
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މިދިޔަ ހަފްތާގެ ތެރޭގައި ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީ ފައުޖަށް އަމާޒުކޮށް ދިން ކުއްލި ޙަމަލާއަކީ ގިނަ ބަޔަކަަށް ހައިރާންކޮށްލި ޙަމަލާއެކެވެ. އެ ޙަމަލާ ދިނުމުގައި ޙަމާސް ގެންގުޅުނު ގެރިއްލާ އުކުޅުތަކުގެ އިތުރުން، ޙަމަލާދިން ސަރަޙައްދުގެ ގޮތުން ވެސް އެ ޙަމަލާއަކީ އާދަޔާ ޚިލާފަށް މޮޅު ޙަމަލާއެއްގެ ގޮތުގައި ސިފަކުރެވިދާނެއެވެ. ޙަމަލާގެ ޝިކާރައަކަށްވި ޔަހޫދީ ސިފައިންގެ ބައިގަނޑެއް މިދިޔަ ހޯދަ ދުވަހު ހިނގަމުން ދިޔައީ ޣައްޒާގެ ބައިތު ޙަނޫނުގައި ޔަހޫދީ އަސްކަރީ އުޅަނދުތައް އާއްމުކޮށް ދުއްވައި އުޅޭ މަގަކުންނެވެ. އެއީ ޣައްޒާއާއި ޔަހޫދީ ދައުލަތާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގާ އެންމެ މޭލެއްގެ ދުރުމިނުގައި އޮތް ސަރަހައްދެކެވެ. އެ ވަގުތު، ޙަމަލާއެއް އައިސްދާނެ ކަމަށް ހީވެސް ނުކޮށް ތިއްބާ އެ ސަރަޙައްދުން ބޮމެއް ގޮއްވައިލުމުން ޔަހޫދީ ސިފައިންނަށް ލިބުނީ ބޮޑު ސިހުމެކެވެ. އެއީ، އެ ސަރައްޙައްދަކީ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ކަމަށް ބަލައިގެން އުޅުނު ސަރަޙައްދަކަށް ވީތީއެވެ. އަދި ޔަހޫދީ ދައުލަތާ އެހާ ކައިރި ސަރަޙައްދަކަށް ވުމުންނެވެ.
ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ އަދި ހަރުކަށި ފިކުރުގެ ޔަހޫދީ ސިފައިންގެ ޔުނިޓުގެ މެންބަރުން، އެ ބޮން ގޮވުމާ އެކުދިޔައީ ވިއްސައިގެންނެވެ. ދުރުގައި ތިބެ ގޮއްވާލާފައިވާ ބޮމުގެ ސަބަބުން ޔަހޫދީ ސިފައިން ޒަޚަމްވުމުން، އެ މީހުންނަށް އެހީތެރިވުމަށް އެ ސަރަޙައްދަށް އިތުރު ޔަހޫދީ ސިފައިން ދިޔައެވެ. އެއާއެކު ދެވަނަ ބޮމެއް އަނެއްކާ ވެސް ގޮއްވައިލިއެވެ. އެ ބޮން ވެސް ގޮއްވައިލީ ދުރުގައި ފިލާ ތިބެގެންނެވެ. ތިން ވަނަ ބޮމެއް ގޮއްވައިލީ އޭގެ ހަމަ ކުޑަ ހިނދުކޮޅެއް ފަހުންނެވެ. ތިންވަނަ ބޮން ގޮވުމާއެކު، އެ ސަރަޙައްދުގައި ފިލައި ތިބި ޙަމާސްގެ ހަނގުރާމަވެރިން ޔަހޫދީ ސިފައިންނަށް ބަޑިން ޙަމަލާ ދޭން ފެށިއެވެ. ފުރަތަމަ ބޮން ގޮވިތާ މަދު މިނެޓު ކޮޅެއްގެ ތެރޭގައި ޙަމަާސުން 5 ޔަހޫދީ ސިފައިން މަރާލައި، އިތުރު 14 މީހުން ޒަޚަމްކޮށްލިއެވެ. ޒަޚަމްވީ ބައެއް މީހުންނަށް ވަރަށް ބޮޑެތި ހާނީއްކަތައް ލިބުނެވެ.
