
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން މަސައްކަތްކޮށްފައިވާ ކަމަށާއި، އެ މަސައްކަތަކީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭ ގޮތަށް ޔަހޫދީ އިސްވެރިންގެ މޭސްތިރިކަމުގެ ދަށުން ހިންގާފައިވާ ޖަރީމާއެއް ކަމަށް އދގެ ކޮމިޝަނަކުން ނިންމައިފިއެވެ. ޣައްޒާ ސިޓީއަށް ޔަހޫދީ ސިފައިން އަރަން ފަށާފައިވާކަން ޔަހޫދީން އިޢުލާނުކޮށްފައިވަނިކޮށް އދން ނެރުނު ރިޕޯޓުގައި އެ ކޮމިޝަންގެ ނިންމުމަށް ބާރު ދިނުމަށް ޔަހޫދީން ޢާންމުން ޤަތުލްކުރާ މިންވަރާއި ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުމަށް ހުރަސް އެޅުމާއި ގެދޮރު ދޫކޮށް ދިޔުމަށް އެ ސަހަރުގެ ރައްޔިތުންނަށް މަޖުބޫރުކުރުވުމާއި ދަރިމައިވުމަށް އެހީތެރިވެދޭ ކްލިނިކެއް ސުންނާފަތިކޮށްލުން ފަދަ ޢަމަލުތައް ފާހަގަކޮށްފައިވެއެވެ. މިކޮމުޝަންގެ އިތުރުން ނަސްލުހޭދުކުރުމާ ބެހޭ އިލްމުވެރިންގެ ޖަމްޢިއްޔާއަކާއި ހައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުން ވެސް ޔަހޫދީންނާ ދެކޮޅަށް ހަމަ މި ތުހުމަތުކޮށްފައިވެއެވެ.
ކޮމިޝަން އޮން އިންކުއަރީ އޮން ދަ އޮކިއުޕައިޑް ޕަލެސްޓީނިއަން ޓެރިޓަރީ އަދި ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުގެ ކުރީގެ ފަނޑިޔާރެއް ކަމަށްވާ ނާވީ ޕިއްލޭ ވިދާޅުވީ މިއަދު ފެންނަމުން ދަނީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރަމުންދާ މަންޒަރު ކަމަށާއި ބައެއްގެ ނަސްލު ނައްތާލަން މަސައްކަތް ކުރުމަކީ އިންސާނީ އަދި އަޚްލާޤީ ނަޒަރިއްޔާތަކުން ބެލި ނަމަވެސް އެއްވެސް ޙާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ އަދި އެއީ ޤާނޫނީ ކުއްލި ޙާލަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ޔަހޫދީންގެ އިސްވެރިން ކަމަށާއި، އެއީ ދުރާލައި ރާވައިގެން، ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމުގެ ނިޔަތުގައި ޤަސްތުގައި ދެމުންދާ ޙަމަލާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އދގެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ 72 ސަފްޙާގެ ޤާނޫނީ ދިރާސާއަކީ ޣައްޒާއާ ގުޅޭގޮތުން އދއާ ގުޅުންހުރި އިދާރާއަކުން މިހާތަނަށް ނެރެފައިވާ އެންމެ ވަރުގަދަ ރިޕޯޓެވެ. ނަމަވެސް އެ ކޮމިޝަނަކީ މިނިވަން ކޮމިޝަނެއް ކަމަށް ވުމުން އެ ކޮމިޝަނުގެ ހޯދުންތަކަކީ ސީދާ އދގެ ބަހެއްގެ ގޮތުގައި ނުބެލެވޭނެއެވެ. ޣައްޒާގެ ޙާލަތު ސިފަ ކުރުމަށް އދން މިހާތަނަށް ‘ނަސްލުހޭދު ކުރުން’ މި ބަސް ބޭނުންކޮށްފައި ނުވާ ނަމަވެސް، ޔަހޫދީން ހިންގާ ޤަތުލްޢާއްމަކީ ބަޔަކު ނަސްލުހޭދު ކުރުމަށް ދެމުންދާ ޙަމަލާތަކެއް ކަމަށް އިޢުލާނު ކުރުމަށް އެ އިދާރާއަށް ދަނީ ފިއްތުންތައް ކުރިމަތިވަމުންނެވެ.
ޕިއްލޭ ވިދާޅުވީ އދގެ ހައްޤުތަކާ ބެހޭ އިސްވެރިޔާ ވޮލްކަރ ޓަރކްއާއި ސެެކެޓްރީ ޖެނެރަލް އެންތޯނިޔޯ ގުތޭޚެޝް ރިޕޯޓް ކިޔުއްވައި، އޭގައިވާ ހަޤީޤަތްތައް ބަލައިގަނެ އެ ހޯދުންތަކުގެ އަލީގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވައި ކަމަށެވެ. ދަރިފަސްކޮޅެއް ނަސްލުހޭދުކުރާ ކަމަށް ނިންމުމަށް ފަސް ޢަމަލެއްގެ ތެރެއިން ކޮންމެ ވެސް އެއް ޢަމަލެއް ހިނގާފައިވާން ޖެހެއެވެ. އދގެ ކޮމިޝަނުން ބުނީ އެ ފަސް ޢަމަލުގެ ތެރެއިން ހަތަރު ޢަމަލު ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ކަމަށެވެ. އެ ހަތަރު ޢަމަލަކީ މީހުން ޝަހީދު ކުރުމާއި، ޖިސްމާނީ އަދި ނަފްސާނީ ބޮޑެތި އަނިޔާތައް ދިނުމާއި، ދަރިފަސްކޮޅެއް ނެތި ހިނގައިދާނެ ފަދަ ދިރިއުޅުމުގެ ޙާލަތްތައް ގަސްތުގައި ކުރިމަތިކުރުވުމާއި ދަރިމައިވުމަށް ހުރަސްއެޅުމަށް ފިޔަވަޅުތައް އެޅުމެވެ. މި ޢަމަލުތައް ޔަހޫދީން ހިންގާފައިވާ ކަން އަނިޔާ ލިބުނު މީހުންނާއި ހެކިންނާއި ޑޮކްޓަރުންގެ ފަރާތުންނާއި ލިޔެކިޔުންތަކުންނާއި ސެޓެލައިޓު ފޮޓޮއިން ޔަޤީންވާ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ. އޭގެ އިތުރުން ޔަހޫދީ އިސްވެރިން ބުނެފައިވާ ބަސްބަހާއި ދައްކާފައިވާ ވާހަކަތަކުން އެ މީހުންގެ ނިޔަތަކީ ޣައްޒާގެ ދަރިފަސްކޮޅު ފަނާކޮށްލުން ކަން ހާމަވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 64،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. މުޅި ޣައްޒާ ބިމާ ހަމަވެ ސުންނާފަތިވެފައިވާއިރު، ގެދޮރު ދޫކޮށް ދިޔުމަށް އެތައް ލައްކަ ބަޔަކަށް ވަނީ މަޖުބޫރުވެފައެވެ. ޣައްޒާއަށް އެހީގެ ސާމާނާއި ކާބޯތަކެތި ވެއްދުމަށް ދަތިކޮށް، ޔަހޫދީން ދަނީ ޣައްޒާގެ ރައްޔިތުން ގަސްތުގައި ބަނޑަށް ޖައްސަމުންނެވެ. ބަނޑުހައިހޫނު ކަމުގެ ސަބަބުން ޣައްޒާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ ޝަހީދުވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
