
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި ޔަހުދީންނާ ގުޅިގެން އެމެރިކާއިން އުފައްދާފައިވާ ޖަމުޢިއްޔާއަށް އެއްބާރުލުން ނުދިނުމަށް ޙަމާސް ޖަމާޢަތުން ބާރުއަޅައިފިއެވެ. ޔަހޫދީންނާއި އެމެރިކާ ގުޅިގެން ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި ޖަމުޢިއްޔާއެއް އުފައްދާފައި ވަނީ ޣައްޒާގެ ކާބޯތަކެތި ބެހުމުގެ މަސައްކަތްތައް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމުގެ ހީލަތްތެރި ނިޔަތުގައެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ބުނީ، އެހީ ބެހުމުގެ ނަމުގައި ޖީއެޗްއެފާ ގުޅިގެން ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ ކަމުގައެވެ. މި ގޮތުން، ކާބޯތަކެތި ބެހުމަށް ކަމަށް ބުނެ ޖީއެޗްއެފުން ޤާއިމު ކޮށްފައިވާ މަރުކަޒުތައް ކައިރިއަށް ޖަމާވާ މީހުންނަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތައް އަމާޒުކޮށް، ގިނަ އަދަދެއްގެ ބަޔެއްގެ ފުރާނައަށް ނުރައްކާ ކުރަމުންދާ ކަން ޙަމާސުން ފާހަގަކުރިއެވެ. ޔަހޫދީންގެ ޙަމަލާތަކުގައި އެތަކެއް ސަތޭކަ ބަޔަކު ވަނީ ޝަހީދު ކޮށްލާފައެވެ. އަދި، އިތުރު ބަޔަކު ވަނީ ޒަޚަމު ކޮށްލާފައެވެ.
“އެމެރިކާގެ ޖަމުޢިއްޔާއާ [ޖީއެޗްއެފާ] ގުޅިގެން މަސައްކަތް ކުރުމާއި، އެ ޖަމުޢިއްޔާއަށް މަސައްކަތް ކޮށްދިނުމާއި، އެ ޖަމުޢިއްޔާގެ މުވައްޒަފުންނާއި ބޭރުގެ އޭޖެންޓުންނަށް އެއްވެސް ގޮތަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ މަނާ ކަމެއް،” ޙަމާސްގެ ބާރުގެ ދަށުގައި އޮތް ޣައްޒާގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ. އަދި، އެ އެންގުމާ ޚިލާފުވާ މީހުން ހޯދައި، އެ މީހުންނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި ވެސް އެ ވުޒާރާއިން އިންޒާރު ކުރިއެވެ. ޖީއެޗްއެފާ ގުޅިގެން ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ކަން އެ ޖަމާޢަތުން ދޮގު ކުރެއެވެ. އަދި، އެއްވެސް ހުރަހެއް ނެތި، ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ ރައްޔިތުންނަށް އެތަކެއް މިލިޔަން ކެއުން ފޯރުކޮށްދީފައިވާނެ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުންޏެވެ. “ޙަމާސުން ކޮންޓުރޯލު ކުރާ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނުން ހާމަވީ އެ ޖަމާޢަތުގެ ބާރު ކެނޑެމުންދާ ކަން،” ޖީއެޗްއެފުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޖީއެޗްއެފްގެ ކުރިން ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.3 މިލިޔަނެއްހާ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދެމުން ގޮސްފައި ވަނީ އެކުވެރި ދައުލަތްތައް (އދ)އާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތައް ގުޅިގެންނެވެ. ނަމަވެސް، މޭ މަހުގެ ފަހުކޮޅުން ފެށިގެން އދއާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތައް ވަނީ އެކަހެރި ކޮށްފައެވެ. އަދި، ކާބޯތަކެތި ބެހުމުގެ ހުރިހާ މަސައްކަތެއް އެމެރިކާގެ ޖަމުޢިއްޔާގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އެ ޖަމާޢަތުން ޤާއިމު ކޮށްފައިވާ އެހީ ބަހާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ ވެސް އެމެރިކާގެ ކުންފުނިތަކުންނެވެ. އެހީ ބެހުމުގެ ނަމުގައި ޖީއެޗްއެފާ ގުޅިގެން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރޭގައި، އެހީ ބަހާ މަރުކަޒުތައް ކައިރިއަށް ކާބޯތަކެތި ހޯދުމަށް ޖަމާވާ މީހުންނަށް އެއްވެސް އިންޒާރަކާ ނުލައި ނުރައްކާތެރި ޙަމަލާތައް ދިނުން ހިމެނެއެވެ. އދން ބުނީ، އެ ފަދަ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 400އަށް އުފުލިފައިވާ ކަމުގައެވެ. އަދި، އެތަކެއް ސަތޭކަ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަން ޣައްޒާގެ ޞިއްޙީ އިދާރާގެ މަޞްދަރުތަކުން ވެސް ކަށަވަރު ކޮށްދެެއެވެ.
ޖީއެޗްއެފާ ގުޅިގެން ޔަހޫދީން ހިންގަމުންދާ ޖަރީމާތައް އދން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި، އެއީ އެއްވެސް ހަމަހަމަކަމެއް ނެތް އޮޕަރޭޝަނެއް ކަމަށް ބުނެ، އދން ވަނީ އެ ޖަމުޢިއްޔާއާ ގުޅިގެން މަސައްކަތް ކުރުމަށް އިންކާރު ކޮށްފައެވެ. އދގެ އިސް އޮފިޝަލަކު ބުނީ، އެހީ ބަހާ މަރުކަޒުތައް ކައިރީގައި ޝަހީދު ކޮށްލާފައިވާ އެންމެންނަކީ ވެސް ކާބޯތަކެތި ހޯދުމަށް އެ ތަންތަނަށް ޖަމާވި ޢާންމުން ކަމުގައެވެ. ޖީއެޗްއެފްގެ މަރުކަޒުތައް ކައިރިއަށް ޖަމާވާ މީހުންނަށް ޙަމަލާދީ، އެތަކެއް ސަތޭކަ ބަޔަކު ޝަހީދު ކޮށްލާފައިވާނެ ކަމަށް ޔަހޫދީން ވެސް އެއްބަސްވެއެވެ. ޖީއެޗްއެފްގެ އޮޕަރޭޝަންތައް ހުއްޓުމަކަށް ގެނައުމަށް ގޮވައިލައި، އެހީދޭ ބައިނަލްއަޤްވާމީ 170އެއްހާ ޖަމުޢިއްޔާއިން ވަނީ ސިޓީއެއްގައި ސޮއިކޮށްފައެވެ. ޣައްޒާގައި ނިކަމެތިކޮށް ހާލުގައި ޖައްސާފައިވާ މީހުންނަށް ކާބޯތައްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އދއާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާ އަލުން ޙަވާލު ކުރުމަށް ވެސް އެ ޖަމުޢިއްޔާތަކުގެ ސިޓީގައި ގޮވައިލާފައިވެއެވެ. ނަމަވެސް، އެ ގޮތަށް އަމަލު ކުރުމަށް ޔަހޫދީން އިންކާރު ކުރާނެ ކަމާ މެދު ޝައްކެއް ނެތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