އެ ޙަމަލާއާ ގުޅޭ އިބްތިދާއީ ތަހުޤީޤުން ފާހަގަވީ، ޙަމާސުން ބައިތު ޙަނޫންގެ މި ސަރަޙައްދުގައި ބޮންތައް ހަރުކޮށް، ޙަމަލާ ތައްޔާރުކުރީ ޙަމަލާ ދިނުމުގެ ކުރިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކަމެވެ. ޙަމާސުން ދިން އެ ޙަމަލާއިން، ހާމަވީ އަނެއް ކަމަކީ ޔަހޫދީންނަށް ދޭ ޙަމަލާތަކުގައި ޙަމާސުން ގެރިއްލާ އުކުޅުތަކަށް އެނބުރިއްޖެކަމެވެ. ގެރިއްލާ ޙަމަލާތަކަކީ ހަނގުރާމަވެރިންގެ ކުޑަ ޖަމާޢަތަކުން ދުޝްމަނުންނާ ދެކޮޅަށް ކުއްލިއަކަށް، ހަލުވިކަމާއެކު ދޭ ޙަމަލާތަކެކެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ވަރުގަދަ ހަތިޔާރާއި ބަރު އަސްކަރީ އުޅަނދުތަކުގެ ނިވަލުގައި ތިބެ ޣައްޒާއަށް ޙަމަލާ ދެމުންދާ ޔަހޫދީންނާ ޙަމާސަށް ލިބެންހުރި މަދު ވަޞީލަތްތަކާއެކު ކުރިމަތިލަމުންދާއިރު، އެ ޖަމާޢަތުން ދަނީ ކިތަންމެ ގެއްލުމެއް ލިބުނު ނަމަވެސް، ވެއްޓުމުން އަލުން ކޮޅަށް ތެދުވެ އަނެއްކާ ވެސް ޔަހޫދީންގެ ބިޔަ ލަޝްކަރާ ހިތްވަރާއެކު ކުރިމަތިލަމުންނެވެ. މީގެ ކުރިން ވެސް ޔަހޫދީންނަށް އެ މީހުންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދެވިފައިވާ ކަމަށް ޤަބޫލުކޮށްގެން ތިބި ޣައްޒާގެ އެތައް ސަރަޙައްދަކަށް އަލުން އަނބުރާ ގޮސް ޙަމާސްގެ މުޖާހިދުންނާ ހަނގުރާމަކުރަން ޖެހުނެވެ. އެއީ، ފަހުން ވެސް އެ ސަރަޙައްދުތަކުން ޙަމާސުން ޙަމަލާތައް ދޭން ފެށުމުންނެެވެ. އެ ޙަމަލާތަކުން ދޭހަކޮށްދެނީ، ޔަހޫދީންގެ ރާޑަރަށް ނާރައި ޙަމާސުން ޙަރަކާތްތެރިވާލެއް މޮޅުކަމެވެ. އަދި ޙަމާސް ނައްތާލުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތް ކާމިޔާބުވުމާ ގާތް ވެސް ނުވާ ކަމެވެ.
ޙަމާސްގެ އަސްކަރީ ގޮފި، އަލް-ޤައްސާމް ބްރިގޭޑްސުން ބުނީ ހޯމަ ދުވަހު ދިން ޙަމަލާ ދީފައި ވަނީ، ފުރޮޅާނެ އިތުރު ގަލެއް ނެތްކަމަށް ޔަހޫދީންނަށް ޤަބޫލުކުރެވިފައިވާ ސަރަޙައްދަކުން ކަމަށެވެ. އެއީ ރައްކާތެރި ސަރަޙައްދެއް ކަމަށް ޔަހޫދީން ޤަބޫލުކޮށްގެން ތިބި ސަރަޙައްދެއް ކަމަށް ވެސް ޙަމާސުން ބުންޏެވެ. އެ ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނީ ޔަހޫދީންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެ ޖަމާޢަތުން އިސްކަންދެނީ ދުވަހެއް ދުވަހަކަށް ޔަހޫދީ ލަޝްކަރު ބަލިކަށިކުރަން ކަމަށެވެ. އެ ޖަމާޢަތުން އެ ކަން ޙާޞިލްކުރާނީ ޔަހޫދީ ސިފައިންނަށް ޙަމަލާތައް އަމާޒުކޮށްގެން ކަމަށް ވެސް ބުނެފައިވެއެވެ. އެ ބަޔާނުގައި ބުނީ، 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޙަމާސުން ޔަހޫދީ ސިފައިންތަކެއް ރަހީނުކޮށްފައިވާއިރު، އެ ޢަދަދު އަދި ވެސް އިތުރުކުރުމަށް ބޭނުންވާ ކަމަށެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ބައެއް ޔަހޫދީ ސިފައިން މިނިވަންކުރުމުގައި ޔަހޫދީން މިއަދު ކާމިޔާބުވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި ޔަހޫދީން ނާކާމިޔާބުވުން އެކަށީގެންވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. ޙަމާސުން ވަނީ، އެ ޖަމާޢަތުގެ ބެލުމުގެ ދަށަށް އިތުރު ޔަހޫދީ ސިފައިން ގެންދާނެކަމުގެ އިންޒާރު ދީފައެވެ.
