
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދިވެހީންގެ ތެރޭގައި މިއަދު ދިވެހި ގައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އެގޮތަށް ވިދާޅުވީ ގައުމީ ފެންވަރުގައި މިއަދު ފާހަގަކުރާ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ދެއްވި ޚާއްސާ ހިތޯބުގައެވެ. ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ޢަޒުމަކަށް ވާންވީ، އިސްލާމްދީނުގެ ރިވެތި އުސޫލުތަކަށް އަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ގަދަރުކުރާ މީހަކަށްވުމުގެ އަޒުމު ކަމަށާއި، އޭރުން ރޫޙާނީ ގޮތުންނާއި ނަފުސާނީ ގޮތުން ތާހިރުކަން ލިބުމާއެކު މަސައްކަތްތެރި މުރާލި ހުނަރުވެރި ތަހުޒީބު މީހަކަށް ވެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހީންގެ ތެރޭގައި މިއަދު ދިވެހި ގައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި، އެކަމަށްޓަކައި މި ޒަމާނުގައި ބޭނުންވަނީ އުލްމީ ހަމަތަކެއް ކަމުގައި ރައީސްގެ ހިތޯބުގައި ފާހަގަކުރެއްވިއެވެ. އަދި، މާތް ﷲ ގެ އިރާދަފުޅާއެކު، އިލްމީ ހަމަތަކުގެ މަތިން ދިވެހި ގައުމިއްޔަތު އުނގަންނައިދެވި، ދިވެހީންގެ ތަޖުރިބާތަކާއި ހުނަރުތައް ފަހަށް ރައްކާކުރެވެމުންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެހެންމެ، ދިވެހީންގެ ތަރިކަތައް ޒަމާނީ ޓެކްނޮލޮޖީއާއި އިގްތިސާދީ ވިސްނުން ޝާމިލުކޮށްގެން، ދެމެހެއްޓެމުން، ބެލެހެއްޓެމުންދާނެ ކަމަށާއި، މީގެ އިތުރަށް، މާތްވެގެންވާ އިސްލާމްދީން މެދުވެރިކޮށް ދިވެހީންގެ ސަގާފަތް އަބަދުވެސް އިސްލާހު ކުރެވެމުން، ނުރަނގަޅު ދޮރުތައް ބަންދުކުރެވެމުން، ރަނގަޅު ކަންކަމަށް ތަރުޙީބު ދެމުން ކުރިޔަށް ދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ގައުމެއްގެ ގޮތުގައި ބަޔަކު ދިރިއުޅޭ އިރު، އެ ބަޔަކު ހެޔޮނުބައި ކަނޑައަޅަން ބޭނުންކުރާ މިންގަނޑެއް އޮންނަ ކަމަށާއި، އެ މުޖުތަމައެއްގެ ސަގާފަތާއި އާދަކާދަތައް ބައްޓަންވެގެންދާނީ އެ ބަޔަކު ގަބޫލުކުރާ ހަމަތަކެއްގެ މަތީން، ނުވަތަ އެ ބަޔަކު ދުނިޔެދެކޭ ގޮތެއްގެ މަތީން ކަމުގައި ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ. އަދި ހެޔޮނުބައި ކަނޑައެޅުމަށް ދިވެހީން ބޭނުންކުރާ މިންގަނޑަކީ މާތްވެގެންވާ އިސްލާމްދީންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، ދިވެހީން އިސްލާމްދީން ބަލައިގަތުމަކީ ދިވެހި ގައުމިއްޔަތަށް އައި އެންމެ ހެޔޮ އިންގިލާބު ކަމުގައެވެ.
ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހާ މި ފަހަރު ބައްދަލުކުރީ ރަމަޟާން މަހުގެ ތެރޭގައިކަމީ، މި ހެޔޮ އިއްތިފާގާ މެދު ވިސްނާލުމުގެ ބޭނުން ވަރަށް މުހިންމުކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. ދިވެހި ގައުމިއްޔަތުގައި އިސްލާމްދީނުގެ ދައުރަކީ، ދިވެހީން ދިރިއުޅޭ ގޮތްތަކާއި އާދަކާދަތައް، ނުވަތަ ދިވެހި ސަގާފަތް އިސްލާމްދީނުގެ އިންތަކަށް ފެތޭހެން އިސްލާޙުކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އަގީދާގެ ގޮތުން އެއްކައުވަންތަ މާތް ﷲއަށް ވަކީލުކުރަންފެށުމާއި އިންސާނިއްޔަތުކަމުގެ ގޮތުން އެކިއެކި ނަންނަމުގައި އިންސާނުން ގޔރުބާންކުރުން ނިމުމަކަށް ގެނަސް، އިންސާނީ ކަރާމާތް ދިފާއުކޮށް މަތިވެރިކޮށް، މިސްކިތްތައް ބިނާކޮށް، ފަސްވަގުތު ނަމާދަށް ދިޔުމާއި ވެރީންނަށް އިޙްތިރާމުކުރުމާއި އަމާނާތްތެރިކަން އާންމުވުން އޭގެތެރޭގައި ހިމެނޭ ކަމުގައި ރައީސް ވިދާޅުވިއެވެ.
