
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކަނާތު ފިޔައިގެ ހަރުކަށި ފިކުރުތަކަށް ވަކާލާތު ކުރާ އެތަކެއް ހާސް ބަޔަކު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ މަގުތަކަށް ނިކުމެ، ބޭއްވި މުޒާހަރާ ތެރެއިން ފުލުހުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގައިފިއެވެ. ހަމަހަމަ ކަމާއި އިޖުތިމާޢީ އެހީތެރިކަމާ ދެކޮޅު ކަނާތު ފިޔައަށް ތާޢީދު ކުރާ މީހުން ބޭއްވި މުޒާހަރާގައި 110,000އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. މުޒާހަރާގެ މައިގަނޑު އަމާޒަކީ އިނގިރޭސިވިލާތަށް ހިޖުރަ ކުރާ ބޭރު ޤައުމުތަކުގެ މީހުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލައި، އެ ޤައުމަށް ހިޖުރަ ކުރާ މީހުންނަށް ސަރުކާރުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި، އެ މީހުންގެ ޙައްޤުތަކާ ދެކޮޅަށް އަޑު އުފުލުމެވެ. މިއީ، ފަހުގެ ތާރީޚެއްގައި އިނގިރޭސިވިލާތުގައި ބާއްވާފައިވާ މި ފަދަ އެންމެ ބޮޑު މުޒާހަރާއެވެ. ‘ޔުނައިޓް ދި ކިންގްޑަމް’ގެ ނަމުގައި، ނުވަތަ ރަސްކަން އެއްބައިވަންތަ ކުރުމުގެ ނަމުގައި ބާއްވާފައިވާ މުޒާހަރާ އިންތިޒާމު ކޮށްފައި ވަނީ، ޤައުމިއްޔަތާއި ސަގާފަތާއި އިޖުތިމާޢީ ތަރުތީބު ކުރިއަރުވައި، އިޤުތިޞާދީ ދާއިރާގައި ސަރުކާރުގެ ބައިވެރިވުން ހަނި ކުރުމަށް ބާރުއަޅައި، އެ ކަންކަމަށް ވަކާލާތު ކުރާ އެކްޓިވިސްޓެއް ކަމުގައިވާ ޓޮމީ ރޮބިންސަނެވެ. އޭނާއަކީ، ބޭރު ޤައުމުތަކުގެ ރައްޔިތުން އިނގިރޭސިވިލާތަށް ހިޖުރަ ކުރުމުގެ ފުރުޞަތު ދިނުމާ ދެކޮޅަށް އަޑު އުފުލަމުންދާ ހަރުކަށި ފިކުރުގެ މީހެކެވެ. މީގެ އިތުރުން، އޭނާއަކީ ގިނަ ކުށްތަކެއްގެ ދަޢުވާ ސާބިތުވެފައިވާ ކުށްވެރިއެކެވެ.
‘ޔުނައިޓް ދި ކިންގްޑަމް’ގެ ނަމުގައި ބޭއްވި މުޒާހަރާގައި ބައިވެރިވި މީހުންގެ އަދަދު 110،000އަށްވުރެ އިތުރުވެގެން ދިޔުން ވެގެން ދިޔައީ ލަންޑަނުގެ ފުލުހުންނަށް ސިހުން ގެނުވި ކަމަކަށެވެ. ހިނގައިލުމެއްގެ ސިފައިގައި ބޭއްވި މި މުޒާހަރާއަށް ހުއްދަ ދީފައިވާ މަގުތަކުން ބޭރަށް ނިކުތުމަށް މަސައްކަތް ކުރި ބައިވެރިންނަށް ހުރަސް އެޅުމަށް މަސައްކަތް ކުރުމުން، މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާ ކުރިމަތިލައި، ޙަމަލާ ދީފައެވެ. އަދި، ހަމަނުޖެހުން ހިންގާފައެވެ. ލަންޑަންގެ ފުލުހުން ބުނީ މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ޙަމަލާ ދިނުމަށް ފުޅިއާއި އެ ފަދަ ތަކެތި އުކާފައިވާ ކަމުގައެވެ. އަދި، ކުރިމަތިލުންތަކުގައި 26 ފުލުހަކަށް އަނިޔާވި ކަމުގައެވެ. އޭގެ ތެރެއިން ހަތަރު ފުލުުހެއްގެ ހާލު ސީރިޔަސްއެވެ. ފުލުހުންނަށް ޙަމަލާ ދިން މީހުން ހުއްޓުވުމުގެ ގޮތުން 25 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
“ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި މީހުން ދެނެގަތުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން، ކުރިއަށް އޮތް ދުވަސްތަކާއި ހަފުތާތަކުގައި އެ މީހުންނާ ދެކޮޅަށް ފުލުހުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ،” އެސިސްޓެންޓް ކޮމިޝަނަރ މެޓް ޓްވިސްޓް ވިދާޅުވިއެވެ. ހިނގާލުމުގެ ތެރެއިން ހަމަނުޖެހުން ހިންގި އިތުރު މީހުން ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ. މުޒާހަރާގެގިނަ ބައިވެރިން ތިބީ އިނގިރޭސިވިލާތުގެ ދިދަ ހިފައިގެންނެވެ. ނަމަވެސް، އެމެރިކާއާއި ޒަޔަނިސްޓު އިސްރާއީލުގެ ދިދަ ވިހުރުވަމުން ދިޔަ މީހުން ވެސް ހިނގައިލުމުގެ ތެރެއިން ފެނިގެން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އަދި، މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުވަޒީރު ކީރް ސްޓާމަރއާއި އޭނާގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައެވެ. މީގެ އިތުރުން، އިނގިރޭސިވިލާތަށް ހިޖުރަ ކުރަމުންދާ މީހުންނާއި، ހިޖުރަ ކޮށްފައިވާ މީހުން އަނބުރާ އެ މީހުންގެ ޤައުމަށް އަނބުރައި ފޮނުވައިލުމަށް ގޮވައިލާފައެވެ.
“މިއަދަކީ އިނގިރޭސިވިލާތުގައި ސަގާފީ އިންޤިލާބެއްގެ ފެށުމުގެ ހުޅުކޮޅު، މިއީ އަޅުގަނޑުމެންގެ ވަގުތު،” ހިނގައިލުމުގެ ބައިވެރިންނާ މުޚާޠަބުކޮށް ވާހަކަ ދައްކަމުން، ހިނގައިލުން އިންތިޒާމު ކުރި ރޮބިންސަން ބުންޏެވެ. އަދި، މިއީ ޤައުމިއްޔަތު ކުރިއެރުވުމުގެ އައު ރާޅެއްގެ ފެށުން ކަމުގައި ވެސް އޭނާ ސިފަ ކުރިއެވެ. ޓެސްލާ ކުންފުންޏާއި މީސްމީޑިޔާ މަންސަ، އެކްސްގެ ވެރިޔާ، އަދި މަޝްހޫރު މަހުޖަނު، އީލޮން މަސްކް ވެސް ވަނީ ވީޑިޔޯ މެދުވެރިކޮށް މުޒާހަރާގެ ބައިވެރިންނާ މުޚާޠަބު ކޮށްފައެވެ. މަސްކަކީ ދެކުނު އެފްރިކާގެ ރައްޔިތެކެވެ. ނަމަވެސް، ކެނެޑާއި އެމެރިކާއިން ވެސް ވަނީ އޭނާއަށް ރައްޔިތުކަން ދީފައެވެ. މުޒާހަރާގެ ބައިވެރިންނާ މުޚާޠަބުކޮށް ވާހަކަ ދައްކަމުން އޭނާ ވަނީ އިނގިރޭސިވިލާތުގެ ސަރުކާރު ވައްޓައިލައި، ސަރުކާރު ބަދަލު ކުރުމަށް ހިނގައިލުމުގެ ބައިވެރިންނަށް ހިތްވަރު ދީފައެވެ.
‘ޔުނައިޓް ދި ކިންގްޑަމް’ގެ ނަމުގައި ބޭއްވި ހިނގައިލުމަށް ރައްދު ދިނުމުގެ ގޮތުން ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް ވަކާލާތު ކުރާ ‘ސްޓޭންޑް އަގެއިންސްޓް ރޭސިޒަމް’ގެ ފަރާތުން ވެސް ވަނީ އެއް ވަގުތެއްގައި ހިނގައިލުމެއް ބާއްވާފައެވެ. އެ ހިނގައިލުމުގައި 5,000އެއްހާ މީހުން ބައިވެރިވިއެވެ. އެ މީހުން ވަނީ ސުލްޙައާއި ހަމަޖެހުން ނަގައިނުލުމަށް ގޮވައިލައި، މުޖުތަމަޢުގައި ނަފުރަތު އުފެދޭ ފަދަ އަމަލުތަކުން ދުރުހެލިވުމަށް ބާރު އަޅައި، އަޑު އުފުލާފައެވެ. ފުލުހުން ބުނީ، ‘ޔުނައިޓް ދި ކިންގްޑަމް’ ހިނގައިލުމުގެ ބައިވެރިން ކޮންޓުރޯލު ކުރުމަށް 1,600އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވި ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
