
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދަރިންގެ ތަޢުލީމަކީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ފޮނުއްވެވި ޚިޠާބުގައެވެ. މި ޚިޠާބުގައި އެމަނިކުފާނު ވަނީ ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ކިޔަވާ ކުދީންނަށާއި, ބެލެނިވެރީންނަށް، އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހީވާގި މުދައްރިސުންނަށާއި, ޚިދުމަތްތެރީންނަށް ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދަރީންނަށް ތަޢުލީމު ދިނުމަކީ, ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓު ކަމަށާއި އުނގަންނައިދިނުމަކީ، ދީނީ، ޤައުމީ، އިޖުތިމާޢީ އަދި އިންސާނީ ވާޖިބެއް ކަމަށެވެ. އަދި މާތްﷲގެ މޫރިތި ކަލާމްފުޅު، ކީރިތި ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު ބަސްފުޅަކީވެސް “އިޤްރައު” (ކިޔަވާށޭ) ކަމަށާއި ސަލާމާއި ޞަލަވާތްލެއްވި ކީރިތި މާތް ނަބިއްޔާއަށް ފުރަތަމަ ބާވައިލެއްވުނު ވަޙީގެ 5 އާޔަތުންވެސް ކަށަވަރުކޮށްދެނީ އުނގެނުމުގެ މުހިންމުކަމާއި، ޢިލްމުގެ ޒަރީޢާއިން އިންސާނާއަށް ދެއްވި ކުރިއެރުމާއި މަތިވެރި ދަރަޖަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތްކުރައްވަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ވަސީލަތްތަކާއި ޖާގައިގެ ގޮތުން ފަހި ސްކޫލް މާޙައުލުތައް ޤާއިމުކޮށްދެއްވައި، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުޞަތުތައް ހޯދައިދެއްވާނެ ކަމަށެވެ. އަދި، ތަޢުލީމީ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށްވެސް ރަނގަޅު މަގުތައް ފަހިކޮށްދީ، ބެލެނިވެރީން ފަޚުރުވެރިވާނެ މަތީ ނަތީޖާތަކެއް ހާސިލުކުރެވޭނެ ހުރިހާ އަމާޒަކަށް ވާޞިލުވުމަށް ސަރުކާރުން ހިންމަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައީސް ވިދާޅުވީ ދަރީންނަށް އާރުލާ ތަޢުލީމެއް ދެވޭނީ، މުޅި މުޖުތަމަޢުގެ ބައިވެރިވުން އެކަމުގައި އޮވެގެން ކަމަށެވެ. އެކަން ހާސިލްކުރެވޭނީ، ކުދީންނަށް ދެވޭ ތަޢުލީމާއި ތަރުބިއްޔަތުގެ މަތީގައި ދެމި ތިބޭން ބާރުލިބޭ ނަމޫނާތަކެއް އަޅުގަނޑުމެން އެންމެންވެސް ދައްކައިގެން ކަމަށާއި ދަރިވަރުންގެ ޙައްޤުގައި ބެލެނިވެރީންނާއި އެދުރުގެތަކުންވެސް ގުޅިގެން މަސައްކަތްކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ފެށުނު ދިރާސީ އައު އަހަރު، ދިވެހި ލޮބުވެތި ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ޤައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައިވެސް ކުދީން ހާސިލުކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްޤީކުރުމުގައި އެއްބާރުލުން ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ، ތަޢުލީމު ދިނުމުގެ ޙައްޤު ހަމަހަމަކަމާއެކުއެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް މަސައްކަތްކުރައްވަމުންދާނެ ކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މާތްﷲ އިންސާނާއަށް ދެއްވި އެންމެ އަގުބޮޑު ޖައުހަރަކީ ބުއްދީގެ ނިޢުމަތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބުއްދީގެ ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ސިކުނޑިތަކަށް ދެވޭ ކާނާއަކީ ތަޢުލީމު ކަމަށެވެ. އަދި ރަނގަޅު ތަޢުލީމެއް ނުދެވޭ ކޮންމެ މުޖުތަމަޢެއް ބަދަލުވެގެން ދާނީ، ތަހުޒީބުކަމެއް، ތަމައްދުނެއް ނެތް އަބާއްޖަވެރި ވެށްޓަކަށް ކަމަށާއި ކޮންމެ ކުއްޖަކީވެސް ޤައުމަށް ބޭނުންތެރި ހަރުދަނާ ދަރިއަކަށް ހެދުމަށްޓަކައި ކިޔަވައިދިނުމަކީ ސަރުކާރާއި ރައްޔިތުންގެވެސް ވާޖިބު ކަމަށް ވިދާޅުވިއެވެ.
ކޮންމެ ޢުމުރެއްގައިވެސް އިތުރަށް ކަންކަން އުނގެނެން މަސައްކަތް ކުރުމަކީ، ކޮންމެ އިންސާނެއްގެވެސް ކާމިޔާބީއާއި ގުޅިފައިވާ އެންމެ ބޮޑު ސިއްރުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ ހީވާގި މުދައްރިސުންނަށާއި، ޚިދުމަތްތެރީންނަށް ކަމަށްކަމޭ ހީކުރެއްވުމާއެކު، އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އަޅުގަނޑުމެންގެ ލޮލުގެ ނޫރު ފަދަ ލޮބުވެތި ދަރީންނަށް ރަނގަޅު ތަޢުލީމާއެކު ހަރުދަނާ ތަރުބިއްޔަތެއް ދެއްވުމުގައި އެންމެ ހިނދުކޮޅެއްވެސް ފަރުވާކުޑަ ނުކުރުމަށް ބެލެނިވެރިންނަށް އެެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން ކިޔެވުމަށް ޚާއްޞަކޮށް ޢުމުރުގައި ލިބޭ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ބަސްއަހައި ހެޔޮލަފާ ދަރީންތަކެއްކަމުގައި ވުމަށް ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