ހޯމަ ދުވަހުގެ ޙަމަލާއަށް ފަހު، މިދިޔަ ބުދަ ދުވަހު ވެސް ޙަމާސުން ވަނީ ޔަހޫދީ ސިފައިންނަށް އަމާޒުކޮށް ގެރިއްލާ ޙަމަލާއެއް ދީފައެވެ. ޣައްޒާގެ ޚާން ޔޫނިސްގައި ޔަހޫދީންގެ އަސްކަރީ އިންޖިނިއަރިންގ އުޅަނދަކަށް އަމާޒުކޮށް އެ ޙާމަލާ ދިނީ ރޮކެޓެއްގައި ބޮމެއް ހަރުކޮށްފައި ފޮނުވައިލައިގެންނެވެ. އެ އުޅަނދަށް ޙަމަލާ އެރުމުން، ޙަމާސްގެ ހަނގުރާމަވެރިން ވަނީ ޖެހިލިކުންކުޑަ ކަމާއެކު އެ އުޅަނދާ ދިމާލަށް ގޮސް، އެ އުޅަނދުގައި އިން ޔަހޫދީ ސިފައިންގެ މީހާ ރަހީނުކުރަން މަސައްކަތްކޮށްފަައެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެ ސަރަޙައްދަށް އިތުރު ޔަހޫދީ ސިފައިން އައުމުން ހިނގި ކުރިމަތިލުންތަކުގައި، ރަހީނެއްގެ ގޮތުގައި އޭނާ ގެންދެވުމުގެ ކުރިން އޭނާ ވަނީ މަރުވެފައެވެ. އޭގެ ދެ ދުވަސް ފަހުން އަލް-ޤައްސާމު ބްރިގޭޑުން ޓެލެގްރާމު މެދުވެރިކޮށް އާއްމުކުރި މެސެޖެއްގައި ބުނީ ޔަހޫދީ ސިފައިންގެ މީހާ ރަހީނުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވި ނަމަވެސް، ދެން ދޭ ޙަމަލާއެއް ކާމިޔާބުވާނެ ކަމަށާއި ޔަހޫދީ ސިފައިންގެ މީހަކު ދިރިހުއްޓައި ޙަމާސްގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށެވެ.
ޔަހޫދީން ޣައްޒާގައި ކުރަމުންދާ ދިގު އަދި ފަނާކުރަނިވި ހަނގުރާމައަކީ މިދިޔަ މަހުގެ ތެރޭގައި ޔަހޫދީން އީރާނަށް ޙަމަލާދީ ފެށި ހަނގުރާމައިގެ ދިމާ އިދިކޮޅެވެ. ވައިގެ މަގުންނާއި އެއްގަމު މަގުން ދިން އަވަސް އަދި ސީދާ ޙަމަލާތަކުގައި ޔަހޫދީ އަސްކަރިއްޔާއަށް ނިޞްބަތްވާ އެެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ. ނަމަވެސް 12 ދުަހަކަށް ދެމިގެންދިޔަ އެ ހަނގުރާމަ ނިމުމަށް ފަހު މި ފާއިތުވި ދުވަސްތަކުަގައި އެކަނި ވެސް ޣަައްޒާގައި ޔަހޫދީންގެ 19 ސިފައިން މަރުވެފައިވެއެވެ. އީރާނާއި ޔަހޫދީން ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވި ދުވަހު ވެސް ޙަމާސްގެ ހަނގުރާމަވެރިން ވަނީ ޔަހޫދީންގެ ޓޭންކެއްގެ އެތެރެއަށް ގޮވާޒާތުގެ އެއްޗެއް އެެއްލައި، އެ ޓޭންކުގެ އެތެރޭގައި ތިބި 7 ޔަހޫދީ ސިފައިން މަރާލައިފައެވެ. އެއީ ފާއިތުވި މަސްތަކުގައި ޙަމާސުން ދިން އެންމެ ވަރުގަދަ އެއް ޙަމަލާއެވެ. ޣައްޒާއިން މިހާރު ފެންނަމުންދަނީ ޙަމާސުން ޔަހޫދީންގެ ބަލިފައި ދެނެގަނެ، އެ ބަލިކަށިކަމަށް އަމާޒުކޮށް ގެރިއްލާ ޙަމަލާތައް ދެމުންދާ މަންޒަރެވެ. ޔަހޫދީން ޙަމާސްގެ ކިތަންމެ ގިނަ ޢަދަދެއްގެ މުޖާހިދުން ޝަހީދު ކުރި ނަމަވެސް، އެއަށްވުރެ ގިނަ މުޖާހިދުން އެއާ ވިދިގެން ޙަމާސާ ގުޅެއެވެ. މާއްދީ ގޮތުން ކިތަންމެ ބޮޑެތި ގެއްލުންތަކެެއް ލިބިފައިވީ ނަމަވެސް، ޙަމާސްގެ ރޫޙާއި ޖޯޝަށް ހީނަރުކަމެއް ނާދެއެވެ.
