
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބޮސްނިޔާ އަދި ހެރްސެގޮވީނާގައި 1995ވަނަ އަހަރު ހިންގި ސްރެބްރެނީޓްސާ ޤަތުލުޢާންމަށް 30 އަހަރު ފުރުން ޖުލައި 11ވަނަ ދުވަހު ވަނީ ފާހަގަ ކޮށްފައެވެ. އެ ހިތާމަވެރި ހާދިސާގެ ހަނދާންތައް އައު ކުރުމަށް އެތަކެއް ހާސް ބަޔަކު ޖަމާވިއިރު، އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ ހަތް މީހެއްގެ ޖަނާޒާ ވެސް ވަނީ ބާއްވާފައެވެ. 30 އަހަރު ފަހުން ވެސް ސްރެބްރެނީޓްސާ ޤަތުލުޢާންމުގައި ބަހީދު ކޮށްލާފައިވާ މީހުންގެ ޖަނާޒާތައް އަދިވެސް ދަނީ ބާއްވަމުންނެވެ. ހުކުރު ދުވަހުގެ ޖަނާޒާ ބާއްވާފައި، ވަޅުލާފައި ވަނީ ޝަހީދު ކޮށްލުމަށް ފަހު ގިނަ އަދަދެއްގެ ބަޔަކު ވަޅުލާފައިވާ ވަޅުގަނޑުތަކުން ފެނުނު ބަޔެއްގެ ހަށިތަކެވެ. އެ ވަޅުތައް ފެނިފައި ވަނީ ލީޕިޔޭ، ބާޔިކޮވިޓްޒާ، ސޫޔީޗީ އަދި ކަމެނިޗްކީ ބެރްދޯއިންނެވެ. އެ ހަތް މީހުންގެ ޖަނާޒާ ބާއްވާފައި ވަނީ، ސްރެބްރެނީޓްސާ ޤަތުލުޢާންމުގައި މަރައިލާފައިވާ މީހުން ވަޅުލާފައިވާ ބޮޑު ގަބުރުސްތާނެއްގައެވެ.
އެ ހަތް މީހުންގެ ތެރެއިން ބައެއް މީހުންގެ ހަށިތައް، ނުވަތަ މަދު އަދަދެއްގެ ކަށިތައް ފެނި، ދެނެގަނެވިފައި ވަނީ ހުސްވި އަހަރުގައެވެ. އޭގެ ތެރޭގައި 34 އަހަރުގެ ހާސިބް އޮމެރޮވިޗް ހިމެނެއެވެ. އޭނާގެ ހަށިގަނޑުގެ ބައެއް ކަށިތައް ފުރަތަމަ ފެނިފައި ވަނީ 1998ވަނަ އަހަރު، ގިނަ އަދަދެއްގެ ބަޔަކު ވަޅުލާފައިވާ ވަޅުގަނޑަކުންނެވެ. އޭނާގެ ޢާއިލާއިން އޭނާގެ ޖަނާޒާ ފަސްކޮށްފައި ވަނީ، އިތުރު ކަށިތައް ހޯދޭނެ ކަމުގެ އުންމީދުގައެވެ. ހުކުރު ދުވަހު ޖަނާޒާ ބާއްވައި، ވަޅުލާފައިވާ މީހުންގެ ތެރޭގައި ސޭނާޔީދް އަވްދީޗް ވެސް ހިމެނެއެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ 1995ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ. އެއިރު، އޭނާގެ އުމުރަކީ 19 އަހަރެވެ. ސޫޔީޗީން ފެނުނު ބޮޑު ވަޅުގަނޑެއްގެ ތެރެއިން އޭނާގެ ހަށިގަނޑުގެ ބައެއް ކަށިތައް ފެނިފައި ވަނީ 2010ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.
