
ޑިމޮކްރަސީގެ ބައްޕާފުޅު އިސްކޮށް ހުންނަވައިގެން، އެދައްކަވާ ވާހަކަތަކުގެ ފަހަތުގައި ފޮރުވިފައިވާ ޙަޤީޤަތްތައް، ދިވެހި ރައްޔިތުންނަށް މިހާރު، ކޮންމެވެސް ވަރަކަށް މޭރުންވާ ފަށައިފިއެވެ. އެހެންނަމަވެސް މިބައިމީހުން ކުރަންއުޅޭ ކަންކަމުގެ އަޞްލާހަމައަށް ޖެހިލުމަކީ، މި މީހުންގެ އަޞްލު ސޫރަ ރައްތިތުންގެ ކުރިމަތީގައި އިތުރަށް ސާފުވެގެންދާނެ ކަމެކެވެ. މިމޭރުމުން ބަލާއިރު، ވަރަށް ސީރިއަސް ކަންތައްތަކެއް މިބައިމީހުންގެ ފަރާތުން ފެންނަމުންދާކަން ދިވެހިރައްޔިތުންނަށް އެބަ ސާފުވާންޖެހެއެވެ. މިގޮތުން ފާހަގަކޮށްލެވޭ މުހިންމު ބައެއް ކަންތައްތައް ދަންނަވާލާނަމެވެ. ދެހާހުގެ ކުރީކޮޅު، ޤާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ހިނގަމުން ދިޔައިރު، ޑިމޮކްރަސީގެ ގޮވެލިފަތި ގޮވި މީހުން ދިވެހި ރައްޔިތުންނަށް ގެނެސްދޭން މަސައްކަތް ކުރި ޤާނު އަސާސީ އެމީހުން ބޭނުންވިގޮތަށް އެކުލަވާލެވުނުނަމަ، މިއަދު ދިވެހިރާއްޖެ އޮތީހީ އިސްލާމްދީނުގެ ވަޙްދަތުގެ މަތީގައި ނޫންކަން ކަށަވަރެވެ. ސަބަބަކީ މިބައިމީހުން އޭރު ވަކާލާތު ކުރަމުން ގެންދިޔައީ، ދިވެހިންގެ ޤާނޫނު އަސާސީގައި އިސްލާމީ ޝަރީޢަތަށް ޢަމަލު ކުރަންޖެހޭނެ ކަމަށް ބުނާ ހުރިހާ މާއްދާތަކެއް ޤާނޫނު އަސާސީން ފުހެލުމަށެވެ.
މި ކަމުގެ އެންމެ ރީތި މިސާލަކީ؛ ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ޑްރާފްޓު ކޮމިޓީން ފޮނުވި ފުރަތަމަ ޑްރާފްޓުގައި އިސްލާމީ ޝަރީޢާއި ، އިސްލާމީ އުޞޫލުތަކާއި އެއްގޮތަށް ޢަމަލު ކުރަންޖެހޭނެ ކަމަށް ބަޔާންކުރާ ހުރިހާ މާއްދާތަކެއް އެއްކޮށްހެން އޮތީ ޤާނު އަސާސީއިން އުނިކޮށްފައެވެ. އަދި ނުވިތާކަށް މި ބައިމީހުން ޤާނޫނޫ އަސާސީ ޑްރާފްޓުކުރާ ކޮމިޓީގައާއި އަދި ޚާއްޞަ މަޖިލީހުގެ ބަޙުސްތަކުގައި ވަކާލާތުކޮށްފައިވާނީ ޤާނޫ އަސާސިގައި އެފަދަ ޢިބާރާތް ނުހިމެނުމަށެވެ. މި މީހުންގެ މައިގަނޑު ފަލްސަފާއަކަށް ހަދާފައިއޮތީ،ލިބެރަލް ޑިމޮކްރަސީގެ ފަލްސަފާއެވެ. މި ފަލްސަފާގެ ދަށުން މިބައިމީހުން ދިވެހި ޤާނޫނު އަސާސީގައި ލިޔަން ބޭނުންވީ، ދީނާއި ދައުލަތް މުޅިން ވަކިކޮށް، ދީނުގެ ކަންތައްތަކުން ދައުލަތްދުރުކޮށް، އެމީހެއްގެ ދީން އެމީހަކަށް ދޫކޮށްލާން ފުރުސަތު ދިނުމުގެ ސިޔާސަތެވެ. މީގެ ފަހަތުގައި ފޮރުވިފައިވާ ނުރައްކާތެރި ކަންކަމުގެ ތެރޭގައި ދިވެހިރާއްޖޭގައި ކްރިސްޓިއަންދީން ފެތުރުމަށް މަސައްކަތްކުރަމުންދިޔަ ފަރާތްތަކަށް ޤާނުނީ ފަހި ފުރުސަތުތަކެއްހޯދައިދިނުން ހިމެނެއެވެ.