ދިވެހީންނަކީ އަޚުންތަކެއްކަމަށް ގަބޫލުކުރެވި، އެކަކުއަނެކަކަށް އަޅައިލައި، ހަމްދަރުދީވުމުގެ ރީތި މިސާލުތަކަށް ބޭރުގެ ލިޔުންތެރީންގެ ތާރީފުތައް އޮހެން ފެށިކަމާއި، މުޅި ރާއްޖޭގައި އަމާންކަން ގާއިމުވެ، ބޭރުން ބަޔަކު ރާއްޖެއަށް ހަމަލާދިނަސް، މާތްވެގެންވާ އިސްލާމްދީނުގެ ދިފާއުގައި، ހައްގު ގޮތުގައި ޖިހާދުކޮށް މި ލޮބުވެތި ވަޠަން މިނިވަންކުރެވިދިޔަކަން ރައީސްގެ ހިތޯބުގައި ފާހަގަކުރެއްވިއެވެ. ދިވެހި ގައުމިއްޔަތަކީ އެތައް ހާސް އަހަރެއްވީ ދިވެހީންގެ އެކުވި ވިސްނުމުގައި ބިންވަޅުނެގިފައިވާ ހަގީގަތްތަކެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އެހެނީ، ދިވެހި ފަސްގަނޑު ހުހަށް އޮތް ޒަމާނެއް ތާރީޚުން ފެންނާން ނެތުމާއި، ދިވެހި ކަނޑު ހުރަސްކުރި ކޮންމެ ބަޔަކު ދެކެފައިވަނީ ދިވެހީން މި ރަށްތަކުގައި ދިރިއުޅެނިކޮށް ކަމުގައި ރައީސް ވިދާޅުވިއެވެ. ދިވެހިރާއްޖެއަކީ މި ރާއްޖޭގައި ބަޔަކު ވަޒަންވެރިވި ތާރީޚެއް ދުވަސްވަރެއް އެނގެން ނެތް ޤައުމަކަށް ވާ އިރު، މި ކަމުން އަންގައިދެނީ، ދިވެހީންގެ ދޮށިކަމާއި، ދިވެހީންގެ އަސްލުވެހިކަމާއި، ދިވެހި ދައުލަތުގެ އެވޭލާކަމާއެކު ހައިބަތާއި ހަރުދަނާކަން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ގައުމިއްޔަތަކީ ބަޔަކު ތަނެއްގައި ދިރިއުޅޭން ފެށުމުން އެބައެއްގެ ދަރިކޮޅު އިތުރުވެ ފެތުރިގެންދާ ދިޔުމުގައި، އެ ބަޔަކު އެ ތަނެއްގައި ކުރާ ތަޖުރިބާތައްކަމަށާއި އަދި އެ ތަޖުރިބާތަކުގެ ތެރެއިން އެ ބަޔަކު އެ ތަނެއްގައި މާދަމާއަށް ދެމި ތިބޭން ކުރާ ފިކުރެއް ކަމުގައި ރައީސްގެ ހިތޯބުގައި ވިދާޅުވިއެވެ. މިއަދަކީ ދިވެހިރާއްޖޭގެ ގައުމީ ތާރީޚުގައި ޚާއްސަ ދުވަހެއް ކަމަށާއި، އެއީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރެވޭތީއާއި، ދިވެހި ގައުމިއްޔަތަކީ ދިވެހީން މި ރާއްޖޭގައި ދެމި ތިބުމުގެ މައިގަނޑު އަސްލުކަމުގައިވާތީކަމުގައި، ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ހިތޯބުގައި ރައީސް ވިދާޅުވިއެވެ.
ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ޚާއްސަ ހިތޯބު ނިންމަވާލެއްވީ، އިސްލާމްދީނުގެ ރީތި އުސޫލުތަކަށް އަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ޤަދަރުކުރާ މީހަކަށްވުމުގެ ޢަޒުމު ކަނޑައެޅުމަށް ގޮވާލައްވައި، ދިވެހިރާއްޖެއަކީ، ރޫޙާނީ ގޮތުންނާއި ނަފުސާނީ ގޮތުން ތާހިރުކަން ލިބުމާއެކު މަސައްކަތްތެރި މުރާލި ހުނަރުވެރި ތަހުޒީބު ރައްޔިތަކު ދިރިއުޅޭ، ބާއްޖަވެރި އުފާވެރި ޤައުމެއްގެ ގޮތުގައި ލެހެއްޓެވުން އެދި، މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.
About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
