
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން ދާދި ފަހުން ޤަޠަރުގެ ވެރިރަށް ދަވްޙާއަށް ދީފައިވާ ނިރުބަވެރި ޙަމަލާތައް ޢަރަބި އަދި އިސްލާމީ ޤައުމުތަކުން ކުށްވެރިކޮށް، ދިފާޢީ ފިޔަވަޅުތަކެއް އެޅުމަށް އެއްބަސްވެއްޖެއެވެ. ސެޕްޓެންބަރު 9ވަނަ ދުވަހު ޔަހޫދީ ފައުޖުން ދަވްޙާއަށް ދިން ނިރުބަވެރި ޙަމަލާއާ ގުޅިގެން ޢަރަބި އަދި އިސްލާމީ ދުނިޔޭގެ ޤައުމުތަކުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. ދަވްޙާގައި ބާއްވާފައިވާ ބައްދަލުވުމުގެ ދިވެހިރާއްޖެ ތަމްސީލު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒެވެ. އެ ބައްދަލުވުމުގައި ގަލްފުގެ ޤައުމުތައް، ނުވަތަ ގަލްފް ކޯޕޮރޭޝަން ކައުންސިލް (ޖީސީސީ)ގެ މެންބަރު ޤައުމުތަކުން ވަނީ އެ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގުޅިގެން މަސައްކަތްކޮށް، ހަރުދަނާ ދިފާޢީ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އެ ފިޔަވަޅުތައް ތަންފީޒު ކުރާނެ ހަރުދަނާ ސިޔާސަތުތަކެއް އެކަށައަޅާފައި ނެތް ނަމަވެސް، އެ ކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި އިތުރު މަޝްވަރާތައް ބޭއްވުމަށް ޖީސީސީން ވަނީ އެއްބަސްވެފައެވެ.
ޔަހޫދީން ދަވްޙާއަށް ދީފައިވާ ޙަމަލާތަކަކީ ފިނޑި އަދި ޖައްބާރު (ނުބައިނުލަފާ) އަމަލެއްގެ ގޮތުގައި ޢަރަބި އަދި އިސްލާމީ ޤައުމުތަކުން ސިފަ ކޮށްފައިވެއެވެ. އަދި، އެއީ ޤަޠަރުގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް އަރައިގަތުމުގެ އަމަލެއްގެ ގޮތުގައި އެ ޤައުމުތަކުން ދެކެއެވެ. ޖީސީސީގެ މެންބަރު ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ބަޙްރައިން، ކުވެއިތު، އޮމާން، ޤަޠަރު، ސަޢޫދީ ޢަރަބިއްޔާ އަދި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)އެވެ. ޔަހޫދީން ދަވްޙާއަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ޖީސީސީގެ މެންބަރު ޤައުމުތަކުން ވަނީ އެ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން އަދި ދިފާޢަށް އޮތް ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއް އެކުލަވައިލާފައެވެ.
“އަޅުގަނޑުގެ ޤައުމުގެ ވެރިރަށަށް، [ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ] ޙަމާސް ޖަމާޢަތުގެ ވެރިންގެ ޢާއިލާތަކާއި، ސުލްޙައިގެ މަޝްވަރާތަކުގައި ޙަމާސް ތަމްސީލު ކުރައްވާ ބޭފުޅުންނަށް އަމާޒުކޮށް ދީފައި އެ ވަނީ ޢުދުވާނީ ޙަމަލާއެއް،” ސަމިޓުގައި ތަޤުރީރު ކުރައްވަމުން ޤަޠަރުގެ އަމީރު، ޝައިޚް ތަމީމް ބިން ޙަމަދް އަލް-ޘާނީ ވިދާޅުވިއެވެ. އަދި، މުސްލިމުންގެ ލޭއޮހޮރުވައިލުމަށް ފެންބޮވައިގަނެފައިވާ ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް އޭނާ ވަނީ ގޮވައިލައްވާފައެވެ. ސެޕްޓެންބަރު 9ވަނަ ދުވަހު ދަވްޙާގައި ޢާންމުން ދިރިއުޅޭ އިމާރާތަކަށް ޔަހޫދީން ދީފައިވާ ނިރުބަވެރި ޙަމަލާގައި ހަ މީހުން ޝަހީދު ކޮށްލާފައިވާ ކަން ޤަޠަރުގެ ސަރުކާރުން ކަށަވަރު ކޮށްދެއެވެ. އަދި، އިތުރު ބަޔަކު ވަނީ ޒަޚަމު ކޮށްލާފައެވެ. މި ފަދަ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޖީސީސީގެ މެންބަރު ޤައުމުތަކުގެ ދިފާޢީ ވުޒާރާތަކުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މަޝްވަރާތައް ފަށާނެ ކަން އެ އިއްތިޙާދުން ހާމަކުރިއެވެ.
ޤަޠަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދް މުޙައްމަދު އަލް-އަންސާރީ ވިދާޅުވީ، ގަލްފުގެ ޤައުމުތަކުގެ ދިފާޢީ ވަޒީރުންނާއި ދިފާޢީ ދާއިރާގެ އިސް ބޭފުޅުން ވަރަށް އަވަހަށް ދަވްޙާގައި ބައްދަލު ކުރައްވާނެ ކަމުގައެވެ. ނަމަވެސް، ޔަހޫދީންގެ ނިރުބަވެރިކަމުން ދިފާޢުވުމުގެ ގޮތުން އެޅުމަށް ޖީސީސީގެ މެންބަރު ޤައުމުތަކުން އަޅާނީ ކޮން ފިޔަވަޅުތަކެއް ކަން ސާފެއް ނޫނެވެ. މެދުއިރުމަތީގެ މުސްލިމް އެހެން ޤައުމުތަކަށް ޔަހޫދީން ދެމުންދާ ނިރުބަވެރި ޙަމަލާތަކާއި، މުސްލިމުންގެ ބިންތައް ފޭރިގަތުމަށް ޔަހޫދީން ހިންގަމުންދާ ޣައިރުޤާނޫނީ ޖަރީމާތައް ވެސް ޝައިޚް ތަމީމް ވަނީ ކުށްވެރި ކުރައްވާފައެވެ. މި ގޮތުން، ފަލަސްޠީނުގެ އިތުރުން ލުބްނާނާއި، ސޫރިޔާ އަދި ޔަމަނަށް ޒަޔަނިސްޓުންގެ އަސްކަރިއްޔާއިން ދެމުންދާ ނިރުބަވެރި ޙަމަލާތައް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި، ސޫރިޔާގެ ބިންތަކެއް ފޭރިގަނެފައިވާ ކަމަށާއި، ލުބްނާންގެ ދެކުނުގައި އޮތް ބިންތަކުގައި ޔަހޫދީ ފައުޖުން ހަރަކާތްތެރިވަމުންދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ޖީސީސީގެ ސެކްރެޓަރީ ޖެނެރަލް ޖާސިމް މުޙައްމަދު އަލް-ބަދޫވީ ވަނީ ޒަޔަނިސްޓު ދައުލަތް ކޮންޓުރޯލުކޮށް ފަހަތަށް ޖެއްސުމަށް ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވައިލައްވާފައެވެ. “އަޅުގަނޑުމެންގެ ބައިވެރިއެއް ކަމުގައިވާ އެމެރިކާގެ ކިބައިން އެދެނީ އެ ޤައުމުގެ ނުފޫޒު ބޭނުންކޮށް އިސްރާއީލުގެ އަމަލުތައް ހުއްޓުވަން، އެމެރިކާއިން މި ގޮތަށް އަމަލު ކުރާނެ ކަމަށް އުންމީދު ކުރަން،” އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