މީގެ އަނެއް މިސާލަކީ؛ދިވެހިރައްޔިތަކަށްވެވޭނީ މުސްލިމަކަށްވެގެންކަމަށް ޤާނޫނު އަސާސީއަށް ހުށައެޅި މާއްދާއަށް މިބައިމީހުން ދެކޮޅުހެދި މިންވަރެވެ. މިހާރުވެސް މިވާހަކަތަކުގެ ތަފްޞީލު ޚާއްޞަ މަޖިލީހުގެ އޭރުގެ ޖަލްސާތަކުގެ ޔައުމިއްޔާތަކުން ވަރަށް ސާފުކޮށް ފެންނާންހުންނާ އެވެ. މިވެރިންގެ ޙުއްޖަތަކީ؛ އިސްލާމި ޝަރީޢާއަކީ އޭގެ މާނަ ސާފުކޮށް އެގެންއޮތްއެއްޗެއް ނޫންކަމަށް ބުނެ، ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފައްދައިގަތުމުގެޙުއްޖަތެވެ. އިސްލާމީ މުޖުތަމަޢުތަކުގެ ކަރާމާތް ނަގާލުމަށް މިފަދަ ފަރާތްތަކުން ބޭނުންކުރާ ޢާންމު އުކުޅުތަކުގެ ތެރޭގައިމިބާވަތުގެ ދީނާދުރު ވިސްނުން ހިމެނެއެވެ. އައު ޤާނޫނު އަސާސީ ލިޔަމުން ދިޔަދުވަސްވަރު ވަރަށް ފާޅުކަންބޮޑު ގޮތެއްގައި، މިބައިމީހުން ޤާނޫނު އަސާސީގައި ލިޔެފާސްކުރުމަށް މުޅިންދެކޮޅުހެދި ލަފްޒު ތަކުތެރޭގައި ތިރީގައިވާ ލަފްޒުތައް ހިމެނެއެވެ.
- އިސްލާމީ ޝަރީޢަތް
- އިސްލާމީ އުޞޫލު
- އިސްލާމީއަޚްލާޤު
- އިސްލާމީ މިންގަނޑު
- އިސްލާމީ މަޞްދަރު
މިފަދަ އެތަކެއް ލަފުޒުތައް ހިމެނެއެވެ. ބޭނުމަކަށްވީ ދިވެހިން އެމީހުންގެ ދީނުގެ ހަމަތަކުގެ މަތީގައި ޤައިދުވާ ޤައިދުވުން، ދޫކޮށްލުމަށް ބާރުއެޅުވުމެވެ.ފުރިހަމަލިބެރަލް ޑިމޮކްރަސީއެއްގައި ބުނާފަދަ، ދީނަކީ ފަރުދުންގެ މިނިވަންކަމަށް ދޫކޮށްލެވިފައި އޮންނަގޮތަށް، ރާއްޖެއަށް ތަޢާރަފުކުރުމަށް ބާރުއެޅުމެވެ. މިއަދުވެސް އަދި މިވަގުތުވެސް މިބައިމީހުންގެ ފަލްސަފާއޮތީ އެހިސާބުގައެވެ. އެ އަކަމަށް ބަދަލެއް ނާދެއެވެ. އަދި ނުވެސް އަންނާނެއެވެ. ސަބަބަކީ އެމީހުންގެ ފަހަތުގައި ތިބި ބޭރުގެ ފަންޑިންގ އޭޖެންސީތަކުން އެނޫންއޮޕްޝަނެއް އެމީހުންނަށް ނުދޭނެތީއެވެ. 2008 ގައި އުފެދުނު ސަރުކާރުން އިސްލާމް މާއްދާ މަތި ޘާނަވީގައި ކިޔެވުން މަޖްބޫރުނޫން މާއްދާއަކަށް ހަދަން މަސައްކަތްކުރީވެސް މިފަލްސަފާގެ ތެރެއިންނެވެ. ޢަރަބި އިސްލާމީ ޤައުމުތަކުން ދިވެހިރާއްޖެއަށް ލިބެމުންދިޔަ ގިނަ ޢަދަދެއްގެ ސްކޯލަޝިޕުތަކުގައި ދަރިވަރުބް ދިއުން ހުއްޓުވައި އެފުރުސަތުތައް ނަގާލީވެސް ހަމަ މި ފަލްސަފާގެ ދަށުންނެވެ. އަދި އެތަންތަނުން ކިޔަވައިގެން އަނނަ މީހުންނަކީ ޢަރަބިކަރައިގެ ސަހަރާތަކުގެ ހިރަފުހުސްހޭކި ނާތަހުޒީބު ބައެއްކަމަށް ބުނަމުންގެންދަނީވެސް މި ދެންނެވި ވިސްނުމުގައެއވެ.
