްދެވޭނެ ކަމަށެވެ. އިތުރު ކާނާ ޣައްޒާއަށް އެތެރެ ނުކުރެވޭ ކަމުގައި ވާ ނަމަ އެ ޙާލަތަށް ބަދަލެއް ނާންނާނެ ކަމަށް ވެސް އެ ޖަމުޢިއްޔާތަކުން ދަނީ ބުނަމުންނެވެ. ދުނިޔޭގެ ކާބޯތަކެތީގެ ޖަމުޢިއްޔާއިން މީގެ ކުރިން ދިޔައީ ޣައްޒާގެ 25 ބޭކަރީއަކަށް ޕާން ފޯރުކޮށްދެމުންނެވެ. ނަމަވެސް އެ ހުރިހާ ބޭކަރީއެއް މިހާރު ވަނީ ބަންދު ކޮށްފައެވެ. ވީހާ ވެސް ގިނަ ދުވަހަށް ކާބޯތަކެތި ހުސްނުވެ ދެމެހެއްޓޭތޯ ވަކި ރޭޓަކުން ބަހަމުން ދިޔަ ކާބޯތަކެތި ބެހުން ވެސް ވަރަށް އަވަހަށް ހުުއްޓާލަން ޖެހޭނެ ކަމަށް އިދާރާތަކުން ދަނީ ފާހަގަ ކުރަމުންނެވެ.
ފަލަސްޠީނުގެ ރައްޔިތުންނަަށް އެހީތެރިކަން ފޯރު ކޮށްދޭ އދގެ ޖަމުޢިއްޔާ ކަމަށްވާ އުންރުވާގެ ޖޫލިއެޓް ޓޫމާ ވިދާޅުވީ ޣައްޒާއިން އަސާސީ ހުރިހާ ސާމާނެއް ޣައްޒާއިން ހުސްވަމުންދާ ކަމަށެވެ. ޣައްޒާގައި ލިބެންހުރި އެއްޗެއް ވިއްޔާ އެ އެއްޗެއްގެ އަގު ފާއިތުވި މަސް ދުވަހުގެ ތެރޭގައި އެތައް ގުނައަކަށް އުފުލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ މާނައަކީ ތުއްތުކުދިންނާއި ކުޑަކުދިން ކޮންމެ ރެއަކު ނިދަނީ ބަނޑުހައިހޫނުކަން މަތީގައި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަސާސީ ސާމާނު ނުލިބި ފާއިތުވާ ކޮންމެ ދުވަހަކީ ޣައްޒާގެ ރައްޔިތުންގެ ބަނޑުހައިހޫނުކަން އިންތިހާ ދަރަޖައަކަށް އިތުރުވާ ދުވަހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ބާޒާރުތަކުގައި މިހާރު ލިބެން ހުރި މަދުމަދު ކާނާގެ އަގުތައް ހުރީ އަތްނުފޯރާ ފަށުގައެވެ. ކުރިން ހަ ޑޮލަރަށް ލިބެން ހުރި 25 ކިލޯގެ ފުށް ބަސްތާއެއްގެ އަގު މިހާރު ވަނީ އޭގެ ދިހަ ގުނައަށް އިތުރުވެފައެވެ. ކުރިން ދޮޅު ޑޮލަރަށް ލިބުނު ކައްކާ ތެޔޮ ލިޓަރެއް މީހާރު ލިބެނީ 10 ޑޮލަރަށެވެ. ވަރަށް މަދުން ނޫނީ ނުލިބޭ މަސް ދަޅެއްގެ އަގު ވެސް ހުރީ ދަޅެއް ފަސް ޑޮލަރަށެވެ. ޣައްޒާގެ ދީރުލް ބަލާޙުގައި ޙަރަކާތްތެރިވާ ނޮވީޖަން ރެފިޔުޖީ ކައުންސުލްގެ މެނޭޖަރެއް ކަމަށްވާ ގާވިން ކެލެހާ ވިދާޅުވީ އެ ޖަމުޢިއްޔާއިން ޣައްޒާގައި ކުރަމުންދިޔަ ކާބޯތަކެތި ބެހުމުގެ މަސައްކަތް އެއްކޮށްހެން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. ބާކީ ހުރި މަދު ސާމާނުކޮޅު ވެސް ކުރިއަށް އޮތް ދުަވަސްކޮޅުތެރޭގައި އެއްކޮށް ހުސްވާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
ޞިއްޙީ އެހީތެރިކަން ފޯރުކޮށްދޭ ޖަމުޢިއްޔާއެއް ކަމަށްވާ މެޑިސިންސް ސެެންސް ފްރަންޓިއަރސުން ބުނީ ކާބޯތަކެތި ނުލިބުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މުހިންމު ބައިތައް ނުލިބި ބަނޑަށް ޖެހިފައިވާ ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި މާބަނޑު އަންހެނުން ޣައްޒާގައި ތިބިކަމަށެވެ. ތުއްތުކުދިންނަށް ގާތުންދޭ މައިންނަށް ކާބޯތަކެތި ނުލިބުމުގެ ސަބަބުން އެ ކުދިންނަށް ގާތުން ނުދެވޭ ކަމަށް ވެސް އެ ޖަމުޢިއްޔާއިން ފާހަގަ ކުރިއެވެ.
About Post Author
މާދަމާ ނިއުސް
ބީއެމްއެލްގެ އިތުރު ފީއެއް، ޢަމަލު ކުރަނީ އުސޫލާ އެއްގޮތަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ "ޝެޑިއުލް އޮފް ޗާޖެސް" ގައި ނުހިމެނޭ އިތުރު ފީއެއް ނަގާ...
ކަނޑުމަހުގެ އުފެއްދުންތަކުގެ އެންމެ ބޮޑު މައުރަޒުގައި ރާއްޖެއިން ބައިވެރިވެއްޖެ
ސްޕެއިންގެ ބާސެލޯނާގައި މިމަހު ކުރިއަށްދިޔަ ދުނިޔޭގެ އެންމެ ބޮޑު ކަނޑުމަހުގެ އުފެއްދުންތަކުގެ މައުރަޒުގައި ރާއްޖޭގެ މަސްވެރި ކުންފުނިތަކުން ބައިވެރިވެ، ދިވެހި މަސްވެރިކަން ބައިނަލްއަޤްވާމީ މައިދާނުގައި...
“ކަނޑުމަސް ބޭރުކުރުމުގެ، މަޝްވަރާގެ ފައިދާ ދެ ޤައުމަށްވެސް ކުރާނެ”
ދިވެހިރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ޗައިނާގެ ސިޗުއާން ޕްރޮވިންސަށް އެކްސްޕޯޓްކުރުމާ ގުޅޭގޮތުން އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް...
ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީ %11.6 އިތުރުވެއްޖެ
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ އޭޕްރީލް 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި...
ކަނޑުމަހުގެ އުފެއްދުންތައް ޗައިނާގެ ސިޗުއާން ޕްރޮވިންސަށް
ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ޗައިނާގެ ސީޗުއަން ޕްރޮވިންސަށް އެކްސްޕޯޓްކުރުމާ ގުޅޭގޮތުން އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދާއި ސީޗުއަންގެ ވަފުދެއް ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުމުގައި...
“ޓެކްސީ ނަފާ ލޯނު ސްކީމުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލޯނު ނަގާފައިވާ ފަރާތްތަކަށް ކުރިމަތިވެފައިވާ ކަންބޮޑުވުންތަކަށް އިންސާފުވެރި ޙައްލެއް ހޯދައިދެއްވާނެ ކަމަށް...
