
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއަށް 50 ދުވަހުގެ މުހުލަތެއް ދެއްވައިފިއެވެ. އޭނާ މި ކަން ހާމަކުރައްވާފައި ވަނީ ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ ސެކްރެޓަރީ ޖެނެރަލް މާކް ރުތޭއާ އެކު ވައިޓް ހައުސްގައި ބޭއްވެވި ބައްދަލުވުމަކަށް ފަހުއެވެ. 50 ދުވަހުގެ ތެރޭގައި ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ރަޝިޔާއިން އިންކާރު ކޮށްފި ނަމަ، އެ ޤައުމާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވިއެވެ. އަދި، ޔޫކްރެއިނަށް ގިނަ އަދަދެއްގެ ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުމަށް ނިންމަވާފައިވާ ކަން ވެސް އޭނާ އިޢުލާނު ކުރެއްވިއެވެ. ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. ރަޝިޔާގެ ފައުޖުތަކުން ޔޫކްރެއިނަށް އަރާފައި ވަނީ، ނޭޓޯއާ ގުޅުމަށް ޔޫކްރެއިނުން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓައިނުލުމުންނެވެ. ރަޝިޔާއިން ޤަބޫލު ކުރާ ގޮތުގައި، އެ ޤައުމުގެ ދެމިއޮތުމާއި ކުރިމަގަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ނޭޓޯއެވެ. އަދި، ޔޫކްރެއިނަށް ނޭޓޯގެ މެންބަރު ކަން ދީފި ނަމަ، ޔޫކްރެއިން ބޭނުން ކޮށްގެން ރަޝިޔާއަށް ޙަމަލާ ދިނުމުގެ ފުރުޞަތު ނޭޓޯއަށް ލިބިގެންދާނެއެވެ.
ރުތޭއާ އެކު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޕުޓިންގެ އަމަލުތަކާ މެދު އޮތް ހިތްހަމަނުޖެހުން އިތުރުވެފައިވާ ކަމުގައެވެ. އޭނާ ވިދާޅުވީ، ޕުޓިންއަކީ ވާހަކަފުޅު ދައްކަވައިލެއްވުމަށް ގަޔާވާ ބޭފުޅެއް ނަމަވެސް، މަޝްވަރާތައް ނިމުމާ އެކު ޔޫކްރެއިނަށް އަމާޒުކޮށް ޕުޓިން ވަރުގަދަ ޙަމަލާތަކެއް ދެއްވަމުން ގެންދަވާ ކަމުގައެވެ. “އޭނާއަކީ [ޕުޓިންއަކީ] ޤާތިލެކޭ ދަންނަވާކަށް އަޅުގަނޑު ނެތިން، ނަމަވެސް، އޭނާއަކީ ބާރުގަދަ/އުނދަގޫ ބޭފުޅެއް،” އޭނާގެ ކުރިން އެމެރިކާގެ ރައީސް ކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅުންނަށް ވެސް ޕުޓިންއާ މުޢާމަލާތު ކުރުމަށް ދަތިވި ކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވިއެވެ. ރުތޭއާ އެކު ބޭއްވެވި ބައްދަލުވުމުގައި ޓްރަމްޕް ވަނީ ޔޫކްރެއިނަށް ގިނަ އަދަދެއްގެ މިސައިލާއި އެހެނިހެން ހަތިޔާރު ފޯރުކޮށްދިނުމަށް ނިންމަވާފައިވާ ކަން ވެސް އިޢުލާނު ކުރައްވާފައެވެ. މިއީ، ޖަނަވަރީ 20ވަނަ ދުވަހު ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވި ފަހުން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ޓްރަމްޕް ނިންމަވާފައިވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޭނާ މަސައްކަތް ކުރައްވާފައި ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނެވުމަށެވެ. އަދި، އިސްކަން ދެއްވާފައި ވަނީ ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ޕުޓިންއާއި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް ބާރު އެޅުއްވުމަށެވެ.
ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ މިސައިލާއި އެހެނިހެން ހަތިޔާރުތަކަކީ ނޭޓޯގެ މެންބަރު ޤައުމުތަކުން ފައިސާ ދައްކާފައިވާ ތަކެތި ކަމުގައެވެ. އޭގެ ތެރޭގައި ޕެޓްރިޔަޓް މަރުކާގެ މިސައިލް ނިޒާމާއި އެއަަށް ބޭނުންވާ މިސައިލްތައް ހިމެނޭނެ ކަން ވެސް ޓްރަމްޕް ހާމަކުރެއްވިއެވެ. ރުތޭ ވިދާޅުވީ، ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ހަތިޔާރުގެ ފުރަތަމަ ޝިޕްމަންޓުގައި ގިނަ އަދަދެއްގެ މިސައިލް ހިމެނޭނެ ކަމުގައެވެ. ރަޝިޔާގެ ޙަމަލާތަކުން ދިފާޢުވުމަށް ބޭނުން ކުރާނެ ހަތިޔާރު ފޯރުކޮށްދިނުމަށް އެދި ޒެލެންސްކީ ގެންދަވަނީ އެމެރިކާގެ ކިބައިން އާދޭސް ދަންނަވަމުންނެވެ. އޭގެ ތެރޭގައި ޕެޓްރިޔަޓް ނިޒާމު ވެސް ހިމެނެއެވެ. ކުރިއަށް އޮތް 50 ދުވަހުގެ ތެރޭގައި ހަނގުރާމަ ހުއްޓައިލުމަށް ޕުޓިން އެއްބަސްވެ ވަޑައިނުގަންނަވައިފި ނަމަ ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި، އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރު ހަރުކަށި ކުރުން ހިމެނެއެވެ. އަދި، ރަޝިޔާއިން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ ޓެރިފް ނުވަތަ އިމްޕޯޓުޑިޔުޓީ ބޮޑު ކުރާނެ ކަމުގައި ވިދާޅުވެ، ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ.
ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ބާރުއަޅާ ބިލަކާ މެދު އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގައި ވެސް މި ވަގުތު ދަނީ ބަހުސް ކުރަމުންނެވެ. ވައިޓް ހައުސްގެ އޮފިޝަލަކު ބުނީ، ރަޝިޔާއިން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ އިމްޕޯޓުޑިޔުޓީ %100އަށް ބޮޑު ކުރުމަށް ޓްރަމްޕް ނިންމަވާފައިވާ ކަމުގައެވެ. އަދި، ރަޝިޔާގެ މުދާ ގަންނަ ބޭރު ޤައުމުތަކުން އެމެރިކާއަށް އެތެރެ ކުރާ މުދަލުންވެސް ޑިޔުޓީ ބޮޑު ކުރުމަށް ނިންމަވާފައިވާ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
