
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އދގެ ތަޢުލީމާއި ސައިންސާއި ތަރިކައާބެހޭ އިދާރާ، ޔުނެސްކޯއިން ވަކިވުމަށް އެމެރިކާއިން އަނެއްކާ ވެސް ނިންމައިފިއެވެ. މިއީ އެމެރިކާއިން ޔުނެސްކޯއިން ވަކިވާ ފުރަތަމަ ފަހަރެއް ނޫނެވެ. އެމެރިކާއަކީ 1954ވަނަ އަހަރު ޔުނެސްކޯ އުފެއްދި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެމެރިކާއިން ޔުނެސްކޯއިން ފުރަތަމަ ވަކިވީ 1984ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ޔުނެސްކޯއިން ފައިސާގެ ކަންކަން ރަނގަޅަށް ބަލަހައްޓާފައި ނުވާތީ ކަމަށް ބުނެއެވެ. އަދި ފިނި ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއަށް ތަފާތުކުރާ ކަމަށް ބުނެއެވެ. އެ ޤައުމުން ޔުނެސްކޯއަށް އަލުން ގުޅުނީ 2003ވަނަ އަހަރެވެ. އެއީ އެމެރިކާގެ ކުރީގެ ރައީސް، ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައެވެ. އެއަށްފަހު 2011ވަނަ އަހަރު އެ ޤައުމުގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެމެރިކާގެ ސަރުކާރުން ވަނީ ޔުނެސްކޯއަށް ޚަރަދުކުރުން ހުއްޓާލައިފައެވެ. އެއީ ޔުނެސްކޯގެ ފުރިހަމަ މެންބަރަކަށްވުމުގެ ފުރުޞަތު ފަލަސްޠީނަށް ދިނުމަށް ނިންމުމާ ގުޅިގެންނެވެ.
އެއަށް ފަހު އެމެރިކާގެ މިހާރުގެ ރައީސް، ޑޮނަލްޑް ޓްރަމްޕް، އޭނާގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ވަނީ ޔުނެސްކޯއިން އެމެރިކާ ވަކިކުރައްވައިފައެވެެ. އެއީ 2017ވަނަ އަހަރެވެ. އެއީ ޔުނެސްކޯއިން ވަކި ފަރާތަކަށް ޖެހި، ޔަހޫދީންނަށް ތަފާތުކުރަމުންދާ ކަމަށް ކަމަށް ބުނެއެވެ. އޭރު އެމެރިކާއިން އޮތީ 542 މިލިޔަން އެމެރިކާ ޑޮލަރު ޔުނެސްކޯއަށް ދައްކަން ޖެހިފައެވެ. ޓްރަމްޕްގެ މި ނިންމެވުން ބަދަލުކުރެއްވީ އޭނާއަށް ފަހު ދެން ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ޖޯ ބައިޑަންގެ ސަރުކާރުންނެވެ. އެއީ 2023ވަނަ އަހަރުގެ ތެރޭގައެވެ. އެމެރިކާއިން އަނެއްކާ ވެސް ޔުނެސްކޯއިން ވަކިވުމަށް ނިންމާފައި މި ވަނީ ޔުނެސްކޯއިން ޒަމާނީ ވިސްނުން ގެންގުޅޭ ކަމަށް ބުނެއެވެ. އަދި ބައިބައިވުން އުފެދޭ ގޮތަށް މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައެވެ. ޔުނެސްކޯއިން ވަކިވުމަށް އެމެރިކާއިން ނިންމި ނަމަވެސް އެމެރިކާއިން އެ އިދާރާއިން ރަސްމީކޮށް ވަކިވާނީ 2026ވަނަ އަހަރު ނިމުމުންނެވެ.
