
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މެދުއިރުމަތީގެ ޤައުމުތަކުގައި ހަމަނުޖެހުން ބޮޑުވުމާ ގުޅިގެން ވިޒް އެއަރއިން އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގެ ވެރިރަށް އަބޫ ދާބީއަށް ކުރާ ދަތުރުތައް މެދުކަނޑައިލައިފިއެވެ. ހަމަނުޖެހުންގަނޑެއްގެ ތެރެއަށް މެދުއިރުމަތި ވައްޓައިލާފައި ވަނީ ޔަހޫދީންނެވެ. މި ގޮތުން، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޫބަރުން ފެށިގެން ޤަތުލުޢާންމެއް ހިންގަމުންދާއިރު، ޔަހޫދީ ފައުޖުން ދަނީ ލުބްނާނާއި، ޔަމަން އަދި ސޫރިޔާއަށް ވެސް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޖޫން މަހުގެ ތެރޭގައި ޔަހޫދީން އީރާނަށް ވެސް ޢުދުވާނީ ޙަމަލާތަކެއް ދިނެވެ. ވިޒް އެއަރއިން ބުނީ، މެދުއިރުމަތީގެ މަސްރަޙު ހޫނުވުމާ އެކު އެ ސަރަޙައްދުގެ ޤައުމުތަކަށް ކުރާ ދަތުރުތަކުން ލިބޭ މާލީ މަންފާ ދަށްވެފައިވާ ކަމުގައެވެ. އަދި، އަބޫ ދާބީއަށް ކުރާ ދަތުރުތައް ހުއްޓައިލާފައި މި ވަނީ އެ ސަބަބާ ގުޅިގެން ކަމުގައެވެ. އެ ކުންފުނިން ބުނީ، އިރުމަތީ ވިލާތުގެ ޤައުމުތަކަށް ކުރާ ދަތުރުތައް ފުޅާ ކުރުމަށް އިސްކަން ދިނުމަށް ނިންމާފައިވާ ކަމުގައެވެ.
ވިޒް އެއަރއަކީ ހަންގެރީގައި ރަޖިސްޓަރީ ކޮށްފައިވާ ބަޖެޓް ނުވަތަ ހެޔޮ އަގުގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެއަރލައިނެކެވެ. އެ ކުންފުނިން އަބޫ ދާބީގައި މަރުކަޒެއް ޤާއިމުކޮށް، މެދުއިރުމައްޗަށް ޚިދުމަތްތައް ފުޅާ ކޮށްފައި ވަނީ މީގެ ހަ އަހަރު ކުރިންނެވެ. އަދި، މެދުއިރުމަތީގެ އެހެން ސަރަޙައްދުތަކަށް ދަތުރުތައް ފުޅާ ކުރުމަކީ އެ ކުންފުނީގެ އަމާޒެކެވެ. ނަމަވެސް، ވިޒް އެއަރއިން ބުނީ، އެ ހުވަފެންތައް ދޫކޮށްލަން މަޖުބޫރުވެފައިވާ ކަމުގައެވެ. އޭގެ ސަބަބަކީ، ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭޭގައި މެދުއިރުމަތީގެ މަސްރަޙު ހޫނުވެ، ބައެއް ޤައުމުތަކުގެ ވައިގެ ސަރަޙައްދުތައް ބަންދުކޮށް، ވައިގެ ދަތުރުފަތުރަށް ހުރަސް އެޅިގެން ދިޔުމެވެ. އެއާ އެކު، ވައިގެ މަގުން ދަތުރުފަތުރު ކުރުމުގެ ޑިމާންޑަށް ވެސް އަސަރު ކޮށްފައިވާ ކަމުގައި އެ ކުންފުނިން ބުންޏެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި މެދުއިރުމަތީގެ މަސްރަޙު ފިނިވާނެ ކަމަށް ނުބެލެވޭ ކަމަށާއި، އެ ސަރަޙައްދަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދީގެން މާލީ މަންފާތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވެން ނެތް ކަމުގައި ވެސް އެ ކުންފުނިން ބުންޏެވެ.