ޙަމާސުން ދޭ ޙަމަލާތައް ‘ލާމަރުކަޒީ’ކޮށްފައިވާއިރު، ކުދިކުދި ވަކި ގުރޫޕުތަކުގެ ގޮތުގައި އެ ޖަމާޢަތުން ޙަމަލާދޭތީ ޔަހޫދީންނަށް ވަނީ ޙަމާސްގެ ހަނގުރާމަވެރިންނަށް ސީދާ ޙަމަލާދޭން ދަތިވެފައެވެ. އަދި ޙަމާސްގެ މުހިންމު އަސްކަރީ މަޤާމުތަކާއި އެ ޖަމާޢަތުގެ ކޮމާންޑަރުން ދެެނެގަތުމަށް ވެސް ވަނީ ނުކުޅެދިފައެވެ. ޔަހޫދީންގެ އަސްކަރީ ވެރިޔަކު ވެސް ވަނީ އެ ކަމަށް އެއްބަސްވެފައެވެ. އަސްކަރީ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި ހުރަސްތައް ކުރިމަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ޙަމާސްގެ އަތުގައި ކުރިން ހުރި ރޮކެޓުގެ ބޮޑުބައި މިހާރު ހުސްވެފައިވާއިރު، އެ ޖަމާޢަތަށް މިހާރު ދެވެނީ ވަރަށް ދޭތެރެ ދުރުކޮށް، މަދުމަދުންދޭ ރޮކެޓު ޙަމަލާތަކެކެވެ. ނަމަވެސް ހަނގުރާމައިގައި ސުންނާފަތިވެފައިވާ ޣައްޒާގެ ވެއްޓިފައިވާ އިމާރާތްތަކުގެ ތެރެއިން ލާފައި، ޔަހޫދީންގެ ޙަމަލާތަކުން ރެކެމުން ގޮސް ޙަމާސްގެ މުޖާހިދުން ޙަރަކާތްތެރިވަމުުންދާ ގޮތާއި ދައްކަމުންދާ ހިތްވަރުން ފެންނަނީ ޣައްޒާގެ ރައްޔިތުންގެ ކިބައިން ވެސް ފެންނަ ފަދަ ނުގުޑާ އަޒުމެވެ. ޙަމާސަށް ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވާ އިރު ވެސް، ކާމިޔާބުކަމާއެކު ޔަހޫދީންނާ ދެކޮޅަށް އަދިވެސް ޙަމަލާދިނުމުގެ ޤާބިލުކަން އެ ޖަމާޢަތުގެ ކިބައިގައި ހުރިކަމީ ޙަމާސްގެ ރޭވުންތެރިކަމާއި ކުޅަދާނަކަން ދޭހަކޮށްދޭ ނިޝާނެެކެވެ. ޔަހޫދީން ޣައްޒާގެ ރައްޔިތުން ކަތިލަމުންދާއިރު ވެސް، ޙަމާސުން ފައި ވިއްދައިގެން ތިބީ ޣައްޒާގެ ރައްޔިތުންނަށް މޮޅު ގޮތް ހޯދައިދިނުމަށެވެ. އެއީ، ޔަހޫދީންގެ އިންޒާރުތަކަށް އިޖާބަ ދިނުމެއްނެތި، ހަނގުރާމައަށް ފުރިހަމަ ނިމުމެއް ގެނައުމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