މި ނިންމުމަކީ ޓްރަމްޕްގެ ވެރިކަމުގައި ފުޅާކުރަމުންދާ “އެމެރިކާ ފުރަތަމަ” ޚާރިޖީ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން އަޅާފައިވާ ފިޔަވަޅެކެވެ. “އެމެރިކާ ފުރަތަމަ” ސިޔާސަތުގެ ދަށުން، އެ ޤައުމުން ޤަބޫލުކުރަނީ އދފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގައި ބައިވެރިވުމުން އެމެރިކާގެ މަސްލަހަތަށް ފައިދާ ނުކުރާ ކަމަށެވެ. އަދި އަމިއްލަ މައްލަހަތު ކުރިއެރުވުމަށް އެ ޤައުމުން މަސައްކަތްކުރަން ޖެހޭނީ އަމިއްލައަށް ކަމަށް އެމެރިކާއިން ޤަބޫލުކުރެއެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ތަރުޖަމާނު އަނާ ކެލީ ވިދާޅުވީ ޔުނެސްކޯއިން ކުރިއަރުވަނީ ވަރަށް ޒަމާނީ ވިސްނުމެއް ކަމަށާއި އެ އިދާރާ މަސައްކަތްކުރަނީ ސިޔާސީގޮތުން ބައިބައިވުން އުފެދޭފަދަ ރޫޙެއްގައި ކަމަށެވެ. އެ ސިޔާސަތުތަކަކީ އެމެރިކާގެ ސިޔާސަތުތަކާ ފުށުއަރާ ސިޔާސަތުތަކެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވެސް ބުނީ ޔުނެސްކޯގެ ސިޔާސަތުތައް އެ ޤައުމުގެ އަމިއްލަ ސިޔާސަތުތަކާ ފުށުއަރާ ކަމަށެވެ. ޔުނެސްކޯއިން ބޭނުންވަނީ ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް ކަމަށްވާއިރު، އެ ސިޔާސަތުތަކުގެ ސަބަބުން ޤައުމުތަކުގެ އިސްތިޤުލާލަށް އަސަރުކުރާ ކަމަށް އެމެރިކާއިން ބުނެއެވެ. ޔުނެސްކޯއިން ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ތުހުމަތުކޮށްފައެވެ. ފަލަސްޠީނަކީ ޔުނެސްކޯގެ މެންބަރު ޤައުމެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމުމަކީ އެމެރިކާގެ ސިޔާސަތާ ޚިލާުފު، ވަރަށް މައްސަލަ ބޮޑު އަދި ޔަހޫދީންނާ ދެކޮޅު ޢަދާވާތްތެރިކަން އިތުރުވުމަށް މެދުވެރިވި ނިންމުމެއް ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެ އެވެ.
ޔުނެސްކޯގެ އިސްވެރިޔާ، އޯޑްރޭަ އަޒޫލޭ ވަނީ ޓްރަމްޕްގެ ނިންމެވުމާމެދު ހިތާމަކުރައްވައި ކަމަށް ވިދާޅުވެފައެވެ. އެނާ ވިދާޅުވީ އެމެރިކާއިން އެ ފަދަ ނިންމުމެއް ނިންމާނެ ކަަމަށް ބެލެވިފައި އޮތުމުން އެ އިދާރާއިން އެ ކަމަށް ދުރާލާ ތައްޔާރުވެފައިވާ ކަމަށެވެ. ޔުނެސްކޯއިން އެމެރިކާ ވަކިވުމުން އެމެރިކާގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ބައެއް ޙަރަކާތްތަކަށް ކޮންމެވެސް ވަރަކަށް އަސަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޔުނެސްކޯއިން ފައިސާ ހޯދާ މަގުތައް ސިންދަފާތުކޮށްފައިވާ ކަމަށާއި އެމެރިކާއިން އެ އިދާރާއަށް ޚަރަދުކުރަނީ ޔުނެސްކޯގެ ޖުމްލަ ބަޖެޓުގެ އެންމެ 8 އިންސައްތަކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ނިންމުމަށް ޔަހޫދީން ވަނީ މަރުހަބާ ކިޔައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
