
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާއާ ދެކޮޅަށް ހިންގާ އަދާވަތްތެރި ކަމުގެ ކޮންމެ އަމަލަކަށް ހަރުކަށި ރައްދެއް ދޭނެ ކަމުގައި ވިދާޅުވެ، އެ ޤައުމުގެ ޚާރިޖީ ވަޒީރު ސެރްގިޔޭ ލަވްރޮފް ހުޅަނގުގެ ބާރުތަކަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. އެމެރިކާގެ ނިއު ޔޯކްގައި ކުރިއަށްދާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ތަޤުރީރު ކުރައްވަމުން ލަވްރޮފް ވަނީ، ރަޝިޔާގެ ވައިގެ ސަރަޙައްދުގެ ތެރެއިން ދަތުރު ކުރަމުންދާ މަތިންދާބޯޓުތައް ވައްޓައިލުމަށް މަސައްކަތް ކުރުމާ ދެކޮޅަށް ވެސް އިންޒާރު ދެއްވާފައެވެ. އަދި، ޖަރުމަނުވިލާތުން ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ގޮވައިލުމާ އެއްފަދަ ވާހަކަތަކެއް ފަތުރަމުންދާ ކަމުގައި ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. ލަވްރޮފް ހުޅަނގަށް އިންޒާރު ދެއްވާފައި މި ވަނީ، ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)އާއި ރަޝިޔާއާ ދެމެދު މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ނޭޓޯގެ މެންބަރު ޤައުމެއް ކަމުގައިވާ އެސްޓޯނިޔާއިން ދާދިފަހުން ވަނީ، އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކެއް ވަދެފައިވާ ކަމުގައި ތުހުމަތު ކޮށްފައެވެ. އަދި، ޕޮލެންޑުން ވަނީ، އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަތް ކަމުގައި ބުނި ރަޝިޔާގެ އަސްކަރީ ޑްރޯންތަކެއް ވައްޓައިލާފައެވެ.
“އަޅުގަނޑުގެ ޤައުމާ ދެކޮޅަށް ހިންގާ އަދާވާތްތެރި ކަމުގެ ކޮންމެ އަމަލަކަށް ހަރުކަށި ރައްދެއް ދޭނަން. ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރަމުންދާ ނޭޓޯއާއި އީޔޫ [ވިލާތުގެ އިއްތިޙާދު]ގެ މެންބަރު ޤައުމުތަކުން މި ކަމާ މެދު އެއްވެސް ޝައްކެއް ކޮށްގެން ނުވާނެ،” ހުޅަނގުގެ ބާރުތަކަށް އިންޒާރު ދެއްވަމުން ލަވްރޮފް ވިދާޅުވިއެވެ. ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކާއި ޑްރޯންތައް ނޭޓޯގެ މެންބަރު ޤައުމުތަކުގެ ވައިގެ ސަރަޙައްދަށް ވަދެފައިވާ ކަމުގެ ތުހުމަތުތަކާ އެކު، އެ ޤައުމުތަކަށް ވަނީ ނުތަނަވަސް ކަން ވެރިވެފައެވެ. ނޭޓޯން ދެކޭ ގޮތުގައި، ފިނި ހަނގުރާމައަށް ފަހު އެ އިއްތިޙާދުގެ މެންބަރު ޤައުމުތަކަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ރަޝިޔާއެވެ. މޮސްކޯއިން ވެސް ދެކެނީ މި ފަދަ މޭރުމަކުންނެވެ. މޮސްކޯން ޤަބޫލު ކުރާ ގޮތުގައި އެ ޤައުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ނޭޓޯއެވެ.
ނޭޓޯގެ އެންމެ ބާރުގަދަ ޤައުމަކީ އެމެރިކާއެވެ. އެ އިއްތިޙާދުގެ މެންބަރު ޤައުމުތަކުގެ ވައިގެ ސަރަޙައްދަށް ވަންނަ ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކަށް ޙަމަލާ ދިނުމަށް ތާޢީދު ކުރައްވާ ކަމުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި، ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއަށް ކުރިއެރުންތަކެއް ލިބިފައި ނުވާ ކަމުގައި ސިފަ ކުރައްވައި، އޭނާ ވަނީ މޮސްކޯއަށް މަލާމާތް ރައްދު ކުރައްވާފައެވެ. “އަޅުގަނޑުމެންގެ ވައިގެ ސަރަޙައްދުން ދަތުރު ކުރާ އެއްވެސް އެއްޗެއް [މަތިންދާބޯޓެއް] ވައްޓައިލުމަށް މަސައްކަތް ކޮށްފި ނަމަ، އެއީ އަޅުގަނޑުމެންގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް އަރައިގަތުމާ އެއްފަދަ އަމަލަކަށް ވާނެ، އަދި އެ ކަމާ މެދު [އެ ކަން ކުރި ބަޔަކު] ހިތާމަ ކުރާނެ،” ޓްރަމްޕްގެ ބަސްފުޅުތަކަށް ރައްދު ދެއްވަމުން ލެވްރޮފް ވިދާޅުވިއެވެ.
މިސައިލާއި ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްގެން ނޭޓޯ އަދި އީޔޫގެ އެއްވެސް ޤައުމަކަށް ޙަމަލާއެއް ދިނުމަށް ރަޝިޔާއިން މަސައްކަތް ކޮށްފައި ނުވާނެ ކަމުގެ ޔަގީން ކަން ވެސް ލަވްރޮފް އދގެ ޢާންމު މަޖިލީހަށް އެރުވިއެވެ. އަދި، އެ ފަދަ އެއްވެސް ރޭވުމެއް ރާވާފައި ނުވާނެ ކަމުގައި ވިދާޅުވެ، ލަވްރޮފް ވަނީ ރަޝިޔާގެ ލަޝްކަރުތަކުން އަތްގަދަ ކޮށްފައިވާ ޔޫކްރެއިންގެ ބިންތައް މިނިވަން ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމުގައި ވެސް ވިދާޅުވެފައެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ، ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ބިންތައް މިނިވަން ކުރުމުގެ ޤާބިލު ކަން ޔޫކްރެއިނަށް ލިބިގެންވާ ކަމުގައި ޓްރަމްޕް ވިދާޅުވި ބަސްފުޅަކަށެވެ.
ލަވްރޮފް ވަނީ ޖަރުމަނުވިލާތުގެ ޗާންސެލަރ ފްރީދްރިޝް މެޔަަޓްޒަށް ވެސް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުން ނޫން އިތުރު ގޮތެއް ނެތް ކަމުގައި ވިދާޅުވެ، މެޔަޓްޒް އޭނާގެ ޤައުމުގެ ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، ތިންވަނަ ބޮޑު ހަނގުރާމައެއް ބޯމަތިވެފައިވާ ކަމުގައި ދެއްކުމަށް މަސައްކަތް ކުރައްވައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރި ކަން އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
