
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމުގެ ތެރެއިން ދެމުންދާ ޙަމަލާތަކުގައި 15 އިޖުތިމާޢީ އަދި ޞިއްޙީ ޚިދުމަތްތެރިން ޝަހީދު ކޮށްލުމަށް ފަހު، އެ ކަމުގެ ޙަޤީޤަތް ފޮރުވުމަށް ޔަހޫދީ ފައުޖުން އޮޅުވައިލާފައިވާ ކަން ފަޅާއަރައިފިއެވެ. ޣައްޒާގެ ދެކުނުގައި އޮތް ރަފަޙުގައި ޔަހޫދީ ފައުޖުން ހިންގި ނިރުބަވެރި އޮޕަރޭޝަނެއްގައި 15 ޞިއްޙީ ޚިދުމަތްތެރިން ޝަހީދު ކޮށްލާފައި ވަނީ މާރިޗު 23ވަނަ ދުވަހުއެވެ. އަދި، އެ މީހުންގެ ހަށިތައް ވަޅުލުމަށް ފަހު، ޔަހޫދީ ފައުޖުން ވަނީ އެ ކަމުގެ ޙަޤީޤަތް ފޮރުވުމަށް ދޮގު ބަޔާންތަކެއް ދީފައެވެ. ޝަހީދު ކޮށްލާފައިވާ 15 މީހުންގެ ތެރޭގައި ފަލަސްޠީނުގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއާއި ރެޑް ކްރެސެންޓުގެ އިތުރުން އެކުވެރި ދައުލަތްތައް (އދ)ގެ މުވައްޒަފުން ވެސް ހިމެނެއެވެ. އަދި، އެ މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އިތުރު މީހެއްގެ ހަށިގަނޑު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އެ އިދާރާތަކުން ހާމަކުރިއެވެ.
ޔަހޫދީ ފައުޖުން އެންމެ ފުރަތަމަ ބުނެފައި ވަނީ، އެ އިދާރާތަކުގެ އުޅަނދުތަކެއްގައި ދަތުރު ކުރަމުން ދިޔަ މުޖާހިދުންގެ ބަޔަކަށް ޙަމަލާދީ، އެ މީހުން ޝަހީދު ކޮށްލާފައިވާނެ ކަމުގައެވެ. އަދި، އެ މީހުން ދަތުރު ކުރަމުން ދިޔަ އުޅަނދުތަކާއި އެމްބިޔުލާންސަށް ޙަމަލާ ދީފައި ވަނީ، ޝައްކު ކުރެވޭ ގޮތަަކަށް އަމަލުތައް ހުރުމުން ކަމުގައެވެ. އުޅަނދުތަކުގެ އެމަރޖެންސީ ދިއްލުންތައް ދިއްލާފައި ނެތް ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުނެފައިވެއެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ޙަމާސާއި އިސްލާމިކް ޖިހާދުގެ މުޖާހިދުން ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ.
ނަމަވެސް، އެ މީހުން ޝަހީދު ކޮށްލުމަށް ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގެ ޙަޤީޤަތް މި ވަނީ ފަޅާ އަރާފައެވެ. އަދި، އެ މީހުން ހުއްޓުވައި، އެއްވެސް ރަޙުމެއް ނެތި ޙަމަލާދީ ޝަހީދު ކޮށްލާ މަންޒަރު ފެންނަ ވީޑިޔޯއެއް ވަނީ ޢާންމު ކޮށްފައެވެ. އެ ވީޑިޔޯ ފެނިފައި ވަނީ ޝަހީދުކޮށް ވަޅުލާފައިވާ ޞިއްޙީ ޚިދުމަތްތެރިއެއްގެ މޮބައިލް ފޯނުންނެވެ.
