
ވ.ތިނަދޫގެ ރައްޔިތުން ސަރުކާރަށް ހުށައެޅި ކަންކަމަށް، ކަމާ ގުޅުންހުރި ވުޒާރާތަކާ ކުންފުނިތަކާ ގުޅިގެން ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ވ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ވަނީ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ޝަކުވާތަކާ ޚިޔާލު ހުށައެޅުމުގެ ފުރުޞަތު ދެއްވާފައެވެ. އެގޮތުން ވ.ތިނަދުއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ، ރަށަށް މުހިންމު ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރަށުގެ ރައްޔިތުން ވަނީ، ރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމާ، ރަށުގައި އަލަށް އާބާދުވާ ސަރަޙައްދުތަކަށް ކަރަންޓުގެ ރަނގަޅު ޚިދުމަތެއް ޤާއިމުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން ރަށުގެ ބަނދަރު ވަރަށް ބޮޑަށް ހަލާކުވުމާ، ޖާގައިގެ ދަތިކަން ރައްޔިތުން ވަނީ ފާހަގަކުރައްވާފައެވެ. “ރަށުގެ ބަނދަރުގަ، ގަދަވާ ދުވަސްވަރު ވަރަށް ގިނަ އުޅަނދުފަހަރު އަޑިޔަށް ގޮސްފަވެސް އެބަހުރި. އެންމެ ފަހުން ގަދަވި ދުވަސްވަރުވެސް ދެ އުޅަނދު އަޑިޔަށްދިޔަ. މިހާރަށް އެންމެ ބޭނުންވަނީ ބަނދަރުގެ މައްސަލަ ޙައްލުވާން.” ރަށު ކައުންސިލްގެ ރައީސް ޝިފާޤް ޙުސައިން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރަށުގެ ކުނީގެ މައްސަލަ ޙައްލުކޮށްދިނުމަށް ކައުންސިލްގެ ރައީސް އެދިވަޑައިގެންނެވިއެވެ.

ރަށުގެ އާއްމުން ހުށައެޅި ބައެއް ކަންކަމަށް ބަލާއިރު، އެރަށަކީ ރަށު ފަތުވެރިކަމުގައި ކުރިއަރަމުންދާ ރަށަކަށްވަމުންދާތީ އެކަމަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުގައި ވަނީ އެދިވަޑައިގެންފައެވެ. ފަތުވެރިކަމުގެ ވިޔަފާރިއާއެކު، ރަށުގަ ގިނަ ވަޒީފާތައް އުފެދި، ދިރިއުޅޭ އާބާދީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެރަށުގައި ފަތުރުވެރިކަމާ ގުޅޭ ވިޔަފާރި ކުރާ ފަރާތްތަކުން ވަނީ، ރަށް ކައިރިން ދަތުރު ދިއުމަށް ޚާއްސަ ރަށެއް ކަނޑައަޅައިދިނުމަށްވެސް އެދިވަޑައިގެންފައެވެ. އަދި ރަށުގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްވެސް ހުށަހެޅިއެވެ. “ޓެކުހުގެ ގޮތުގައި މި 5 އަހަރު ރަށުން ސަރުކާރަށް 125 މިލިއަނެއްހާ ރުފިޔާ ލިބޭނެ. އެކަމަކު ރަށުގައި އެކަށީގެންވާ ސިއްޙީ ޚިދުމަތެއް ނެތް. ބަނދަރެއް ނެތް. ރަށު ފަތުވެރިކަން މިރަށުގަ ހުއްޓިއްޖެނަމަ، ރައްޔިތުންގެ ހާލަތު ދާނީ އެންމެ ކުރިން ތިބި ހިސާބަށް.” އާއްމު ރައްޔިތަކު ފާހަގަކުރިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރައްޔިތުންގެ ޝަކުވާތަކަށް ރިއާޔަތްކޮށް، ކަމާގުޅޭ މުވައްސަސާތަކާ ކުންފުނިތަކާ ގުޅިގެން އެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ބަނދަރު މައްސަލައާއި އަދި ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް ޤާއިމުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. “އަންނަ މަރޗްމަހުގެ ކުރިން ރަށުގައި ޑޮލަރު އޭޓީއެމްއެއް ޤާއިމުކޮށްދޭނަން. އަދި ދެން ހުށައެޅި މައްސަލަތައްވެސް ކަމާ ގުޅުންހުރި މުވައްސަސާތަކަށް ހުށައަޅާއިގެން ރައްޔިތުން ބޭނުންވާ ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރާނަން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ރަށުގަ އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ. ތިނަދޫގެ ރެޖިސްޓަރީވެފައިވާ އާބާދީއަކީ 225 އެއްހާ މީހުންނެވެ. ރަށުގައި ނިސްބަތުން ދިރުއުޅޭ ރަށުގެ ރައްޔިތުންގެ އާބާދީ ވަރަށް ކުޑައެވެ. ނަމަވެސް ދިރިއުޅޭ އާބާދީއަށް ބާލާއިރު، މިރަށުގެ އާބާދީ 700 އިން މައްޗަށް އަރައެވެ. ރަށަކީ ފުޅާ ދާއިރާއެއްގައި ރަށު ފަތުރުވެރިކަން ކުރާ ރަށަކަށްވުމާއެކު، ރަށުގައި އެކި ވަޒީފާތަކުގައި އުޅޭ އާބާދީ ބޮޑެވެ. ފުޅާވަމުންދާ ފަތުރުވެރިކަމުގެ ވިޔަފާރިއާއެކު ރަށުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް އިތުރު 400 އެނދު ނެރުމުގެ މަސައްކަތް އެރަށުގައި އަންނަނީ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
