
(ފޮޓޯ ކްރެޑިޓްސް: ޕްރެސްޓީވީ)
ޔަހޫދީންނާއި ޔަހޫދީންގެ ވާގިވެރިންގެ މައްޗަށް އީރާނުން ހޯދި ކާމިޔާބީއަށް ޔަމަނުގެ ހަތިޔާރުއެޅި ޖަމާޢަތް، ޙޫޘީން އީރާނަށް މަރްޙަބާ ކިޔުއްވައިފިއެވެ. ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ޙަމަލާދޭން ފެށީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް ކަމަށް ބުނެއެވެ. އެ ޙަމަލާތަކުގައި އީރާނުގެ މުހިންމު ސަރަޙައްދުތަކަށް ޔަހޫދީން ޙަމަލާދީފައިވެއެވެ. އެ ޙަމަލާގައި އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންސުވެރިންނާއި ގިނަ ޢަދަދެއްގެ އާންމުން ޝަހީދު ކޮށްލާފައިވެއެވެ. ޔަހޫދީން އީރާނަށް ޙަމަލާ ދެމުން ދަނިކޮށް، ޖޫން މަހުގެ 22ވަނަ ދުވަހު އެމެރިކާއިން ވެސް ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެ، އީރާނުގެ މައި ނިއުކްލިޔަރ މަރުކަތުތަކަށް ބޮން އަޅައިފައެވެ. އެ ގޮތުން އިޞްފަހާން، ފޫރްދޫ އަދި ނަޠާންޛްގައި ހުންނަ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދީފައިވެއެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ޙަމަލާދީފައެވެ. އޭގެ ފަހުން ޔަހޫދީންނާއި އީރާނުން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފައެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ޚިޠާބެއްގައި ޙޫޘީންގެ އިސްވެރިޔާ، ސައްޔަދު ޢަބްދުލް މާލިކު އަލް ޙޫޘީ ވިދާޅުވީ ޒަޔަނިސްޓުންނާ ދެކޮޅަށް ޔަހޫދީން ދިން މިސައިލް ޙަމަލާއަކީ ޒަޔަނިސްޓުންނަށް ކުރިމަތިވި ބިރުވެރިކަމެއް ކަމަށެވެ. އީރާނުގެ ކާމިޔާބީއަކީ މުޅި އިސްލާމީ ދުނިޔެއަށް ލިބުނު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވިއެެވެ. “ޢުދުވާނީ، އަނިޔާވެރި އަދި މުޖުރިމު ޔަހޫދީންގެ މައްޗަށް އީރާނުން ހޯދި ކާމިޔާބީއަށް މަރުޙަބާ ކިޔަން. ޔަހޫދީންގެ މައްޗަށް ހޯދި ތާރީޚީ ކާމިޔާބަށް މުސްލިމުންނަށް މަރުޙަބާ ކިޔަން. މި މޮޅަކީ މުޅި އިސްލާމީ ދުނިޔެއަށް ލިބުނު މޮޅެއް،” އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޒަޔަނިސްޓުންނާއި އެމެރިކާއާއި އިނގިރޭސިވިލާތާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތް ހިމެނޭ ގޮތަށް ޒަޔަނިސްޓުންނަށްގެ ބައިވެރިންނަށް އީރާނުގެ ކުރިމަތީގައި ލިބުނު ނިކަމެތިކަމަކީ މުޅި އިސްލަމީ އުއްމަތަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. ސައްޔަދު ޢަބްދުލް މާލިކު ވިދާޅުވީ ދިގު ޒަމާންތަކެއް ވަންދެން އިސްލާމީ ދުނިޔެއަށް ދުޝްމަނުން ކުރިމަތިކުރުވާ މުސީބާތްތައް ތަހައްމަލް ކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް އެންމެ ބޮޑުވާނީ މާތް ރަސްކަލާނގޭގެ ބާރުވެރިކަން ކަމަށާއި އެ ކަލާނގޭގެ ބާރުވެރިކަން ހަލްޤުތަކުގެ ބާރުވެރި ކަމަށްވުރެ ބޮޑުވާނެ ކަމަށެވެ. މުސްލިމުންނަށް ކުރިމަތިވާ ކޮންމެ އުނދަގޫ ޙާލަތަކުން އަރައިގަނެ ކޮންމެ ނުރައްލަކާ ވެސް ކުރިމަތިލެވެނީ އެ ކަން ފުރިހަމައަށް ދޭހަވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. اللهގެ އަމުރުފުޅުތަކަށް އަމަލު ނުކުރުމަކީ ދުޝްމަނުންނަށް މުސްލިމް ދުނިޔޭގެ މައްޗަށް ބާރުވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
