
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.2 މިލިޔަނެއްހާ މީހުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ގޮތުން ރަފަޙް ހުރަސް ހުޅުވައިލަން ޖެހޭ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވިދާޅުވެއްޖެއެވެ. ޣައްޒާގެ ހިސާރަށް ލުއިދިނުމަށް ފަހު، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެ ސަހަރަށް އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީން ހުޅުވައިލާފައިވީ ނަމަވެސް، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް އެހީ ވެއްދުމުގެ ފުރުޞަތު ދެމުންނުދާ ކަމުގައި ޑަބްލިޔުއެޗްއޯއާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ހާމަކުރިއެވެ.
ޣައްޒާއާއި މިޞްރު ގުޅޭ ސަރަޙައްދީ ހުރަސް އޮންނަނީ ރަފަޙުގައެވެ. ނަމަވެސް، މިޞްރު މަގުން ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދިނުމަށް ޔަހޫދީން ދަނީ އިންކާރު ކުރަމުންނެވެ. ޓެޑްރޯސް ވިދާޅުވީ، ޣައްޒާއަށް މަދު އަދަދެއްގެ ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީން ހުޅުވައިލާފައިވީ ނަމަވެސް، ފުނޑުފުނޑު ކޮށްލާފައިވާ ޣައްޒާގެ ޞިއްޙީ ނިޒާމު އާރާސްތު ކުރުމަށް ބޮޑު ޚަރަދެއް ހިނގާނެ ކަމުގައެވެ. މި ގޮތުން، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ސުންނާފަތި ކޮށްލާފައިވާ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތައް އަދި ވަސީލަތްތައް އަލުން ބިނާކޮށް، އާރާސްތު ކުރުމަށް 7 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމުގައި އޭނާ އަންދާޒާ ކުރެއްވިއެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ދެ އަހަރު ދުވަހަށް ފަހު މެދުކަނޑައިލާފައި ވަނީ އޮކްޓޫބަރު 9ވަނަ ދުވަހުއެވެ. އެއީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، ޣައްޒާއަށް ދެމުން ދިޔަ ނިރުބަވެރި ޙަމަލާތައް ހުއްޓައިލާފައި މި ވަނީ 68,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލުމަށް ފަހުއެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއް ބަޔަކީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނެވެ. ޣައްޒާގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވެސް 158,000އަށްވުރެ މައްޗަށް އަރައެވެ.
ޓެޑްރޯސް ވިދާޅުވީ، މި ވަގުތަށް އޮތް އެންމެ މުހިންމު ކަމަކީ ރަފަޙް ހުރަސް ހުޅުވައިލައި، ޣައްޒާއަށް އެތެރެ ކުރާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނުގެ އަދަދު އިތުރު ކުރުން ކަމުގައެވެ. މިޞްރުގައި، ރަފަޙްގެ ސަރަޙައްދީ ރޮނގު ކައިރީގައި، ޣައްޒާގެ ރައްޔިތުންނަށް ފޮނުވާފައިވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބަރުކޮށްފައިވާ އެތަކެއް ސަތޭކަ ލޮރީއެއް އޮތީ ތާށިކޮށްލާފައެވެ. އިތުރު ޞިއްޙީ ފަރުވާއަށް ބޭނުން ޖެހިފައިވާ މީހުން ރަފަޙް މަގުން މިޞްރަށް ގެންދިޔުމުގެ ފުރުޞަތު ވެސް ޔަހޫދީން އޮތީ ހުއްޓުވާފައެވެ. ޑަބްލިޔުއެޗްއޯން ބުނީ، ޣައްޒާގައި ދިރިއުޅޭ 2.2 މިލިޔަނެއްހާ ރައްޔިތުންގެ ތެރެއިން 600,000އެއްހާ މީހުންގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކޮށްދެވޭނެ ގޮތެއް އަދިވެސް ނެތް ކަމުގައެވެ. އަދި، ކުރިއަށް އޮތް އަހަރަކީ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތިވާނެ އަހަރަށް ވެގެންދާނެ ކަމުގައި އެ ޖަމުޢިއްޔާއިން އިންޒާރު ކުރިއެެވެ.
ސަބަބަކީ، ޑަބްލިޔުއެޗްއޯ ފަދަ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކަށް އެހީ ލިބޭ މިންވަރު ދަށްވެފައިވުމެވެ. މި ގޮތުން، އެމެރިކާއިން ވަނީ ޑަބްލިޔުއެޗްއޯން ވަކިވެ، އެ ޖަމުޢިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލާފައެވެ. ޑަބްލިޔުއެޗްއޯން ވަކިވުމަށް ނިންމަވާފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެ ޖަމުޢިއްޔާއަށް ލިބޭ އެހީގެ މިންވަރު ދަށްވުމުގެ ސަބަބުން 14 މިލިޔަނެއްހާ މީހުންގެ ފުރާނެ ގެއްލުމުގެ ފުރުޞަތު އޮތް ކަމުގައި އެ ޖަމުޢިއްޔާއިން އަންދާޒާ ކުރެއެވެ. ޣައްޒާގެ ރައްޔިތުންނަށް ބޭނުން ޖެހިފައިވާ މިންވަރަށް ކާބޯތަކެތި ނުލިބޭ ކަމުގައި ޑަބްލިޔުއެޗްއޯން ހާމަކޮށްފައިވާއިރު، އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ބުނީ، ޣައްޒާގެ ރައްޔިތުންނަށް ފައިދާހުރި ކާނާ ނުލިބޭ ކަމަށާއި، ބައެއް ސަރަޙައްދުތަކުގެ ރައްޔިތުން އަދިވެސް ބަނޑުހައިހޫނު ކަން ތަހައްމަލު ކުރަމުންދާ ކަމުގައެވެ. “ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ފަހުން ދެ ހަފުތާއެއްހާ ދުވަސް ފާއިތުވި ނަމަވެސް ޣައްޒާގައި އަދިވެސް އޮތީ ނުރައްކާތެރި ހާލަތެއް،” ފަލަސްޠީނުގެ މަދަނީ ޖަމުޢިއްޔާއެއް ކަމުގައިވާ ޕީއޭއާރްސީގެ ޑިރެކްޓަރ ބަހާއު ޛަޤޫތީ ވިދާޅުވިއެވެ.
އޮކްސްފެމް ފަދަ އެހީދޭ ޖަމުޢިއްޔާތަކުން ވެސް ބުނީ، ޣައްޒާގެ ރައްޔިތުންްނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ކޮށްފައިވާ ކަމުގައެވެ. އަދި، ޣައްޒާއަށް އެހީ ވައްދައި، ބެހުމުގެ ފުރުޞަތު އިތުރު ޖަމުޢިއްޔާތަކަށް ދިނުމަށް ޔަހޫދީން އިންކާރު ކުރަމުންދާ ކަމުގައެވެ. ޛަޤޫތީ ވިދާޅުވީ، ބިސްކޯދާއި ޗޮކުލެޓާއި ސޯޑާ ދަޅުފަދަ ތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދީފައި އޮތް ނަމަވެސް ފައިދާހުރި ކާނާގެ ގިނަ ބާވަތްތައް އެތެރެ ކުރުމަށް ޔަހޫދީން އަދިވެސް ހުރަސް އަޅަމުންދާ ކަމުގައެވެ. އަދި، ޣައްޒާއަށް މަދު އަދަދެއްގެ މޭވާއާއި ތަރުކާރީ އެތެރެ ކުރަމުން ދިޔަ ނަމަވެސް އެ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
