
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަރަންސޭސިވިލާތުގެ މާލީ ޙާލަތު ގޯސްވެފައިވާތީ، ޤައުމުގެ ޙާލަތު އަލުން ރަނގަޅުކުރުމަށް ސަރުކާރު ބަންދު ދުވަސްތައް މަދުކުރުމަށް އެ ޤައުމުން ނިންމައިފިއެވެ. 2024ވަނަ އަހަރު ފަރަންސޭސިވިލާތުގެ ބަޖެޓު ޑެފިސިޓް ހުރީ އުފެއްދުންތެރިކަމުގެ ނިޞްބަތުގެ 5.8 އިންސައްތައިގައެވެ. ވިލާތުގެ އިއްތިޙާދުގެ މާލީ ޤާނޫނުތަކުގެ ދަށުން އެ އިއްތިޙާދަށް ނިޞްބަތްވާ ޤައުމުތަކުގެ ބަޖެޓު ޑިފިސިޓް އުފެއްދުންތެރިކަމުގެ ނިޞްބަތުގެ 3 އިންސައްތައަށް ވުރެ މަތިވިޔަ ދީގެން ނުވާނެއެވެ. އެއާއެކު ފަރަންސޭސިވިލާތަށް ވަނީ ޤައުމުގެ މާލީ ޙާލަތު ރަނގަޅު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަޖުބޫރުވެފައެވެ.
2026ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ފަރަންސޭސިވިލާތުގެ ބޮޑު ވަޒީރު، ފްރޮންސްވަ ބަހްރޫ އިޢުލާނުކުރައްވާފައިވާ ހަރުކަށި ސިޔާސަތުތަކުގެ ދަށުން 44 ބިލިޔަން ޔޫރޯ ޚަރަދުން ސަލާމަތްކުރުމަށް ވަނީ ނިންމައިފައެވެ. މި ޢަދަދު ސަލާމަތް ކުރުމަށް ނިންމާފައި ވަނީ ރައްޔިތުންނަށް ޚިދުމަތްތަކާއި އެހީތެރިކަން ފޯރޮކޮށްދިނުމަށް އިތުރަށް ޚަރަދުކުރުން ހުއްޓާލައި، ތަކެތީގެ އަގު މައްޗަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ދެމުންދާ އާންމު ޚިދުމަތްތަކާއި އެހީތައް އިތުރު ނުކޮށެވެ. ނަމަވެސް އަސްކަރިއްޔާއަށް ޚަރަދު ކުރާ މިންވަރު 6.5 ބިލިޔަން ޔޫރޯއަށް އިތުރުކުރުމަށް ވަނީ ނިންމައިފައެވެ.
އޭގެ އިތުރުން، ޤައުމަށް އާމްދަނީ ލިބޭ މިންވަރު އިތުރުކުރުމަށް ސަރުކާރު ބަންދު ދެ ދުވަސް އުނި ކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން އެ ޤައުމުގައި ފާހަގަކުރާ އީސްޓަރ އާއި، މެއި މަހުގެ 8ވަނަ ދުވަހަކީ ސަރުކާރު ބަންދު ނޫން ދެ ދުވަހުގެ ގޮތުގައި ކަނޑައަޅާނެ ކަމަށް ބެލެވެއެވެ. ސަރުކާރުން ޤަބޫލުކުރާ ގޮތުގައި، މަސައްކަތްތެރިން މި ދެ ދުވަހު މަސައްކަތަށް ނުކުތުމުން ވެސް ޤައުމަށް ލިބޭ ފައިސާގެ ޢަދަދަށް ހެޔޮ ބަދަލެއް އަންނާނެއެވެ. ބޮޑުވަޒީރު ބަހްރޫ ވިދާޅުވީ މެއި މަހުގައި މިހާރު ވެސް މާ ގިނަ ބަންދު ދުވަސް ހުރިކަމަށާއި ބަންދު ދުވަސްތަކުގެ ގޮތުގައި މި ދެ ދުވަސް އުނި ކުރުމުން އެތައް ބިލިޔަން ޔޫރޯ ޤައުމަށް ވަންނާނެ ކަމަށެވެ. އަދި ޤައުމުގެ ޙާލަތު ރަނގަޅު ކުރުމަށް އެންމެންގެ ބައިވެރިވުން ބޭނުންވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އިތުރަށް އެޅުމަށް ނިންމާފައިވާ ފިިޔަވަޅުތަކުގެ ތެރޭގައި ޓެކްސް އޮޅުވާލާ ފަރާތްތަކާ މެދުު ފިޔަވަޅުތައް އެޅުން ހިމެނެއެވެ. އަދި ޓެކްސް ދެއްކުމުން ރެކެވޭނެ ޖާގަތައް ހޯދައި އެ ޖާގަތައް ބަންދުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެއެވެ. އޭގެ އިތުރުން ގިނައިން އާމްދަނީ ލިބޭ މީހުންގެ އަތުން ގިނައިން ޓެކްސް ނެގުމަށާއި، އިންޓަނެޓު މެދުވެރިކޮށް ގަންނަ މުދަލުގެ ޑެލިވަރީއިން ފީއެއް ނެގުމަށް ވެސް ވިސްނައެވެ. 2027ވަނަ އަހަރުން ފެށިގެން ސިވިލް ސަރވިސްގެ މުވައްޒަފުންގެ ޢަދަދު މަދުކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން ޚިދުމަތުން ރިޓަޔަރ ކުރާ ކޮންމެ ތިން މަސައްކަތްތެރިއެއްގެ ބަދަލުގައި ވަޒީފާއަށް ވެއްދުމަށް ނިންމާފައި ވަނީ އެންމެ މުވައްޒަފެކެވެ. މި ފިޔަވަޅުތަކާއެކު ސަރުކާރުން އުންމީދުކުރަނީ 2026ވަނަ އަހަރު ޑެފިސިޓްގެ ނިޞްބަތް 4.6 އިންސައްތައަށް ދަށްކޮށް، 2029ވަނަ އަހަރު އަންނަންވާއިރަށް ވިލާތުގެ އިއްތިޙާދުން އެދޭ ގޮތަށް 3 އިންސައްތައަށް ޑެފިސިޓް ދަށް ކުރުމަށެވެ.
މި ފިޔަވަޅުތަކާ ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުންނާއި އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ކަނާތު ފިޔައިގެ ލީޑަރު މެރިން ލަ ޕެން ވަނީ އެ ފިޔަވަޅުތަކަކީ އާންމު ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް ސިފަކުރައްވައި، ބޮޑުވަޒީރާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ. ވައަތު ފިޔައިގެ ސޯޝަލިސްޓުންގެ އިސްވެރިޔާ، އޮލިވިއަރ ފާރ ވަނީ ސަރުކާރުގެ ހުށަހެޅުމަކީ ފަރަންސޭސިވިލާތުގެ އިޖްތިމާޢީ ނިޒާމު ފުނޑުފުނޑުކޮށްލާނެ ނިންމުމެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