ސައްޔަދު ޢަބްދުލް މާލިކު އިތުރަށް ވިދާޅުވީ އީރާނާ ދެކޮޅަށް ޔަހޫދީން ދިން ޙަމަލާގެ އެންމެ ނުރައްކާ ކަމަކީ މެދުއިރުމަތީގެ މައްޗަށް ޔަހޫދީންގެ ނުފޫޒާއި ބާރުވެރިކަން އިތުރުކުރުމަށް އޮތް ހުރަހަކީ އީރާން ކަމަށްވާތީ، ޔަހޫދީންގެ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް އީރާނު ނައްތާލަން މަސައްކަތްކުރި ކުރުން ކަމަށެވެ. އީރާނުގެ ނިއުކްލިޔަރ އަދި އަސްކަރީ މަރުކަޒުތަކަށާއި އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ޔަހޫދީން ދިން ޙަމަލާ ޕާކިސްތާނުން ކުށްވެރިކޮށްފައިވާތީ އެ ކަން ފާހަގަކުރައްވައި ސައްޔަދު ޢަބްދުލް މާލިކު ވިދާޅުވީ އެއީ އެހެން މުސްލިމު ޤައުމުތަކުން އެ ޙަމަލާއާމެދު ޢަމަލު ކުރި ގޮތާ އަޅައިބަލާއިރު މާ ޙިކުމަތްތެރި އަދި މޮޅު ޢަމަލެއް ކަމަށެވެ. އީރާނާ ދެކޮޅަށް ދިން ޙަމަލާތައް ތުރުކީވިލާތުން ހަރުކަށިކަމާއެކު ކުށްވެރިކޮށްފައިވާ ކަން ވެސް ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއީ ސާފު، ފާޅުކަން ބޮޑު، އަދި ރަނގަޅު ސުލޫކެއް ކަމަށެވެ. އީރާނުގެ ޙަމަލާތަކުގެ ސަބަބުން ޔަހޫދީ އަސްކަރިއްޔާއަށް ލިބުނު ނާކާމިޔާބީއަކީ ޒަޔަނިސްޓުންނަށް ލިބޭ ނިކަމެތިކަމެއް ކަމަށާއި، އެ ނިކަމެތިކަން އެމެރިކާއަށާއި ޔަހޫދީންގެ އެންމެހާ ހުޅަނގުގެ ވާގިވެރިންނަށް ވެސް ރައްދުވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުން ‘ޝަރުތެއް ނެތި އަމާން ދިނުމަށް’ ގޮވާލެއްވުމުން ދުޝްމަނުންގެ މަގުސަދުތަކުގެ ހަޤީޤީ ސިފަ ދައްކުވައިދޭ ކަމަށެވެ. ޔަހޫދީންނާއި އެމެރިކާއިން އީރާނާ ދެކޮޅަށް ދެމުންދިޔަ ޙަމަލާތައް ހުއްޓައިލީ އީރާނުން އެއްވެސް ޝަރުތަކަށް އެއްބަސްވުމެއް ނެތި ކަމަށް އޭނާ ފާހަގަ ކުރެެއްވިއެވެ. އަސްކަރީ ފެންވަރުގައި ޔަހޫދީން ބަލިވިކަން ވަރަށް ސާފު ކަމަށާއި، ޙަމަލާ ދިނުމުގައި ޔަހޫދީންގެ މަގްސަދުތައް ޙާޞިލް ނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު، އީރާނުގެ މިސައިލް ޙަމަލާތަކުން ޔަހޫދީންނަށް ރައްކާތެރި ނުވެވުނު ކަމަށާއި ބޮޑެތި ގެއްލުންތައް ޔަހޫދީ ދައުލަތަށް ލިބުނުކަން އޭނާ ފާހަގަ ކުރެއްވިއެވެ. އީރާނުން ދީފައިވާ ޙަމަލާތަކަކީ ޔަހޫދީން ހީވެސް ނުކުރާހާ ވަރުގަދަ ޙަމަލާތަކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ. އީރާނުން ދެމުންދިޔަ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން ޔަހޫދީ ވަޒަންވެރިންނަށް އުޅެން ޖެހުނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި ބިންގަރާސްތަކުގެ ނިވަލުގައި ފިލައި ތިބި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޒަޔަނިސްޓުންނަށް ތަޖުރިބާކުރަން ޖެހުނީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ތަޙައްމަލް ކުރަމުންދާފަދަ ބޮމުގެ ޙަމަލާތަކާއި ގެއްލުންތައް ކަމަށް ފާހަގަކުރައްވައި އޭނާ ބުނީ ޔަހޫދީން ބަލިކޮށް އީރާނުން ހޯދި ކާމިޔާބީއަކީ މޮޅު ކާމިޔާބީއެއް ކަމަށާއި އެއީ އީރާނުގެ އިސްވެރިންނާއި އިންޤިލާބީ ފައުޖާއި އަސްކަރިއްޔާއާއި މުޅި ޤައުމުގެ މަސައްކަތުން ޙާޞިލު ކުރެވުނު ކާމިޔާބީއެއްް ކަމަށެވެ. އަދި އެ ކާމިޔާބީގައި އެންމެހާ މުސްލިމުންނާއި ޢަރަބިންނާއި ފަލަސްޠީނުގެ މައްސަލަ ވެސް ޝާމިލުވާ ކަމަށް އޭނާ ވިދާޅުުވިއެވެ.
ސައްޔަދު ޢަބްދުލް މާލިކުގެ ޚިޠާބުގައި އޯގަނައިސޭޝަން އޮފް އިސްލާމިކް ކޯއޮޕަރޭޝަން، އޯއައިސީއަށް ވަނީ ފާޑުވިދާޅުވެފައެވެ. އީރާނަށް ޙަމަލާ ދިނުމާ ގުޅިގެން އޯއައިސީން އެ ޙަމަލާ ކުށްވެރިކޮށް ބަޔާނެއް ނެރުން ނޫން އިތުރު ކަމެއް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމުގައި ގުޅިގެން މަސައްކަތް ކުރުން ދޭހަވާގޮތަށް މާނަ އޮތް ނަމަވެސް އޯއައިސީގައި މަދުވާ ސިފައަކީ އެއްބާރުލުންދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. ފަލަސްޠީނުގެ މައްސަލައާއި އެހެނިހެން ބޮޑެތި މައްސަލަތަކުގައި މުސްލުމް އުއްމަތުން އެކުގައި މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