ވީޑިޔޯ ޢާންމުވުމާ އެކު ޔަހޫދީންގެ އިތުރު އޮޅުވައިލުންތަކެއް
އެ ވީޑިޔޯ ޢާންމު ކޮށްފައި ވަނީ ރެޑް ކްރެސެންޓުންނެވެ. އެ ވީޑިޔޯގައި ފެންނަނީ، އެ އިދާރާއާއި ފަލަސްޠީނުގެ މަދަނީ ސަލާމަތާ ބެހޭ އިދާރާ އަދި އދގެ ޔުނިފޯމު އަޅައިގެން ތިބި މުވައްޒަފުންނަށް ޔަހޫދީ ފައުޖުން ޙަމަލާދޭ މަންޒަރެވެ. އެ މީހުން ދަތުރު ކުރަމުން ދިޔަ އުޅަނދުގައި، އެއީ އިޖުތިމާޢީ ޚިދުމަތްތައް ފޯރުކޮށްދޭ އިދާރާތަކަށް ނިސްބަތްވާ އުޅަނދުތަކެއް ކަން ސާފުކޮށް ފާހަގަ ކޮށްފައިވެއެވެ. ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތަކުގެ ވީޑިޔޯ ޢާންމު ކުރުމާ އެކު، އެ ކަމުގެ ޙަޤީޤަތް އިތުރަށް އޮޅުވައިލުމަށް އެ މީހުން ވަނީ މަސައްކަތް ފަށާފައެވެ. އަދި، އެ ވީޑިޔޯގެ ސައްޙަ ކަން ކަށަވަރު ކުރުމަށް ތަޙުޤީޤު ކުރަމުންދާ ކަމުގައި ބުނެފައެވެ. ޝަހީދު ކޮށްލާފައިވާ 15 މީހުންނަކީ މުޖާހިދުން ކަމުގައި ޔަހޫދީ ފައުޖުން އަދިވެސް ބުނަމުން ދިޔަ ނަމަވެސް، ރެޑް ކްރެސެންޓާއި، މަދަނީ ސަލާމަތާ ބެހޭ އިދާރާގެ އިތުރުން އދން ވަނީ އެ ކަން ދޮގު ކޮށްފައެވެ. މި ހާދިސާގެ މިނިވަން އަދި އިންސާފުވެރި ތަޙުޤީޤެއް ހިންގުމަށް ވެސް އދއާއި ރެޑް ކްރެސެންޓުން ވަނީ ގޮވައިލާފައެވެ.
ޔަހޫދީންގެ އެންމެ ބޮޑު މަދަރުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، 15 އިޖުތިމާޢީ އަދި ޞިއްޙީ ޚިދުމަތްތެރިންނަށް ޙަމަލާދީ، ޔަހޫދީ ފައުޖުން އެ މީހުން ޝަހީދު ކޮށްލި ހާދިސާގެ ޒިންމާ އުފުލަން ޖެހޭނީ ޙަމާސް ޖަމާޢަތުން ކަމުގައެވެ. “ޙަމާސުން ދަނީ އެމްބިޔުލާންސް ފަދަ އުޅަނދުތައް ބޭނުން ކުރަމުން. އެ ކަމާ ގުޅިގެން ޔަހޫދީ ފައުޖަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަން ރައީސް ޓްރަމްޕް ޤަބޫލު ކުރައްވާ،” ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ބްރަޔަން ހިޔުސް ވިދާޅުވިއެވެ.
ޝަހީދުންނަށް އިންސާފު ހޯދައިދިނުމަށް ގޮވައިލުން
ރެޑް ކްރެސެންޓާއި އދން ބުނީ، ޝަހީދު ކޮށްލާފައިވާ 15 މީހުންނަކީ، ރަފަޙަށް ޔަހޫދީ ފައުޖުން ދެމުން ދިޔަ ޢުދުވާނީ ޙަމަލާތަކެއްގައި ޒަޚަމު ކޮށްލާފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް އެ ވަގުތު މަސައްކަތް ކުރަމުން ދިޔަ 17 މީހުންގެ ޓީމެއްގައި ހިމެނޭ މެންބަރުން ކަމުގައެވެ. އދން ބުނީ، އެ މީހުންނަށް އަމާޒުކޮށް ދެ ފަހަރެއްގެ މަތިން ޔަހޫދީ ސިފައިން ނިރުބަވެރި ޙަމަލާތަކެއް ދީފައިވާ ކަން، މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން ސާފުވާ ކަމުގައެވެ. “ޝަހީދު ކޮށްލާފައިވާ މީހުންނަށް އިންސާފު ހޯދައިދޭން ޖެހޭނެ، އަދި އެ ކަމުގައި ޒިންމާވާ ހުރިހާ އެންމެ އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރެވޭނެ ކަން ކަށަވަރު ކުރަން ޖެހޭނެ،” ރެޑް ކްރެސެންޓުގެ ތަރުޖަމާނު ނިބާލް ފަރަސަޚު ވިދާޅުވިއެވެ. “އެހެން ނޫން ނަމަ، މި ފަދަ ޖަރީމާތަކަށް ހުއްޓުމެއް ނުގެނެވޭނެ.”
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 114,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,300އަށްވުރެ އިތުރުވެފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.
About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
