
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމަށް އެއްބަސްނުވެއްޖެ ނަމަ ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގައި ވިދާޅުވެ، އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލާމީ އިންޒާރު ކުރައްވައިފިއެވެ. އޭނާ ޔަހޫދީންނަށް އިންޒާރު ކުރައްވާފައި ވަނީ، ޤަތުލުޢާންމާ ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ މުސީބާތް ފާހަގަ ކުރައްވައެވެ. އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ލާމީ ވަނީ، ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި ޔަހޫދީންނާއި އެމެރިކާ ގުޅިގެން ހިންގަމުންދާ ޖަރީމާތަކަށް ވެސް ފާޑުވިދާޅުވެފައެވެ. ޣައްޒާގައި ކާބޯތަކެތި ބެހުމުގެ ޒިންމާތަކުން އެކުވެރި ދައުލަތްތައް (އދ)އާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން އެކަހެރިކޮށް، އެ މަސައްކަތް ވަނީ ޔަހޫދީންގެ އަތްދަށަށް ގެންގޮސްފައެވެ. ޣައްޒާގައި ކާބޯތަކެތި ބެހުމުގެ މަސައްކަތް މި ވަގުތު ހިންގަނީ ޔަހޫދީންނާއި އެމެރިކާ ގުޅިގެން އުފައްދާފައިވާ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ންނެވެ.
“އަޅުގަނޑުމެން ވަރަށް ސާފުކޮށް ދަންނަވަމުން މި ގެންދަނީ އެހީދޭ ފައުންޑޭޝަނެއް އުފެއްދުމަށް ތާޢީދު ނުކުރާ ވާހަކަ. އެ މީހުން [ޖިއެޗްއެފުން] ރަނގަޅު މަސައްކަތެއް ނުކުރޭ. ހައިހޫނުގައި ޖެހިފައިވާ މީހުންގެ އަދަދު މާ ގިނަ. މާ ގިނަ އަދަދެއްގެ ބަޔެއްގެ ފުރާނަ ގެއްލިއްޖެ. އެ ނިޒާމު ކުށްވެރި ކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އަޅުގަނޑުމެންގެ [އިނގިރޭސިވިލާތުގެ] ހިއްސާ ބޮޑު،” ލާމީ ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ، ކާބޯތަކެތި ބެހުމުގެ ނަމުގައި ޖީއެޗްއެފާ ގުޅިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށެވެ. އެހީ ބެހުމުގެ ނަމުގައި މަރުކަޒުތަކެއް ޤާއިމުކޮށް، ޖީއެޗްއެފުން ދަނީ އެ ތަންތަނަށް ހައިހޫނުގައި ޖެހިފައިވާ އެތަކެއް ސަތޭކަ ބަޔަކު ޖަމާ ކުރަމުންނެވެ. އަދި، ޔަހޫދީ ފައުޖުން ދަނީ އެއްވެސް އިންޒާރަކާ ނުލައި އެ މީހުންނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތައްދީ، ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކުރަމުންނެވެ. އދން ބުނީ، ޖީއެޗްއެފްގެ މަރުކަޒުތައް ކައިރީގައި ޔަހޫދީން ހިންގާފައިވާ މި ފަދަ ޖަރީމާތަކުގައި 400އަށްވުރެ ގިނަ އަދަދެއްގެ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ.
ޣައްޒާގެ ރައްޔިތުންނަށް ޖައްސާފައިވާ ނިކަމެތި ހާލަތު ބަދަލު ކުރުމަށް ޔަހޫދީން ފިޔަވަޅުތަކެއް ނާޅައިފި ނަމަ އިނގިރޭސި ސަރުކާރުން އެ ކަމާ މެދު ފިޔަވަޅު އަޅާނަންތޯ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ސުވާލު ކުރުމުން ލާމީ ވަނީ އެ ގޮތަށް އަމަލު ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. “އާދެ، އަޅުގަނޑުމެން ކުރާނަން [ފިޔަވަޅު އަޅާނަން]،” އޭނާ ވިދާޅުވިއެވެ. ހުސްވި މަހުގެ ތެރޭގައި އިނގިރޭސިވިލާތާއި ހުޅަނގުގެ ބައެއް ބާރުތަކުން ވަނީ ޒަޔަނިސްޓު އިސްރާއީލުގެ ކެބިނެޓުގައި ހިމެނޭ ހައްދުފަހަނަ އެޅި ދެ ވަޒީރަކާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގްވީރާއި ޚާރިޖީ ވަޒީރު ބިޓްޒަލްއެލް ސްމުޓްރިޗެވެ. އިނގިރޭސިވިލާތާ ގުޅިގެން އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ޤައުމުތަކުގެ ތެރޭގައި ކެނެޑާ، އޮސްޓްރޭލިޔާ، ނިއު ޒިލެންޑް އަދި ނޯވޭ ހިމެނެއެވެ. އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާފައި ވަނީ، ހުޅަނގު އައްސޭރީގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގުމަށް ހިތްވަރު ދިނުމުގެ ސަބަބުންނެވެ.
މީގެ އިތުރުން، އިނގިރޭސިވިލާތުން ވަނީ ޒަޔަނިސްޓު އިސްރާއީލާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމާ ގުޅޭ ގޮތުން ކުރަމުން ދިޔަ މަޝްވަރާތައް ވެސް މެދުކަނޑައިލާފައެވެ. އެ ގޮތަށް އަމަލު ކުރަން ނިންމާފައި ވަނީ، ޣައްޒާގެ ރައްޔިތުން ކާބޯތަކެތިން މަޙްރޫމު ކުރުވައި، ހައިހޫނުގައި ޖެއްސުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅުވައެވެ. ހުސްވި އަހަރު ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީ ފައުޖަށް ބައެއް ބާވަތްތަކުގެ ހަތިޔާރު ފޯރުކޮށްދިނުން ވެސް އިނގިރޭސި ސަރުކާރުން މެދުކަނޑައިލިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
