
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
އަންނަ އަހަރު ބަންގްލަދޭޝްގައި ބާއްވާ ޢާންމު އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އަވާމީ ލީގަށް ނުލިބޭނެ ކަމުގައި ކަނޑައެޅުމާ ގުޅިގެން، އިންތިޚާބު ބޮއިކޮޓުކޮށް، އަވާމީ ލީގަށް ތާޢީދު ކުރާ އެތަކެއް މިލިޔަން ބަޔަކު ވޯޓުގައި ބައިވެރިނުވާނެ ކަމުގައި އެ ޕާޓީގެ ވެރިޔާ އަދި ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވިދާޅުވެއްޖެއެވެ. 2024ވަނަ އަހަރުގެ އޮގަސްޓު މަހު ފިއްލަވައިގެން އިންޑިޔާއަށް ވަޑައިގެންނެވުމަށް ފަހު ޙަސީނާ އަދިވެސް ހުންނެވީ އެ ޤައުމުގައެވެ.
ޙަސީނާ އިސްތިޢުފާ ދެއްވާފައި ވަނީ، އޭނާގެ ސަރުކާރާ ދެކޮޅަށް ބަންގްލަދޭޝްގެ ޒުވާނުން ނިކުމެ ކުރި ބިޔަ މުޒާހަރާތަކާ ގުޅިގެން ހިނގި ހަމަނުޖެހުންތަކަށް ފަހުއެވެ. 78 އަހަރުގެ ޙަސީނާ ވިދާޅުވީ، އޭނާގެ އަވާމީ ލީގު ބައިވެރިނުކޮށް ބާއްވާ އިންތިޚާބަކުން އުފެދޭ ސަރުކާރެއް ބަލައިނުގަންނަވާނެ ކަމުގައެވެ. އަދި، އެ ފަދަ ސަރުކާރެއްގެ ދައުރުގައި އެނބުރި ޤައުމަށް ވަޑައިނުގަންނަވާނެ ކަމުގައެވެ.
ޙަސީނާގެ ސަރުކާރު ވެއްޓުމަށް ފަހު ބަންގްލަދޭޝްގައި މި ވަގުތު ވެރިކަން ކުރަނީ އިންތިޤާލީ ސަރުކާރަކުންނެވެ. އެ ސަރުކާރުގެ އިސް މުޝީރަކީ، ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސެވެ. “އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އަވާމީ ލީގަށް ގެއްލުވައިލުމަކީ އިންސާފެއް ނޫން، އެއީ އަމިއްލައަށް ބަލިކަށިވެގަތުމުގެ އަމަލެއް،” އަމިއްލައަށް އަރުވައިލެއްވިގެން އިންޑިޔާއަށް ވަޑައިގެންނެވުމަށް ފަހު ނޫހަކަށް ދެއްވި ފުރަތަމަ ބަސްދީގަތުމުގައި ޙަސީނާ ވިދާޅުވިއެވެ.
ޙަސީނާގެ ސަރުކާރު ވެއްޓިފައި ވަނީ 15 އަހަރުގެ ދިގު ވެރިކަމަކަށް ފަހުއެވެ. “ދެން އުފެދޭ ސަރުކާރަކަށް އިންތިޚާބީ ސައްޙަކަން އޮންނަން ޖެހޭނެ. މި ވަގުތު ކަން އޮތް ގޮތުން، އަވާމީ ލީގަށް ތާޢީދު ކުރާ އެތަކެއް މިލިޔަން ބަޔަކު ވޯޓުލާން ނުނިކުންނާނެ. ސިޔާސީ ނިޒާމެއް ފުރިހަމަ ކުރުމަށް އެތަކެއް މިލިޔަން ބަޔަކު އިންތިޚާބީ ޙައްޤުން އެކަހެރިކޮށެއް ނުލެވޭނެ،” އޭނާ ވިދާޅުވިއެވެ.
ބަންގްލަދޭޝްގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ އަދަދު 128 މިލިޔަނަށް އަރައެވެ. އެ ޤައުމުގެ ސިޔާސީ މައިދާނުގައި އެންމެ ކާމިޔާބު ދެ ޕާޓީއަކީ ޙަސީނާގެ އަވާމީ ލީގުގެ އިތުރުން އެ ޕާޓީއާ ދެކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)އެވެ. ބީއެންޕީން ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
އަންނަ އަހަރު ބޭއްވުމަށް ތާވަލު ކޮށްފައި އޮތް ޢާންމު އިންތިޚާބުގައި އަވާމީ ލީގަށް ވާދަނުކުރެވޭނެ ކަމަށް ބަންގްލަދޭޝްގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ކަނޑައަޅާފައި ވަނީ މޭ މަހުއެވެ. އަދި، ޔޫނުސްގެ އިންތިޤާލީ ސަރުކާރުން އޮތީ އެ ޤައުމުގައި ސިޔާސީ ހަރަކާތް ހިންގުން ވަގުތީ ގޮތުން މަނާކޮށްފައެވެ. ސަބަބަކީ، ޤައުމީ ސަލާމަތަށް ނުރައްކާ އޮތުމާއި، އަވާމީ ލީގުގެ ސަރުކާރުގައި ހިންގާފައިވާ ކުށްތަކުގެ ތަޙުޤީޤުތައް އަދިވެސް ހިނގަމުން ދިޔުމެވެ.
“އެހެން ޕާޓީއަކަށް ވޯޓު ދިނުމަށް އަޅުގަނޑުމެން އަވާމީ ލީގަށް ތާޢީދު ކުރާ މީހުންނަށް އިރުޝާދެއް ނުދޭނަން. އެ މީހުންނަށް [އިންތިޚާބީ ކޮމިޝަނަށް] ހެޔޮ ވިސްނުން ލިބި، އަވާމީ ލީގަށް އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު ދޭނެ ކަމުގެ އުންމީދު އަދިވެސް އެބައޮތް،” ޙަސީނާ ވިދާޅުވިއެވެ. ނަމަވެސް، އަވާމީ ލީގުން ބަންގްލަދޭޝްގެ އިންތިޤާލީ ސަރުކާރާ އެއްވެސް ވަރަކަށް މަޝްވަރާ ކުރަމުންދާ ކަން އޭނާ ކަށަވަރު ކޮށްދެއްވާފައެއް ނުވެއެވެ.
ޙަސީނާގެ ސަރުކާރާ ދެކޮޅަށް އެތަކެއް ސަތޭކަ ހާސް ޒުވާނުން ތެދުވެ، މުޒާހަރާ ކުރަން ފަށާފައި ވަނީ 2024ވަނަ އަހަރުގެ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ. އެ މުޒާހަރާތައް ހުއްޓުވުމަށް ޙަސީނާގެ ސަރުކާރުން ވަނީ ފުލުހުން މެދުވެރިކޮށް ބާރުގެ ބޭނުންކޮށްފައެވެ. އޮގަސްޓު 5އާ ހަމައަށް ދެމިގެންދިޔަ ހަމަނުޖެހުންތަކުގައި 1,400އެއްހާ މީހުން މަރުވި ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ ތަފާސްހިސާބުތަކުން ހާމަވެއެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ސަލާމަތީ ބާރުތަކުން ހަތިޔާރު ބޭނުން ކުރުމުގެ ސަބަބުންނެވެ. އެއީ، 1971ވަނަ އަހަރު ބަންގްލަދޭޝަށް މިނިވަން ކަން ލިބުނު ފަހުން އެ ޤައުމުގައި ހިނގާފައިވާ އެންމެ ނުރައްކާތެރި، އަދި ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުންގަނޑެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
