
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މާލެ ސަރަހައްދަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުކުރުމުގެ އަމާޒުގައި ތަރައްގީކުރާ ރަސްމާލެ ވެގެން ދާނީ ވަރަށް ތަފާތު ތަނަކަށް ކަމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަދި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މޭސްތިރިޔާ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ “ރާއްޖެމިއަދު” ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ހުޅުމާލޭގައި މިހާރު އޮތް “ޑެންސިޓީ” މަތިނުވެ، މިހާރު އޮތް ވަރަށް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެކަމަކު، ކެޕިޓަލް ސިޓީއެއްގެ ރީޖަން އުފެދިގެން ދާން ޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ. އެއާއެކު، ދެން އޮންނާނެ ހައްލަކީ މީހުން ދިރިއުޅެވޭ ތަނެއްގެ ގޮތުގައި ރަސްމާލެ ތަރައްގީ ކުރުން ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.
“ވަރަށް ތަފާތު ތަނެއްގެ ގޮތުގައި ޑިވެލޮޕްވާނެ ކަމަށް އަޅުގަނޑަށް ފެންނަނީ ރަސްމާލެ. އެއީ ކަނޑުއޮޅިއެއް އޮވެފައި މި އޮންނަނީ. މާލެ އާ ތަފާތު ހުޅުމާލެ. މި ދެ ތަނާ ތަފާތު ގޮތަކަށް އެ ތަން އޮންނާނެ ކަމަށް ލަފާ ކުރެވެނީ،” މައުރޫފް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ)
މައުރޫފް ވިދާޅުވީ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސަށް ބެލި ކަމުގައި ވިޔަސް ފެންނަނީ ވަރަށް ތަފާތުކޮށް ކަމަށެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޑެންސިޓީ” މަތިކަމުން، އެ ތަނަށް މަދުވާ ވަރަށް ގިނަ ކަންކަން ހުރި ކަމަށް މައުރޫފް ވިދާޅުވިއެވެ. އެހެންވެ، ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަންކަން ގެނެސް، އިސްލާހު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމުގައި މައުރޫފް ވިދާޅުވިއެވެ. މައުރޫފް ވިދާޅުވި ގޮތުގައި ހުޅުމާލެ ބަނދަރު ވެސް އޮތީ ވަރަށް ބޮޑަށް “ކޮމްޕްރޮމައިޒް”ވެފައެވެ. ބަނދަރު އެގޮތަށް ދޫކޮށްލަން ބޭނުން ނުވާތީ ހުޅުމާލޭގައި ހުރި ގޯތިތަކާއި ބިމުގެ ސަރަހައްދު މަދު ނުވާ ގޮތަށް ޕްލޭން ކުރަން ނިންމެވި ކަމުގައި އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމާ މީގެ ހަ މަހެއްވަރު ކުރިން ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ އަމާޒަކަށް ހެއްދެވީ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުތަކެއް ގެނައުމެވެ. ދެވަނަ ކަމަކަށް ގަވަނަންސް ކަންކަން ރަނގަޅުކުރަން އިސްކަން ދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. “ވަރަށް ގިނަ ކަންކަން ފަށާފައި ހުރީ އައިއޯއެސް ސްޓޭންޑަޑަށް ގެނައުމާއި ސްޓްރަކްޗަރަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން ފަދަ ވަރަށް ގިނަ ކަންކަން ހުރި އޭރުގައި ވެސް ފެށިފައި. ފެށިފައި ހުރި ކަންތައްތަކާއި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް އަޅުގަނޑުގެ އިސްލާހާ އެކީގައި ކުރިއަށް ގެންދިޔައީ. އެ ބަދަލުތަކާ އެއްޗެހި މިހާރު ފެނިވަޑައިގަންނަވާނެ. އިދާރީ ގޮތުން ވެސް ބަދަލުތަކެއް އައިސްފައި ހުރިކަން،” މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ފްރޭމްވޯކްގައި ހިމެނޭ ހުރިހާ މަސައްކަތެއް ނިމި، މިހާރު އޮތީ ތަންފީޒު ކުރުމުގެ މަރުހަލާގައި ކަމަށެވެ. އަދި އެޗްޑީސީއާ ދެން ހަވާލުވެވަޑައިގަންނަވާ ވެރިއަކު ވެސް މަސައްކަތް ކުރައްވަން ވާނީ ޕްލޭންގައި ހުރި ކަންކަން ފުރިހަމަ ކުރެއްވުމަށް ކަމުގައި މައުރޫފް ވިދާޅުވިއެވެ. މައުރޫފް ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ރިޓަޔާ ކުރައްވަން ނިންމަވައިފައެވެ. މައުރޫފްގެ ވިސްނުން މިހާރު ހުންނެވީ ރިޓަޔާ ކުރެއްވުމަށް ފަހުގައި އެޑްވައިޒަރު ލެވެލްއެއްގެ މަގާމުގައި ހުންނަވައިގެން ހުޅުމާލޭގެ ތަރައްގީއަށް ކުރަން ޖެހޭ މަސައްކަތް ކުރެއްވުމަށެވެ. ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބޮޑު ބަދަލުތަކެއް ގެނެސް، ރިވައިޒް ކުރި ޕްލޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށް ދެއްވާފައި ވަނީ މިދިޔަ މެއި 26 ގައެވެ. މާސްޓާ ޕްލޭންގައި އެންމެ ބޮޑު އެއް ބަދަލަކީ ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހައި ބިން ހިއްކައިގެން އެއްކޮށް ގުޅުވާލުމެވެ. ކުރިން ހުޅުމާލެ ތިން ވަނަ ފިޔަވައްސަށް ކަނޑައަޅާފައި ވަނީ އެންމެ ކަނެކްޝަނެކެވެ. މި ގެނައި ބަދަލާއެކު 11 މަގަކުން ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅޭނެއެވެ.