ވިޒް އެއަރގެ ސީއީއޯ ޔޯޝެފް ވަރަދީ ވިދާޅުވީ، މި ވަގުތު އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ވިލާތުގެ މެދުތެރެއާއި އިރުމަތީގެ ޤައުމުތަކަށް ކުރާ ދަތުރުތައް ފުޅާ ކުރުން ކަމުގައެވެ. ވިޒް އެއަރއަކީ، ވިލާތުގެ އެންމެ ބޮޑު އެއަރލައިން، ރަޔަންއެއަރއާ ވާދަ ކުރާ ކުންފުންޏެކެވެ. “ފާއިތުވި އަހަރުތަކުގެ ތެރޭގައި އަޅުގަނޑުމެން އެ ބާޒާރުގައި އިންވެސްޓު ކުރުން އޮތީ ދަށްވެފައި. މިހާރު އެ ބާޒާރަށް އަމާޒުކޮށް ޚިދުމަތްތައް ފުޅާ ކުރުމުގެ ފުރުޞަތު ލިބިގެންދާނެ. އެއީ މާލީ ފައިދާ ނެރެވޭނެ ކަން ޔަގީން ބާޒާރެއް،” އޭނާ ވިދާޅުވިއެވެ. އަބޫ ދާބީއަަށް ކުރާ ދަތުރުތައް މެދުކަނޑައިލި ކަން ވިޒް އެއަރއިން ހާމަކުރުމާ އެކު، ލަންޑަނުގެ ހިއްސާގެ ބާޒާރުގައި އެ ކުންފުނީގެ ހިއްސާގެ އަގު %2.6އަށް އުފުލިގެން ދިޔައެވެ. ނަމަވެސް، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ %62 ދަށްވެފައެވެ. އެއީ، އެ ކުންފުނީގެ މަތިންދާބޯޓުތަކުގައި ބޭނުން ކުރާ އިންޖީނުތަކަށް ކުރިމަތިވި މައްސަލަތަކަކާ ގުޅިގެންނެެވެ. އެ ކުންފުނިން ބޭނުން ކުރާ ޕްރެޓް އެންޑް ވިޓްނީ ޖީޓީއެފް މަރުކާގެ އިންޖީނުތަކަށް މައްސަލަތަކެއް ކުރިމަތިވުމާ ގުޅިގެން ވިޒް އެއަރގެ ބައެއް މަތިންދާބޯޓުތައް ގްރައުންޑް ކުރުމަށް ނުވަތަ ވަގުތީ ގޮތުން ޚިދުމަތުން ދުރުކުރުމަށް މަޖުބޫރުވިއެވެ.
ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެއަރބަސް މަރުކާގެ އިތުރު 280 މަތިންދާބޯޓު ގަތުމަށް ވިޒް އެއަރއިން އޮތީ އޯޑަރު ޖަހާފައެވެ. ވަރަދީ ވިދާޅުވީ، އެ މަތިންދާބޯޓުތައް ބޭނުން ކުރާނީ ވިލާތުގެ މެދުތެރެއާއި އިރުމަތީގެ ޤައުމުތަކަށް ޚިދުމަތްތައް ފުޅާ ކުރުމަށް ކަމުގައެވެ. މި ވަގުތު އެ ކުންފުނީގެ ޚިދުމަތުގެ ތިންބައިކުޅަ ދެބައި ޚާއްޞަ ކޮށްފައި ވަނީ އެ ސަރަޙައްދަށެވެ. އަދި، %30 ޚާއްޞަ ކޮށްފައި ވަނީ އިނގިރޭސިވިލާތާއި އިޓަލީ ވިލާތް އަދި އޮސްޓްރިޔާއަށް ކުރާ ދަތުރުތަކަށެވެ. އެ ކުންފުނިން އަބޫ ދާބީއަށް ކުރާ ދަތުރުތަކުގެ ހިއްސާ އަކީ އެންމެ %5އެވެ.
About Post Author
މާދަމާ ނިއުސް
ދެ އަހަރާ ބައިގެ ތެރޭގައި ސާބިތުކޮށްދެއްވީ ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތްކުރެވޭނެކަން!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ބޮޑު ދަރަނި ދެއްކުމުގައި މިހާރުގެ ސަރުކާރުން އަންނަނީ ނަތީޖާ ނެރެދެމުންނެވެ. އެގޮތުން ފާއިތުވި 10...
ޕޭޕަލް: ސަރުކާރުން ކޮށައިދިން މަގާއެކު ތަނަވަސް ދޮރެއް
(ފޮޓޯ ކްރެޑީޓްސް: ރައީސް އޮފީސް) ދިވެހިންގެ ހުނަރު ބައިނަލްއަޤްވާމީ މާކެޓަށް ވިއްކައިގެން ޑޮލަރުން އާމްދަނީ ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޕޭޕަލް މެދުވެރިކޮށް...
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ވަކާލާތުކުރާނެ
ޖޫން 15 އިން ޖުލައި 7 އަށް ބާއްވާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ސެޝަންގައި، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ވަރުގަދައަށް...
ރައީސް ތަފްސީލު ކޮށްދެއްވީ ދެފިކުރުގެ ތަފާތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ގެންގުޅުއްވާ "ގައުމީ ފިކުރު" އާއި އިދިކޮޅު ފަރާތްތަކުގެ "ފަނާކުރަނިވި ފިކުރު" ހުރި ތަފާތުތައް ތަފްސީލުކޮށްދެއްވާފައެވެ. ރައީސް...
ޕޭޕަލް ރާއްޖެއަށް ތައާރަފުވުމަކީ ކުދި ވިޔަފާރިތަކަށް ލިބުނު ކުރިއެރުމެއް: ބީސީސީ
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދީ ވުޒާރާ) އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމަކީ ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރަށް...
“ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރެންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި...