“އަޅުގަނޑަށް ފުރަތަމަ ޚަބަރު ލިބުމާ އެކު، ނުކެރުނު، ހިތްވަރެއް ނުލިބުނު، މަންމައާއި ބައްޕަ ގާތު އެ ވާހަކަ ދަންނަވަން. އެ ކަން ވީ ވަރަށް އުނދަގޫ ކަމަކަށް. ފެނިފައި ވަނީ ވެސް މުޅި ހަށިގަނޑެއް ނޫން، މަދު އަދަދެއްގެ ކަށިތަކެއް،” ސޭނާޔީދްގެ ބޭބެ 46 އަހަރުގެ ޒޭޔާދް އަވްދީޗް ކިޔައިދިނެވެ. ސޭނާޔީދްގެ ޖަނާޒާ ބޭއްވުން ފަސްކޮށްފައި ވަނީ އިތުރު ހަށިތަކެއް ފެނިދާނެ ކަމުގެ އުންމީދުގައި ކަމުގައި ވެސް އޭނާ ބުންޏެވެ. ސްރެބްރެނީޓްސާ ޤަތުލުޢާންމު ހިންގާފައި ވަނީ 1992ވަނަ އަހަރުން ފެށިގެން 1995ވަނަ އަހަރާ ދެމެދު ކުރި ބޮސްނިޔާ ހަނގުރާމައިގެ ތެރެއިންނެވެ. އެ ހަނގުރާމަ ފެށުނީ، ކުރީގެ ޔޫގޮސްލާވާ އުވައިލުމާ އެކުގައެވެ. އެއާ އެކު، ބޮސްނިޔާގެ ސަރބް ދަރިކޮޅުގެ މީހުންނާއި ކްރޮއެޓްސް އަދި ބޮސްނިޔާގެ މުސްލިމުންނާ ދެމެދު ހަނގުރާމަ ފެށިއެވެ.
ބޮސްނިޔާގެ ސަރބް ދަރިކޮޅުގެ ހަނގުރާމަވެރިން ސްރެބްރެނީޓްސާއަށް އަރައިގަނެފައި ވަނީ 1995ވަނަ އަހަރުގެ ޖުލައި މަހުގެ 11ވަނަ ދުވަހުއެވެ. އެއިރު، އެއީ އެކުވެރި ދައުލަތް (އދ)ން ރައްކާތެރި ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ތަނެކެވެ. އެ މީހުން ވަނީ، ބޮސްނިޔާ ދަރިކޮޅުގެ 8,000 އަށްވުރެ ގިނަ ފިރިހެނުންނާއި ފިރިހެން ކުދިން، އެ މީހުންގެ އަނބިންނާއި މައިންނާ ވަކިކޮށް، ޝަހީދު ކޮށްލާފައެވެ. އޭގެ ތެރެއިން ފިލަން މަސައްކަތް ކުރި މީހުން ވެސް ވަނީ ޝަހީދުކޮށްފައެވެ. އަދި، އަންހެނުންނާއި އަންހެން ކުދިން ވަޒަނުން ބޭރުކުރިއެވެ.
ހުކުރު ދުވަހު ޖަނާޒާ ބާއްވާފައިވާ ހަތް މީހުން ދެނެގަނެވިފައި ވަނީ ފޮރެންސިކް ސައިންސްގެ ޢަލީގައި، ޑީއެންއޭ ޓެސްޓުތައް ހަދައިގެންނެވެ. ގެއްލިފައިވާ މީހުންނާ ބެހޭ ބައިނަލްއަޤްވާމީ ކޮމިޝަނާއި، ފޮރެންސިކް ދާއިރާގެ ސައިންޓިސްޓުން ގުޅިގެން، އަދިވެސް ދަނީ ސްރެބްރެނީޓްސާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުން ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ. ޕޯޓޯޗާރީގައި މިހާތަނަށް 6,000އެއްހާ މީހުން ވަޅުލާފައިވާއިރު، އަދިވެސް އިތުރު 1,000އެއްހާ މީހުންގެ ހަށިތައް ފެނިފައި ނުވާ ކަމުގައި އިދާރާތަކުން ބުންޏެވެ.
ސްރެބްރެނީޓްސާގައި ހިންގާފައި ވަނީ ޤަތުލުޢާންމެއް ކަމަށް ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު (އައިސީޖޭ)ން ކަނޑައަޅާފައި ވަނީ 2007ވަނަ އަހަރުއެވެ. އަދި، ބޮސްނިޔާގެ ސަރބް ދަރިކޮޅުގެ ވެރިން ކަމުގައިވާ ރަދޮވާން ކަރަޖީޗާއި ރަތުކޯ މްލާޑިޗްގެ މައްޗަށް ޤަތުލުޢާންމު ހިންގުމާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ ކުށުގެ ދަޢުވާ ވަނީ ސާބިތުކޮށްފައެވެ. އަދި، އެ ދެ މީހުން އުމުރު ދުވަހަށް ޖަލަށް ލާފައެވެ. ސްރެބްރެނީޓްސާ ޤަތުލުޢާންމުގައި ބައިވެރިވި އިތުރު 50 މީހަކާ ދެކޮޅަށް ވެސް ކޯޓުތަކުން ވަނީ ޙުކުމް ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
