
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް “އިންސާނުން” ކުރިމަތިކޮށްފައިވާ ހައިހޫނުކަމަކާ ކުރިމަތިލާން މަޖުބޫރު ކުރުވާފައިވާ ކަމުގައި ވިދާޅުވެ، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ޔަހޫދީންނަށް ފާޑު ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، ގަސްދުގައި ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެއްސުން ހުއްޓުމަކަށް ގެނައުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެހީދޭ އަދި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ 111 ޖަމުޢިއްޔާއަކުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލާފައިވާ ދަނޑިވަޅެއްގައެވެ. “މިއީ ގަސްދުގައި ގިނަ އަދަދެއްގެ ބަޔަކު ހައިހޫނުގައި ޖެއްސުން، މިއަށް ކިޔާނެ އިތުރު ނަމެއް އަޅުގަނޑަކަށް ނޭނގޭ، މިއީ ބަޔަކު [ޔަހޫދީން] ގަސްދުގައި ކުރިމަތި ކޮށްފައިވާ ހާލަތެއް، އެ ކަން ވަރަށް ސާފު. އެއީ [ޣައްޒާއަށް ކާބޯތަކެއްޗާއި އެހީ ވެއްދުމަށް ޔަހޫދީން ކުރިމަތިކޮށްފައިވާ] ފުރަބަންދުގެ ނަތީޖާ،” ޓެޑްރޯސް ވިދާޅުވިއެވެ.
މާރިޗު 2ވަނަ ދުވަހު ޔަހޫދީން ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުންނެވެ. ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެ ސަހަރަށް އެތެރެ ކުރުމަށް ޔަހޫދީން އޮތީ ހުރަސް އަޅާފައެވެ. މި ވަގުތު މަދު އަދަދެއްގެ ކާބޯތަކެތި އެތެރެ ކުރަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ން އެކަންޏެވެ. އެއީ، ކާބޯތަކެތި ބެހުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް، އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. އެހީދޭ ޖަމުޢިއްޔާތަކާއި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން ބުނީ، ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް މި ވަގުތު ލިބެނީ ވަރަށް މަދު އަދަދެއްގެ ކާބޯތަކެތި ކަމުގައެވެ. އަދި، ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރީގައި އެތަކެއް ޓަނެއްގެ ކާބޯތަކެތި އެ ސަހަރަށް އެތެރެ ކުރުމުގެ ފުރުޞަތު ނުދީ ތާށި ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ސާފު ބޯފެނާއި ބޭސްފަރުވާގެ ސާމާނު ހިމެނޭ ކަމުގައި ވެސް އެ ޖަމުޢިއްޔާތަކުން ބުންޏެވެ.
ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ހައިހޫނުގައި ބަނޑަށްޖެހި ޝަހީދުވަމުންދާ ޣައްޒާގެ ރައްޔިތުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ބަނޑަށްޖެހިގެން ޝަހީދުވެފައިވާ މީހުންގެ އަދަދު 111އަށް އުފުލިފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ޖުލައި 23ވަނަ ދުވަހު ޝަހީދުވި 10 މީހުންނާއި، އޭގެ ކުރީ ދުވަހު ޝަހީދުވި 15 މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. ޑަބްލިޔުއެޗްއޯން ބުނީ، ކާނާ ނުލިބުމުގެ ސަބަބުން މެލްނިއުޓްރިޝަންގެ ޞިއްޙީ ހާލަތު ކުރިމަތިވެ، މި އަހަރުގެ ތެރޭގައި އެކަނިވެސް 21 ކުޑަކުދިން ޝަހީދުވެފައިވާ ކަމުގައެވެ. އަދި، މެލްނިއުޓްރިޝަންގެ ހާލަތު ތަހައްމަލު ކުރަމުންދާ ކުދިންނަށް ފަރުވާ ދެވޭނެ ވަސީލަތްތައް ޣައްޒާގައި މި ވަގުތު ނެތް ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުންޏެވެ.
ޓެޑްރޯސް ވިދާޅުވީ، މާރިޗާއި މޭ މަހުގެ ތެރޭގައި ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރި ކަމުގައެވެ. ނަމަވެސް، 80 ވަރަކަށް ދުވަހަށް ޔަހޫދީން އެ ކަމަށް ހުރަސް އެޅިކަމަށާއި، މި ވަގުތު ޣައްޒާއަށް އެތެރެ ކުރުމުގެ ހުއްދަ ޔަހޫދީން ދީފައި ވަނީ މަދު އަދަދެއްގެ ކާބޯތަކެއްޗައް ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. ޣައްޒާގައި ޤާއިމު ކޮށްފައިވާ ޞިއްޙީ ފަރުވާދޭ މަރުކަޒުތަކަށް ޒިޔާރަތް ކޮށްފައިވާ މީހުންގެ ތެރެއިން %10 މީހުންނަށް މެލްނިއުޓްރިޝަންގެ ހާލަތު ކުރިމަތިވެފައިވާ ކަމަށާއި، އޭގެ ތެރޭގައި މާބަނޑު އަންހެނުންގެ %20 ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ފަލަސްޠީނަށް ކަނޑަޅާފައި ހުންނަވާ ޑަބްލިޔުއެޗްއޯގެ އިސް އޮފިޝަލް ރިޗަރޑް ޕީޕަރކޯން ވިދާޅުވީ، މެލްނިއުޓްރިޝަންގެ ހާލަތު ތަހައްމަލު ކުރަމުންދާ 5,100 ކުދިން މިހާރު ވެސް ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކުގައި އެޑްމިޓު ކޮށްފައިވާ ކަމުގައެވެ. އޭގެ ތެރެއިން 800 ކުއްޖެއްގެ ހާލަތު ސީރިޔަސް ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.
ޣައްޒާގެ ރައްޔިތުން ގަސްދުގައި ހައިހޫނުގައި ޖެއްްސުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލާފައިވާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ ތެރޭގައި މަރސީ ކޯ، ނޯވީޖިޔަން ރެފިއުޖީ ކައުންސިލް، އަދި ރެފިއުޖީ އިންޓަރނޭޝަނަލް ހިމެނެއެވެ. “އިސްރާއީލުގެ ސަރުކާރުގެ ފުރަބަންދުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ވަނީ ހައިހޫނުގައި ޖެހިފައި، އަދި އިޖުތިމާޢީ ޚިދުމަތްތެރިން ވެސް ވަނީ ކާބޯތަކެތި ބަހާ ކިޔޫތަކަށް އަރާފައި، އެ މީހުންގެ ފުރާނައަށް ވެސް ވަނީ ނުރައްކާވެފައި. ޣައްޒާއިން ކާބޯތަކެތި ހުސްވެ އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރާ މުވައްޒަފުންގެ ފުރާނަ ގެއްލެމުންދާ މަންޒަރު ދަނީ ފެންނަމުން،” އެ ޖަމުޢިއްޔާތަކުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
