
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާންގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން އަވަހާރަ ކޮށްލުމަށް ޖޫން 15ވަނަ ދުވަހު ޔަހޫދީން ދިން ނިރުބަވެރި ޙަމަލާތަކެއްގައި އޭނާއަށް ޒަޚަމުތަކެއް ލިބިވަޑައިގެންނެވި ކަން ހާމަވެއްޖެއެވެ. މި ކަން ހާމަ ކުރަމުން އީރާންގެ އޮފިޝަލަކު ބުނީ، ޕީޒިޝްކިޔާން ޒަޚަމްވެ ވަޑައިގަތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށް ދިޔަ އިމާރާތަކަށް ޔަހޫދީން ދިން ނިރުބަވެރި ޙަމަލާއެއްގައި ކަމުގައެވެ. އެއީ، އޭނާ ޝަހީދު ކޮށްލުމުގެ ނިޔަތުގައި ދީފައިވާ ޙަމަލާއެކެވެ. ނަން ހާމަކޮށްފައި ނުވާ އީރާން ސަރުކާރުގެ އިސް އޮފިޝަލަކު ބުނީ، ޔަހޫދީން މަސައްކަތް ކޮށްފައި ވަނީ އީރާންގެ ދައުލަތުގެ ތިން ބާރުގެ ވެރިން ޝަހީދު ކޮށްލުމަށް ކަމުގައެވެ. “[ޕީޒްޝްކިޔާނާއި ދައުލަތުގެ ތިން ބާރުގެ ވެރިން އަވަހާރަ ކޮށްލުމުގެ ނިޔަތުގައި] ކޮށްފައިވާ މަސައްކަތްތަކަށް އިސްރާއީލުން އަގު އަދާކުރަން ނުޖެހޭނެ އެއްވެސް ގޮތެއް ނޯންނާނެ،” އެ އޮފިޝަލް ބުންޏެވެ.
ޔަހޫދީންގެ ޙަމަލާ ދިން އިމާރާތުގައި ޕީޒިޝްކިޔާންގެ އިތުރުން ޤާނޫނު ހަދާ މަޖިލީހުގެ ރައީސާއި ޝަރުޢީ ދާއިރާގެ އިސް ފަނޑިޔާރު ހުންނެވި ކަމުގައި ވެސް އެ ޤައުމުގެ އޮފިޝަލް ބުންޏެވެ. ޕީޒިޝްކިޔާން އަވަހާރަ ކޮށްލުމަށް ޔަހޫދީން މަސައްކަތް ކޮށްފައިވާ ކަން އޭނާ ވެސް ކުރިން ހާމަކުރައްވާފައިވެއެވެ. ނަމަވެސް، އެ ކަމުގެ އިތުރު ތަފުސީލު އޭނާ ހާމަ ކުރައްވާފައެއް ނެތެވެ. “[އަޅުގަނޑު ޝަހީދު ކޮށްލަން] އެ މީހުން މަސައްކަތް ކުރި، އާދެ… ނަމަވެސް އެ ކަން ވަނީ ފޭލުވެފައި. އަޅުގަނޑުގެ ފުރާނަ ނަގައިލަން މަސައްކަތް ކޮށްފައި ވަނީ އެމެރިކާއަކުން ނޫން. އެ ކަމުގެ ފަހަތުގައި އޮތީ އިސްރާއީލް. އަޅުގަނޑު އެ ވަގުތު ހުރީ ބައްދަލުވުމެއްގައި. ބައްދަލުވުން ކުރިއަށް ދިޔަ ސަރަޙައްދަށް އެ މީހުން ބޮން އެޅި،” އެމެރިކާގެ މަޝްހޫރު ޕޮޑްކާސްޓް، ‘ދި ޓަކަރ ކާލްސަން ޝޯ’އަށް ހުސްވި ހަފުތާގައި ދެއްވި ބަސްދީގަތުމެއްގައި ޕީޒިޝްކިޔާން ވިދާޅުވިއެވެ.
ޔަހޫދީން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. އެ ޙަމަލާތަކުގެ ތެރެއިން އީރާންގެ ސަރުކާރާއި، ދައުލަތުގެ ތިން ބާރުގެ އިތުރުން އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންޓިސްޓުން ޝަހީދު ކޮށްލުމަށް ގިނަ ޙަމަަލާތަކެއް ދިނެވެ. ޕީޒިޝްކިޔާން އަވަހާރަ ކޮށްލުމުގެ ނިޔަތުގައި ޙަމަލާ ދީފައި ވަނީ ވެރިރަށް ޠަހްރާންގައި ސަރުކާރު އޮފީހެއް ހިންގާ އިމާރާތަކަށެވެ. އެއިރު، އެ އިމާރާތުގެ ތިރީ ފަންގިފިލައެއްގައި ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމެއް ދިޔައީ ހިނގަމުންނެވެ. އީރާންގެ މީޑިޔާތަކުން ބުނީ، އެ އިމާރާތަށް ވަދެނިކުމެ ވެވެން އޮތް ދޮރުތަކަށް ޔަހޫދީން މިސައިލް ޙަމަލާތަކެއް ދީފައިވާ ކަމުގައެވެ.
އެ ޙަމަލާގައި ޕީޒިޝްކިޔާންގެ ފައިންޕުޅަށް ޒަޚަމުތަކެއް ލިބިވަޑައިގެންނެވި ކަމުގައި އީރާންގެ އޮފިޝަލް ބުންޏެވެ. ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ. ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ބޭފުޅުން ވަނީ އެމަރޖެންސީ ދޮރެއް ބޭނުން ކޮށްގެން އިމާރާތުން ބޭރަށް ނުކުމެފައެވެ. އެ ބައްދަލުވުމުގެ މަޢުލޫމާތު އިނގޭ މީހުންގެ ތެރޭގައި ޔަހޫދީންގެ ޖާސޫސުން ތިބި ކަމަށް ތުހުމަތު ކުރެވޭތީ، އެ ކަން ތަޙުޤީޤު ކުރަމުންދާ ކަމުގައި ވެސް އީރާންގެ މީޑިޔާތަކުން ބުންޏެވެ. ޔަހޫދީންގެ ޙަމަލާތަކުގެ ރައްދުގައި އީރާނުން ވެސް ވަނީ ނުރައްކާތެރި ބެލިސްޓިކް މިސައިލްތަކާއި އަސްކަރީ ޑްރޯންތައް ބޭނުން ކޮށްގެން ޒަޔަނިސްޓުންގެ ރަށްތަކަށް ވަރުގަދަ ޙަަމަލާތަކެއްދީ، ގިނަ އަދަދެއްގެ ބަޔަކު މަރައިލާފައެވެ. އަދި، އުމްރާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ޔަހޫދީންނާ ބައިވެރިވުމުގެ ގޮތުން އެމެރިކާއިން ވެސް ޖޫން 22ވަނަ ދުވަހު އީރާނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތަކެއް ދިނެވެ.
އެއީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ދީފައިވާ ޙަމަލާތަކެކެވެ. އެ ކަމުގެ ރައްދުގައި އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ޙަމަލާދީފައެވެ. 12 ދުވަހަށް ފަހު އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒަށް ޙަމަލާ ދިނުމާ ގުޅިގެންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