މީގެއިތުރުން، ހުޅުމާލެ ބަނދަރު ސަރަހައްދު ވަރަށް ބޮޑަށް ބާރު ބޮޑުވެފައިވާތީ، އެކަމަށް ހައްލެއް ގެނައުމަށް ވެސް ޕްލޭންގައި ހިމަނާފައިވެއެވެ. އޭގެއިތުރުން އިސްލާމީ މަރުކަޒެއް ބިނާކުރުމާއި ފަރުކޮޅުފުށި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ސެންޓްރަލް ޕާކަށް ބަދަލުކުރުމާއި ދަރުބާރުގެއެއް އިމާރާތް ކުރުމާއި ހުޅުމާލެ ބަނދަރު ބޮޑުކޮށް، ޒާމާނީ ފެންވަރުގެ ފެރީ ޓާމިނަލެއް އެޅުމަށް ވެސް ޕްލޭންގައި ހިމަނާފައިވެއެވެ. އަދި ސަފާރީ މެރީނާ އާއި ސްޕީޑް ބޯޓް މެރިނާއެއް ވެސް ގާއިމު ކުރުމަށް ހަމަޖެހިފައިވެއެވެ. ރައީސް ޑރ. މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ރަސްމާލެ މަޝްރޫއު ފުރިހަމަ ކުރުމެވެ. އެ މަޝްރޫއުގެ މަސައްކަތް ވެސް ކުރިއަށް ދަނީ އެޗްޑީސީގެ ބެލުމުގެ ދަށުންނެވެ. އެނގިފައިވާ ގޮތުގައި މިހާތަނަށް އައިއިރު، ހިއްކަން ޖެހޭ، 1،000 ހެކްޓަރުގެ ތެރެއިން 200 އެއްހާ ހެކްޓަރު ވަނީ ހިއްކައިފައެވެ. ސަރުކާރުގެ އަދި އެޗްޑީސީގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރަސްމާލެ ހިއްކައި ނިންމާލުމެވެ.
ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލެއަކީ 240،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. ރަސްމާލޭގައި 26،000 ފްލެޓާއި 11،000 ގޯތި ދިނުމަށް ޕްލޭންގައި ހިމެނޭއިރު، ރަސްމާލެ ތަރައްގީކުރަނީ މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރުގެ އުސްމިނަށެވެ. އެއީ ހުޅުމާލެ އަށްވުރެ 0.5 މީޓަރު އުހެވެ. މި ސިޓީ ވެގެންދާނީ ތިމާވެއްޓާ ރައްޓެހި ސިޓީއަކަށެވެ. އެގޮތުން މިތަން ތަރައްގީ ކުރަމުން ގެންދަނީ “ސޭފް އައިލެންޑް”އެއްގެ ގޮތުގައި، އިންޓަނޭޝަނަލް މިންގަނޑުން ކަނޑައެޅޭވަރަށް ހިއްކައިގެންނެވެ.
ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު ފެށީ ޑިސެމްބަރު 18، 2023 ގައެވެ. މި މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމަށް 2024 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމެނި ނަމަވެސް އެމްޑީޕީގެ މެޖޯރިޓީއެއް އޭރު އޮތް ރައްޔިތުންގެ މަޖިލިހުން ވަނީ އެ މަޝްރޫއަށް ކަނޑައެޅި ބަޖެޓު އުނިކޮށް، އެ ފައިސާ ތަރައްގީގެ އެހެން މަޝްރޫއުތަކަށް ބަހާލައިފައެވެ. އެހެންވެ، މިދިޔަ އަހަރު އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިއެވެ. ރަސްމާލެ ހިއްކުން ހުއްޓިފައި އޮތުމަށް ފަހު، މިހާރު އަނެއްކާ ވެސް އެ މަޝްރޫއު ހަލުވިމިނެއްގައި ކުރިއަށްދާ ކަމަށްވެއެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