ދިވެހީންނަށް ބޮވޭނެކަމާއި އަދި ބޮވެންވާނެ ކަމަށްވެސް ވަކާލާތުކުރަމުން ދާދިއުމުގެ ފަހަތުގައިވެސް ފޮރުވިފައިވަނީ މިދެންނެވި، ޤުދުރަތުގެ އަޚްލާޤު ޤަބޫލުނުކުރާ މީހުންގެ ވިސްނުމަށް ތަބަޢުވުމެވެ. ގްރީކުގެ ސޯފިސްޓު ފިލޯސަފަރުން ބުނާ ބީދައިން “Man is the measure of all things ” ” ހެވާއި ނުބައި ކަނޑައަޅައި މިންކުރާނީ އިންސާނާއަށް ވިސްނައި ގަނެވޭ މިންވަރެއްގެ މައްޗަށެވެ.” އެމީހަކަށް ފެންނަ ރަގަޅުގޮތަކީ ރަގަޅު ގޮތެވެ. އަދި އެމީހަކަށް ފެންނަ ނުރަގަޅު ގޮތަކީ ނުރަގަޅު ގޮތެވެ. މިކަމުގައި ވަކި އެހެން މާމަތީ ފަރާތެއްގެ މިންކުރުމެއް ބޭނުމެއްނުވެއެވެ. ހަމަ މިމޭރުމުން ހުޅަގުގެ ބައެއް އެހެނިހެން ފިލޯސަފަރުން ކަމުގައިވާ ފްރެޑިކް ނީޗާއާއި ޑެވިޑް ހިއުމްފަދަ ޝައްކާކުން ވާހަކަ ދައްކާފައި ވެއެވެ. ދިވެހި ރައްތިތުނަށް ސާފުވާންޖެހޭ ކަމަކީ، ޑިމޮކްރަސީގެ ނަންބޯޑު ޖަހައިގެން ދިވެހިރާއްޖޭގައި ވާހަކަ ދައްކަމން މިދާ ފަރާތްތަކަކީ؛ ކަނޑައެޅިގެން ދިވެހިވަންތަ އުޞޫލުތަކާއި ޚިލާފު ގޮތްތައް ދިވެހި މުޖުތަމުގައި އަށަގެންނެވުމަށް މަސައްކަތް ކުރަމުންދާ ބައެއްކަމެވެ.
މި މީހުން ދައްކާ ކޮންމެ ވާހަކައަކީ ދިވެހި އިސްލާމީ މުޖްތަމަޢުއާ ބީރައްޓެހި ފަލްސަފާ ތަކުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަތަކެއްކަމެވެ. އެއީ ފަހަރެއްގައިވެސް، ނޭގި ދައްކާލާ ވާހަކަތަކެއްނޫންކަމެވެ. މިއަދު ދިވެހި ގިނަ ރައްޔިތުން ސަހަރޯއޭ ހީވެފައި ތިބެ މިކުރާ ގިނަ ޝަކުވާތަކުގެ ތެރޭގައި، ޒުވާނުންގެ އަޚްލާޤީ ފޭރާން ދައްވުމާއި، ވެރިންނަށް އޮތް އިޙްތިރާމު ގެއްލުވާލުމާއި، ސަރުކާރުގެ މުއައްސަސާތަކުގެ ޙުރުމަތް ނައްތާލުމާއި، ޒަމާނުއްސުރެ ރަށްރަށުގައި އޮތް އެއްބައިވަންތަކަން ނަގާލުމާއި، މުއައްސަސާތަކުގައި ހުޅުޖެހުންފަދަ ގިނަ ކަންތައްތަކެއް ހިމެނެއެވެ.
ޤައުމުގެ ކަރާމާތް ނަގާލައި އެބައެއްގެ ދީނާއި އަޚްލާޤިއްޔާތު ހަފުސްކޮށްފައި ގެނެވޭ ޑިމޮކްރަސީގެ ބޭނުމަކީ ކޮބައިތޯއެވެ؟ އެފަދަ ޑިމޮކްރަސީއަކުން ދިވެހިރާއްޖޭގެ މުސްތަޤްބަލަށް ލިބެން އޮތީ ކޮންފައިދާއެއްތޯއެވެ؟ ދިވެރިރައްޔިތުން ހޭއަރައިފިއެވެ. ތި ކިޔާން އުޅޭ ލަވައިގެ މަޠްލަބު ދިވެހީނަށް ވަރަށް ސާފެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
